ސާރާ އަދި އާރްޔަން: އެކުގައި ފިލްމެއް ކުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ގިނަވެފައި
21 ޑިސެމްބަރ 2016 - 10:45
ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާން ފިލްމު ކުޅެން ފަށާ ވާހަކަ ފެތުރުމާ އެކު އޭނާގެ ފުރަތަމަ ފިލްމާ ބެހޭ ގޮތުން ތަފާތު އަޑުތައް އިވެ އެވެ. އެގޮތުން ރިތިކް ރޯޝަންއާ އެކު ސާރާ ފިލްމެއް ކުޅެން އުޅޭ ކަމުގެ ޚަބަރުތައް ވެސް ދާދި ފަހުން ފެތުރުނެވެ. ނަމަވެސް ފަހުގެ މީޑިއާ ރިޕޯޓުތައް ބުނަނީ ސާރާ ފިލްމީ ދާއިރާ އަށް ނުކުންނާނީ ކަރަން ޖޯހަރުގެ ފިލްމަކުން ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާނާ އެކު ކަމަށެވެ.
އިންޑިއާގެ މީޑީއާއިން ބުނާ ގޮތުގައި ދުވަސްކޮޅަކު އަދި މަޑުކޮށްލަން ސާރާ ކިބައިން ކަރަން ޖޯހަރް ވަނީ އެދިފަ އެވެ. އެއީ އޭނާއަށް ވަރަށް ބޮޑު ޕްރޮޖެކްޓެއް ދޭން ވިސްނާތީ ކަމަށް ވެ އެވެ. އެ ފިލްމުން ޝާހްރުކްގެ ދަރިފުޅު އާރްޔަން ތައާރަފްވާނެ ކަމަށް ވެސް ބެލެވެ އެވެ.
ޔަގީންވާ ކަމަކީ ސައިފް އާއި ޝާހްރުކް ވެސް އެމީހުންގެ ދަރިން ފިލްމީ ދުނިޔެއަށް ނެރެން ބޭނުންވަނީ ކަރަންގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ކަރަންގެ ފިލްމު ކުންފުނިން މިހާތަނަށް ތައާރަފްކޮށްދިން އާލިއާ ބަޓް، ސިދާރްތު މަލްހޯތުރާ، ވަރުން ދަވަން ފަދަ ހުރިހާ އެކްޓަރުންނަށް ވެސް ބޮލީވުޑްގައި ރަނގަޅު މަގާމުތަކެއް ވަނީ ހޯދިފަ އެވެ. އަނެއްކޮޅުން އާރްޔަން އަކީ ކަރަންގެ އަމިއްލަ ދަރިއެއްގެ ގޮތަށް އޭނާ ދެކޭ ކުއްޖެކެވެ. އެހެންވެ އާރްޔަން ވެސް ފިލްމީ ދުނިޔެއަށް ނެރޭނީ ކަރަން ކަން ޔަގީންވެ އެވެ. މިހާރު އާރްޔަން ވަނީ ލޮސް އެންޖަލިސްގައި ފިލްމީ އެކި މަސައްކަތްތައް ދަސްކޮށް ފިލްމު ކުޅެން ފަށަން ތައްޔާރުވެފަ އެވެ.
ފިލްމީ ދާއިރާ އަށް އާރްޔަން ތައާރަފްވާ ވާހަކަ މިހާރަކަށް އައިސް މީޑިއާގައި މާ ގަދަވެގެން އުޅެނީ އޭނާގެ ސޯޝަލް މީޑިއާގެ ހުރިހާ ހަރަކާތްތަކެއް ކުއްލިއަކަށް ހުއްޓާލާ ބައެއް ފޭން ޕޭޖްތައް ބަންދުކުރުމާ ގުޅިގެންނެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމް އެކައުންޓް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެއާ އެކު ކޮންމެވެސް ގޮތް ނޭނގޭ ކަންތައްގަނޑެއް ވަރަށް ސިއްރުން އެބަ ހިނގާ ކަމަށާއި އާރްޔަން ނެރުމުގެ މަސައްކަތް ފެށިއްޖެކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.
ކަރަންގެ ޒިންމާގެ ދަށުން ފިލްމީ ދުނިޔެއަށް ވަންނަން ތައްޔާރުވެފައިވާ އިތުރު ތަރިންގެ ތެރޭގައި ޝްރީދޭވީ އާއި ބޯނީ ކަޕޫރުގެ ޖާންވީ ކަޕޫރު އަދި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ހިމެނެ އެވެ. މި ދެ ޒުވާނުން ތައާރަފްކުރުމަށް ކަރަން އުފައްދަނީ މަރާޓީ ބްލޮކްބަސްޓާ ފިލްމެއް ކަމަށްވާ "ސައިރަތު"ގެ ހިންދީ ވާޝަން ކަމަށް ވެ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރް އާއި ޒީޓީވީ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވަދީވް ރަދުން
22 December 2016
ދިވެހިންގެ ހާލު ބުނެދިންނަމަ ރަންގަޅުވީސް
ހަސަންބެ
21 December 2016
ބުނާނެވާހަކައެއް ނެތް. މުސްލިމު ދެބައްޕައިންގެ މުސްލިމު ނަންކިޔާ ދެދަރިން. މިތިބީ ތިބި ހާލު.