14 ފެބުރުއަރީ 2022 - 10:54
ސިޔާސީ ބާރުވެރިކަން ފޯރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުންނެވުން މުހިންމު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ގާނޫނުއާސާސީ އަށް ހުށަހެޅުއްވި އިސްލާހާ ގުޅޭ ގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސަކީ ދައުލަތުގެ އެއްބާރު ކަމަށް ވާއިރު، އެ މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި މަޖިލީހުގެ ރައީސް ތަމްސީލު ކުރުމަކީ އުނިކަމެއް ކަމަށެވެ.
ނަމަވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބު ކުރާ ބައެއް ކަމަށް ވާއިރު، އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލު ކުރުމަށް މަޖިލީހުގެ މެންބަރުން ނޫން ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީގައި އިނުމަކީ އެ ތަނަަށް ސިޔާސީ ބާރުވެރިކަން ފޯރުވަން ޖެހޭ މިންވަރަށް ފޯރުވުމަށް ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީގެ މަސައްކަތަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުން ކަމަށް ވާއިރު، އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލުވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި ބަންޑާރަ ނައިބު އިންނެވުމަކީ ވެސް މުހިންމު ކަމެކެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ ތަމްސީލު ކުރައްވާ އިތުރު މެންބަރުން އެ ކޮމިޝަންގައި ހިމެނުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މީހާއަކީ ތެދުވެރިއެކޭ ނުވަތަ ރަނގަޅު މީހެއް ކަމެއް އެކެއްގެ ވެސް ނިއްކުރީގައި ޖަހާފައި ނޯވޭ. އަބަދުވެސް މީހަކު ކަނޑައެޅޭނީ ރައްޔިތުންގެ ރުހުން ލިބޭ މީހުންގެ ތެރެއިން. އެކަން ކުރެވެން އޮންނަ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިފައިވާ ގޮތަކީ ވޯޓް ނެގުން،" ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީ އިސްލާހު ކުރުމާއި ސިޔާސީ ނުފޫޒުތަކުން ދުރުކުރުމަކީ ކޯލިޝަންގެ ޕާޓީތައް އެންމެ ބޮޑަށް ވަކާލާތު ކުރި އަދި މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ބުނެފައި ވަނީ އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ގެނައުން ލަސްވެފައިވާ ކަމަށާއި އެކަމަކު، މި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށެވެ.
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
- ހައި ކޯޓުގެ ފަނޑިޔާރެއް
- ދަށު ކޯޓުތަކުގެ ތެރެއިން އެއް ފަނޑިޔާރެއް
- ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
- އާއްމުންގެ ތެރެއިން މަޖިލީހުން ރުހުން ލިބިފައިވާ މެންބަރެއް
- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް
- ބަންޑާރަ ނާއިބު
- ގާނޫނީ ވަކީލެއް
ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރު ތޯރިގް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން، އެ ކޮމިޝަންގައި އެއްވެސް ސިޔާސީ މީހަކު ނުހިމެނޭނެ އެވެ. އަދި އެ ކޮމިޝަންގެ ދައުރު ފަސް އަހަރުން ތިން އަހަރަށް ބަދަލުކޮށް އެއްވެސް މީހަކަށް ތަކުރާރުކޮށް، އެ ކޮމިޝަންގައި ނުހުންނެވޭނެ ގޮތް ހަދަން ވަނީ ހުށަހަޅުއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
16 February 2022
މައުމޫނުގެ ވެރިކަމުގައި ވެރިކަން ކުރާ މީހާގެ ބާރު ކޯޓުތަކަށް އޮންނާތީ އެނިޒާމު ގޯސް ވެގެން އެންމެ ބޮޑަށް ވާހަކަ ދެއްކި ބޭފުޅާއަކީ ނަޝީދު. މިއަދު ވެރިކަން ކުރާ ޕާޓީގެ މައިތަނބު ރައީސް ނަޝީދު އެއިންނަނީ ކޯޓުތަކުގެ ވެރިއަކަށް، މަޖުލީހުގެ ވެރިއަކަށް ވެސް. އަނެއްކާ ބޮޑުވަޒީރަކަށް ވެސް އިންނަންވީ ހަމަ އެބޭފުޅާ. މީތި ހަމަޖެހޭބާ؟
ގައިސް
14 February 2022
ހެޓިލަރުގެ ދުވަސްތައް އަނބުރާ އިއާދަވެއްޖެ. ނަޝީރެކޭ މިކިޔާ މީހާ ކިޙާޅެން ފަރިއްސަށް ވެއްޖެ
އުދުހޭ
14 February 2022
ހުދުމުހުތާރު ހުރިހާކަމަކަށް ނަޝީދު ބޭނުންވޭދޯ؟
ބޯގަމާރު ރައީސު
14 February 2022
ރައީސުގެ މެމްބަރަކު ތިތާގައި ބައިންދަން މަނިކުފާނު އެއްބަސްނުވަނީ މަނިކުފާނު ވެރިކަމުގަ ނެތީމަހެން ހީވަނީ.. ވެރިކަން ލިބިޖެއްޔާ ރައީސްގެ މެމްބަރުން ލާން އަދި މަނިކުފާނު ވަކާލާތު ކުރައްވާނެހެން ހީވަނީ.. ހުރިހާ ކަމެއްވެސް އަމިއްލަ ބާރުވެރިކަން އިތުރުކުރެވޭ ގޮތަށް އަބަދުވެސް ދައުލަތުގެ ނިޒާމު ބައްޓަންކުރަނެޖެހެނީ.. ތިހެންވާތީ އަހަރެމެންނަށް މަނިކުފާނަށް އިތުބާރުކޮށް ސަޕޯޓްކުރަން އުދަގުލީ..
ވަހުތާން
14 February 2022
ކުދިންނޭ ހުޅަނގުގެ ޑިމޮކްރަސީއަކީ މުނާފިގުން ނުވަތަ ދެފުއްކެހެރިން އޮފް އަރުވަން ކިޔައިގެން އުޅޭ އެއްޗެއް
ޙައްބޭ
14 February 2022
ވަރަށް ރަނގަޅުވާހަކައެއް ތިވިދާޅުވީ. އެއްވެސް ބާރެއް އަތުން ދޫނުކުރައްވާތި. އަދި ޖޭއެސްސީގައި އިންނަވަން ޖެހޭނީވެސް މަނިކުފާނު. ޑެމޮކްރެޓިކް ބައްޕަގެ ލަގަބު މަނިކުފާނަށް ދިފާއުކުރެއްވޭނީ މުޅި ރާއްޖޭކޮންޓްރޯލް މަނިކުފާނުގެ މައިފުނު ގެޔަށް ވައްދައިގެން.
މުހައްމަދު ދާވޫދު
14 February 2022
މުނާފިގުންގެ އަލާމާތްތައް ފާޅުކޮށް ފެންނަން ހުރެއެވެ، އެކަމަކު ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.
ކުރު
14 February 2022
އަމަލާއި ބަހާއި ދިމާނުވާ މީހުން އުޅޭ ދޯ . އަވަހަށް ބަދަލުކުރަނެކަމަށް ބުނަމުން ގޮޑި ހޯދާފަ ގޮޑި ލިބުމުން އެކަން ހަދާނުގަ ނުވެސް ނެއްހެން ހީވަނީ. މިފަދަ ދެފުއް ކެހެރިން ސިޔާސީ މައިދާނުން ދުރުވުމަކީ ވަރަށް މުހިންމު ކަމެއް. އިތުރު ފުރުސަތެއް ދީފިނަމަ އިތުރަށް ހަލާކުވެ ފަނާވެގެން ދިއުމަކީ ގާތްކަމެއް.
އިހޫ
14 February 2022
މި ބޭފުޅާ މުޅިން ޑިކްޓޭޓަރޝިޕްގެ ސިފަތަކަށް މިހާރު މި ބާރުއަޅުއްވަނީ! ޑިމޮކްރަސީގެ ނަމޫނާ ޕާޓީ، އަދި ދިވެހި ޑިމޮކްރަސީގެ ލީޑަރު ކިހިނެއް މި ހައްދަވަނީ؟
އަހައްމަދޫ
14 February 2022
ދެން މަނިއްޕުޅު ބޭނުންވެލައްވާތީ އެންމެން ދުއްވައިގަންނަންވީ އެކަމާ އެހެން ހުރިހާ ކަމެއް ހުއްޓައިލައިފައި