އެމްޕީއެލްގެ އެމްޑީ ޝާހިދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
29 މާޗް 2022 - 13:56
މި ހަފުތާ ބަންދުގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ކާބޯތަކެތި ކްލިއާ ކުރުން އަވަސްކުރަން ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަމަސް ފެށެނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވާއިރު، އެ މަހުގައި އެމްޕީއެލްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދޭނީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާ ކުރުމަށް ކަމަށެވެ. އާންމުކޮށް ހުކުރު ދުވަހަކީ މުދާ ކްލިއާ ކުރުން ބަންދު ދުވަހެއް ނަމަވެސް ރޯދަމަހު އެ ދުވަހު ވެސް ކާބޯތަކެތި ކްލިއާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދަމަހު މުދާ ކްލިއާ ކުރަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 1:30 އަށެވެ. މި ވަގުތުތަކުގެ އިތުރަށް ވެސް ކާބޯތަކެތީގެ ކޮންޓެއިނަރުތައް އެހެން ވަގުތުތަކުގައި އަތުވެއްޖެ ނަމަ އެ ތަކެތި ކޮންމެ ވަގުތެއްގައި ވެސް ކްލިއާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
"ހާއްސަކޮށް ކާބޯތަކެތީގެ ޝިޕްމެންޓްތަކަށް އަމާޒުކޮށް ހާއްސަ އެރޭންޖްމެންޓްތަކެއް ހެދިފައި ހުންނާނެ. އޭގެ ތެރޭގައި ވަކިން ހާއްސަ ޓާސްކް ފޯސްއެއް ހަދާފައި އިންނާނެ ޕެރިޝަބަލް ކާގޯ އޮޕަރޭޝަން އާއި ކްލިއަންސް ކުރިއަށް ދާ ގޮތް ބެލުމަށް،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވިގޮތުގައި، ރޯދަމަހު މުދާ ބޭލުމުގަ އާއި މުދާ ކްލިއާ ކުރުމުގައި އަވަސް ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
ރޯދަމަހާ ދިމާކޮށް ކާބޯތަކެތި ރާއްޖެ އަށް ގެންނަވަރު އަބަދުވެސް ދެ ގުނަ އިތުރުވެ އެވެ. ރޯދަ މަހަށް ހާއްސަކޮށް އެމްޕީއެލުން މުދާ ކްލިއާ ކުރުމުގައި އުޅޭ އިތުރު 20 މުވައްޒަފުން ވަނީ ނަގައިފަ އެވެ. އަދި އިތުރު ދެ ފޯކްލިފްޓު ވެސް މުދާ ކްލިއާ ކުރުމުގައި ގެންގުޅޭ ވެހިކަލްތަކަށް ވަނީ އިތުރުކޮށްފަ އެވެ. އެހެންވެ، މި ރޯދަމަހު މުދާ ކްލިއާ ކުރުމުގެ މަސައްކަތް އެއްވެސް ދަތިކަމެއް ނެތި ކުރެވޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީ
29 March 2022
އިތުރު ދެ ފޯކް ލިފްޓޯ މީހަކު މޮޔަވެދާނެ އެެއްނު.