ދުނިޔެ / ޔުކްރެއިން

ރަޝިޔާ އާއި ޔޫކްރޭންގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައިފި

ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް

10 މާޗް 2022 - 16:01

ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އާއި ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ، ތުރުކީ ވިލާތުގެ އަންތަލްޔާގައި މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ތުރުކީ ވިލާތުގެ އިސް ނެގުމުގެ މަތިން، ތުރުކީ ހާރިޖީ ވަޒީރު މައުލޫދު ޖާވިޝް އޯގްލޫގެ ހާޒިރުގައި މި ބައްދަލުވުން ބޭއްވީ އެ ގައުމުގެ ރިސޯޓެއް ކަމަށްވާ އަންތަލްޔާގައި މިއަދު ބޭއްވި ޑިޕްލޮމަސީ ފޯރަމްގެ ހަވާސާގަ އެވެ. ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން، ރަޝިޔާ އާއި ޔޫކްރޭންގެ ހާރިޖީ ވަޒީރުން ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމަށް ވަދެވަޑައިގަތުމުގެ ކުރިން ޔޫކްރޭންގެ ހާރިޖީ ވަޒީރު ކުލޭބާ ވިދާޅުވީ، ރަޝިޔާގެ ހާރިޖީ ވަޒީރާ އެކުގައި ބާއްވާ ބައްދަލުވުމުން ނަތިޖާއަކަށް ކުރެވޭ އުންމީދު ވަރަށް ކުޑަ ކަމަށެވެ.

މި ބައްދަލުކުރެއްވުމަށް ފަހު، ދެ ގައުމުގެ ހާރިޖީ ވަޒީރުން ވެސް ވަނީ ވަކިވަކިން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވައިފަ އެވެ. ޔޫކްރޭންގެ ހާރިޖީ ވަޒީރު ކުލޭބާ ވިދާޅުވީ ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުން މި ވަގުތު އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ، ޔޫކްރޭންގެ އިރުމަތީގައި އޮންނަ މަރިއުޕޯލާ އަށް ކަމަށެވެ.

ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން އެ ސަހަރު ދޫކޮށް ދިއުމަށްޓަކައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް، ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އެއްބަސްވެވަޑައިނުގެންނެވި ކަމަށް ކުލޭބާ ވިޑާޅުވި އެވެ. މިއަދުގެ ވާހަކަތަކުން ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން ކުރިއެރުމެއް ނުލިބުނު ނަމަވެސް، ރަޝިޔާގެ ހާރިޖީ ވަޒީރާ އެކުގައި އިތުރަށް މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުލޭބާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އުދުވާނުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި ހަތިޔާރު ބަހައްޓައި އަމާން ދިނުމަކީ ޔޫކްރޭނުން ކުރާނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދުގެ މަޝްވަރާގައި ރަޝިޔާގެ ހާރިޖީ ވަޒީރު ލަވްރޯވް ދެއްކެވި ވާހަކަތައް ހުރީ، އަމާން ދިނުމަށް ޔޫކްރޭންގެ ކިބައިން ރަޝިޔާ އެދޭ ފަދަ މޭރުމަކުންނެވެ.

ރަޝިޔާގެ ހަމަލާތައް ކިތަންމެ ވަރުގަދަ ނަމަވެސް، ނޭޓޯ އޮތީ ރަޝިޔާގެ އުދުވާން ހުއްޓުވުމަށް ހަރަކާތްތެރިވާ ގޮތަކަށް ނޫން ކަމަށް ވެސް ކުލޭބާ ވިދާޅުވި އެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރު ލަވްރޯވް ވިދާޅުވީ ޔޫކްރޭން ބޭނުންވަނީ ބައްދަލުވުމަކަށް ފަހު ބައްދަލުވުމެއް ބާއްވަން ކަމަށާއި ނަތީޖާއެއް ނެރުމުގެ ވިސްނުމެއް ޔޫކްރޭންގައި ނެތް ކަމަށެވެ. އެހެން ނަމަވެސް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ހުންނެވީ، ސީދާ ވަކި ކަމަކަށް އަމާޒުކޮށްގެން ނަތީޖާއެއް ނެރެން ބޭނުންވާ ނަމަ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ވެސް ބައްދަލުކުރައްވަން ތައްޔާރަށް ކަމަށް، ލަވްރޯވް ވިދާޅުވި އެވެ.

ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ހަތަރު ޝަރުތެއް ހުށަޅާފައި އޮތް އިރު، އެ ޝަރުތަކާ ގުޅޭ ގޮތުން ޔޫކްރޭނުން ދޭ ޖަވާބަކަށް ރަޝިޔާ އަދިވެސް އިންތިޒާރު ކޮށްގެން އޮތް ކަމަށް ވެސް ލަވްރޯވް ވިދާޅުވި އެވެ. އެ ޝަރުތުތައް ޔުކްރޭނުން ގަބޫލުކުރުމާ ހަމައަށް، މިހާރު ރާވާފައިވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ވެސް ލަވްރޯވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުން ދަނީ ޔޫކްރޭނަށް ނުރައްކާތެރި ހަތިޔާރުތައް ފޯރުކޮށްދެމުންނެވެ. ހުޅަނގުގެ އެ އަމަލުތަކުގެ ސަބަބުން އަހަރުތަކަކަށް ދެމިގެންދާނެ ނުރައްކަލެއްގެ ތެރެއަށް މުޅި ސަރަހައްދު ވެއްޓިގެންދާނެ ކަމަށް ވެސް ލަވްރޯވް ވިދާޅުވި އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454