ހަލަބު ސިޓީން ނެރޭ އާއްމުން ބަސްތަކުގައި ދަތުރުކޮށްފައި ދަނީ: ހަލަބުން މީހުން ނެރުން މޮނިޓާ ކުރަން އޮބްޒާވަރުން ފޮނުވާ ގަރާރު ވީޓޯ ކުރާނެ ކަމަށް ރަޝިޔާ އިން ވަނީ ބުނެފައި. --ފޮޓޯ:އޭއެފްޕީ
19 ޑިސެމްބަރ 2016 - 10:50
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 19) - ސީރިއާގެ ހަލަބު ސިޓީ އަށް އޮބްޒާވާރުން ފޮނުވުމާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ފާސް ކުރަން އުޅޭ ގަރާރު ވީޓޯ ކުރާނެ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ ސަފީރު ވިޓަލީ ޗުރްކިން ވިދާޅުވީ އެ ގަރާރު ފާސްކުރަން ރަޝިޔާ އިން ފުރުސަތު ނުދޭނެ ކަމަށާއި ހަލަބުގެ މައްސަލަ އަކީ ބޮޑު މުސީބާތެއް ކަމަށެވެ. ޗުރްކިން ވިދާޅުވީ ސީރިއާގެ އެކުވެރި ރަޝިޔާ އިން ބޭނުން ވަނީ ހަލަބުން މީހުން ނެރޭ ގޮތް މޮނިޓާ ކުރުމާ ބެހޭ އަމިއްލަ ގަރާރެއް ހުށަހަޅަން ކަމަށެވެ. ނަމަވެސް ރަޝިޔާ އިން ހުށަހަޅާ ގަރާރުގެ ތަފްސީލް އޭނާ ނުދެއްވަ އެވެ.
ސީރިއާގެ ހަލަބުގައި ދޭ އަނިޔާތަކާ ދެކޮޅަށް އިޓަލީގެ ޓިއުރިންގައި އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ
ހަލަބުން މީހުން ނެރުން ކުރިއަށްދާ ގޮތް ބެލުމަށް އޮބްޒާވަރުން ފޮނުވުމާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި މިއަދު ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
ފްރާންސް އިން ސްޕޮންސާކޮށްފައިވާ ގަރާރު ވަނީ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކާ އެކު ހުކުރު ދުވަހު ހިއްސާކޮށްފަ އެވެ. ފްރާންސް އިން ބުނެފައި ވަނީ ހަލަބުގައި ދިރިއުޅޭ މީހުންގެ ހާލަތު ވަރަށް ސީރިއަސް ކަމަށާއި އެ ސިޓީން ނުކެމެވޭނެ ގޮތެއް ނެތް މީހުންނަށް ކާނާ އާއި ބޭސް ފަރުވާގެ ޚިދުމަތް ނުލިބޭ ކަމަށެވެ.
ސީރިއާއާ ބެހޭ ގޮތުން 2011 ގެ ފަހުން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ހަ ގަރާރެއް ރަޝިޔާ އިން ވަނީ ވީޓޯ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީޓޯ
19 December 2016
އދ އިން ހުރިހާ މުސްލިމު ޤައުމުައް ބޭރުވާންވެއްޖެ. އިންސާފެއް އޮތް ތަނެއް ނޫން އެއީ
އަބްދުއްލާ އަލީ
19 December 2016
ހަލަބަށް މިހާރު އޮބްޒާވަރުން ފޮނުވަންވީ ކީއްވެ ؟އެމެރިކާއިން ހަތިޔާރު ދީގެން ހަގުރާމަ ފެއްޓުވި އިރު އދއޮތީ ކޮންތާކު ؟ އިރާގު ފުޑާލި އިރު އޮބަޒާވަރުން ކޮބާ ؟ ލީބިޔާ ފުނޑާލި އިރު އޮބްޒާވަރު ކޮބާ ؟
ދޫނި ރާއްޖެ
19 December 2016
މިއަދު މުސްލިމް އުއްމަތުގެ މައްޗަށް ބަސް މިކިޔަކީ މުޝްރިކުން. މިވެސް އިބުރަތެއް. މިފުރުސަތު އެމީހުންނަށް ދިނީ 90 ދިހައިގެ އަހަރުތަކުގައި ސައޫދީ އަރަބިއްޔާއިން. އެދުވަހު އެ ރޯކުރި ހުޅުކޮޅުން މިއަދު އެ މެދުއިރުމަތި އެދަނީ އަދާ އަޅިއަށްވަމުން.
ހަސަން.
19 December 2016
އަހަރެމެން ހައިރާނެއްނުވޭ. އިޒުރޭލު އުފެދުމަށް ފަހު އެގައުމާއި ދެކޮޅަށް ތިޔަ މަޖިލީހަށް ހުށައެޅި ހުރިހައި ގަރާރެއް އެމެރިކާއިން ވަނީ ވީޓޯކޮށްފައި.