ރެހެންދި އެވޯޑު ލިބުނު މީހަކަށް ރައީސް ޔާމީން އެވޯޑު ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ޖެންޑާ މިނިސްޓްރީ
18 ޑިސެމްބަރ 2016 - 12:17
ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ. މި އަހަރުގެ އެވޯޑް ދެނީ ފަސް ދާއިރާއަކަށް ހާއްސަ ކޮށްގެންނެވެ.
އެ ދާއިރާތަކަކީ:
1. ސިޔާސީ އަދި އާއްމު ހިދުމަތުގެ ދާއިރާ
2. އިގުތިސާދީ ދާއިރާ
3. އިޖުތިމާއީ ދާއިރާ
4. އަންހެނުންނަށްކުރާ އަނިޔާ އަށް ހޭލުންތެރިކަން ނުވަތަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
5. ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑާ މެއިންސްޓްރީމް ކުރުމުގެ ދާއިރާ
އާންމުންނާއި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކަށް ވެސް އެވޯޑަށް ނަން ހުށަހެޅޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މާޗް 8 ގަ އެވެ. އެއީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހެވެ.
ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބު މިއަދު ވިދާޅުވީ ރެހެންދި އެވޯޑަށް ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާ ކުރާނީ އެކަށް ހާއްސަ ކޮމެޓީއަކުން ކަމަށެވެ.
"ރެހެންދި އެވޯޑަށް ހާއްސަކޮށް އުފައްދާފައިވާ ގާބިލް، ފަންނީ ކޮމެޓީއަކުން އެ އެވޯޑަށް ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާ ކުރާނީ. މަދުވެގެން އަށް މީހުންނަށް އެވޯޑު ދޭން ހަމަޖައްސާފައި މިއޮތީ،" ޝަކީބު ވިދާޅުވި އެވެ.
މިއީ މި އެވޯޑު ދޭ ތިން ވަނަ އަހަރެވެ. ރާއްޖޭގައި ފާހަގަކޮށްލެވޭ 14 އަންހެނަކަށް މިހާތަނަށް ރެހެންދި އެވޯޑު ދީފައިވެ އެވެ.
މި އެވޯޑު ލިބޭ މީހުންނަށް ދެނީ ހާއްސަ އެވޯޑަކާއި ބެޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިސްޓްރީ އޮފް އާކް
18 December 2016
ރެހެންދި އެވޯޑަކީ އޭގައި އޭގައި އެއްވެސް ތާސީރު ކަމެއް އެކުލެވޭ އެވޯޑެއްނޫން. ސަބަބަކީ ރެހެންދި އެވޯޑޭ ބުނުމުން ޢާއްމު މުޖުތަމަޢުގެ މަފްހޫމަކީ އޭއީ ކެއްކުމުގެ މަސައްކަތުހައި ހަރަކާތްތެރިވާ އަންހެން ކަނބަލުންނަން ލިބޭ އެވޯޑެއްކަން. ޙަޤީޤަތުގައި އެވޯޑް މިހާތަނަށް ގިނައިން ލިބިވަޑައިގަތީވެސް އެފަދަ ބޭކަނބަލުންނަށް. އެހެންވީމާ އަންހެން ބޭކަނބަލުން މުޖްތަމަޢަށް ކުރައްވާ ޚިދުމަތްތަކުގެ އަގުވަޒަންްކުރުމަށް ކޮންމެއަހަރަކު ރައީސުލް ޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ ޤައުމީ އެވޯޑުގެ ތެރެއަށް ތިޔައެވޯޑް ހިމެނުއްވުމަށް އަޅުގަނޑަށްފެނޭ. އޭރުން ތިޔަ އެވޯޑުގެ ހައިބަތާއި ޤަދަރާއި ޝަރަފް މާ ބޮޑަށްވެސް މަތިވާނެ ކަމަށް އަޅުގަނޑަށް ވިސްނޭ.
ޖަނާ
18 December 2016
ރެެހެންދި އެވޯޑަށް އިޢުލާންކުރިތާ ކިތަންމެ ދުވަހަކެވެ. މުއްދަތުހަމަވާތީ މިނިސްޓްރީން ހަނދާން އާކޮށްލަދިނީއެވެ.