މަޖޫރީއަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ އުފުލުމުގެ މަސައްކަތުގައި އުޅޭ މަޖޫރީއަކު ވެސް ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ދިވެހި މީހާ ޕޮޒިޓިވްވިކަން އެނގުނީ އޭނާ ދިރިއުޅޭ ތަނުގެ އެންމެންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. އެއީ ބިދޭސީންގެ އިތުރުން ދިވެހިން ވެސް އުޅޭ ޖާގައިގެ ގޮތުން ކުޑަ ތަނެއް ކަމަށް ވެ އެވެ.

މި މަޖޫރީ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާ ހިމެނޭ ގުރޫޕް ވިޔަފާރި ބަނދަރަށް ނުވަދެވޭ ގޮތަށް އެމްޕީއެލް މިހާރު ވަނީ ވަކި މުއްދަތަކަށް ސަސްޕެންޑް ކޮށްފަ އެވެ. އާންމު ގޮތެއްގައި މަޖޫރީ ގުރޫޕެއްގައި 7-8 މީހުން އުޅެ އެވެ.

އެމްޕީއެލްގެ މުވައްޒަފަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވި އެވެ. އެ މުވައްޒަފު މީހާ އެންމެ ފަހުން އެމްޕީއެލްގެ މަސައްކަތަށް ނުކުތީ ޝާހިދު ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 18 ގަ އެވެ.

،ޝާހިދު "މިހާރު" އަށް ވިދާޅުވީ އެމްޕީއެލްގެ މުވައްޒަފާއި މަޖޫރީ މީހާއާ ގުޅުމެއް ނެތް ކަމަށެވެ.

މަޖޫރީންނަކީ ވިޔަފާރި ބަނދަރަށް ބާލާ މުދާތައް ލޮރީތަކަށް ބަރުކޮށްދޭ މީހުންނެވެ. އެ މަސައްކަތުގައި ތަފާތު އެކި ގުރޫޕްތަކުން ވިޔަފާރި ބަނދަރުގައި ހަރަކާތްތެރިވެ އެވެ،

ޝާހިދު ވިދާޅުވީ، މިހާރު އެއްވެސް މީހަކަށް ވިޔަފާރި ބަނދަރަށް އަދި އެމްޕީއެލް އަށް ވެސް ވަދެވޭނީ ސްކްރީން ކުރުމަށް ފަހު ކަމަށެވެ. ޚާއްސަކޮށް ހުރިހާ އެންމެން ވެސް މާސްކް އެޅުން މިހާރު މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޕީއެލް ސަރަހައްދަށް ވަންނަ މީހުން ވަރަށް ބޮޑަށް މޮނީޓަ ކުރަމުން ދާނެ، އޭނާ ވިދާޅުވި އެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 475 އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 254 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ދިވެހިންގެ އަދަދަކީ 150 އެވެ.