މާލޭގައި ސައުދީ އާއި ސީޝެލް މިރޭ ކުޅުނު މެޗް ސައުދީން ވަނީ ކާމިޔާބުކޮށްފަ --- ފޮޓޯ ސަފް
21 ފެބުރުއަރީ 2022 - 00:41
ސީޝެލްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ސައުދީ އަރަބިއާގެ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗް ކާމިޔާބުކޮށްފި އެވެ.
އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އަންހެން ފުޓްބޯޅައިގެ ބައިނަލްއަގުވާމީ މެޗްތަކުގެސީރީޒްގެ ތިންވަނަ މެޗުގައި މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި ސައުދީގެ އަންހެން ފުޓްބޯޅައިގެ ތާރީހްގައި ގައުމީ ޓީމަށް ޖަހައިދިން ތާރީހީ ފުރަތަމަ ލަނޑު ޖެހީ އަލް ބަންދާރީ މުބާރަކް އެވެ.
ރާއްޖޭގެ މީޑިއާތަކަށް ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ފުރުސަތު ނުދިންނަމަވެސް ސައުދީގެފުޓްބޯލް ފެޑެރޭޝަނުން ވަނީ މެޗުގެ ފޮޓޯ ނަގައި އާންމުކޮށްފަ އެވެ.
މާލޭގައި ސައުދީ އާއި ސީޝެލް މިރޭ ކުޅުނު މެޗަށް ސައުދީގެ ޓީމް ދަނޑަށް ނުކުންނަނީ --- ފޮޓޯ ސަފް
ހުކުރު ދުވަހުގެރޭ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑުޖެހި ސީޝެލްސްގެ ޓީމަށް ސައުދީގެ ޓީމާ ދެކޮޅަށް މާބޮޑު ކަންތައްތަކެއް ނުކުރެވުނެވެ.
ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން މަރްޔަމް އަލް ތަމީމީ ވަނީ ސައުދީގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. ސައުދީގެ ގައުމީ އަންހެން ޓިމުގެ ފުރަތަމަ ބައިނލްއަގްވާމީ މެޗްގައި ބައިކޮޅަށް ލަނޑެއް ނުވަދޭ ކާމިޔާބު ކުރުމުން ސައުދީގެ ފެޑެރޭޝަނުން ވަނީ ހާއްސަ ގޮތެއްގައި އެކަން ފާހަގަކޮށްފަ އެވެ.
ސައުދީ އާއި ސީޝެލްސްގެ އިތުރުން ރާއްޖެ ބައިވެރިވާ މި ސީރީޒް އެފްޢޭއެމްއިން އިންތިޒާމުކޮށްފައިވަނީ ކޮންމެ ޓީމެއް އަނެއް ޓިމަކާ ދެފަހަރު ކުޅޭގޮތަށެވެ. ސައުދީން ސީޝެލްސްއާއެކު އަދި އެއް މެޗު ކުޅޭނެ އެވެ. އޭގެ އިތުރުން ރާއްޖެއާއެކު ކުޅޭ ދެމެޗް އަދިއޮންނާނެ އެވެ.
ރާއްޖެ ސީޝެލްއާ ދެކޮޅަށް ކުޅުނު ދެމެޗްގެ ތެރެއިން ފުރަތަމަ މެޗް ކާމިޔާބު ކުރީ 1-0 ންނެވެ. ދެވަނަ މެޗުން ބަލިވީ 4-0 ންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދީ
21 February 2022
ސައުދީގެ އަންހެން ޓީމު ކުޅޭ މެޗުގެ ފޮޓޯ އާއި ވީޑިއޯ ނެގުން މަނާނޫންތަ؟
ނައިކީ
21 February 2022
ސައުދީ މެޗުތަކުގެ ވީޑިއޯ އަދި ފޮޓޯ ރައިޓްސް އެކްސްކުލޫސިވްކޮށް ބަޔަކު ގަނެފަ އޮތީމަ.. އެމީހުން ނަގާ ފޮޓޯ މީޑިއާތަކުން ބޭނުން ކުރަނީ..