އެމެރިކާގެ ރައީސް ޖޯ ބައިޑެން (މ) އެމެރިކާގެ ކޮންގްރެސްގައި އޭނާގެ ފުރަތަމަ ރިއާސީ ބަޔާން އިއްޔެ އިއްވަވަނީ. --އޭއެފްޕީ
02 މާޗް 2022 - 12:27
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއަކީ އަމިއްލައަށް ފެންނަ ގޮތަކަށް ވެރިކަމުގެ ކަންތައް ހިންގަވާ ހުދުމުހުތާރު ޑިކްޓޭޓަރެއް ކަމަށާއި، ރަޝިޔާ ސިފައިން ލައްވާ ޔޫކްރޭނަށް މިހާރު ދެމުންދާ ހަމަލާތަކުގެ އަގު، ރައީސް ޕުޓިން ދައްކަންޖެހޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ރޭ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ކޮންގްރެސްގައި ރޭ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ބައިޑެން ވިދާޅުވީ ޔޫކްރޭނަށް އަރައިގަތުމުގައި ޕުޓިން ހިސާބު ޖެއްސެވީ ނުބައިކޮށް ކަމަށެވެ.
"މީގެ ހަ ދުވަސް ކުރިން ރަޝިޔާގެ ލަޑިމިއާ ޕުޓިން މަސައްކަތް ކުރީ، އޭނާގެ ބިރުދެއްކުންތަކަށް މިނިވަން ދުނިޔެ ބޯލަނބާނެ ކަމަށް ހީކޮށް، މިނިވަން ދުނިޔޭގެ ބިންގާ ގުޑުވައިލަން. އެކަމުގައި އޭނާ އަށް ހިސާބު ޖެހުނީ ވަރަށް ގޯސްކޮށް،" ބައިޑަން ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވީ ޕުޓިން ހީކުރެއްވީ އޭނާ ބޭނުން ގޮތެއް ޔޫކްރޭނަށް ހަދައިލެވޭނެ ކަމަށާއި، އެ ހުރިހާ ކަމެއް ކުރާއިރު ދުނިޔެ ބަލަން އޮންނާނެ ކަމަށެވެ.
"އޭގެ ބަދަލުގައި އޭނާއާ ކުރިމަތީވީ އޭނާ ހީވެސް ނުކުރާ އަދި ހިޔާލަށް ވެސް ނުގެނެވޭ ފަދަ ވަރުގަދަ ފާރެއް. އޭނާއާ ބައްދަލުކުރީ ޔޫކްރޭންގެ ރައްޔިތުން،" ބައިޑެން ވިދާޅުވި އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން. --ފޮޓޯ:އޭއެފްޕީ
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އުދުވާނުގެ ކުރިމަތީގައި ހުޅަނގުން ދައްކަމުން އަންނަ އެއްބައިވަންތަކަމަކީ ރަޝިޔާ އަށް ކުރިމަތިވި ވަރަށް ބޮޑު ވޭނަކަށް ވެއްޖެ އެވެ. އަދި އެއީ ޔޫކްރޭންގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ތާއީދެއް ކަމަށާއި، އޭގެ ސަބަބުން ރަޝިޔާގެ އުދުވާން ވަރަށް ބޮޑަށް ބަލިކަށިވަމުންދާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
"ދުރާލައި ރާވައިގެން ޕުޓިން ޔޫކްރޭނަށް ގަސްދުގައި ދިން ހަމަލާއަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އުދުވާނެއް ނޫން. ޑިޕްލޮމެޓިކް ގޮތުން މައްސަލަ ހައްލުކުރުމަށް ތަކުރާރުކޮށް ތަކުރާރުކޮށް ކުރި މަސައްކަތަށް އޭނާ ވަނީ ދެކޮޅު ހަދާފައި. އޭނާ ހީކުރީ ހުޅަނގާއި ނޭޓޯ އިން އޭނާ އަށް ރައްދެއް ނުދޭނެ ކަމަށް. އޭނާ ހީކުރީ އަހަރެމެންގެ ގޭގައި އަހަރެމެންގެ މި މާލަމުގައި އަހަރެމެންގެ މި ގައުމުގައި އަހަރެމެން ބައިބައިކުރެވޭނެ ކަމަށް. ޕުޓިންގެ އެ ހީކުރުން މުޅިން ނުބައި. އަހަރެމެން މިތިބީ ތައްޔާރަށް."
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދެއްވި ރިއާސީ ބަޔާނުގައި ބައިޑެން ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި މުޅި ދުނިޔޭގެ ވިސްނުމާ ދެކޮޅަށް ރަޝިޔާ އިން ކުރާ ހަނގުރާމައިން ރަޝިޔާއަށް ކުރިފަސް ނުލިބޭނެ ކަމަށެވެ.
އެމެރިކާގެ ހަމަލާތަކުގައި ހަލާކުވި އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު، ޔޫކްރޭންގެ ރެސްކިޔު ޓީމުން ނަގައިގެން ގެންދަނީ. --އޭއެފްޕީ
"އަބަދުވެސް އަނިޔާވެރި ކަމުގެ މައްޗަށް، މިނިވަންކަމަށް ނަސްރު ލިބޭނެ،" ފުރަތަމަ ރިއާސީ ބަޔާނުގައި ބައިޑެން ވިދާޅުވި އެވެ.
ބައިޑެން ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާއަށް ނުފޫޒު ފޯރުވާ ރަޝިޔާގެ މަހުޖަނުން ނަހަމަ ގޮތުގައި ހޯދާފައިވާ މުއްސަނދިކަމުގެ ފަހަތުން އެމެރިކާ ގޮސް، އެމީހުންގެ ޔޮޓްތަކާއި އެމީހުންގެ އަގު ބޮޑު އެޕާޓްމަންޓްތަކާއި އެމީހުންގެ ޕްރައިވެޓް ޖެޓްތައް ވެސް އެމެރިކާ ސަރުކާރަށް ނަގާނެ އެވެ. އޭގެ އިތުރުން ރަޝިޔާގެ އެންމެހައި މަތިންދާބޯޓުތަކަށް އެމެރިކާގެ ވައިގެ ސަރަހައްދު ބަންދުކުރައްވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ޕުޓިންއާ ކުރިމަތިލުމަށްޓަކައި، އޭޝިޔާ އާއި ޔޫރަޕާއި އެފްރިކާ އަދި އެމެރިކާގައި ހުރި މިނިވަންކަމަށް ލޯބިކުރާ ގައުމުތަކުގެ ކޯލިޝަނެއް އުފެއްދުމަށް އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަތާ މަސްތަކެއް ވެއްޖެ ކަމަށް ބައިޑެން ވިދާޅުވި އެވެ. ޔޫރަޕްގައި ތިބި އެމެރިކާގެ ބައިވެރިން އެކުވެރިކުރުމަށް ވެސް، ގުނައި އަދަދު ނުކުރެވޭހާ ގިނަ ވަގުތު ހޭދަކުރެވުނު ކަމަށާއި، ޕުޓިން ރާވަމުންދާ ނުބައި ރޭވުންތަކާ ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތު ބައިވެރިންނާ ހިއްސާކުރެއްވި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ދުނިޔޭގެ ތެލާއި ގޭހުގެ ބާޒާރުގައި އަގުތައް އުފުލެމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެމެރިކާ އައި އެމެރިކާގެ ބައިވެރިން މިހާރުވަނީ އެ ގައުމުތަކުގެ ރިޒާވްގައި ހުރި 60 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް ނިންމައިފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ އެމެރިކާގެ ސްޓޭޓްތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޞްރު ﷲ
05 March 2022
މީނާ މަރާލާނެ މީހަކީ ކާކު؟. ފަލަސްޠީނުގެ އެތަކެއް ގެ ލެޔިން މީނާޣެ އަތްވަނީ ފޯވެފައި.
ގތވތ
03 March 2022
ދެފުއްކެހެރި ބައިޑެން..
އައްޔާސް
03 March 2022
ޔުކުރޭނުގެ ރައީސަކަށްހުރީ ޔަހޫދީ ދަރިކޮޅުގެ މީހަކަށްވާތީ ތިހާވަރުވެގެންތިއުޅެނީ.
ޙައްގުބަސް
02 March 2022
ޕުޓިންކަހަލަ ޑިކްޓޭޓަރެއް އަތުގަ ނިއުކުލިޔަރ ހަތިޔާރު ހުރީމަ ހީކުރާނެ ދުނިޔެ އޮންނަންޖެހޭނީ އޭނަގެ އަތްދަށުގައޭ، މިފަހަރު ރީތި ބޮނޑިއެއްބޯނެ.
ޢަހްމަދު007
02 March 2022
މިނާ ރަގަޅު ޑިކްޓޭޓަރޭ ކިޔާގެން ވާހަކަ ދައްކަން.
120687
02 March 2022
އެމެރިކާގެ ލާއިންސާނީ ޢަމަލުތައް ނޫސްވެރިން ގެނެސްދީބަލަ. މިހާތަނަށް އެމެރިކާ ނޫނީ އިންސާނުންނާ ދެކޮޅަށް ފާނަކުރަނިވި ނިއުކުލިޔަރު ހަތިޔާރު ބޭނުންކުރި ގައުމެއް ކޮބާ. އެތައް އިންސާނުންނެއް ނުޙައްގުން ލާއިންސާނީ ގޮތެއްގައި އެމެރިކާއިން ވަނީ ގަތުލުކޮށްފައި. އެހެންވީމާ ޑިކްޓޭޓަރުންނަކީ ކޮބައިކަން މާ ބޮޑަށް ވެސް އޮޅިއްޖެ.
ޓުރަމްބެ
02 March 2022
އެމީހުންގެ ޔޮޓްތަކާއި އެމީހުންގެ އަގު ބޮޑު އެޕާޓްމަންޓްތަކާއި އެމީހުންގެ ޕްރައިވެޓް ޖެޓްތައް ވެސް އެމެރިކާ ސަރުކާރަށް ނަގާނެ އެވެ." މިއީ ބޭނުމަކީ..
ޙަބީބު.
02 March 2022
ތިޔަބުނި ހުރިހާ އެއްޗެއް ރައްދުވަނީ ތިމާގެ ގައުމަޝާ ތިމާގެ ގައުމުގެ ވެރިންނަޝާ އިޒްރޭލައް
ކޮބާމިނިސްޓަރު
02 March 2022
ރަޝިޔާގެ މަހުޖަނުންގެ ޔޮޓްތައް ފަހަތުން ގޮސް ނަގާނަމޯ އެބުނީ. މިހާރު އެ ޔޮޓްތައް ރާއްޖޭގަ ވީމަ ދެން ފެންނާނީ ކޮން މަންޒަރެއްބާ؟
ރަދީފްގަމާރު
02 March 2022
ކޮންމެ މަންޒަރެއް ފެނުނަސް، މަމެން ތާއީދުކުރާނީ ރަސިޔާއަށް. ރަަިޔާގަ ވަރަށް ދޮންބިސް އަގުހެޔޮވާނެ.
ޙަބީބު
02 March 2022
އެމީހުނަށް މަހުޖަނުންނަށް ވެވުނީ ޕުޓިންނަށް ކެމްޕެއިން ކޮއްދޭތީތަ؟ ރަސިޔާވެސް ހާދަ ކޮރަޕްޓޭ.
ބައިޑަން އަމާ
02 March 2022
ޖޯޖް ޑަބްލިޔު ބުޝް ނުވޭ ޑިކްޓޭޓަރ އަކަށް ވެސް އަދި ޓެރެރިސްޓް އަކަށް ވެސް. ހަމަ ސާފު ހުދު ފޮތިކޮޅެއް