ތުރުކީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި އަސްކަރީ މަނަވަރާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ހިލްމީ ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
15 އޯގަސްޓް 2025 - 23:30
ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން އަސްކަރީ އިތުރު ކަނޑުގެ އުޅަނދުތައް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ހޯއްދަވައި ދެއްވާ ތަން ދާދި އަވަހަށް ފެންނަން ފަށާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ތުރުކީގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު ދިވެހި އަސްކަރިއްޔާއާ ހަވާލު ކުރުމަށް ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
"... ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ގާބިލްކަން ހޯއްދަވައި ދެއްވުމަށް ކައިރި މުސްތަގުބަލެއްގައި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުފަހަރު އެ މަނިކުފާނު އެމްއެންޑީއެފަށް ހޯއްދަވައި ދެއްވާނެ. މި މަންޒަރު ދާދި އަވަހަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
"މިއީ އަސްކަރިއްޔާ ތަރައްގީ ކުރެއްވުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވަމުން ގެންދަވާ ކަމުގެ ވަރުގަދަ އަލިގަދަ ހެއްކަކަށް ފުދޭ."
ތުރުކީން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު -- ފޮޓޯ: ނިޝާން އަލީ| މިހާރު
ހިލްމީ ވިދާޅުވީ، ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ދިވެހި ސިފައިންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދި ބައިނަލްއަގްވާމީ ކަނޑުގެ މުއާދަހާތަކުން ރާއްޖެ އަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްޓަކައި ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކޮށް، ވަރުގަދަ ކުރުން ކަމަށެވެ.
ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި އަސްކަރީ މަނަވަރު އެމްއެންޑީއެފާ ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ހިލްމީ ވިދާޅުވިގޮތުގައި ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ޓީސީޖީ ވޮލްކަން (ޕީ-343) އަކީ މިހާރު ދިވެހި އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދެވެ.
ރާއްޖޭގެ އަސްކަރިއްޔާގެ ފުރަތަމަ މަނަވަރުގެ ނަމަކަށް އެމްއެންޑީއެފުން ހަމަޖެއްސީ "ދަރުމަވަންތަ" އެވެ. އެ މަނަވަރުގެ ކޮމާންޑިން އޮފިސަރަކީ ލެފްޓިނެންޓް ކާނަލް ހަސަން ޝިނާނެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު -- ފޮޓޯ: ނިޝާން އަލީ| މިހާރު
ޗީފް އޮފް ޑިފެންސް ފޯސް ހިލްމީ ވިދާޅުވީ، ތުރުކީގެ މަނަވަރާ އެކު، ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ލަޝްކަރުގެ ބާރު އެތައް ގުނައަކަށް އިތުރު ވާނެ ކަމަށެވެ.
"މި މަނަވަރުގެ ހަތިޔާރަށާއި ފަޔާ ޕަވާ އަށް ބެލި ކަމުގައި ވިޔަސް މިއީ މިހާރު ކޯސްޓް ގާޑުގައި ބޭނުންކުރާ އުޅަނދުތަކާ އަޅާ ބަލާއިރު މުޅިން އެހެން ދަރަޖައެއްގެ ނޭވީ މަނަވަރެއް،" ހިލްމީ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ މިރެއަކީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައީސް މުއިއްޒު ކުރެއްސެވި ރަތް ރޮނގު އިތުރަށް ފަވާލަދެއްވާ ރެޔެއްކަމަށެވެ.
މިރޭ ހަވާލުކުރި މަނަވަރަކީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެކެވެ. ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގަ އެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު -- ފޮޓޯ: ނިޝާން އަލީ| މިހާރު
ތުރުކީ ސަރުކާރުން ހަދިޔާކުރި މަނަވަރަށް 45 އަހަރު ވެފައިވީ ނަމަވެސް މަރާމާތުތަކަށް ފަހު، ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި މިދިޔަ އަހަރު އެ މަނަވަރު ވަނީ އަލުން ގިންތި ކޮށްފަ އެވެ.
ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެއީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލް އުސްތާޒު
19 August 2025
މުއިއްޒު ކުރީމަ ހިތްހަމަ ނުޖެހެންޔާ ވެރިކަން ބަދަލުވީމަ ހިތް ހަމަ ޖެހޭނެކަމަށް މިބަލަނީ. މިހާ ކަނޑު ބޮޑު ގައުމެއްގައި ސިފައިންގޭގެ ހާލަތު ފެނިފަ އަހަރެން ދެރަވޭ. އެތާގަ އެއްޗެއް ނެތް.
އަފްރާސިޔާބު
19 August 2025
މަދިއްޔާ އިތުރުކޮށްލީމާ ނަޒާހަތްތެރިކަން އިތުރުވާނެ.
ކިހާދެރަކަމެއް
16 August 2025
ވިސްނާ ވިސްނާވެސް ރާއްޖެފަދަ ވަސީލަތް މަދު ކުޑަ ޖަޒީރާ ޤައުމަކަށް މިވަރު ބޮޑު އަސްކަރިއްޔާއެއް ބޭނުންވާ ސަބަބެއް ނުވިސްނޭ. އަބަދުވެސް އަސްކަރިއްޔާއަށް މީހުން އިތުރުކުރުމާ ހަތިޔާރާއި އުޅަނދުތައް އިތުރުކުރާ ވާހަކަ. އަސާސީ ޚިދުމަތްތައް ރަނގަޅަށް ފޯރުކޮށްނުދެވޭ މި ކުޑަކުޑަ ރާއްޖޭގެ ބަޖެޓުގެ ބޮޑުބައި ސިފައިންނާއި ފުލުހުންނަށް ކަނޑައަޅާފައި އޮތުމަކީ ކަންބޮޑުވާކަމެއް.
އެޅަބެއްޔާ
16 August 2025
ރާއްޖޭގަ ހަމަ އެކަނި ހުރި މިލިޓްރީ ހޮސްޕިޓަލް ސެނެހިޔާ ގަ ކަރަންޓު ދިޔައިމަ ހިގާނެ ބެކްއަޕް ގެނެރޭޓަރ ގަޑެއް ހޯދުން ރަގަޅު ވާނެ މިލިޓްރީ އުޅަދާ ފަޅޮލާ ނުހޯދާ!
އައިސަން
16 August 2025
ބާދުޝާހު ބޯޓު ތިޔަށްވުރެ ބޮޑުވާނެ
ޑަރޯގާ
16 August 2025
ވިސްނާ ވިސްނާވެސް ރާއްޖެއަށް އިގްތިސާދީ މި ހާލަތުގަ އަސްކަރީ މަނަވަރު ހޯދަން ޖެހޭ ސަބަބެއް ނުވިސްނުނު. ގައުުމުގެ ޕްރިއޯރިޓީ ހެޑަށް އޮޅިފަ. ބުޅާ ފަސްޓް ޕޮލިސީ
މިހާލި
16 August 2025
ހަބަރުގެ ފަހުބައި ކިޔާލީމަ މާޔޫސްވެއްޖެ
ކުރުނބާ
16 August 2025
މަބުނީ ކޮން ހަނގުރާމައެއްގަތަ ބައިވެރިވާން މިއުޅެނީ. ކެމްޕެއިނަށް ފޮޓޯ ނަގަން ކުރާކަމަކަށްވަނީނަމަ ދޭން އޮތް ނަސޭހަތަކީ ރައްޔިތުން ނެތީމު ވޯޓުދޭކަށް ދައްކާ މިސައިލެއްގެ ނޫނީ ބޮމެއްގެ ސައިޒަކަށް. ތިޔަ ނެޝަނަލިޒަމްއަކީވެސް މިހާރު ޖެމްކިއުކަހަލަ ސްކޭމެއްކަން ރައްޔިތުންނަށް ޔަގީންވެއްޖެ
މުލޭ
16 August 2025
މިއީކީ ހަނގުރާމަ ކުރަންޖެހޭތީ ހޯދާ އުޅަނދުތަކެއް ނޫން. މެރިޓައިމް ގައުމެއްގެ ގޮތުން ބައިނަލް އަގްވާމީ ގާނޫނުތަކާއި މުޢާހަދާތަކުން ވެެސް ކުރުން ލާޒިމް ކަންކަން ހުރޭ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ވަރަށް ބޮޑު ސަރަޙައްދެއް. ބައިނަލް އަގްވާނީ ކަނޑުގެ ސަރަޙައްދުގައި ވެސް ރާއްޖެއިން އަދާކުރަންޖެހޭ ދައުރެއް އޮވޭ. މިކަންކަން ކުރަން އެހެން ބަޔަކަށް ދޫކޮށްލަންވީތަ. ކޮރަޕްޝަން ހުއްޓުވެނިކޮށް އިސާހިތަކު ރާއްޖެ ތަރައްގީވާނެ.
އަނީލް
16 August 2025
ކޮންމެ ކަމެއްގަ ބުނަނީ ދާދިއަވަހަށޭ. އެކަމު ވެރިކަން ދެބައި ވީއިރުވެސް ތިޔަ ދާދީ އަވަހެއް ނުފެނުނޭ..
ނުވިސްނުނު
16 August 2025
ކީއްކުރަން. ކޮންގައުމަކާއި ހަނގުރާމަކުރަންތަ.