ރަތުމަލަނާ އެއާޕޯޓުގައި ފެނުގެ ސެލިއުޓާއެކު މޯލްޑިވިއަންގެ ފްލައިޓަށް މަރުހަބާ ކިޔަނީ-- ފޮޓޯ: ނަމަލް ރާޖަޕަކްސަ/ޓްވިޓާ
28 މާޗް 2022 - 11:40
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓާ އެކު ލަންކާގެ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް (ރަތުމަލަނާ އެއާޕޯޓް) ގެ ބައިނަލްއަގުވާމީ ދަތުރުތައް އިއްޔެ ފަށައިފި އެވެ.
މޯލްޑިވިއަންގެ އެ ދަތުރަކީ ދިހަ އަހަރެއްހާ ދުވަސް ފަހުން އެ އެއާލައިނުން ލަންކާއަށް އަލުން ކުރި ފުރަތަމަ ޝެޑިއުލް ދަތުރެވެ. އެ އެއާލައިނުގެ ދަތުރުތައް ވެސް ލަންކާއަށް މިހާރު ވަނީ ފަށައިފަ އެވެ.
ރަތުމަލަނާ އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓަށް ފެނުގެ ސެލިއުޓާ އެކު މަރުހަބާ ވިދާޅުވީ އެ ގައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމަލް ރާޖަޕަކްސް އާއި އޭވިއޭޝަން އެންޑް ޑިވެލޮޕްމަންޓް އޮފް އެކްސްޕޯޓް ޒޯންސްގެ ސްޓޭޓް މިނިސްޓަރު ޑީވީ ޗަނަކަ އާއި އެ ސްޓޭޓްގެ މިނިސްޓަރުންނާއި ރާއްޖޭން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއް ރައްޒާގެވެ.
Once again after a lapse of 55yrs the #Colombo International Airport is now operating international flights! Tks to the efforts of @ChanakaDinushan & the entire team! Welcome to #LKA Island Aviation Services - Maldivian Airlines! 🇱🇰🛫🇲🇻 pic.twitter.com/nOhUJWDJvS
— Namal Rajapaksa (@RajapaksaNamal) March 27, 2022
މޯލްޑިވިއަންގެ ފްލައިޓަށް މަރުހަބާ ވިދާޅުވެ ނަމަލް ކުރެއްވި ޓްވީޓް--
ރާއްޖެ އާއި ލަންކާއާ ދެމެދު މޯލްޑިވިއަނުން އަދި ތާވަލު ކޮށްފައި ވަނީ ހަތަރު ދަތުރެވެ. އެއީ މި މަހުގެ 27، 29، 31 އަދި އަންނަ މަހުގެ 3 އަށެވެ. ނަމަވެސް ތަރުހީބަށް ބަލައި ފްލައިޓުތައް އިތުރު ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ ރަތުމަލާނާ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ނިންމީ އެއީ ގިނަ ދިވެހިން އުޅޭ ސަރަހައްދަކަށް ވާތީ ކަމަށެވެ. ދަތުރުތައް ފެށުމާ އެކު ގިނަ ދިވެހިންނަށް ލުއިތަކެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ރަތުމަލަނާ އެއާޕޯޓަށް ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފަށާފައި ވަނީ 55 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy