ޚިޔާލު

އާ ފޯމެޓަށް ލީގް ބައްޓަން ކުރާ ގަވާއިދު އަސާސީ ގަވާއިދާ ހިލާފު، "ކަޓްޕޭސްޓް" ގަވާއިދެއް!

ދިވެހި ޕްރިމިއާ ލީގު މެޗެއްގެ ތެރެއިން

އާ ފޯމެޓަކަށް ރާއްޖޭގެ ފުޓުބޯޅަ ބައްޓަންކުރަން އެފްއޭއެމުން ކްލަބްތަކަށް މެއިލްކުރީ، އެސޯސިއޭޝަންގެ އަސާސީ ގަވާއިދާ ހިލާފު "ކަޓްޕޭސްޓް" ގަވާއިދެއްކަން ހާމަވެއްޖެ އެވެ. އަދި އާ ފޯމެޓަކީ، ސްޓްރެޓީޖިކް އެކްޝަން ޕްލޭނުން އެކަށައަޅާފައިވާ ސަރުކާރުގެ ސިޔާސަތާ ދިމާ އިދިކޮޅު އުސޫލުތަކަކަށް، "ސެންޓްރަލައިޒަޑް" ކޮށް އެކުލަވާލާފައިވާ ގަވާއިދެކެވެ. ގަވާއިދުގެ ގިނަ ޕްރޮވިޝަންސް ހުރީ ފީފާގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވީތީވެ، ގަވާއިދު ވަރަށް ވެސް ފެންވަރު މަތިވެފައި ފުރިހަމަ އެވެ. ނަމަވެސް، ގަވާއިދުގެ ތެރެއަށް އާ ފޯމެޓެއް "ކަޓްޕޭސްޓް" ކުރުމުން އުފެދުނު ފުށުއެރުންތަކުގެ ސަބަބުން އެފްއޭއެމަށް ވެސް މިހާރު ޖެހިފައި މި އޮތީ ގަވާއިދު ފަހައި ދުވާށެވެ!

އާ ފޯމެޓް، އެސޯސިއަންގެ އަސާސީ ގަވާއިދާ ހިލާފު

އަސާސީ ގަވާއިދުގެ 10.1.(ނ) ގައި ބުނަނީ ނުވަ ޒޯން އޮންނަން ވާނެ ކަމަށެވެ. އެކަމަކު އާ ފޯމެޓްގެ ދަށުން މި އުފެއްދީ ހަތަރު ޒޯނެވެ. އަސާސީ ގަވާއިދުގައި ނުވަ ޒޯން ޝަރުތު ކޮށްފައި އޮއްވައި މި ގޮތަށް ޒޯންގެ އަދަދު މަދުކުރެވޭނެ ކަމަކަށް ނުފެނެ އެވެ.

ޒޯންތައް މަދުކުރުމުން އޭގެ ނޭދެވޭ އަސަރު ރަށު ފެންވަރުގައި ކުޅުންތެރިންނަށް ފޯރަ އެވެ. އެއީ މީގެ ސަބަބުން އަތޮޅުތަކަށް ލިބޭ ރެޕްރެޒެންޓޭޝަން ކުޑަވުމުންނެވެ. ހައްގުތަކެއް ގެއްލުނީ އެވެ. ނުވަ ޒޯނުން ނުވަ ޓީމް ކޮލިފައިވުމުގެ ބަދަލުގައި އާ ފޯމެޓްގެ ދަށުން އުފެއްދި ތިން ޒޯނުން ދެން ކޮލިފައި ވެވޭނީ އެންމެ ތިން ޓީމަށެވެ! އަސާސީ ގަވާއިދުގެ މުޅި ރޫހު ގެއްލުވައިލާ އާ ފޯމެޓް ބައްޓަން ކޮށްފައި ވަނީ މާލޭ ޒޯނުން އެކަނި، ނުވަ ޓީމް ކޮލިފައިވާ ގޮތަށެވެ. އަސާސީ ގަވާއިދާ އެއްގޮތަށް ޒޯންތައް ދެމެހެއްޓި ނަމަ 12 ޓީމްގެ ޕްރެމިއާ ލީގުން މާލޭ ޒޯނަށް ލިބޭނީ ތިން ޖާގަ އެވެ. ނުވަ ޖާގައެއް ނޫނެވެ!

ނޯތު، ސެންޓްރަލް އަދި ސައުތު ލީގް އުފައްދާފައިި ވަނީ އަސާސީ ގަވާއިދާ ހިލާފަށް

އަސާސީ ގަވާއިދުގެ 18 ވަނަ މާއްދާގައި ބުނަނީ "އެފް.އޭ.އެމް. އާއި ގުޅިފައިވާ ކްލަބް، ލީގް، ރީޖަނަލް އެސޯސިއޭޝަން ނުވަތަ ކްލަބްގެ ޖަމާއަތްތަކަކީ އެފް.އޭ.އެމް އިން ބަލައިގަނެ، އެފް.އޭ.އެމް.ގެ ދަށުން ހިނގަމުންދާ ބައެކެވެ. މި ކްލަބް އަދި ޖަމާއަތްތަކަށް ލިބިގެންވާ ބާރުތަކާއި، ހައްގުތަކާއި އަދި ޒިންމާތައް މި ހިންގާ ގަވާއިދުގައި ބަޔާން ކުރެވިގެން ވާނެ އެވެ. އަދި މި ކްލަބް އަދި ޖަމާއައްތަކުގެ ހިންގާ ގަވާއިދަކީ އެފް.އޭ.އެމް.ގެ އެގްޒެކެޓިވް ކޮމިޓީ އިން ފާސްކޮށް ބަލައިގަންނަ އެއްޗަކަށް ވާން ވާނެ އެވެ."

ދިވެހި ލީގްގެ ގަވާއިދު

އަސާސީ ގަވާއިދުގައި މިހެން އޮތް ނަމަވެސް، ކަޓްޕޭސްޓް ގަވާއިދުގެ ދެ ވަނަ މާއްދާގައި ބުނަނީ ތިން ޒޯން ލީގް ހިންގާނީ މަރުކަޒުކޮށް، މައި އެސޯސިއޭޝަންގެ މާލޭ އޮފީހުގައި ގާއިމު ކޮށްފައިވާ "ލީގް ސެކެޓޭރިއެޓް" އާއި "ލީގް ކޮމިޓީން" ކަމަށެވެ. މުޅި މަފްހޫމް، އަސާސީ ގަވާއިދުގެ 18 ވަނަ މާއްދާ އާއި ކަނޑާއި ބިމާހާ ތަފާތެވެ. އެ މާއްދާގައި ކަނޑައެޅިގެން އެ ބުނަނީ ފުޓުބޯޅައަކީ ލާމަރުކަޒުކޮށް ހިންގާ ހަރަކާތެއް ކަމަށެވެ. ސިޓީތަކާއި އަތޮޅުތަކުގެ ކްލަބްތައް އެއްވެ، ސިޓީ އާއި އަތޮޅު ލީގް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި މި ކަމަށް އެފްއޭއެމްގެ އެކްސްކޯ އިން މަގުފަހި ކޮށްދޭންޖެހޭނެ ކަމަށެވެ.

ނަމަވެސް ކަޓްޕޭސްޓް ގަވާއިދުގައި އެ ބުނަނީ އަސާސީ ގަވާއިދާ ދިމާ އިދިކޮޅަށް މަރުކަޒުކޮށް، މާލޭގައި ހުންނަ އޮފީހަކުން ހުރިހާ ލީގެއް ހިންގުމަށެވެ. ފަސޭހަވާނެ ކަމަށް ހީކޮށް، އެންމެ ތިން ޒޯނަށް މަދުކޮށްލީ ކަމަށް ފެނެ އެވެ.

އާ ފޯމެޓް، ސަރުކާރުގެ ސިޔާސަތާ ހިލާފު

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ބުނަނީ މެޗްތައް ކުޅެން ވާނީ "ހޯމް އެންޑް އަވޭ" އުސޫލަށް ކަމަށެވެ. އެކަމަކު، ކަޓްޕޭސްޓް ގަވާއިދުގެ ހަ ވަނަ މާއްދާގެ 2. ލީގް ސިސްޓަމްގެ ދަށުގައި ބުނަނީ ޓީމުތައް ކުޅެން ޖެހޭނީ ގްރޫޕްކޮށް ކަމެވެ. ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެ ބުނާ ގޮތަށް "ހޯމްއެންޑް އަވޭ" އުސޫލަކަށް ނޫނެވެ. ތިންވަނަ މާއްދާގައި އެ ބުނާ "ހޯސްޓް އައިލެންޑް" އަށް އެފްއޭއެމުން ދޭ ހަރަދެއް ނެތްއިރު، ކްލަބްތަކުގެ ދަތުރާއި ތިބުމުގެ ހަރަދު ކުރަން ޖެހޭނީ ކްލަބްތަކުން ކަމުގައި ޝަރުތު ކުރުވަ އެވެ. ކަޓްޕޭސްޓް ކުރުމުގެ ސަބަބުން ހޯމް އެންޑް އަވޭ ލީގްގެ އިޖްތިމާއީ އަދި އިގްތިސާދީ ފައިދާތަކުން ރަށާއި ކްލަބް މަހުރޫމް ކުރުވަ އެވެ. ގަވާއިދު ފެންނަނީ މޮޔައެއްގެ އަތަށް ކަތިވަޅިއެއް ދީގެން އުޅޭ ސިފައިގަ އެވެ!

އެފްއޭއެމަށް މިހާރު އޮތީ ގަވާއިދުގެ ފަހަތުން ދުވަން ޖެހިފައި

އެސޯސިއޭޝަންގެ އަސާސީ ގަވާއިދާއި ސަރުކާރުގެ ސިޔާސަތާ ހިލާފަށް، އެފްއޭއެމްގެ އެކްސްކޯ އިން އުފަން ކޮށްފައިވާ ޕްރެމިއާ ލީގް ކޮލިފިކޭޝަންގެ ގަވާއިދަކީ އޭގެ ފެންވަރު މަތިވުމުގެ ސަބަބުން، ހުދު އެސޯސިއޭޝަނަށް ވެސް އަދި ކްލަބްތަކަށް ވެސް އެ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރެވޭ ގަވާއިދަކަށް ވަނީ ވެފަ އެވެ. މިސާލަކަށް ގަވާއިދުގައި އިދާރީ ހުރިހާ ކަމެއް ހުރީ އޮންލައިންކޮށް، އެފްއޭއެމް- ސީއެމްއެސް ނުވަތަ "ކޮންޓެންޓް މެނެޖްމަންޓް ސިސްޓަމް" އެއް މެދުވެރިކޮށް ހިންގާ ގޮތަށެވެ. ނަމަވެސް ރާއްޖޭގެ ކްލަބްތަކަކީ "ކްލަބް ލައިސެންސިންގް" ރޭހުގައި ސަރަހައްދުގައި ވެސް އެންމެ ފަހުން އޮންލައިން މެނޭޖްމަންޓަށް އަހުލުވެރިވި ގައުމެވެ. މި ވަގުތު ކުޅެމުން އެދާ އޯޕަން ޑިވިޝަން ބުރުގައި ވެސް 100 ޕަސެންޓް އޮންލައިންކޮށް މަސައްކަތް ކުރާ ކްލަބެއް ނެތެވެ.

އެފްއޭއެންގެ އަސާސީ ގަވާއިދުގެ ސޮފްހާއެއްގެ ފޮޓޯއެއް

މިސާލަކަށް ކަޓްޕޭސްޓް ގަވާއިދުގެ 20 ވަނަ މާއްދާގައި އެ ބުނާ "ރެޖިސްޓްރޭޝަން ވިންޑޯސް" އިން ޝަރުތުކުރާ މިންގަނަޑަށް އަދި އެންމެ ކްލަބަކަށް ވެސް ރެޖިސްޓްރޭޝަން ފުރިހަމު ނުކުރެވެ އެވެ. ފުރަތަމަ ބުރުގައި ގިނަ ޓީމްތަކުގެ ޖާޒީ ނަމްބަރު ގަވާއިދާ ހިލާފު ވާން މަޖުބޫރުވީ އެފްއޭއެމުން ގަވާއިދު ފޮނުވުން ލަސްވުމުންނެވެ. ތިރީސް ދުވަސް ކުރިން ލިބެންވާ ގަވާއިދެއް ލިބުނީ ތިން ދުވަހަށް ވެފައި ވަނިކޮށެވެ.

ތާރީހީ، ހޯމް އެންޑް އަވޭ ޕްރެމިއާލީގް ކޮލިފިކޭޝަންގެ ކަންކަން އަދި އޮތީ ކުރިއަށެވެ. އެއީ އަދި ނިމުނީ ހަތަރު އަތޮޅެއްގައި ކުޅެންޖެހޭ ހަ އޯޕަން ޑިވިޝަން ގްރޫޕްގެ ތެރެއިން ދެ ގްރޫޕެވެ. އެއީ ލ. ގަމާއި ކުނަހަންދޫގެ ބުރެވެ. މި މަހުގެ ފަހުކޮޅު އޮތީ އައްޑޫ ހިތަދު އާއި ފޭދޫގައި ކުޅޭ ގްރޫޕެވެ. ރޯދައަށް ފަހު، މޭ މަހު ށ. ނަރުދު އާއި ބ. އޭދަފުށީގެ ބުރު ކުޅޭނެ އެވެ. އަދި ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނާއި އެއް ވަނަ ޑިވިޝަންގެ މެޗުތައް ކުރިއަށް އޮތީ އެވެ. އަސާސީ ގަވާއިދުގައި އޮތީ ދެ ޑިވިޝަންގެ ވާހަކަ އެވެ. ކަޓްޕޭސްޓް ގަވާއިދުން ހިފާފައި މި އޮތީ ހަތަރު ޑިވިޝަނަށް ކްލަތައް ތަރުތީބު ކުރުމަށެވެ.

އިންގިލާބު!

ފުޓުބޯޅަ އަށް މި ގެންނަނީ ބޮޑު އިންގިލާބެއް ކަމަށާއި މިފަދަ ބޮޑު ބަދަލެއް ގެންނަން އިންތިގާލީ މަރުހަލާއެއް ބޭނުންވާނެ ކަމަށާއި ވަގުތު ނަގާނެ ކަމަށް އެފްއޭއެމްގެ އެކްސްޕާޓުން ބުނެ އެވެ. ނަމަވެސް، އެސޯސިއޭޝަންގެ އެކްސްކޯ އިން ފާސްކޮށްފައިވާ ކަޓްޕޭސްޓް ގަވާއިދަކީ ކަތި ބިންގަލެއްގެ މައްޗަށް އަޅާފައިވާ ފިޔަވަޅެއް ކަމަކަށް ނޫނީ ނުވާނެ އެވެ. ބަދަލު ގެނައުމަށް ވަގުތު އޮތް ނަމަވެސް އެސޯސިއޭޝަނުން ދެކެނީ އާ ފޯމެޓަކީ ހަމަ އެންމެ މޮޅު ފޯމެޓް ކަމަށެވެ.

ޖަޒީރާ ގައުމެއްގެ ތަބީއަތާ އެއްގޮތަށް، ލާމަރުކަޒުކޮށް، އަތޮޅާއި ސިޓީ ލީގްތައް އުފަން ކުރުމުގެ ސީދާ ސާދާ ހަމައެއް އެޅެން އޮއްވައި، ނުވަ އަތޮޅުގެ ބޮޑު ބިޔަ ޒޯންތަކެއްގެ ތެރެއަށް، އެއްފަސްކޮށް އޮތް މާލޭގައި އުފެދިފައި މިވާ މޮޑެލް، ބާރު ތޮތްޕެއްހެން ފައްތަން އުޅުމަކީ ގަވާއިދުގައި ލިޔުނަސް ކުރެވޭނެ ކަމެއް ކަމަކަށް ނުފެނެ އެވެ. ވީމާ، ގަވާއިދުގެ އެންމެ ބޮޑު އުނިކަމަކީ ކުޅެން ކަނޑައަޅާފައިވާ ފޯމެޓެވެ. ކަޓްޕޭސްޓް ފޯމެޓެވެ. އެފްއޭއެމުން އެ ބުނާ އާ ފޯމެޓެވެ. އެންމެ ފަހުން ގަވާއިދު އަދި ބަދަލު ކުރާނެ އެވެ!

ހާމިދު އަބްދުލް ޣަފޫރު

ހާމިދު އަބްދުލް ޣަފޫރު

@HamidhAG

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފު ބިން ރަފައިދާ

23 March 2022

ލިޔުން ކިތަންމެ ފޮނިކޮށް ލިޔެފާއޮތަސް ކަމެއްނުކުރެވެންޏާ ތީ މުޅިން ބޭކާރު ލިޔުން.

The name is already taken The name is available. Register?

ދިއްދޫމީހާ

23 March 2022

އާ ފޯމެޓަށް ލީގް ބައްޓަން ކުރާ ގަވާއިދު އަސާސީ ގަވާއިދާ ހިލާފު، "ކަޓްޕޭސްޓް" ގަވާއިދެއް ދޯ؟؟ ހަމަ އެގަވާއިދެކޢ ހާމިދެކޭ ތަފާތެއް ނެތް، ހާމިދު ޕޮލިސް ބޯޑުގާ ކުރާކަނެކަމެއް ބުނެބަލަ؟؟ ޕޮލިސް ބޯޑުގާ ހާމިދު އިނުމެކޭ، މާކަނާއަކާ ކަނޑު ގުރުވާއެ ބަލަހައްޓަން ހަވާލްކުރުމެކޭ އެއްވަރު ވާނީ، އެއީ މާކަނާ ގުރުވާ ކާލާނެކަން ޔަގީން…

The name is already taken The name is available. Register?

އަލިކޮއި

23 March 2022

މަގާތަށް އަންނަނީ ހިނި. ކޮންމެމީހަކުވެސް އެމީހަކާ ގުޅޭ ދާއިރާއެއްގައި ހުރުން މުހިންމުވަނީ މިހެންވެ. ދިއްދޫމީހާގެ ކޮމެންޓަށް ސަތޭކަ.

The name is already taken The name is available. Register?

ސަސ

23 March 2022

ތިބުނާވަރަށް ގަވައިދާ ހިލާފަށް މިރާއްޖޭގެ ކުޅިވަރު ޖަމިއްޔާ ހިންގާއިރު ކެބިނެޓު މިނިސްޓަރ އެފް.އޭ.އެމް ރައީސްއާ ބައިވެރިވެގެން ހުރިހާ ކަމެއް ކުރަނީ. ދެން ހާމިދުވެސް ތި އުޅެނީ ނުވެސް ގުޅޭ ދާއިރާއެއްގެ ބޯޑެއްގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454