ކުޅިވަރު / ޔޫރޮޕާ ލީގް

ޓޮރޭޒްގެ ޕެނަލްޓީން ނަޕޯލީ އަތުން ބާސެލޯނާ ބަލިނުވެ ސަލާމަތް ވެއްޖެ

ބާސެލޯނާ (ފެބްރުއަރީ 18) - ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ބާސެލޯނާ އިން ރޭ އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕުގެ ތިންވަނައިގައި ނިންމަން ޖެހުމުން ބާސެލޯނާއަށް ވަނީ 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގުގައި ކުޅެން ޖެހިފަ އެވެ.

ބާސެލޯނާ ރޭގެ މެޗު ފެށީ އެޓީމުގެ އެންމެ ކުރިޔަށް އެޑަމާ ޓްރައޯރޭ އާއި ފެރާން ޓޮރޭޒް އަދި ޕިއޭ އެމެރިކް އޮބާމެޔަން އަރުވައިގެންނެ. މެޗުގެ ކުރީކޮޅެ މި ކުޅުންތެރިންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފި އުޅެނިކޮށް 29 ވަނަ މިނިޓުގައި ނަޕޯލީގެ ޕިއޮޓްރޭ ޒިއެލިންސްކީ ވަނީ ލީޑު ނަގައިދީފަ އެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ބާސެލޯނާގެ ކީޕަރު މާކް އަންޑްރޭ ޓާ ސްޓެގެން ދިފާއުކުރި ނަމަވެސް ރީބައުންސްވެފައި އައި ބޯޅަ އޭނާ ވަނީ އެއްފަހަރުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.

ދެވަނަ ހާފުގައި ބާސެލޯނާ ނަތީޖާ އެއްވަރުކުރީ 59 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ފެރާން ޓޮރޭޒް އެވެ. މި ޕެނަލްޓީއަކީ ޕެނަލްޓީ އޭރިއާ ތެރެއިން އެޑަމާ ނެގި ހުރަހެއް ނަޕޯލީގެ ހުއާން ޖީސަން އަތުގައި ބޯޅަ ޖެހުމުން، ރެފްރީ ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ.

ބާސާއިން އެއްވަރު ކުރުމަށް ފަހު ވަނީ ޓްރައޯރޭގެ ބަދަލުގައި އުސްމާން ޑެމްބެލޭ ވެސް ކުޅެން އަރުވައިފަ އެވެ. ބާސެލޯނާއިން ހުށަހަޅި އަގަށް ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާއިން ވަނީ ޑެމްބެލޭ ވިއްކާލަން ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.

މެޗުގެ ފަހު ވަގުތު ވެސް ފެރާން ޓޮރޭޒް އަށް ވަނީ ބާސެލޯނާ މޮޅު ކޮށްދޭން ހުސް ފުރުސަތެއް ލިބިފަ އެވެ. އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ. އަދި އޮބާމެޔަންގެ ބަދަލުގައި ފަހު ހަތަރު މިނިޓަށް ކުޅެން އެރުވި ލޫކް ޑިޔޮންއޯވާހެޑް ކިކަކުން ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފްގެ ދެވަނަ މެޗުގައި ނަޕޯލީގެ ދަނޑުގައި މި ދެޓީމު ބައްދަލުކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި ކްރޮއޭޝިޔާގެ ޑައިނަމޯ ޒަގްރެބް 3-1 އިން ބަލި ކޮށްފަ އެވެ. އެޓަލާންޓާއިން 2-1 އިން އޮލިމްޕިއާކޮސް ބަލިކުރި އިރު ޕޯޓޯ ވަނީ ހަމަ މި ނަތީޖާއިން ލާޒިއޯ ބަލި ކޮށްފަ އެވެ. ނަމަވެސް ބޮރޫޝިއާ ޑޯޓްމަންޑް ވަނީ އަމިއްލަ ދަނޑުގައި ސްކޮޓްލޭންޑްގެ ރޭންޖާސް އަތުން 4-2 އިން ބަލިވެފަ އެވެ.

މި ސީޒަނުގައި ފެށި ޔޫރަޕުގެ ތިންވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގެ ކުޅުން ވެސް ރޭ ކުރިޔަށް ދިޔައިރު، ޕްރިމިއާ ލީގު ކުލަބް ލެސްޓާ ސިޓީ ވަނީ ރެންޑާސް އާ ވާދަކޮށް 4-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ފްރާންސްގެ މާސޭ އާއި ނެދަލެންޑްސްގެ ޕީއެސްވީ ވެސް ކުޅުނު މެޗު ކާމިޔާބު ކުރި އިރު ސެލްޓިކް ވަނީ ބޯޑޯ/ގިލްމްޓް އަތުން 3-1 އިން ބަލިވެފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454