27 ފެބުރުއަރީ 2022 - 11:01
ޔޫކްރޭނާ ދެކޮޅަށް ރަޝިއާ އިން ފަށާފައިވާ ހަނގުރާމަ ހުއްޓުވުމުގައި އަމަލުކުރެވޭނެ އޮތީ ދެ ގޮތެއް ކަމަށާއި އެއް ގޮތަކީ ރަޝިއާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެ، ތިން ވަނަ ބޮޑު ހަނގުރާމަ ފެށުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ބްލޮގަރުު ބްރަޔަން ޓޭލާ ކޮއެން އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ބައިޑެން ވިދާޅުވީ، މިހާރުން މިހާރަށް ރަޝިއާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެ ތިން ވަނަ ބޮޑު ހަނގުރާމަ ނުފަށާ ނަމަ، ކުރަން އޮތް ފުރަތަމަ ކަމަކީ، ރަޝިއާ އަށް ދަތިކުރުން ކަމަށެވެ. އަދި ރަޝިއާ އިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އުދުވާނީ ހަމަލާތަކަށް ކުރު މުއްދަތުގައި ވެސް އަދި ދިގު މުއްދަތުގައި ވެސް، ރަޝިއާ އިން ވަރަށް ބޮޑު އަގެއް އަދާކުރަންޖެހޭނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.
ރައީސް ބައިޑެންގެ މި އިންޓަވިއު މިހާރު ވަނީ ޔޫޓިއުބްގައި އާންމުކޮށްފަ އެވެ.
ރައީސް ބައިޑެން ވިދާޅުވި ގޮތުގައި އެއްވެސް ގައުމަކާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ވަގުތުން އޭގެ ނަތީޖާ ފެންނާނެ ފިޔަވަޅުތަކެއް ނޫނެވެ.
"ނަމަވެސް އަހަރެން ދެކޭ ގޮތުގައި މި ފިޔަވަޅުތަކަކީ ދުނިޔޭގެ ތާރީޚުގައި ވެސް އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް މިހާ ފުޅާގޮތެއްގައި އަޅާ ފުރަތަމަ ފިޔަވަޅުތައް. [ރަޝިއާގެ އަމަލުތަކަށް] ކުރު މުއްދަތުގައި ވެސް އަދި ދިގު މުއްދަތުގައި ވެސް، ހާއްސަކޮށް ދިގު މުއްދަތަކަށް ރަޝިއާ އިން އެކަމުގެ އަގު އަދާކުރާނެ."
ބައިޑެން ވިދާޅުވި ގޮތުގައި ރަޝިއާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ގެއްލުމާއި ނުރައްކާތައް ކުރިމަތިވާނީ ޔޫރަޕަށް އެކަންޏެއް ނޫނެވެ. މުޅި ޕެސިފިކް ސަރަހައްދަށާއި ދެކުނު ކޮރެއާ އާއި ޖަޕާނާއި އޮސްޓްރޭލިޔާ އަށް ވެސް މި ހަނގުރާމައިގެ ނުރައްކާތަކާއި ގެއްލުންތައް ކުރިމަތިވާނެ އެވެ.
ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ އަމާޒަކީ ނޭޓޯ އާއި ވިލާތުގެ ގައުމުތައް އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުން ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އަދި މިއަދު ވެސް ނޭޓޯ އާއި ވިލާތުގެ ގައުމުތައް އޮތީ ވަރަށް ބަދަހި ގުޅުމެއްގެ ތެރޭގައި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާ އިން ޔޫކްރޭނަށް ހަމަލާ ދޭން ފެށީ، ޔޫކްރޭނުން ވަކިވެ މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަމަށް ރަޝިއާ އިން އިއުތިރާފްވެ އެ ދެ ޖުމްހޫރިއްޔާގެ ވެރިންނާ އެކުގައި މުއާހަދާއެއްގައި ސޮއިކުރުމަށް ފަހު އެވެ.
ރަޝިޔާގެ ހަމަލަތަކުން ސަލާމަތްވުމަށް ޔޫކްރެއިން ބަޔަކު ދުވެފައި ދަނީ -- ފައިލް ފޮޓޯ: މިހާރު
އެ މުއާހަދާގެ ތިން ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން، އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަމާ ދެކޮޅަށް ޔުކްރޭނުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ރަޝިއާގެ ސިފައިން އެ ދެ ޖުމްހޫރިއްޔާ އަށް ފޮނުވާނެ އެވެ. އެދެ ސަރަހައްދަށް ރަޝިއާ ސިފައިން ފޮނުވުމަށް ފަހު، ޔޫކްރޭނާ ދެކޮޅަށް ހަމަލާތައް ދޭން ފެށީ، އެ ގައުމުގެ އިރުމަތީ ސަރަހައްދުގައި ތިބި ވަކިވެގަތުމަށް މަސައްކަތް ކުރާ ޖަމާއަތްތަކާ ދެކޮޅަށް ޔޫކްރޭން ސިފައިން ހިންގާ ގަތުލުއާންމުތައް ހުއްޓުވުމުގެ ނަމުގަ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވާ ގޮތުގައި ޔޫކްރޭންގެ އިރުމަތީގައި ތިބި، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް ޔޫކްރޭންގެ ސަރުކާރުން ގަތުލުއާންމުތައް ހިންގާތާ މިހާރު އަށް އަހަރު ވެއްޖެ އެވެ. ޕުޓިން ވިދާޅުވީ ޔޫކްރޭންގެ ބިމުން އެއްވެސް ސަރަހައްދެއް ހިފަން ރަޝިއާ ބޭނުން ނުވާ ކަމަށާއި، މިހާރު ދެމުންދާ ހަމަލާތަކުގެ އަމާޒަކީ ޔޫކްރޭނުން އެ ގައުމުގެ އިރުމަތީގައި ހިންގާ އުދުވާނީ ހަރަކާތްތައް ހުއްޓުވައި، ޔޫކްރޭންގައި އޮތް ނާޒީ ސިޔާސަތުތަކަށް ހުއްޓުމެއް ގެނައުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
120687
28 February 2022
ރާވެރިއެއްގެ ދަރިއަކަށް ވިޔަސް ހަތަރެތިން އެކަތި އޮންނާނެޔޭ މުސްކުޅިން ބުނެ އުޅޭ. ތިން ވަނަ ބޮޑު ހަނގުރާމަ ވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް ރަޝިޔާވެސް މި ފަހަރު ހިފާނީ ދޭތިން އެކައްޗަށެވެ. ކަލޭމެންނަށް އެއް ވަނަ އަދި ދެ ވަނަ ބޮޑު ހަނގުރާމައެވެ. ދެން އޮތީ ރަޝިޔާގެ ފަހަރު ކަމަށް ބެލެވެއެވެ. ކަލޭމެންނަށް ވުރެ ނިއުކްލިއަރ ހަތިޔާރު ގިނައެއް. ނުވިތާކަށް ނިއުކްލިޔަރ ބޯ އުފުލުމުގެ ގާބިލުކަން ހުރި ސުޕަރސޮނިކް ހަތިޔާރުވެސް އެ މީހުންގެ އަތުގައި އެބަހުރި.
ޙުސަންބޭ
27 February 2022
ތިންވަނަ ބޮޑުހަނގުރާމަ ނުފެށެނީސް، ރަޝިޔާ އައުޓް މުޒާހަރާއަށް ޕީޕީއެމް ކުދިން ފޮނުވަންވީއެވެ. ތިޔަ ހަނގުަރާމައިގެ ސަބަބުން އަހަރުމެންގެ މިކުޑަކުޑަ ރާއްޖެއަށް މިހާރުވެސް އަސަރުކޮށްފިއެވެ.
ކަބީކަބީ
27 February 2022
އާނ ފަހެ، ތަނެއްގަ ބަޔަކު ތަޅާފޮޅެންޏާ އެތަނަކަށް ބޯނުކޮއްޕާ ކަލޭމެން ތިބެގެންނުވާނެތާ. އެހެނެއްނޫން އެތައް ގައުމެއް ބަނޑަށްޖެހި ހާލުގަޖެހިފަތިބޭއިރު ހަނޑޫފުކެއްހާ ހިސާބުވެސް ދިއްކޮށްލުމެއްނޯވެއޭ ތަމެންނަކަށް.
އަފްރާސިޔާބު
27 February 2022
ކަނޑުކޮހުން ދައްކާ ޒާތުގެ ވަހާކަ ބޮޑު ބާރެއްގެ ވެރިޔާ ކަމަށް ހެދިގެން އުޅޭ ބަޔަކު ދެއްކުމަކީ ހައިރާން ވާންޖެހޭ ކަމެއް. ހުރިހާ ހަތިޔާރެއް އަފްގާނިސްތާނަށް އެއްލާލާފައި ދަންވަރު ފިލައިގެން ދިޔައީ ތިޔަ ބާރުގެ ވަރުގަދަ ކަމުންބާ؟
ވުލެޑް
27 February 2022
ދޮން ނަސްލުގެ ކުރިސްޓިއަން ގައުމަކަށް ރަޝިއާ ހަމަލާ ދިނީމަ މިވަރުގެ ސަމާލުގެ ދުނިޔޭގެ މީޑިއާއިން މި ހަނގުރާމައަށް މި ދެނީ މިއީ ނަސްލީ ތަފާތު ކުރުމުގެ ވިސްނުން މޫލައިފަ އޮތް މިންވަރު ، ޔުކުރޭނުގެ ރައްޔިތުންނަށް ގޯސްގޮތް ވާން އެދެނީ ވަރަށް ހިތެއް ނެތް މީހުން އެމީހުންގެ ވެސް ތިބޭނެ ޅަދަރިންނާ އާއިލާ ހަމަ އަހަރެމެނެކޭ ވެސް އެއް ގޮތަށް
ގަން
27 February 2022
ކަލޭމެން އޭތިމީތި ކިޔަިހެން ކިތައް އިސްލާމީ ގައުމު ސުންނާފަޔި ކޮއްފިން..ތީ ހަމަ އެކައްޗެއް..ރަޝިޔާ އަށްވުރެ ކަލޭމެންގެ ނުބައިކަން މާ ބޮޑު..
ށަވިޔަނި
27 February 2022
މޮޔަނުވޭ. އެމެރިކާ ގަ ތިބާރު ހުރިނަމަ އަފްޣާނިސްތާނުން ނުފާބާނެ. އިޤްތިޞާދީ ގޮތުން ބަލިވެނިކަމެތިވަނީ. ޔުކްރޭނަށްޓަކައި އެމެރިކާ ގެ އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ އެމީހުންގެ އިގްތިޞާދު ފުނޑުފުނޑުކުރަން.
ޕޫޓިން
27 February 2022
ބައެއްދިވެހިން ކުޑަކުޑަ ޔުކުރެއިން ފުނޑާލަން ރަޝިޔާއަށް ތާޢިދު މިކުރަނީ ރަޝިޔާގަ 100 މުސްލިމުން އުޅޭކަމަށް ހީކޮށްބާ؟
ނޫނު
27 February 2022
މަވެސް ރަޝިޔާ އަށް. ރަޝިޔާގެ އާބާދީގެ13 އިންސައްތަ އަށްވުރެ މަތީގަ އުޅެނީ މުސްލިމުން. 20 މިލިއަން މުސްލިމުން އެތާގަ އެބަތިބި. މުސްލިމުންނާ އިދިކޮޅު ހުޅަނގަށް ތާއީދުކުރާ ޔުކްރޭނުގަ ތިބީ މަދު އަދަދެއް.މިލިއަނަކަށްވެސް ނާރާ
އަފްރާސިޔާބު
27 February 2022
ބައެއް ދިވެހިން ފަލަސްޠީނުގެ ރައްޔިތުންނަށާއި ޔަމަނުގެ ރައްޔިތުންނަށާއި ސީރިއާގެ ރައްޔިތުންނަށް ހަމްދަރުދީގެ ބަހެއް ނުބުނަނީ އެއީ މުސްލިމުންނަށްވާތީބާ؟
ސަތޭކަ
27 February 2022
ކޮންމެ ދޭތެރެއަކަށް ދީން ނުަވައްދަބަލަ.
ހުސެން ބެންގަލޫރު
27 February 2022
ފަށަން ވެއްޖިއްޔާ ކޮންމެ ފަދަ އެއްޗެއްވެސް ފެށިދާނެ.
ނަޓީ
27 February 2022
މިދެން ކިހާ ބޮޑުވެއްޖެ ކަމެއް. ކޮވިޑުން ނެއްޓި ނޭވާލެވުނީ އަދި އިއްޔެ. މިހާރު ބޮޑުހަނގުރާމަ ފަށަނީ. މިމީހުން ހަތިޔާރުތައް އުފައްދަ އުފައްދައިގެން ރެޑީވަނީ އެ ތަކެތި ޓެސްޓްކުރެވޭނެ ދުވަހަކަށް. ވަރިހަމަ ކިތަންމެ ބަޔަކު މަރުވިއަސް. ކޮންމެ ބަޔަކަށް ހީވަނީ އެބަޔަކު މޮޅުވެގެން ދުނިޔޭގެ ވެރިކަން ކުރެވޭނެ ކަމަށް.