13 ފެބުރުއަރީ 2022 - 17:39
އިންޑިއާ އާއި ޗައިނާއާ ދެމެދު އަރާރުން އުފެދިފައިވާ ސަރަހައްދީ ރޮނގު ކައިރި އަށް އިތުރު ސިފައިން ޖަމާކުރުމަށް ޗައިނާ އިން ނިންމި ނިންމުމަކީ، އެ ގައުމުން ވެފައިވާ ކިތާބީ ވައުދާ ހިލާފު އަމަލެއް ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރު މަރީސް ޕޭންއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވިދާޅުވި ގޮތުގައި، ޗައިނާ އާއި އިންޑިއާއާ ދެމެދު މިލްކުވެރިކަމާ މެދު އަރާރުން އުފެދިފައިވާ ސަރަހައްދަށް އިތުރު ސިފައިން ޖަމާނުކުރާނެ ކަމަށް ޗައިނާއިން ވަނީ ލިޔެ އިގުރާރުވުމެއް ދީފަ އެވެ. ޗައިނާ އިން 2020 ވަނަ އަހަރުން ލިޔުމުން ވެފައިވާ ވައުދާ ހިލާފަށް، އެ ސަރަހައްދަށް ސިފައިން ޖަމާކުރަމުން ދިޔުމަކީ ދެ ގައުމުގެ ދެމެދުގައި ސުލްހަވެރިކަން ގެއްލި އޭގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ވެސް އޭގެ ނުރައްކާ ކުރިމަތިވާނެ ކަމެއް ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު ސަރަހައްދީ އިމުގެ މައްސަލައިގައި އަރާރުން އިތުރުވާން މިފެށީ، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ރަޝިޔާ ސިފައިން ޖަމާކޮށްފައިވާ މައްސަލައިގައި ހުޅަނގުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު ވަރަށް ބޮޑަށް މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޑިއާ އިން ބުނި ގޮތުގައި ދުނިޔޭގެ ބޮޑު ބާރަކުން، ވަކި ގޮތަކަށް އަމަލުކުރާނެ ކަމަށް ބުނެ ލިޔެކިޔުމުން އެއްބަސްވުމެއް ގާއިމުކުރުމަށް ފަހު، އެ އެއްބަސްވުމާ ހިލާފުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި އިންޑިއާ އިން އެމެރިކާ އާއި އޮސްޓްރޭލިޔާގެ އިތުރުން ޖަޕާނާ އެކުގައި ގުޅުން ބަދަހިކުރަނީ ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅަންކަމަށް ޗައިނާއިން ބުނާ ބުނުންތަކަށް ވެސް އޭނާ އިންކާރު ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުހާދު
14 February 2022
ދިވެހިރާއްޖޭގެ ބޯޑަރުތެރެއަށް އިންޑިޔާ ސިފައިން ޖަމާކުރާތީ ރާއްޖެއިންވެސް ކަންބޮޑުވޭ.
އަފްރާސިޔާބު
13 February 2022
ކަލޭމެންގެ ގާނޫނު އަސާސީގައިވެސް ލިޔެފައިވޭ ތިޔަތަނުގެ ރައްޔިތުން އުޅެންބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަން އޮވެޔޭ. އެކަމަކު އިސްލާމްދީނަށް އުޅޭ މީހުން މަރަން ގޮވަމުން ތިދަނީ. ދެން އެ އަސާސީގައި އޮވޭ ކަޝްމީރަކީ އިންޑިއާ ސަރުކާރުގެ ދަށުގައި އޮތަސް އެސަރަހައްދުގެ ބިމާއި ވަޒަންވެރިވުމާއި ވެރިކަން ހިންގުމުގެ ހުރިހާ ކަމެއްގެ ބާރުވެރިޔަކީ ކަޝްމީރުގެ ރައްޔިތުން އިންތިޚާބުކުރާ އެތަނުގެ ރައްޔިތެކޭ. އެކަމަކު އެކަންވެސް ކަނޑުވާލައިގެން ތިތިބީނުން.
ށަވިޔަނި
13 February 2022
ފަރުދީ ޖަމާއީ އަދި ބައިނަލްއަގްވާމީ ގޮތުން ބެލިއަސް އަރައިރުން ވުން ފިޔަވައި އެހެންކަމެއް ކުރަން އެނގޭ ބަޔަކު މިހާރު މަދު.