ދުނިޔެ / ޔުކްރެއިން

ޔޫކްރޭނާއި ރަޝިޔާގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވަނީ

ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް

08 މާޗް 2022 - 12:47

1 comments

ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އާއި ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމީޓްރޯ ކުލޭބާ، އަންނަ ބުރާސްފަތި ދުވަހު ތުރުކީ ވިލާތުގައި ބައްދަލުކުރައްވަން އެއްބަސްވެވަޑައިގެންފި ކަމަށް ތުރުކީ ވިލާތުން އިއްޔެ ބުނެފި އެވެ.

ތުރުކީ ވިލާތުގެ ހާރިޖީ ވަޒީރު މައުލޫދު ޖާވިޝް އޯގްލޫ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ދެ ބޭފުޅުން ބައްދަލުކުރެއްވުން އޮންނާނީ، ތުރުކީ ވިލާތުގެ ދެކުނު ރަށެއް ކަމަށްވާ އަންތަލްޔާގައި ބުރާސްފަތި ދުވަހު ބާއްވާ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ފޯރަމްގެ ހަވާސާގަ އެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެ ދެ ގައުމުގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ނޭޓޯ އިން ފާޅުގައި ދެކޮޅު ހަދަމުން އަންނަ އިރު، ނޭޓޯގެ މެންބަރެއްގެ ގޮތުގައި އޮވެ ތުރުކީން ބުނެފައިވަނީ އެ ގައުމުން ގެންގުޅޭނީ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެއް ކަމަށެވެ. އެ ގޮތުން ރަޝިޔާގެ އެ އަމަލުތައް ގަބޫލުނުކުރެވޭނެ ކަމަށް ތުރުކީން ބުނާ އިރު، ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކާއި ނޭޓޯ އިން އަޅާ ފިޔަވަޅުތަކަށް ވެސް ތުރުކީން ވަނީ ދެކޮޅު ހަދައިފަ އެވެ.

ކަޅޫ ކަނޑުގެ އައްސޭރި ފަށުން، ޔޫކްރޭނާއި ރަޝިޔާއާ ވެސް ގުޅިފައި އޮންނަ ތުރުކީ ވިލާތުން ވަނީ، ޔޫކްރޭން ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ގޮތުން މަސައްކަތް ކޮށްދިނުމަށް ހުށަހަޅައިފަ އެވެ. ތުރުކީ ވިލާތަކީ ޔޫކްރޭނާއި ރަޝިޔާއާ އެކުގައި ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.

ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމީޓްރޯ ކުލޭބާ (ކ) އާއި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބަލިންކެން މިދިޔަ ހަފުތާގައި ބައްދަލުކުރައްވަނީ. --އޭއެފްޕީ

ތުރުކީގެ ހާރިޖީ ވަޒީރު މައުލޫދު ވިދާޅުވި ގޮތުގައި އޭނާ މިދިޔަ އާދީއްތަ ދުވަހު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި އެވެ. އެ މަޝްވަރާތަކުގައި އޭނާ ވަނީ، ހަނގުރާމަ ހުއްޓުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ އިސް ނެންގެވުން ރަޝިޔާގެ ރައީސް ޕުޓިން އަށް ތަކުރާރުކޮށް ދަންނަވައިފަ އެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރު، ތުރުކީ ވިލާތުގެ އިސްނެގުން ގަބޫލު ކުރައްވައި، ޔޫކްރޭންގެ ހާރިޖީ ވަޒީރާ އެކުގައި މަޝްވަރާ ކުރެއްވުމަށް އެއްބަސްވެވަޑައިގަތީ އޭގެ ފަހުން ކަމަށް ވެސް ތުރުކީ ވިލާތުގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

"އަހަރެމެން ވަރަށް ބޮޑަށް އުންމީދު ކުރަން މި ބައްދަލުވުމަކީ މި މައްސަލަ ބަދަލުވެގެންދާނެ ބައްދަލުވުމަކަށް ވާނެ ކަމަށް. މިއީ ސުލްހަޔާއި ހަމަޖެހުމަށްޓަކައި ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. އެ ދެ ގައުމުގެ ހާރިޖީ ވަޒީރުން ވެސް ވަނީ އަޅުގަނޑު ވެސް ހާޒިރުވެ އިނދެގެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައި،" ތުރުކީ ވިލާތުގެ ހާރިޖީ ވަޒީރު މައުލޫދު ޖާވިޝް އޯގްލޫ ވިދާޅުވި އެވެ.

ރަޝިޔާގެ ހާރިޖިއްޔާގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވެސް ވަނީ، މި ބައްދަލުވުން ކުރިއަށް ދާނެ ކަން ޔަގީންކޮށްދެއްވައިފަ އެވެ. ޔޫކްރޭންގެ ހާރިޖީ ވަޒީރު ކުލޭބާ މީގެ ކުރިން ވިދާޅުވެފައިވަނީ، ރަޝިޔާގެ ހާރިޖީ ވަޒީރާ އެކުގައި ބައްދަލުކުރައްވާނީ، އެކަމަކީ މާނަހުރި ކަމެއް ކަމުގައިވާ ނަމަ ކަމަށެވެ.

ދެ ގައުމުގެ ހާރިޖީ ވަޒީރުން ތުރުކީ ވިލާތުގައި ބައްދަލުކުރައްވަން މި އެއްބަސްވެވަޑައިގަތީ، ދެ ގައުމުން ކަނޑައަޅާފައިވާ ދެ ވަފްދުގެ މެދުގައި ސުލްހައިގެ ވާހަކަތަކުގެ ތިން ވަނަ ބުރެއް އިއްޔެ، ބެލަރޫސްގައި ބާއްވާފައި ވަނިކޮށެވެ. ޔޫކްރޭނުން ބުނި ގޮތުގައި އިއްޔެގެ މަޝްވަރާތަކުން ލިބުނީ ވަރަށް ކުޑަ ކުރިއެރުމެކެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީތާާ

08 March 2022

ރަޝިއާ ގޯ ޑައުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454