ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޕެނަލްޓީ ނުދިނުމުން ލަމްޕާޑްގެ ނުރުހުން ވީއޭއާރަށް

މާސީސައިޑް (ފެބްރުއަރީ 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 1-0 އިން އިބް ބަލިވި މެޗުގައި އެވަޓަން އަށް ލިބެންޖެހޭ ޕެނަލްޓީއެއް ނުދިން ކަމަށް ބުނެ ކޯޗު ފްރޭންކް ލަމްޕާޑް ނުރުހުން ފާޅުކޮށްފި އެވެ.

އެވަޓަންގެ ޑިފެންސަށް ކުޅޭ މޭސަން ހޯލްގޭޓާއި މައިކަލް ކީން އަށް ރޭގެ މެޗުގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި ސިޓީ މޮޅުވި ގޯލު 82 ވަނަ މިނިޓުގައި ޖެހީ މިޑްފީލްޑަރު ފިލް ފޮޑެން އެވެ. ސިޓީން ވަނީ މި މޮޅާއެކު، ލީގު ޓޭބަލްގެ އެއްވަނައިގައި ހަ ޕޮއިންޓަށް ލީޑް ފުޅާކޮށްފަ އެވެ. އެ ޓީމުން 27 މެޗުން 66 ޕޮއިންޓް ހޯދާފައި ވާއިރު، ދެވަނައިގައި އޮތް ލިވަޕޫލް ކުޅުނު 26 މެޗުން ލިބުނީ 60 ޕޮއިންޓެވެ.

ސިޓީއިން ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން، އެވަޓަން އުފެއްދި ހަމަލާއެއްގައި ސިޓީގެ މިޑްފީލްޑަރު ޕެޑްރީ އަތުގައި ބޯޅަ ޖެހުމުން އެއީ ޕެނަލްޓީއެއް ކަމަށް އެވަޓަން އިން އެޕީލްކުރި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ވެސް ރެފްރީ ޕޯލް ޓިއޭނީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

"އެ ނިންމުމުގެ ސަބަބުން އަހަރެމެންނަށް ހައްގު މިންވަރު ނުލިބި މި ދިޔައީ. ވީއޭއާރު އޮފިޝަލް ކްރިސް ކަވާނާ ގެ ނިންމުމެއް އެއީ. މެޗު ނިންމާފައި އަހަރެން ރެފްރީއާ ވާހަކަ ދެއްކިން. އެ މީހުންނަށް އެނގޭ އެއީ ޕެނަލްޓީއެއް ކަން،" ނުތަނަވަސްވެފައި ހުރި ލަމްޕާޑް ބުންޏެވެ

"އެކަމަކު ސުވާލަކީ [ރިޗާލިސަން] ހުރީ އޮފްސައިޑްގައި ތޯ؟ ހަގީގަތުގައި އޮފްސައިޑެއް ނުވޭ. މި ކަހަލަ ކަންކަމަށް ވީއޭއާރު ބޭނުންކުރަން ޖެހެނީ. ކަވާނާ [ވީއޭއާރު އޮފިޝަލް] އަށް އެންގޭނެ ރެފްރީ އަށް އޭގައި ޕެނަލްޓީ ދޭން، ނޫނީ އަމިއްލަ އަށް [ވީއޭއާރު މޮނިޓަރުން ރީޕްލޭ] ބަލަން."

ލަމްޕާޑް ބުނިގޮތުގައި އެ މީހުންނަށް ޕޮއިންޓެއް ގެއްލުނީ ޕްރޮފެޝަނަލް ބައެއްގެ ވަޒީފާ ރަނގަޅަށް އަދާނުކުރެވިގެންނެވެ.

"ޕެޕް އަށް ވެސް، ދެ ޓީމުގެ ފޭނުންނަށް ވެސް އެނގޭނެ އެއީ ރީތި ޕެނަލްޓީއެއް ކަން،" އޭނާ ބުންޏެވެ.

އެވަޓަން އޮތީ 26 މެޗުން ހޯދި 22 ޕޮއިންޓާ އެކު ޓޭބަލްގެ 17 ވަނައިގަ އެވެ. އެއް ޕޮއިންޓް މަދުން 18 ވަނައިގައި އޮތީ ބާންލީ އެވެ. މެޗަށް ފަހު ލަމްޕާޑް ބުނީ، އެވަޓަން އަކީ ރެލިގޭޝަނުން ސަލާމްތަވާން ކުޅޭ ޓީމެއް ކަމާއި ސިޓީއަކީ ލީގު އެއްވަނައިގައި ލީޑު ފުޅާކުރަން ކުޅޭ ޓީމަކަށް ވެފައި، ނިންމުންތައް މި އަށް ވުރެ އިންސާފުވެރި ވާން ޖެހޭނެ ކަމަށެވެ.

"ގޯސް ނިންމުމަކަށް ވާނީ އެ ނިންމުމަށް ފަހު އެއާ ބެހޭގޮތުން އިތުރަށް ވިސްނާނެ ފުރުސަތެއް ނެތް ނަމަ. އެކަމަކު ރެފްރީ އަށް ލިބުނު އެއީ ހޭންޑްބޯލް އެއްތޯ ބަލަން ދެ މިނިޓު،" ލީގު ޓޭބަލްގައި ރެލިގޭޝަން ޒޯނަށް ވުރެ އެއް ދަރަޖަ މަތީގައި އޮތް އެވަޓަންގެ ކޯޗު ލަމްޕާޑް ބުންޏެވެ.

މި މައްސަލައިގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ހިޔާލު ތަފާތެވެ. އޭނާ ބުނީ އެ ހާދިސާގެ ރިޕްލޭ ނުފެންނަ ކަމަށާއި ނަމަވެސް ރެފްރީގެ ނިންމުން ރަނގަޅު ކަމަށެވެ.

"ވީއޭއާރު ބަލާއިރު ކޮންމެ ގޮތަކަށް މައްސަލަ ނިމިދާނެ. އަހަންނަށް ފާހަގަ ކުރެވުނީ ޑެލެ އަލީ، ރިޗާލިސަން އަށް ޕާސް ކުރި ވަގުތު ރިޗާލިސަން އޮފްސައިޑްގައި ހުރި ތަން. އަހަންނަށް ހީވަނީ ރެފްރީ އަށް ވެސް ފެނުނީ އެ މަންޒަރުހެން،" ގާޑިއޯލާ ބުންޏެވެ.

އެސްޓަން ވިލާ ވެސް ވަނީ ލީގުގައި ރޭ އެ ޓީމު ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ. ބަރައިޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ވިލާ ކާމިޔާބުކުރީ 2-0 އިންނެެވެ. ވިލާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ މެޓީ ކޭޝް އެވެ. ފަހު ހާފުގައި ދެވަނަ ލަނޑު ޖަހައިދިނީ އޮލީ ވަޓްކިންސް އެވެ.

އެސްޓަން ވިލާ ވަނީ މި މޮޅާ އެކު، އެއް މެޗު މަދުން ކުޅެގެން، 10 ވަނައިގައި އޮތް ބްރައިޓަންއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

27 February 2022

މަރުހަބާ އެކުވެރި @ލެއްގިކޮމިޝަނަރ .އާސަންދައިގެ އިނާޔަތުގެ ދަށުން ބްރޯގެ ކްލަބް 03 ޕޮއިންޓް ކަށަވަރުކުރުން އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް.ލަމްޕާޑް ބުނީ އޭނަގެ 03 އަހަރުގެ އަންހެން ދަރިފުޅަށް ވެސް އެނގޭ ރޭގެ މެޗްގަ އެވަޓަނަށް ޕެނެލްޓީއެއް ލިބެންޖެހޭކަން.ރެފްރީގެ ނިންމުން އެއީ އެންމެ ފަހުގެ ނިންމުން.ނަމަވެސް އެއީ ކްލިއާ ޕެނަލްޓީއެއްކަން ބީބީސީގެ ސްޕޯޓްސް ޓީމްގެ އެނެލިސިސް ބުނެދޭ.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454