އައިޖީއެމްއެޗްގައި އިންޓާންޝިޕް ބެޗެއްގެ އިންޓާން ޑޮކްޓަރުންނަށް ކިޔަވައިދެނީ.-- ޓްވިޓާ ފޮޓޯ: ފައިސަލް
27 މާޗް 2022 - 14:01
އައިޖީއެމްއެޗުން މެޑިކަލް އިންޓާންޝިޕް ހަދަން ޖާގަ ނުލިބުނު ދަރިވަރުންނަށް އެހެން ގޮތެއް ހަދައިދިނުމަށް ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.
ސްރީ ލަންކާއިން މި ފަހުން ވަނީ 13 ދިވެހިން އެމްބީބީއެސް ނިންމައިފަ އެވެ. އޭގެ ތެރެއިން ހަތް ދަރިވަރުން ބޭނުންވީ އައިޖީއެމްއެޗްގައި އިންޓާންޝިޕް ނިންމާށެވެ. ނަމަވެސް، އޭރު އިންޓާންޝިޕްގެ ހަ ވަނަ ބެޗަށް އިންޓާން ޑޮކްޓަރުން ހޯދަން ކުރި އިއުލާން ހަމަވާން ކައިރިވުމުން، އެ ދަރިވަރުން އެދުނީ ފުރުސަތު އިތުރުކޮށް ދިނުމަށެވެ.
އެކަމަކު، މުއްދަތު އިތުރުނުކޮށް އައިޖީއެމްއެޗުން ވަނީ މި މަހުގެ 17 ގައި އިންޓާންޝިޕް ފަށައިފަ އެވެ.
އެ ހޮސްޕިޓަލްގެ އިންޓާންޝިޕަށް އެދުމުގެ މުއްދަތު މިދިޔަ މަހުގެ 10 ގައި ވަނީ ހަމަވެފަ އެވެ.
އޭގެ ކަންބޮޑުވުންތައް ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ވެސް ހުށަހަޅާފައިވެ އެވެ.
އެ ތަނުން ވާހަކަދެއްކި ދަރިވަރަކު ބުނީ އެމްބީބީއެސް ކޯހުގެ ނަތީޖާ ލިބޭނީ މާޗު މަހުގެ ފަހު ހަފުތާގައި ކަމަށް ޔުނިވާސިޓީން އެންގި ކަމަށެވެ. އެހެންވެ، އެގޮތަށް މުއްދަތު އިތުރުކޮށްދޭން އެދުނެވެ.
އެކަމަކު، މި މަހުގެ 15 ގައި ނަތީޖާ ލިބުމުން، ޖެހިގެން އައި ބުދަ ދުވަހު އިންޓާންޝިޕް ޑިޕާޓްމަންޓް ދިއުމުން ވެސް އެ ފުރުސަތު ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް، ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި ދަރިވަރަކު ބުންޏެވެ.
ނަމަވެސް ލަންކާ އަދި ދަރިވަރުންގެ މާލީ ހާލަތު ހުރިގޮތުން މި ވަގުތު ލަންކާ އަށް ދިއުމަކީ އެ ދަރިވަރުންނަށް ވަރަށް ދަތި ކަމެކެވެ.
"މި ކޮޅުން އިންޓާންޝިޕް ނުހެދެންޏާ އޮތް ގޮތަކީ އަނބުރާ ލަންކާ އަށް ދާން. އެކަމަކު، އެހެން ބަލާއިރު ވެސް ލަންކާގެ ހާލަތު އޮތީ ރަނގަޅަކަށް ނޫން. އަޅުގަނޑުމެން ގިނަ ކުދިންނަކީ ލޯނުގައި ކިޔަވަން ދިޔަ ކުދިން. ކޮވިޑުގެ ހާލަތާއި ޔުނިވާސިޓީގެ ކަންތައްތަކާ ހެދި ކޯސް މި އިނީ އެއް އަހަރު ޑިލޭ ވެފައި. ލޯނު ވެސް ނިމިފައި މިހާރު އިނީ."
"އަނެއްކާ އިންޓާންޝިޕަށް ދަންޏާ ޖެހެނީ އަމިއްލަ އަށް ހަރަދުކުރާ ގޮތަށް. ސްޓޫޑެންޓް ލޯން ވެސް ދައްކަންޖެހޭ މި ޑިސެމްބަރު މަހު،" އޭނާ ބުންޏެވެ.
ނަން ނުޖަހަން އެދި ވާހަކަދެއްކި ދަރިވަރު ބުނީ ރާއްޖޭގައި އިންޓާންޝިޕް ހަދަން ބޭނުންވާ ނަމަ އަދި އިތުރު އެއް އަހަރު މަޑުކުރަން ޖެހޭ ކަމަށެވެ. އެކަމަކު، ކޮވިޑު-19 ގެ ހާލަތާ ގުޅިގެން ކިޔެވުން ނުނިމި ލަސްތަކެއް ދިއުމުން، އެ ދަރިވަރުން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އިންޓާންޝިޕް ނިންމާށެވެ.
"އައިޖީއެމްއެޗްގެ އިންޓާންޝިޕް ހުޅުވާލުމުން ވަރަށް އުފާވި. އާއިލާއާ ދުރުގައި، ވަރަށް ދަތިކޮށް ކިޔެވުން މި ދިޔައީ އެކި ހާލަތްތަކާ ގުޅިގެން. އެކަމަކު އެ ފުރުސަތު ބަންދުވެގެން މި ދިޔައީ،" އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ބައްދަލުކުރުމުން އޭނާ ވަނީ، އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި އިންޓާންޝިޕް ހެދޭނެ ގޮތްތައް ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން އެ ދަރިވަރުން ވަނީ، ރާއްޖޭގައި އިންޓާންޝިޕް ހެދޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް އެދި ސިޓީ ފޮނުވައިފަ އެވެ. ނަމަވެސް، އެ ސިޓީއަކަށް އަދި ޖަވާބެއް ނުލިބެ އެވެ.
އައިޖީއެމްއެޗުން ބުނީ އިންޓާންޝިޕް ގެންދަނީ ވަކި މުއްދަތެއްގެ ތެރޭގައި އިއުލާންކޮށްގެން ހޮވޭ ދަރިވަރުންނަށް ފުރުސަތު ދީގެން ކަމަށެވެ. އެގޮތުން ފެބްރުއަރީ 1 އިން ފެބްރުއަރީ 28 އަށް އިއުލާނުކޮށްގެން ހުށަހަޅާފައިވާ ފޯމްތައް ބެލުމަށްފަހު، އެކަމަށް އެންމެ އެކަށީގެންވާ ދަރިވަރުންނަށް ފުރުސަތު އިންޓާންޝިޕް ފަށާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމް
28 March 2022
އިންޓާންޝިޕަކީ ކޮންމެ ކޮންމެ ތާކު ހެދޭނެ އެއްޗެއް ނޫން. ވަކި ޑިޕާޓްމަންޓްތަކެއް ހުރެފައި އެތަންތަނުގައި ވަކި ފެންވަރެއްގެ ބަޔަކު ތިބެގެން ވަކި އަދަދަކަށް ބަލިމީހުން ބަލަމުން ހެދޭނީ. ފަޅުގެއެއްގައި ހަސްފަތާލޭ ކިޔާ ބޯޑެއް ހަރުކުރިޔަސް އިންޓާންޝިޕަކަށް ނުވާނެ.
ވެދުންސަލާމް
27 March 2022
އެއްޗެއް މާ ބޮޑުގުޅަވެއްޖެނަމަ އެއެއްޗަކަށް ވާ ގޮތް ކަލޭމެންނަށް ހަމަ ރަނގަޅަށްވެސް އެނގޭނެ.
ރާއްޖެ
27 March 2022
އައިޖީއެމްއެޗް ގަ އިންޓަރން ހެދުމަށް ވުރެ ބަންގްލަދޭސް ގަ ހެދުން ތި ކުދިންނަށް މާ ފައިދާ ބޮޑުވާނެ ކަމަށް ދެކެން.
އަލީ ބަލީ.
27 March 2022
ދިވެހިރާއްޖެއަކީ ހަމައެކަނި ކ.އަތޮޅު މާލެ އެއްނޫން. ރާއްޖެގެ އެހެން ރަށަރަށާއި ސިޓީ ތަކުގައިވެސް ހޮސްޕިޓަލް ތައް އެބަހުރި. އިންޓަރޝިޕް ފުރިހަމަ ކުރަން އެތަންތަނަށް ނުދާންވެގެން ތިއުޅެނީ ކީއްވެ ؟
އިމީހާ
27 March 2022
ތީތާ މަ އްސަލަ އަކީ. އެހެން ހޮސްޕިޓަލެ އްގަ އި އިންޓާރންޝިޕް ޕްރޮގްރާމެ އް ނުހިންގާ.
ޑޮކްޓާރ. ބަނާނާ
27 March 2022
ޔުނިވާރސިޓީ ތެރޭގައި ކުލާރޫމެއް ހަދާ އައިޖީއެމްއެޗް ގައި ތިބި ޑޮކްޓަރުން ލައްވާ ކިޔަވައިދޭ އެމްބީ ބީ އެސް ގެ ދަރިވަރުންނަށް މިހާރު ތިޔާ ކިޔާ އިންޓާންޝިޕެއް ލިބޭނީ .. ....
ލޮލްނޖ
27 March 2022
ލޮްލް ތިއޮތީ މާބޮޑަށް އެނގިފަ