ދުނިޔެ / އިންޑިއާ

އިންޑިއާގައި ކޮވިޑުގެ އަދަދުތައް 50 ހާހުން ދަށަށް

13 ފެބުރުއަރީ 2022 - 11:55

އިންޑިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ބައްޔަށް ޓެސްޓުކުރާ މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އެވްރެޖް އަދަދު 50 ހާހުން ދަށަށް ވެއްޓިއްޖެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން ކޮވިޑްގެ ތިން ވަނަ ރާޅެއް ފެތުރިގެން ގޮސް، 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު، މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވަނީ 350 ހާހަށް ވުރެ މައްޗަށް ގޮސްފަ އެވެ. އެއަށް ފަހު އެ އަދަދުތައް ދަށަށް ދަމުން ގޮސް، އިއްޔެ ވަނީ އެ އަދަދު 50 ހާހަށް ވުރެ ދަށްވެފަ އެވެ.

ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ލައްކައިން ދަށުގައި ހުންނަތާ މިހާރު ހަ ދުވަސް ވެއްޖެ އެވެ. ހޮނިހިރު ދުވަހު ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 45،523 ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ. މިއީ މި އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހުން ފެށިގެން، މި އަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އިއްޔެގެ އަދަދުތަކަށް ބަލާއިރު، ކޮވިޑް ބަލީގައި އިއްޔެ މަރުވެފައިވަނީ 402 މީހުންނެވެ. މިއީ ވޭތުވެ ދިޔަ 20 ދުވަހުގެ ތެރޭގައި އެންމެ މަދުން މީހުން މަރުވި ދުވަހެވެ. ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު މިދިޔަ ހަފުތާއިން ފެށިގެން އަންނަނީ ދަށްވަމުންނެވެ.

ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަށަށް ދާން ފެށުމާ ގުޅިގެން، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. އެ ގޮތުން ބިހާރް ސްޓޭޓްގައި ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ގިނަ ބަޔަކު އެއްވެގެން ބާއްވާ އެންމެހައި ހަރަކާތްތައް، މާދަމާ އިން ފެށިގެން ހުއްދަވާނެ އެވެ.

އެ ގޮތުން، ސްކޫލްތަކާއި ކޮލެޖްތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކާއި ހުރިހާ ބާވަތެއްގެ ވިޔަފާރިތަކާއި މިސްކިތްތަކާއި ފައްޅިތަކާއި ސިނަމާތަކާއި ޕާކްތަކާއި ބަގީޗާތަކާއި ކުޅިވަރުކުޅޭ ތަންތަނާއި ފަތާ ފެންގަނޑުތަކާއި އެފަދަ ހުރިހާ ތަނެއް މާދަމާ އިން ފެށިގެން އާންމު އުސޫލުން ހުޅުވައިގެން ހިދުމަތް ދޭނެ އެވެ. މީގެ އިތުރުން ގިނަ މީހުން އެއްވެގެން ބާއްވާ ކައިވެނި ހަފްލާތަކާއި ޖަނާޒާތަކާއި އެނޫން ވެސް ޕާޓީތަކަށް އެއްފަހަރާ ހާޒިރުވުން ހުއްދަ ކުރާ އެންމެ މަތީ އަދަދެއް، މާދަމާއިން ފެށިގެން ނޯންނާނެ އެވެ.

އެހެން ނަމަވެސް، އާންމުން އެއްވެ އުޅޭ ތަންތަނަށް ނުކުންނަ އިރު ކޮންމެ މީހަކު ވެސް މާސްކް އަޅައިގެން އުޅުމަކީ މަޖުބޫރު ކަމެކެވެ. އޭގެ އިތުރުން ދެ މީހުންގެ ދެމެދު މަދުވެގެން ހަ ފޫޓުގެ ދުރުމިން ބަހައްޓަންޖެހޭނެ އެވެ.

މި ލުއިތައް ދިން ކަމުގައި ވިޔަސް، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބިހާރް ސްޓޭޓްގެ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454