"މިތަނަށް ގެންނަ ގިނަ މީހުން، މަރުވެ އެ ދަނީ ހަމަ މިތަނުގައި އޮވެ. ވަޅުލަނީ ވެސް ގުރައިދޫ ސަހަރާގައި. ބައެއް މީހުން މަރުވެގެން އާއިލާ އަށް ގުޅީމަ މޫނު ދެކިލަން ވެސް ނާދޭ!"
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު: އަޅާލާނެ މީހަކު ނުވެގެން އެތަނަށް ގެންދާ ދޮށީ އުމުރުގެ މީހުން އަހަރެއް އަހަރަކަށް ދަނީ އިތުރުވަމުން.-- ފައިލް ފޮޓޯ: މިހާރު
24 ފެބުރުއަރީ 2022 - 08:55
އުމުރުން ދުވަސްވީ މި ފިރިހެން މީހާގެ ކޮންމެ ދުވަހެއް ނިމެނީ ދަރިފުޅު ފޯނު ކޯލެއްގެ އިންތިޒާރުގަ އެވެ. މާލީ ގޮތުން ތަނަވަހެވެ. އަމިއްލަ ދިރިއުޅުމުގައި ކުރިއަށްދާއިރު ބައްޕަ އަށް އެ ރީތި، ތަނަވަސް ގެއަކުން ޖާގަ ނެތީ އެވެ. ބައްޕަ ނުބަލާންވެގެން އެތައް އުޒުރެއް ދައްކައި، ކޮޓަރި އަށް ލައި ބަންދުކުރުން ފަދަ ކަންކަމުން ދައުލަތަށް އޭނާ ނަގަން ޖެހޭ ވަރަށް މަޖުބޫރުކުރުވީ އެވެ.
އޭނާގެ ދެ ދަރިން ތިބެ އެވެ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އޭނާ ނުރުހުމުގައި ގެންދިޔައީ ދަރިންނަށް އަޅާނުލެވޭ ކަމުގެ ޝަކުވާތަކާ އެކު އެވެ. އެކަމަކު، ދަރިން ދިން ޔަގީން ކަމަކީ ކޮންމެ ދުވަހަކު ގުޅައި ހާލު ބަލާނެ ކަމެވެ. އޭނާގެ ސިކުނޑީގައި ކުޑަ މައްސަލައެއް ހުރުމާ އެކު، ރަނގަޅުވިހާ އަވަހަކަށް ގެއަށް ގެންނާނެ ކަމަށް ވެސް ދަރިން ވައުދުވި އެވެ.
އެތަނަށް ގެންދިޔައިރު އޭނާގެ ބަލި އެހާ ގޯހެއް ނޫނެވެ. އެކަމަކު އެތަނުގައި އޭނާ މޮޔަކޮށްލީ ދަރިންގެެ ހަނދާންތަކެވެ. އެކަނިވެރިކަމެވެ. އެ މާހައުލުގައި އުޅެން ޖެހުމުން ކުރިމަތިވި މާޔޫސްކަމުގައި ބަލިބޮޑުވެ، އެތަނުގައި އޮވެ މަރުވިއިރު ވެސް ދަރިފުޅު ގުޅައެއް ނުލަ އެވެ. އޭނާ މަރުވުމުން، ޖެންޑާ މިނިސްޓްރީން އެކަން ދަރިންނަށް އެންގި އެވެ. އެކަމަކު ދަރިފުޅަށް މާބޮޑު ކަމަކަށް ނުވި އެވެ. މޫނުބަލާކަށް ވެސް ބޭނުމެއް ނުވި އެވެ.
މިތަނަށް ގެންނަ ގިނަ މީހުން، ނިޔާވެ އެ ދަނީ ހަމަ މިތަނުގައި އޮވެ. ވަޅުލަނީ ވެސް ގުރައިދޫ ސަހަރާގައި.
ގުރައިދޫ މަރުކަޒުގެ ހަތަރު ފާރުގެ ތެރޭގައި މިފަދަ ކިތަންމެ ވާހަކައެއް ހިތްދަތި މަރުތަކާ އެކު ވަނީ "ވަޅުލެވިފަ" އެވެ.
ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު: އެތަނަށް ގެންދާ ގިނަ މީހުން މަރުވެދަނީ އެތަނުގައި.-- ފައިލް ފޮޓޯ: މިހާރު
ހަތްދިހައިގެ އަހަރުތަކުގައި އެ މަރުކަޒު ހުޅުވީ މުސްކުޅި މައިންބަފައިން ގެންގޮސް އެކަހެރިކުރާކަށް ނޫނެވެ. ދައުލަތުގެ އެހީ ކޮންމެހެން ބޭނުންވާ މީހުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށެވެ. އެކަމަކު ގުރައިދޫ މަރުކަޒު މިހާރު ވެފައި ވަނީ "މައިންބަފައިން އުކާލާ ކުނި ގޮނޑަކަށެ"ވެ. އެތަނަށް ލަނީ ބޭނުން ނެތިގެންނެވެ. އެނބުރި ދެން ނާންނާނެކަން ކަށަވަރުވާތީ އެވެ.
އާއިލާ އިން ހަވާލު ނުވެއްޖެ ނަމަ އެތަނުގައި އެ މީހަކު މަރުވަންދެން ބެލެހެއްޓުން ފިޔަވައި ދައުލަތަށް ކުރެވޭނެ މާބޮޑު ކަމެއް ވެސް ނެތެވެ.
ގުރައިދޫ މަރުކަޒު ނަފްސާނީ ބަލި މީހުންނަށް ހާއްސަކުރިއަސް އެތަނުގައި ތިބީ އެ ބަލިތަކުގެ މީހުން އެކަންޏެއް ނޫނެވެ. ރަނގަޅުވެފައި ތިބި މީހުންނާއި އެއްވެސް ބައްޔެއް ނެތަސް އެތަނަށް ގެންދާ ހާލަތު ގަދަކަމުން ކުރިމަތިކުރުވި މީހުން ވެސް ހިމެނެ އެވެ. އެ މީހުންގެ ސިކުނޑި މޮޔަ ކޮށްލަނީ އެތަނުގައި ބައިތިއްބައިގެން، އާއިލީ ލޯބިން މަހުރޫމްކޮށްލައިގެންނެވެ.
އެ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެތަން ހުޅުވި ފަހުން ގެންދިޔަ ދޮށީ އުމުރުގެ މީހުންގެ ތެރެއިން މަދު މީހަކު ފިޔަވައި، މަރާ ހަމައަށް އާއިލާތައް ފެނުމުގެ ނަސީބެއް ނުލިބެ އެވެ. ނަފްސާނީ ބަލީގައި ފަރުވާކުރަން ގެންދާ މީހުންގެ ތެރެއިން، ރަނގަޅުވާ މީހުންނާ ވެސް ހަވާލެއް ނުވެ އެވެ.
ހެންވޭރު އާޓިފިޝަލް ބީޗުގައި އުމުރުން ދުވަސްވީ ދެ މީހާކު އުނދޯންޏެއްގައި އިށީނދެލައިގެން ތިބެ ވާހަކަދައްކަނީ.-- ފޮޓޯ: ނިޝާން އަލީ
ހަޔާތުގެ ފަހު ނޭވާ ދޫކޮށްލަން ޖެހެނީ އެތަނަށެވެ.
"މި ތަނަށް ގެންނަ ގިނަ މީހުން، ނިޔާވެ އެ ދަނީ ހަމަ މިތަނުގައި އޮވެ. ވަޅުލަނީ ވެސް ގުރައިދޫ ސަހަރާގައި. މަރުވެގެން ބައެއް އާއިލާތަކަށް ގުޅީމަ މޫނު ދެކިލަން ވެސް ނާދޭ،" ޖެންޑާ މިނިސްޓްރީގައި ސޯޝަލް ސާވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 15 އަހަރުވީ ފާތިމަތު އަބްދުﷲ (ފާތުން) ވިދާޅުވި އެވެ.
އަހަރުތަކެއް ކުރިއާ އަޅާ ބަލާއިރު، އެ މަރުކަޒަށް ގެންދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހަގީގަތަކީ ދައުލަތުގައި އާދޭސްކޮށްގެން ވެސް އެކަން ނުވުމުން އެ ހާލަތު ކުރިމަތިކުރުވަނީ އެވެ. އެ މަރުކަޒަށް މީހަކު ނަގާނެ ވަކި ޝަރުތުތަކެއް ހުރެ އެވެ. އޭގެތެރެއިން ދައުލަތް މަޖުބޫރުވަނީ އެ މީހެއްގެ އަމިއްލަ ނަފްސަށް ގެއްލުން ލިބިދާނެ ނުވަތަ ދީފާނެ ކަމުގެ ހާދިސާތައް މެދުވެރިވުމުންނެވެ.
މަރުކަޒުގެ ކެޕޭސިޓީ އަށް ވުރެ ވެސް އިތުރަށް މިހާރު އެތަނުގައި މީހުން އެބަ ތިއްބެވެ. ޖުމްލަ 160 މީހުންގެ ޖާގައިގެ އެތަނުގައި މި ވަގުތު 193 މީހަކު ބަލަހައްޓަ އެވެ.
• ދޮށީ އުމުރުގެ 26 މީހުން އެބަތިބި.
• ދޮށީ އުމުރުގެ މީހުންގެ ތެރެއިން 4 މީހުންނަކީ ނަފުސާނީ ބަލީގެ މީހުން.
• ބާކީ ތިބި މީހުންނަކީ އާއިލާއިން ހަވާލުނުވި މީހުން.
މަރުކަޒަށް ގެންދާ މީހުން އިތުރުވުމަކީ ފާތުން އާއި އެހެން ކޭސް ވޯކަރުންގެ ކަންބޮޑުވުމެކެވެ. އެތަނުގައި ތިބޭ މީހުންގެ ކޮންމެ ދުވަހެއްގެ އާދޭހާއި ޝަކުވާ އަޑުއިވެނީ އެ މީހުންނަށެވެ. މާޔޫސްކަމުގައި ރޮއެ ހަދަނީ ވެސް އެ މީހުންގެ ގާތުގަ އެވެ.
އިންފޮގްރެފިކްސް: ރާއްޖޭގެ އާބާދީގެ 4 ޕަސެންޓަކީ 65 އަހަރު މަތީގެ މީހުން ކަމަށް ސްޓެޓިސްކްޓްސް ބިއުރޯއިން މިދިޔަ އަހަރު ނެރުނު އެންމެފަހުގެ ޕްރޮޖެކްޝަންތަކުން ދައްކަ.
ފާތުން ވިދާޅުވީ ގުރައިދޫ މަރުކަޒަކީ އެ އުމުރުގެ މީހުންނަށް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. ހަގީގަތުގައި ބޭނުންވާނީ މުޖުމަތައުގެ ތެރޭގައި ނުވަތަ އާއިލާގެ ތެރޭގައި އެ މީހުންނަށް ދިރިއުޅެވޭނެ ގޮތެއް ހަމަޖެހިފައި އޮތުން ކަމަށް ވިދާޅުވި އެވެ.
ފާތުން ސިފަކުރެއްވި ގޮތުގައި، މަރުކަޒުގެ އެ ދިރިއުޅުމަކީ ދޮށީ އުމުރުގެ މީހުންނަށް އެކަނިވެރި، ހިތްދަތި ވަގުތުތަކެވެ.
"އެ މީހުންގެ އާންމު ޝަކުވާ އަކީ ކާއެއްޗެއް ނުލިބުމެއް ނޫން، އެހެން ކަމެއް ނުވުމެއް ވެސް ނޫން. އާއިލާ ނުވަތަ ދަރިން ނުގުޅުން. ހާލު ބަލަން ނައުން." -- ފާތުން / ކޭސް ވޯކާ
"އަޅުގަނޑުމެން ވަރަށް ނަގަން ބޭނުން ނުވާ މީހުން ވެސް އެބަ ނަގަން ޖެހޭ. ކޭސް ވޯކާސްގެ ގޮތުގައި ބައެއް ހާލަތްތަކުގައި އަޅުގަނޑުމެންނަށް އިހުސާސްކުރެވެޔޭ އާއިލާގެ ތެރޭގައި އޭނާ ބެލެހެއްޓޭނެޔޭ، އެ ފެންވަރު އާއިލާގައި އެބަހުއްޓޭ،" ގުރައިދޫ މަރުކަޒުގެ ބައެއް ކޭސްތައް ވަރަށް ގާތުން ބަލަމުން އަންނަ ފާތުން ވިދާޅުވި އެވެ.
ފާތުން ވިދާޅުވީ އުމުރުން ދުވަސްވީ ބައެއް މީހުންނަކީ އާއިލާ އޮވެ ވެސް، ބައެއް ކަހަލަ ކަންތައްތައް ދިމާވުމުގެ ސަބަބުން ބެލެން ނެތިގެންނޭ ކިޔައިފައި ދައުލަތާ ހަވާލުކުރާ މީހުން ކަމަށެވެ. ނުވަތަ އާއިލާއެއް ނެތުމުން، އަޅާލާނެ މީހަކު ނުވެގެން ވެސް އުމުރުން ދޮށީ ބައެއް މީހުންނާ ދައުލަތުން ހަވާލުވެފައިވެ އެވެ.
"އެއް ބަޔަކަށް ނުވިސްނިދާނެ. އެ އެކަނިވެރިކަމަކީ ނަފުސާނީ ގޮތުން އެމީހުން ވަރަށް ބަލިކޮށްލާ ކަމެއް. އެ އެކަނިވެރިކަމުގައި އެމީހުން އެ ވަކިވެދަނީ،" އޭނާ ވިދާޅުވި އެވެ.
"އެ މީހުންގެ އާންމު ޝަކުވާ އަކީ ކާއެއްޗެއް ނުލިބުމެއް ނޫން، އެހެން އެއްޗެއް ނުލިބުމެއް ވެސް ނޫން. އެތަނުގައި ތިބޭއިރު އާއިލާ ނުވަތަ ދަރިން ނުގުޅުމާއި ހާލު ބަލަން ނުދިއުން."
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގުރައިދޫ މަރުކަޒުގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ފަޒްނާ ޝާކިރު ވިދާޅުވީ، މުޖުތަމައު މިހާރު ގަބޫލު ވެސް ނުކުރާނެހާ ދަތި ހާލުގައި ދޮށީ އުމުރުގެ ބައެއް މީހުން ދިރިއުޅެމުންދާ ކަމަށެވެ. ދޮށީ އުމުރުގެ މީހުންނާ ގުޅިގެން އެ އިދާރާ އަށް ހުށަހަޅާ މައްސަލަތަކުގެ އަދަދު އަހަރެއް އަހަރަކަށް ގިނަވަމުންދާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ އަޅާލާނެ މީހަކު ނުވެގެން ދައުލަތާ ހަވާލުކުރާ މީހުން ކަމަށެވެ.
"ވަރަށް ރަނގަޅަށް ވެސް ގޭތެރޭގައި އުމުރުން ދުވަސްވީ މީހުން ބަލާ މީހުން އެބަ ތިބި. އެއީ އަޅުގަނޑުމެން އެކްނޮލެޖް ކުރަން ވެސް ޖެހޭ ކަމެއް،" ފަޒްނާ ވިދާޅުވި އެވެ.
"މިފަހުން އަޅުގަނޑުމެން ކުރި ދަތުރެއްގައި ދެވުނު ވަރަށް ހާލުގައި ހުރި ގެއަކަށް. އަޅުގަނޑުމެންނަށް ގަބޫލު ވެސް ނުކުރެވޭ މިހާރު ރާއްޖޭގައި އެކަހަލަ ގެއެއް ހުރެދާނެ ކަމަށް. އެކަމަކު ވެސް އެ ގޭގައި އުމުރުން ދުވަސްވީ މީހެއްގެ އަންހެން ދަރިއަކު އޭނާ ވަރަށް ރަނގަޅަށް ބަލަމުން ދިޔައީ،" ފަޒްނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގާނޫނު އަސާސީން ލިބިދޭ ރައްކާތެރިކަން ހަމަ އުމުރުން ދުވަސްވީ މީހުންނަށް ވެސް ލިބޭ. އެހެން ނަމަވެސް، އުމުރުން ދުވަސްވީ މީހުންނަށް ގާނޫނެއް ނެތުމުން، ބައެެއް ކަހަލަ ޗެލެންޖެސްތައް ކުރިމަތިވޭ." -- ފަޒްނާ / ޖެންޑާގެ ސްޓޭޓް މިނިސްޓަރު
ފަޒްނާ ފާހަގަކުރެއްވި ގޮތުގައި މިނިސްޓްރީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ދޮށީ އުމުރުގެ މީހުންނާ ގުޅޭ ގޮތުން މާ ގިނަ އެސަސްމެންޓްތަކެއް ހެދިފައި ނެތުމެވެ. އެހެންވެ، މިނިސްޓްރީން މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އިންފޮގްރެފިކްސް: އެމްއެންޔޫ އާއި ވިލާ ކޮލެޖުގެ ބައެއް ބޭފުޅުން ގުޅިގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ބޮޑުބައެއް ޑިޕްރެޝަން ތަހައްމަލުކުރޭ.
ގާނޫނެއް ނެތަސް، ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން މިިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން، 2019 ވަނަ އަހަރު އެކްޝަން ޕްލޭންއެއް އެކުލަވާލެވުނު ކަމަށާއި މިދިޔަ އަހަރު ފެށިގެން އެ އިދާރާގެ މަސައްކަތްތައް ބައްޓަން ކުރެވެމުން އަންނަނީ އެ ޕްލޭންގެ ދަށުން ކަމަށެވެ. އެ ޕްލޭންގެ ތެރެއިން މިއަދު މިއޮތް ހާލަތަށް މުސްތަގުބަލުގައި ދިޔަ ނުދިނުމުގެ އުއްމީދުގައި މީހުން ހޭލުންތެރިކުރުވުމަށް "ރަންވޭލާ" ނަމުގައި ރަށްރަށުގައި ހާއްސަ ކަމްޕެއިނެއް ވެސް ފަށާފައިވާ ކަމަށެވެ.
އެ ކެމްޕެއިންގައި ކުރެވޭ މަސައްކަތްތަކަކީ؛
• ދުވަސްވީ މީހުންނަށް ލިބެން ޖެހޭ ހައްގުތަކާއި އެމީހުންނަށް ލިބޭ އަޅާލުން އިތުރުކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުން.
• ދޮށީ އުމުރަށް ތައްޔާރުވާނެ ގޮތް މީހުންނަށް ބުނެދިނުން.
• 65 އަހަރުން މަތިވުމަކީ ކޮންމެހެން އެނދުމަތިވާން ޖެހޭ ކަމެއްގެ ގޮތުގައި މުޖުތަމައު ގަބޫލުކުރާތީ، އެ ވިސްނުން ބަދަލުކުރުން.
• ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ސެޝަންތަކުގައި އެ އުމުރުގެ މީހުން ކަމެއް ނެތިފައި ތިބޭ ތިބުން ބަދަލުކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ކިޔައިދިނުން.
ފަޒްނާ ވިދާޅުވި ގޮތުގައި، ދޮށީ އުމުރުގެ މީހުންނަށް އިހުތިރާމާއި އަޅާލުމާއި އޯގާތެރިކަމާއި އަދި އެހީތެރިކަން ދިނުމުގެ މަސައްކަތް ކާމިޔާބު ވާން އޮތީ ގޭތެރެއިން އެ މަސައްކަތް ފެށިގެން ކަމަށެވެ. ގޭތެރޭގައި އުޅޭ ކުޑަކުދިންނަށް، ބޮޑެތި މީހުން އެކަމުގައި މިސާލު ދެއްކުމަކީ ކުދިން ބޮޑުވަމުން އަންނައިރު، އެ ކުދިން ވެސް ދޮށީ އުމުރުގެ މީހުންނަށް އިހުތިރާމް ކުރަން ދަސްވާނެ ކަމެއް ކަމަށެވެ.
މި ބަދަލުތަކާ އެކު، އަޅާލާނެ މީހަކު ނުވެގެން ގުރައިދޫ މަރުކަޒަށް ގެންދަން ޖެހޭ، ޖެހުން ވެސް މަދު ކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އުމުރުން ދުވަސްވީ ދެމީހަކު މޫދުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ދޮށީ އުމުރުގެ މީހުން މަރުކަޒު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މިނިސްޓްރީން ވެސް ގަބޫލުކުރެ އެވެ. އެކަމަކު، ރާއްޖޭގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށް، ރަނގަޅު އޯލްޑްއޭޖް ފެސިލިޓީތަކެއް ނެތުމުން، ގުރައިދޫ މަރުކަޒަށް ގެންދިއުން ނޫން އިތުރު ގޮތެއް ވެސް ނެތެވެ. އެ މަރުކަޒުގައި އެ އުމުރުގެ މީހުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ނުހުރެ އެވެ.
ދޮށީ އުމުރުގެ މީހުންގެ ހައްގުގައި މަސައްކަތްކުރާ އިސްރަށްވެހިގެންގެ ޖަމިއްޔާގެ ރައީސް އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވީ، ގުރައިދޫ މަރުކަޒަކީ އަޅާލާނެ މީހަކު ނެތިގެން އެ އުމުރުގެ މީހުން ގެންދަން ރަނގަޅު ތަނެއް ނޫން ކަމަށާއި ވަރަށް ވަރުގަދަ އެޑްމިނިސްޓްރޭޝަނަކާ އެކު ނޫނީ އެގޮތަށް ހިންގައިގެން ވެސް ވާނެ ތަނެއް ނޫން ކަމަށެވެ.
"އެއީ ބަޔަކު މީހުން އަޅާލާނެ މީހަކު ނުވީމަ ގެންގޮސް ލައިފައި ތިބި ތަނެއް. ރަނގަޅު ކަމެއް ސަރުކާރުން ކޮށްދެއްވާފައި ހުރީ. އަޅުގަނޑު މި ދައްކަނީ ދޮށީ އުމުރުގެ މީހުން، އަޅާލާނެ މީހަކު ނެތަސް ނުވަތަ އެހެން ކަމެއް ވެގެން ވިޔަސް ގޮސް އެ މީހުނަށް ތިބެވޭނެ ޒަމާނީ ފެސިލިޓީއެއް ހުންނަން ޖެހޭނެއޭ،" ގިނަ އަހަރުތަކެއް ވަންދެން ސަރުކާރުގެ މަތީ މަގާމުތައް ފުރުއްވި އަޒީޒް ވިދާޅުވި އެވެ.
"ނިޒާމުގެ ތެރޭގައި ހުންނަން ވާނެ ބައެއް އޯލްޑްއޭޖް ހޯމް ތަންތަން. ބައްލަވާ ޒުވާނުންނަށް ހަދައިދީފައި ހުރިހާ ތަންތަން. އެކަމަކު މީހާ މުސްކުޅި ވެއްޖެއްޔާ ހަމަ އެއްލައިލަނީ،" އޭނާ ވިދާޅުވި އެވެ.
އެ މަރުކަޒަށް ދެވުމުން އަޅުގަނޑަށް އިހުސާސްކުރެވުނީ ވަރަށް ނެގި މަޑުވެފައި، އުއްމީދު ކުޑަވެފައި، އެހެން މީހުންނާ ވަރަށް ބޮޑަށް އެކަހެރިވެފައި އޮތް ކޮމިއުނިޓީއެއްގެ ގޮތުގައި. އެތަނުގެ ތެރެއަށް ވަދެފައި ނިކުންނަ ކޮންމެ ފަހަރަކު، ފުރަސަތު ލިބުނު އެ ތިން ފަހަރު ރޭގަނޑު ނިދަން ވެސް ކުޑަކޮށް އުނދަގޫވި. -- މެމްބަރު ޖީހާން
ގުރައިދޫ މަރުކަޒާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވެސް ވިދާޅުވީ، އަޅާލާނެ މީހަކު ނެތް ދޮށީ އުމުރުގެ މީހުންނާއި ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން އެއްތަނަކަށް ގެންދަން ޖެހުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެތަނުގެ މާހައުލު ބޮޑަށް ސިފަވަނީ ހޮސްޕިޓަލެއް ކަހަލަ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
"އެއީ ނަފުސާނީ ގޮތުން މީހާ އަށް ވަރަށް ބޮޑަށް އަސަރުކޮށް، ބަލިކަށި ކޮށްލާ ކަހަލަ މާހައުލެއް ކަމަށް އަޅުގަނޑުމެންނަށް ސިފަވަނީ،" ޖީހާން ވިދާޅުވި އެވެ.
އިންފޮގްރެފިކްސް: 2019 ގައި ހެދި ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑީޗާ ސާވޭގައި ފާހަގަކޮށްފައިވާ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުން ސިއްހަތުގެ ތަފާސްހިސާބު.
އޭނާ ވިދާޅުވީ، މަޖިލީހުގެ މި ދައުރުގައި އަލަށް އުފެއްދި ޖެންޑާ ކޮމިޓީއާ ހަވާލުވުމަށް ފަހު، އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ ގުރައިދޫ މަރުކަޒަށް ޒިޔާރަތްކޮށް އެތަނުގައި ތިބި މީހުންގެ ހާލު ބެލުން ކަމަށެވެ. އަދި އޭގެ ފަހުން ކުދިކުދި ކަންކަމުން ފަށައިގެން، ބޮޑެތި ކަންތައްތައް ހައްލުކުރުމަށް ވެސް އެ ކޮމިޓީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ މަރުކަޒަށް ދެވުމުން އަޅުގަނޑަށް އިހުސާސްކުރެވުނީ ވަރަށް ނެގި މަޑުވެފައި، އުއްމީދު ކުޑަވެފައި، އެހެން މީހުންނާ ވަރަށް ބޮޑަށް އެކަހެރިވެފައި އޮތް ކޮމިއުނިޓީއެއްގެ ގޮތުގައި. އެތަނުގެ ތެރެއަށް ވަދެފައި ނިކުންނަ ކޮންމެ ފަހަރަކު، ފުރަސަތު ލިބުނު އެ ތިން ފަހަރު ރޭގަނޑު ނިދަން ވެސް ކުޑަކޮށް އުނދަގޫވި،" ޖީހާން އެ ތަޖުރިބާ ކިޔައިދެއްވި އެވެ.
"އަޅުގަނޑު ހިތަށް އަރާ ޒަމާނުއްސުރެ މިކަން ބަދަލުނުވެ، މި އޮތީ ކީއްވެބާއޭ. ހަތްދިހައިގެ އަހަރުތަކުގައި ހުޅުވުނު މަރުކަޒެއް އެއީ. އަދި ކިރިޔާ އަޅުގަނޑުމެން މި ދައްކަނީ ސިޔާސަތެއްގައި ލިޔެވިގެން އެތަން ބަލަން ޖެހޭ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މަރުކަޒަކީ އާއިލާތަކުން ނުބެލެހެއްޓޭ ހާލުގައި ދޮށީ އުމުރުގެ މީހުން ލާން ޖެހޭ މަރުކަޒަކަށް ވެގެން ނުވާނެ. އެހެން އެކަން ވިޔަ ނުދިނުމަށް ސިޔާސަތުތަކެއް ބަދަލުކުރަން ޖެހޭ،"
އެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ސިޔާސަތުތައް އިސްލާހު ކުރާއިރު ވިސްނަވާނެ ބައެއް ކަންކަން ޖިހާން ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން ބަައެއް ކަންކަމަކީ؛
• ދޮށީ އުމުރުގެ މީހުންނާ މެދު އިހުމާލުވާ އޭނާގެ އާއިލާގެ މީހުންނަށް ފިޔަވަޅު އެޅުން.
• ކޮމިއުނިޓީ ވޯކަރުން ގޭގެ އަށް ފޮނުވާ ދޮށީ އުމުރުގެ މީހުން އުޅޭ ގޮތާއި ހާލު ބެލުމާއި އަދި އާއިލާ އަށް ބޭނުންވާ އެހީތެރިކަން ދިނުން.
• ދޮށީ އުމުރުގެ މީހުންނަށް ދިމާވާ މައްސަލަތައް ރަށު ފެންވަރުގައި ހައްލުކުރުމަށް ރަށްރަށުގެ ކައުންސިލުތައް ބާރުވެރިކުރުވުން.
• ކޮންމެ އާއިލާއެއްގެ ކޮންމެ މެމްބަރެއްގެ ހާލު ބެލުމަކީ ލާމަރުކަޒީ ގާނޫނުގައި އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ޒިންމާއަކަށް ވާތީ އެ ކަންކުރުމަށް ބާރުއެޅުން.
• ސްކޫލް މާހައުލުން ދޮށީ އުމުރުގެ މީހުންނަށް އިހުތިރާމްކުރަން ކުދިންނަށް ދަސްކޮށްދިނުން.
ނަަމަވެސް، ހުރިހާ ކަމަކީ ގާނޫނާއި ގަވާއިދުން ހައްލުވާން އޮތް ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ. ޖެންޑާ މިނިސްޓްރީން މިހާރު އެކުލަވާލަމުން އަންނަ ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ގާނޫނުން ގިނަ ހައްގުތަކެއް ކަށަވަރުކޮށްދެވޭނެ ކަމަށް ވިޔަސް، މި މައްސަލަތައް ހައްލުކުރުމުގައި މުޖުތަމައުގެ ނުވަތަ އާންމުންގެ އަމިއްލަ ޒިންމާ ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ޖީހާން ދެކެވަޑައިގަންނަވަ އެވެ.
"ކުޑަކުއްޖެއް ވިޔަސް އަދި އުމުރުން ދުވަސްވީ މީހަކަށް ވިޔަސް، މަރުކަޒަކަށް ލައިގެން އެކަހެރި ކޮށްގެން ގެންގުޅޭ ސިޔާސަތު އަޅުގަނޑުމެން ހުއްޓާލަން ވެއްޖެ،" އޭނާ ވިދާޅުވި އެވެ.
"އިންސާނާ ދުނިޔެ އަށް އަންނަނީ، އާއިލާއެއްގެ ތެރޭގައި އުޅެ، މަރުވެދާން. އެންމެ ބޭނުންވާ ވަގުތުގައި، އެ އުމުރުގައި މަރުކަޒެއްގެ ތެރޭގައި އިނުން ވާނީ އެންމެ ހިތްދަތި އިހުސާސަށް."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތްދަތި
26 February 2022
މިކަން މިހެން ވަނީ ދަވްލަތުގެ އިހުމާލުން
ޓާލީ
25 February 2022
ސަފާރީ ކޭސް ހަދާންކޮށްދެން
ތާހާ
24 February 2022
މައިންބަފައިން ހެޔޮ ދޯ ދަރިންނަަށް ކޮންމެ ގޮތެއް ހެދިޔަސް އަޅެ ދަރިން ގެއިން ނެރެ އެއްލާލާ ކިތައް މައިންނާ ބަފައިން އުޅޫތޯ ލިޔެލަބަލަ،
ޢަރުތަ
25 February 2022
ވަރިހަމައެއް ނޫން، އެކަމަކު އެހެނޭ ކިޔާފަ އެއްކަލަ މައިންބަފައިން އުމުރުން ދުވަސްވެ ގައިބާރު ދެރަވީމަ ބަދަލު ހިފުމުގެ ރޫޙުގަ އެފަދަ އަނިޔާއެއް ދިނުމުގެ އެއްވެސް ޙައްގެއް ދަރިންނަކަށް ނޯންނާނެ، އެއީ ކޮށްގެން ވާނެ ކަމެއް ނޫން، މައިންބަފައިން ދަރިންނަށް އިހާނެތިކޮށް ހިތިއްޔޭ ކިޔާފަ...........
ޢަލަމާ
25 February 2022
އެހެންވަނީ ދަރިންވެސް ބައެއްފަހަރު އެގޮތަށް ބޭނުންވާތީ ނޫނީ އުޅޭގޮތހުން އިސްލާހް ކުރަންވެސް އެކަން އެގޮތައް ކުރަންޖެހޭ، އަދި ތިވަރަހ ވިސްނޭ މީހަކަށް ހަދައިދިނީވެސް މައިން ބަފައިންކަން ހަނދާން ކުރަނޖެހޭ
ހައްވާ
25 February 2022
އާން، ނުޖެހޭނެ އެހެން ހަދާކަށް މައިންބަފައިން އެއީ. އަހަރެންގެ މަންމަ މަ ދޫކޮއްފަ ދިޔައީ އެންމެ 2 އަހަރުގަ ބައްޕައެއް ނެއް. މާމަ އަހަރެން ބަލާ، މާލެ ފޮނުވައިގެން ކިޔަވާދީ މޮޅު ކުއްޖަކަށް ހަދާ، ވަޒީފާ އައް ވަނީމަ މަންމަ އައް މަ ފެނިއްޖެ، ޝަކުވާ ކުރަން ބޭނުންވި އެކަމަކު އެއްވެސަ ޝަކުވާ އެއް ނުކުރަން މަންމަ ކާރީގައެއް، އޭރުން ފެށިގެން މަންމަޔާ، މާމަގެ ހުރިހާ ކަމެއް ބަލަމުން މިދަނީ އަހަރެން. އެއީ ދަރިންއައް އޮއި ވާޖިބެއް.
އާދަނު123
24 February 2022
ދުވަސްވީމީހުން ބަލާނެ ތަނެއް އުފެއްދުން ވ މުހިންމު
ނާސީ
24 February 2022
މައިންބަފައިން ތިބި ނަމަވެސް ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ ފިރުމުން ތަކުން މަޙުރޫމް ވެފައިވާ ދަރިންވެސް ތިބެއެވެ. މައިންބަފައިން ބޭނުންވަނީ ދަރިއަށް ލިބޭ ފައިސާ އާއި މުދަލެވެ. އޯގާތެރި ހިތަކާއި އެކީ މައިންބަފައިންގެ ލޯތްބަށް ސަލާން ޖަހަމެވެ.
ާއަލިމޯޑު
24 February 2022
ގިނަގިނައިން މިކަހަލަ ހަބަރާއި ރިޕޯޓުތައް ގެންނަންވީ. އަޅުގަނޑު ތަޖުރިބާ އަކީ މައިންބަފައިން ނަށް އެންމެ ރަނގަޅަށް ކަމޭ ހިތާ އެމީހުންނަށް އަޅާލަނީ އެމީހުންގެ ދަރިންގެ ތެރެއިން ގިނަފަހަރު އެއްކަލަ ބުނާ "ގުއި" ދަރި.މީ ހަގީގަތް.މަިއންބަފައިންވެސް ގިނަފަހަރު އެންމެ އަޅާލާ ލޯބިވާނީ އެމީހުންނަށް އެންމެ އަޅާނުލާ މީހާދެކެ.
ކަންވާރު
24 February 2022
ގައިގަ ވަރު ހުރި ދުވަހު ދަރިން އެއްލާލާފަ އުޅޭނާހާތާކު އުޅެފަ ގައިބާރު ދެވަރަވީމަ އެދަރިންގެ ފައިބުޑަށް އަޔަކަސް އެދަރިންނެއް ނުބަލާނެ. ބައެއް މައިންބަފައިންނަށް ހީވާކަހަލަ ދަރިންނަކީ އެމީހުން މުސްކުޅިވާ ދުވަހު އިންވެސްޓްކުރަން ދުރާލާ ސޭވްކުރި މުދާގަނޑެކޭ. އެހެނެއް އަދި އެކަމެއް ނުވާނެ. އެމީހަކު ދަރިންނާ މެދު ކަންކުރި ގޮތަކަށްް އެމީހަކު މުސްކުޅިވާ ދުވަހު އެމީހަކާ މެދުވެސް ކަންވެވިގެން ދާނީ.
ޢަރުތަ
25 February 2022
ބޭފުޅާ ތީ ވަރަށްކޮށި ވިސްނުމެއް، ހަމަ މިހާރުން މިހާރަށް ތިޔަ ވިސްނުން ބަދަލުކުރޭ، ތިގޮތަށް ތިބާގެ މައިންބަފައިންނާ ދޭތެރޭ ކަންކުރީމަ، ތިބޭފުޅާގެ ދަރިންވެސް ތިބޭފުޅާ ދުވަސްވެ ބަލިކަށިވާ ދުވަހު ހަމަ ތިބޭފުޅާއާ ދޭތެރޭގަ އެފަދަ ނިކަމެތި ގޮތަކަށް ކަންކުރަން ފުރުސަތު ހުޅުވިގެން ތިދަނީ.
ޖުހާނާ
25 February 2022
އިސްލާމް ދީނުގައި އަންގަވާފައި އޮންނަނީ މައިންބަފައިންނާ ދިމާއަށް އުއްފު ވެސް ނުބުނުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް. އެކަން ކަލެއަށް އެނގޭބާ؟ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ފޫހި
24 February 2022
މީހުންބުނޭ އެމީހަކު މައިންބަފައިނަށް ކަންކުރިގޮތަށޭ އެމީހަކު މުސްކުޅިވީމާ އެމީހެއްގެ ދަރިންވެސް ކަންކުރާނީ. ކޮންމެ މީހަކީވެސް ދުނިޔޭގައި ހުރިނަމަ މުސްކުޅިވާނެމީހެއް، ބަލިވާނެމީހެއް. ވީމާ މައިންބަފައިންނަށް އަޅާލާ. އެމީހުން ތިބާމެން ޅަ އިރު ބަލާބޮޑުކުރީ ތިބާމެން ދަރިން ތިބާމެން ތިޔަ ބެލިގޮތަށް ލޯތްބާ އަޅާލުމާއެކު. ވީމާ މައިންބަފައިންނަށް އޯގާތެރިވެ ލޯބިދީ.
12345
24 February 2022
މިފަދަ ދަރިން ހިތަށް އަރާނެބާ އޭނާ މުސްކުޅިވާދުވަހު އޭނާގެ ދަރިން ހަމަ އެގޮތަށް ތިމާގެ އަމިއްލަ މައިން ބަފައިންނަށް ހެދިގޮތް ނުހަދާނެއޭ؟ މިވާހަކަ އެބަޖެހޭ ނޫންތޯ މަޖިލީހުގައިގެސް ހުތުބާގާވަސް ދައްކަން؟؟
އެކެއްދޭއް
24 February 2022
ގިނަ ފަހަރު ދަރިން ބޮޑުވެގެން މައިން ބަފައިންނަށް އަޅާ ނުލަނީ އެ މައިންބަފައިން ދަރިންނަށް އިހުމާލުވެ އަނިޔާ ދީފަވާތީ. ބައެއް މީހުންނަކީ ދަރިންނަށް ޖިންސީ ގޯނާ ކޮއްފަވާ މީހުން. ދެން އެ ދަރިން ބޭނުންވާނެތަ އެފަދަ މީހެއް އެމީހުންގެ އާއިލާއާ އެކު ގެންގުޅެ އެހެން ކުޑަކުދިންނަށް އެގޯނާ އަށް ހުށަހެޅޭނެ ގޮތްވާން؟