ތަމްރީންތަކުގައި އުޅެނިކޮށް މަރުވި ރާފިއު: އޭނާ ތަމްރީނަށް ފުރިއިރު ވެސް ހުރީ ހުން އައިސްފައި.
16 މާޗް 2022 - 12:23
ސިފައިންގެ ތަމްރީނަށް ގޮސް އުޅެނިކޮށް، މުހައްމަދު ރާފިލް ކުއްލި ގޮތަކަށް މަރުވި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން އެކުލަވައިލި ޓީމުން އޭނާގެ ބައްޕަ އާއި މަންމަގެ ބަޔާނެއް ނަގައިފި އެވެ.
ރާފިލްގެ ބައްޕަ "މިހާރު" އަށް މިއަދު ބުނީ އުމުރުން 19 އަހަރުގެ ދަރިފުޅުގެ މަރާ ގުޅިގެން އެމްއެންޑީއެފުން ބައްދަލުކުރި ކަމަށެވެ. ސެނަހިޔާގައި ބޭއްވި ބައްދަލުވުމުގައި އާއިލާގެ ކަންބޮޑުވުންތައް އަޑުއެހި ކަމަށާއި އޭގެ ފަހުން ބައްޕަ އާއި މަންމަގެ ބަޔާނެއް ޑޮކްޓަރުންގެ ޓީމުން ނެގި ކަމަށް ބުންޏެވެ.
"އަޅުގަނޑު ހަމަ އެ ބައްދަލުވުމުގައި ވެސް އެ ސުވާލު ކުރިން، މާފިލާފުށީގައި ފަރުވާ ދެވޭނެ ގޮތް ހުރެ، ޑޮކްޓަރެއް ހުރެ ސިއްހީ ހިދުމަތްތެރިން ތިބެ ކީއްވެހޭ ފަރުވާ ނުދިނީ، ޖަވާބެއް ނުލިބޭ،" ބައްޕަ ކިޔައިދިނެވެ.
އެމްއެންޑީއެފުން އާއިލާ އަށް ޔަގީކަން ދިނީ ރާފިލް އަށް ދިމާވި ހުރިހާ ކަމެއް ބަލާނެ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތް އެނގޭނީ ކޮމިޓީން މައްސަލަ ބަލައި ނިމުމުން ކަމަށާއި ރިޕޯޓެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އާއިލާ އަށް މައުލޫމާތު ދިން ކަމަށް ބުންޏެވެ.
އެކަމަކު އެ ރިޕޯޓް ނިމޭނެ ތާރީހެއް ނުބުނެ އެވެ.
ބައްޕަ ކިޔައިދިން ގޮތުގައި، ރާފިލްއާ އެކު މަސައްކަތްކުރި އެހެން މީހުންގެ ފަރާތުން މި ފަހުން ވެސް ވަނީ ހިތާމަވެރި ވާހަކަތަކެއް އަަޑުއިވިފަ އެވެ. އޭނާ ހުން އައިސްގެން އުޅޭ ކަމަށް ބުނުމުން އެމްއެންޑީއެފްގެ ތަމްރީނުގެ ސީރިއަސްކަން ހަނދާން ކޮށްދިން ކަމަށް އެކަކާ ހަވާލާދީ އާއިލާ އިން ބުންޏެވެ.
ރާފިލްގެ މަރާއި ތަމްރީންގައި އުޅުނު އިތުރު ދެ މީހެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން އެމްއެންޑީއެފުން މީޑީއާތަކަށް ފޮނުވި މެސެޖުގައި އޮތީ، އަސްކަރީ ތަމްރީނުތަކަކީ އޭގެ ޒާތުގައި ބުރަ، ރިސްކު ހިމެނޭ ތަމްރީނުތަކަކަށް ވާތީ އެކަމަށް މީހުން ހޮވަނީ ވެސް ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށް ފަހު، ތަމްތީނުތަކުގައި ބައިވެރިވެވޭ ގާބިލްކަން ހުރިކަން ޔަގީން ކޮށްފައި ކަމަށެވެ.
"ތިން ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެ، އޭގެ ތެރެއިން އެއް ކުއްޖަކު ނިޔާވެ، ދެވަނަ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ޖެހުމަކީ، އެމްއެންޑީއެފް އިން މިކަމާ ކަންބޮޑުވެ ހިތާމަ ކުރާކަމެކެވެ." އެ މެސެޖުގައި ބުންޏެވެ.
އެތަނުން ކުރިން ވެސް ބުނެފައިވާ ގޮތުގައި ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުންނެވެ.
ރާފިލްގެ ބައްޕަ ބުނެފައިވަނީ ތަމްރީނުގެ ކުރިން ހުން އައި ވާހަކަ ބުނަން 11 ފަހަރު ގުޅައި ދަރިފުޅު މެސެޖްކުރި ކަމަށެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި ތަމްރީނަށް ފުރިއިރު ވެސް ހުން އައިސްފައި ހުރި ދަރިފުޅަށް އެކަށީގެންވާ ފަރުވާ މަރުވުމާ ހަމައަށް ވެސް ލިބިފައެއް ނުވެ އެވެ. މާފިލާފުށީގައި ސިއްހީ ފަރުވާދޭނެ ތަނަކާއި ޑޮކްޓަރުން ތިބެ ފަރުވާ ނުލިބުމާއި ބަލިވެ އުޅޭކަން އެނގި ހުރެ ބުރަ ތަމްރީނުތަކުގައި ބައިވެރިކުރުމަކީ މައްސަލައެއްގެ ގޮތުގައި އޭނާ ނަގަ އެވެ. މި ތުހުމަތު އޭނާ ކުރީ ދަރިފުޅުގެ ފޯނުން ފެނުނު މެސެޖްތަކާއި ފަހު ކޯލްގައި ދެއްކި ވާހަކަތަކުގެ އިތުރުން ފަރުވާއާ ގުޅޭ ގޮތުން އޭނާ އަށް ލިބުނު މައުލޫމާތުތަކުންނެވެ.
އެކަމަކު ޅ. ނައިފަރު ހޮސްޕިޓަލުުން ބުނެފައި ވަނީ ހާލު ސީރިއަސް ވެގެން އެ ތަނަށް ގެންދިއުމުގެ ކުރިންނާއި ލޯންޗުމަތީގައި ވެސް ރާފިލް އަށް ފަރުވާ ދީފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވާ ކަމަށެވެ.
މަރުވި ފަހުން އެނގުނު ގޮތުގައި ރާފިލް ކޮވިޑަށް ޕޮޒިޓިވް އެވެ. އޭނާ ދެ ޑޯޒު ވެކްސިން ފުރިހަމަކޮށްފައި ކަމަށް އާއިލާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
17 March 2022
އެހީއަށް ބޭނުންވެގެން 11 ފަހަރު މަސައްކަތްކުރިއިރު ކޮބާތޯ މިކަމުގައި ޒިންމާ ނަގަން ތިއްބެވި ފަރާތްތައް! ހުރި ހިތާމައެއްގެ ބޮޑުކަމާއޭ!
ޢަބްދުﷲ އިސްމާޢީލް
17 March 2022
1995 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަޅުގަނޑުގެ ކޮއްކޮވެސް ވަނީ އަސްކަރިއްޔާގެ ތަމްރީނެއްގައި އުޅެނިކޮށް ނިޔާވެފައެވެ. އޭނާ ނިޔާވީ މޫދަގުގައި އަކުނިވަޔަށް ދަމައިގަނެގެން އެވާހަކަ ބުނެ އޭރު ހުންނެވި އިންސްޓްރަކްޓަރު އެކަމަށް ސަމާލުކަން ނުދިނުމުންނެވެ. އޭގެ 26 އަހަރު ފަހުންވެސް އެބާވަތުގެ ކަމެއް ތަކުރާރުވުމަކީ ދިވެހި އަސްކަރިއްޔާއާއި މެދު ދައުލަތަށް ޓެކްސް ދައްކާ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އިތުބާރު ގެއްލިއްޖެ ކަމެކެވެ.
ޑިވެއްސެއްކެވެ
16 March 2022
ކީއްވެ ބާ ދޫނި މަޖިލީހުގެ ރައީސް މިކަމާ މަގަށް ނުކުމެ ފުއްޕާފަ މުޒާހަރާ ނުކުރަނީ ގައިމު ގައިދީ އަކު ޖަލުގަ މަރުވީމަ އެސޮރު ނުކުމެ އަލިފާންވެސް ޖެހިވިއްޔަ. ރައްޔިތުންނަށް ހެޔޮ އެދޭ ޑްރާމާގެ ދެވަނަބައި އަދި އޮތީ ދޯ
މަގަރިއްޔާ
16 March 2022
ތިދެމީހުން އަތުން ބަޔާންނެގުނީމަ ތިއޮތީ ނިމިފަނު.
ދިވެހި ގަމަރިއްޔާ
16 March 2022
ބަލަ ޒަހަރު ދީގެން މާރާލާކީއެއް ނޫނޭ. މަރެއް ހުއްޓުވޭތަ؟ ކޮންމެ މަރެއް ސިޔާސީ ކުރާތި!
ކޮސް1
16 March 2022
މަރެެއް ނުހުއްޓުވޭނެ، އެކަމަކު ތަމްރީނުގައި ހުއްޓާ، މުއައްސަސާއެއްގެ ބެލެނިވެރިކަމުގެ ދަށުގައި ތަނެއްގައި ހުއްޓާ ބަލިވެއްޖެނަމަ ޞިއްޙީ ފަރުވާ ދެވެން ވާނެ، ޚާއްޞަކޮށް އެފަދަ ބުރަ ތަމްރީނެއްގައި.
ޞަރުމާ
16 March 2022
ޢަހަރެންގެ ދަރިއަކު ސިފައިންގެއަށް ވައްދަން ބިރުގަނޭ މިހާރު. ކުއްޖަކު މަރުވެދާނެ އެކަމު 2 ކުދިން އައިސީޔޫއަށް ލީ ހިސާބުން އިހުމާލު އޮތް މިންވަރު އެބަފެނޭ. ނަމަވެސް ކުރެވުނު ކަމަކީ އަނބުރާ ލިބޭނެ އެއްޗެށް ނޫން.
ބުރުގާ
16 March 2022
އަދިވެސް އޭނަގެ ބައްޕަ އާއި މަންމަގެ ބަޔާންތަ ނަގަންވީ؟؟! ސާބޯސް ކަލޭމެނައް.. އަދި މައްސަލަ ބަލަނީ އެމްއެންޑީއެފުން އެކުލަވައިލި ކޮމިޓީއަކުނޯލަ. ދެން ވިސްނާލާ މިމައްސަލަ އިންސާފުވެރިވާނެ ވަރު. ވަރައް ސަލާން!
ނައު68
16 March 2022
މީހުންގެ ޅަ ދަރިން ގެންގޮސް ބައެއްގެ މުނިފޫހި ފިލުވުމައް ގަނާ ކޮއް ހަނގަރ ގޭމް ޖައްސަނީ. އެއްވެސް ކަހަލަ ރަހުމެއް ނެތް
ދާރީ
16 March 2022
އާދައިގެ ރޯގާ ނުޖެހޭނެ ދެނެށް.