ހުޅުމާލޭގެ މަގެއް: ބަމްޕަރުގެ ކުލަ އާކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އެބަދޭ--
02 މާޗް 2022 - 12:33
ހުޅުމާލޭގައި ކުލަ ފަނޑުވެފައި އޮތް ބަމްޕަރެއްގެ މަތިން ކަހާލައިގެން ސައިކަލެއްގައި ވެއްޓި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާން އަންހެނަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އެއާ އެކު، އާންމުންގެ ރުޅިވެރިކަމާއި ފާޑުކިޔުންތައް އަމާޒުވީ އެޗްޑީސީ އަށެވެ. ރޯމާ ދުވާލު ވެސް ބަމްޕަރުތަކުގެ ކުލަ ފެންނަ ވަރަށް ބަމްޕަރުތަކުގައި ކުލަ ނެތުމުންނެވެ.
މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިނގިލީ މެމްބަރު އީމާންގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އީމާން ނިއާވީ ބަމްޕަރުގެ ކުލަ ފޮހެވިފައި އޮތުމުން ކަހާލައިގެންނެވެ. ބެލެވޭ ގޮތުގައި އޭނާ ވެއްޓުނީ ބާރު ސްޕީޑެއްގައި ދަނިކޮށް ކުއްލިއަކަށް ބަމްޕަރު ފެނުމާ އެކު ބުރަކި ޖެއްސިތަނާ ކަހާލައިގެންނެވެ.
އެ އެކްސިޑެންޓާ އެކު ޖެހިގެން އައި ދުވަހު އެޗްޑީސީން ހެނދުނު ހެނދުނާ ހުޅުމާލޭގެ މަގުތަކުގައި ހުރި ބަމްޕަރުތަކުގައި ކުލަ އާކުރަން ފެށި އެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެ މީހުން ބުނަމުންދިޔައީ ހިތާމަވެރި ހާދިސާއެއް ހިނގުމުން ކަންކަން ރަނގަޅުކުރުމުގެ ބަދަލުގައި ކުލަ ފިލަން ފުރުސަތު ނުދީ އަވަސް އަވަހަށް ކުލަ އާކުރަން ޖެހޭ ކަމަށެވެ.
"ހައެއްކަ އެކްސިޑެންޓް ހިނގައި ހޮސްޕިޓަލަށް ދެތިން މީހަކު ގެންގޮސް ސަހަރާގައި ވެސް ދެތިން މީހުން ވަޅުލީމަ ތިކަންކަން ރަނގަޅު ކުރަންދޯ ތި ތިބެނީ،"
އަނެއް ބަޔަކު ފާހަގަކުރީ ހުޅުމާލޭގެ ބައެއް ބަމްޕަރުތަކުގައި ރަނގަޅަށް ކުލަ ނެތުމާއި މަގުތައް އަލި ނޫންވުމުގެ މައްސަލަ އެވެ. އެހެންވެ، ރޭގަނޑު ވަގުތު އުޅަނދުތައް ދުއްވާފައިދާއިރު ބަމްޕަރުތައް ވެސް ނުފެންނަ ކަމަށް މީހަކު ބުންޏެވެ.
ހުޅުމާލޭގައި ކުލަ ފަނޑުވެފައި ހުރި ބައެއް ބަމްޕަރުތައް ހުންނަ ސަރަހައްދުތައް ވެސް ބައެއް މީހުން ފާހަގަކުރި އެވެ. އޭގެ ތެރޭގައި މާލެއިން ހުޅުމާލެއަށް ގޮސް އަރާއިރު ޕެޓްރޯލް ޝެޑް ކައިރީ ބަމްޕަރުގައި ކުލަ ނެތްކަން ފާހަގަކުރެ އެވެ.
ބަމްޕަރުތަކުގެ މައްސަލައާ އެކު ބާރު ސްޕީޑުގައި ހުޅުމާލޭގައި ސައިކަލު ދުއްވާ މައްސަލަ ވެސް ބައެއް މީހުން ފެންމަތިކުރި އެވެ.
"ހިނގާދިޔަ ކަންކަން ހިތާމަވެރި. އެޗްޑީސީގެ މައްސަލަ ވެސް އެބަ އޮތް. މާލޭ ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަ ވެސް ބޮޑު،" ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މީހަކު ބުންޏެވެ.
އެ މައްސަލަ ހޫނުވެފައިވާއިރު ހުޅުމާލޭ ބަލަހައްޓަމުން އަންނަ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ސުހައިލް އަހުމަދު، "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގުމުގެ ކުރިން ވެސް އެޗްޑީސީން އައީ ބަމްޕަރުތަކުގެ ކުލަ އާ ކުރުމުގެ ބުރެއް ކުރިއަށް ގެންދަމުން ކަމަށެވެ.
އޭނާ ވިދާޅުވީ އީމާން އެކްސިޑެންޓުވި ބަމްޕަރުގެ ކުލަ އޮތީ އެކީ ފޮހެވިފައި ނޫން ކަމަށާއި އެކަމަކު އެ ބަމްޕަރުގެ ކުލަ ފަނޑުވެފައިވާ ކަމަށެވެ.
"އެ ބަމްޕަރުގެ ކުލަ މުޅިން ފޮހެވިފައެއް ނޫން ހުރީ. ދުވާލަށް ކުލަ ފެންނަވަރަށް ހުރީ. އެކަމަކު ކުލަ ފަނޑުވެފައި ހުރި ކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަން،" ސުހައިލް ވިދާޅުވި އެވެ.
ހުޅުމާލޭގެ މަގެއްގެ ކަންމައްޗަށްވާ ގޮތަށް އޮތް ބަމްޕަރެއް--
އެކަމަކު މިހާރު އެޗްޑީސީން ވަނީ ކުލަ ފަނޑުވެފައި ހުރި ބަމްޕަރުތަކުގެ ކުލަ ދުރަށް ފާޅުވާ ވަރަށް ކުލަ އާކޮށްފަ އެވެ.
ކުލަ އާކުރިއިރު ހުޅުމާލޭގެ ބައެއް ބަމްޕަރުތަކުގެ ކުލަ ރޭގަނޑު ސާފު ނުވާ މިންވަރަށް ފަނޑުވެފައި ހުއްޓެވެ. އަދި ބައެއް ސަރަހައްދުތަކުގައި ހުރި ބަމްޕަރުތައް ނަގާފައި ހުރިއިރު އެތަންތަން ހުރީ މަގުގެ ތާރުގަނޑު އަޑިއަށްވާ ގޮތަށެވެ. އެ ތަންތަން އެއްވަރު ނުކުރާތީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި ހާދިސާއެއް ހިނގުމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ކުރިން ފިޔަވަޅު އަޅަން ގޮވާލަމުން އެބަދެ އެވެ.
އީމާންގެ މަރާ އެކު ބަމްޕަރުތަކުގެ މައްސަލަ ބޮޑުވެފައިވާއިރު ހުޅުމާލޭގެ ބޭރު މަގު އަނދިރިވުމުގެ ޝަކުވާ ވެސް ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
03 March 2022
ހުރިހާކަމެއް އެޗްޑީސީ ބައްކުރީމާ ވާނެ ހަތެރެތި މިވަނީ!
ކްއިކް ގަން މުރުގަން
03 March 2022
މަޑުން ދުއްވާ އޭރުން ރަނގަޅުވާނެ.
ކިމް
03 March 2022
ސެންޓްރަލް ޕާކް ކައިރިން ހޮސްޕިޓްލަށް ދާން ލަނބާލާ ތަނުގަ ޢިންނަ ބަންޕަރުގަ އެންމެ ކުލަކޮޅެއްވެސް ނެތް ހަމަ ގައިމުވެސް މީގެ 2 އަހަރު ކުރިންނެއް. މަޑުން ދުއްވާފަ ދިޔައީމަ ސަލާމަތްވީ. ބަންޕަރެއް އިންކަންވެސް ނޭންގޭ.
ޢަލިދީދީއައްޑޫސިޓީ
03 March 2022
ބައެއް ކަންތައް ދުނިޔޭގެ އެހެން ގައުމުތަކުގަ ކުރާހެން ކުރަންއުޅޭ. މަގުމަތީގައި ޓްރެފިކް ނިޝާންތައް ޖަހަންވީ ނޫންތޯ؟ އޭރުން ތިޔަބުނާހެން އިރުއިރުކޮޅުން ހިރަފުސް ވިޔަސް ބޯޑުން ބުނެދޭނެތާ ބަމްޕަރެއް ކުރީގައި އެބައޮތޭ. ގޯޅިއެއް އެބައޮތޭ. ނޫނީ ކަފިހި ހުރަސް ނުވަތަ ޒިބްރާކްރޮސް އެއް އެބައޮތޭ. ނުވަތަ ދުވެލިމަޑުކުރާށޭ. ރޭގަނޑު ވެސް ބޯޑުތައް ދިއްލޭގޮތަށް ހުންނައިރު އެކަހަލަ ބޯޑުތައް މުޅި ރަށުގައި ހަރުކުރަންވީ ނޫންތޯ؟ އެވަރަށް ވެހިކަލްފީއެބަދައްކަމޭ!
2222
02 March 2022
ދަވާދުލާފަ ނެތީމަ ބާ ބާރު ސްޕީޑްގައި ކުދިމަގުތަކުގައި ދުއްވަނީ. ދަވާދުލާފަ ނެތީމަ ބާ ފޯނާ ކުޅެމުން ވެހިކަލްތައް ދުއްވަނީ. ދަވާދުލާފަ ނެތީމަބާ ސިގްނަލް ނުދީ ގޯޅިއަޅަނީ. ދަވާދުލާފަ ނެތީމަބާ ގަޔާ ދިމާލަށް ދުއްވާފައި އަންނަނީ. އަދި ދަވާދުލާފަ ނެތީމަބާ ޒިބްރާ ކްރޮސްއަށް މަޑުނުކުރަނީ. ނޫން ހަމަ ގޮތެއް ފޮތެއް ނެތީ.
ޙަމެ
02 March 2022
މިހާރު މަގު ބައްތި އަނދައިގެން ގުޅާފަ ބުންނަސް ވާކަމެއް ނޯވެ މިމީހުންނަށް
ބޮޑުމީހާ
02 March 2022
ބަމްޕަރ ހަރުކުރުމުގައި އެއްވެސް ވިސްނުންތެރިކަމެއް ނެތް. ހީވަނީ ވަކި ދުރުމިނެއްގަ ބަމްޕަރ ހުންނަންޖެހޭނެކަމަށް. ސީދަލަށް އޮންނަ މަގެއްގައި ހުރަސް ގޯޅިއެއް، ކަފިހުރަހެއް ނެތިއްޔާ ބަމްޕަރގެ ބޭނުމަކީ ކޮބާބާ؟
ވޯލް
02 March 2022
އެހެން މީހުން ގޯސްކުރާނެ ކަމެއް ނެތް. ހަމަ ދުއްވޭލެއް ބާރީ. ދެން އޮތް ކަމަކީ، ޖަޒިރާ ޤައުމެއްގައި މީހުން އެއްތަނަކަށް ޖަމާކޮށްގެން ބައިބޯކުރީމަ ވާގޮތް މީ.
ޓިޕިކަލް މޯލްޑިވިއަން
02 March 2022
މިއީ ދިވެހިންގެ ގޮތެވެ. މީހަކަށް ދެރަކަމެއް ދިމާވެއްޖެނަމަ އޭގެ ބްލޭމް ކޮންމެވެސް އެހެން މީހަކަށް އަބުރާލެވޭތޯ ބަލާނެއެވެ. ބަންޕަރުގެ ކުލަ ނޭގުނަސް އެއްޗެހި ދުއްވަންވާނީ ދިމާވެދާނެ ނުރައްކަލަކަށް ބަލައިގެންނެވެ. ބަންޕަރެއްނެތަސް ހަމަ ކުއްލިއަކަށް ބުޅަލެއްވެސް ހުރަސްކޮށްފާނެއވެ. އެފަދަ ދަޑިވަޅުގައި ގޯސްކުރާނީ ބުޅަލެވެ. އަމިއްލައަށް ސަލާމަތްތެރިކަން ހޯދަން އެއްވެސް މަސައްކަތެއް ނުކުރާނެއެވެ
ރަންދެލި
02 March 2022
އެޗް.ޑީ.ސީ އަކީ ވަކި ދައުލަތެއް! މަގު ހެދިޔަސް މަގުމެދުގަ ގަސްފޮށިގަނޑު ބެހެއްޓިޔަސް، މަގު ބައްތި ޖަހާ އަލި ކުރިޔަސް އެމެން ކުރާނީ އެމެން ބޭނުންވާ ގޮތަކަށް! އެޗްޑީސީ އަށް ހަމަ ސާބަސް!