ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި: ޕީޕީއެމާ ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް އެ ޕާޓީގައި އަދި ނެތް ކަމަށް އަލީ ސޯލިހް ވިދާޅުވި. -- ފޮޓޯ/މިހާރު
31 މާޗް 2022 - 11:29
މި ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ނުވަތަ ކޯލިޝަނަކާ އެކުގައި ވާދަކުރާނީތޯ އަދި ނުނިންމާ ކަމަށާއި 2023 އަށް ޕީޕީއެމާ އެކު އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ، އެ ޕާޓީގެ ރައީސް އެވެ. ޕާޓީ އުފެދުނީއްސުރެ އެ މަގާމުގައި ހުންނަވަނީ ގާސިމް އިބްރާހީމެވެ. އިންތިހާބުގައި ވާދަކުރައްވާނެ ކަމެއް އޭނާ މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ.
އެކަމަކު ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް ޖޭޕީގެ ސްޓޭންޑް، އެ ޕާޓީގެ ތަރުޖަމާން، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ހާމަކުރެއްވީ ކުރެންދޫގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދުމުގެ އުފާފާޅުކުރަން ކުރެންދޫގައި ބޭއްވި ޖަލްސާގައި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ޖޭޕީން ޕީޕީއެމާ އެކު ވާހަކައެއް ނުދައްކަން. އިންތިހާބަށް ގޮތެއް ނިންމައިފައެއް ވެސް ނުވޭ. -- އަލީ ސޯލިހް
ސިޔާސީ މަސައްކަތްތަކުގައި ޖޭޕީއާ އެކު ކުރެއްވުނު ތަޖުރިބާ ހިއްސާކުރައްވަމުން ޔާމީން ވިދާޅުވީ މި ވެރިކަމުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮވެމެ 2019ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކުގައި މަސައްކަތް ކުރަން ޖޭޕީން ބޭނުންވި ކަމަށެވެ. އޭރު ޕީޕީއެމްގެ ވިސްނުމަކަށްވީ ގާސިމް އިބްރާހިމްގެ ހުށަހެޅުއްވުމާ އެކު ޖޭޕީއާ އެކު ކުރިއަށް ދިއުން ކަމަށާއި ޕީޕީއެމުން އެއްބަސްވީ އިހްލާސްތެރިކަމާ އެކުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.
ގާސިމް އާއި ޔާމީން އެކުގައި: ޕީޕީއެމްގެ ވެރިކަމުގެ ކުރީކޮޅު ކޯލިޝަނާ ގާސިމް ފެއަށް ޖެހިވަޑައިގަތަސް މި ވެރިކަން ނިމެންދެން ކޯލިޝަންގައި ޖޭޕީ ދެމިއޮންނާނެ ކަމަށް ވިދާޅުވޭ. -- ނިޝާން އަލީ/މިހާރު
މަޖިލިސް އިންތިހާބުގައި ޕީޕީއެމާ އެކު ވާދަކުރަން ޖޭޕީން ބޭނުންވީ ވެރިކަން ހޯދަން ޕާޓީތައް ގުޅިގެން ހެދި ކޯލިޝަންގައި މަޝްވަރާކޮށް އެއްބަސްވި ގޮތަށް ކޯލިޝަން ކެންޑިޑޭޓުން އެކި ދާއިރާތަކަށް ނެރެން އެމްޑީޕީން ދެކޮޅު ހެދުމުންނެވެ. އެ ޕާޓީން ބޭނުންވީ ވަކިން ވާދަކުރާށެވެ.
އެ އިންތިހާބުގައި ޖޭޕީއަށް ދޫދެވުމުގެ ނަތީޖާ ޕީޕީއެމަށް ރަނގަޅު ނޫންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވި ގޮތުގައި، ޕީޕީއެމުން ވަކިވި މެމްބަރުންތަކެއް މިހާރު ތިއްބެވީ ޖޭޕީގަ އެވެ. އެހެންކަމުން ކޯލިޝަނަކުން ދެ ޕާޓީއަށް އަދިވެސް މަސައްކަތް ނުކުރެވެންވީ ސަބަބެއް އޮތް ކަމަކަށް ގަބޫލުނުކުރެއްވޭ ކަމަށާއި ޖޭޕީގެ ފިކުރު އެމްޑީޕީއާ އެއްގޮތް ނޫން ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީން ފެއަށް ދިޔަ ލީޑަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅުނީ. އަނެއްކާވެސް މި ދެ ޕާޓީ ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން އެންމެންނަށް ކޯލިޝަންގެ ތެރެއިން މަސައްކަތް ކުރެވޭނެ،" ޔާމީން ވިދާޅުވި އެވެ.
"އެއީ ޖުމްހޫރީ ޕާޓީގެ ފިކުރަކީ ހިޔާލަކީ އެމްޑީޕީގެ ފިކުރު ނޫންކަން އަޅުގަނޑުމެންނަށް އެނގޭ. އެހެން ނަމަވެސް ފިކުރުގެ ގޮތުން އެ މީހުން ކައިރީ އެމްޑީޕީއާ. އެހެން ނަމަވެސް މުޅިން އެމްޑީޕީގެ ފިކުރެއް ނޫން. ވަކި ފިކުރެއް އޮތް ބައެއް ކަމަށް ދަންނަވާކަށް ނުވެސް އެނގޭ."
ޕީޕީއެމުން ގިނަ ގޮނޑިތަކެއް ޖޭޕީއަށް ދޫކޮށްލީ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދުގައި ކަމަށް ވިޔަސް އެހެން އެކަން ނުވި ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މަނިކުފާނުގެ މި ވާހަކަފުޅުގެ ތެރެއިން 2023 ގައި ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަން ވިސްނުންތަކެއް ނުވަތަ ވާހަކަތަކެއް ދެކެވޭ ކަމެއް ހާމައެއް ނުކުރައްވަ އެވެ.
ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ޕީޕީއެމާ އެކު ކޯލިޝަން ހެދުމުގެ ވާހަކަ ކުރެންދޫ ޖަލްސާގައި ޔާމީން ދެއްކެވީ ޖޭޕީއަކީ ދެން ވެސް ރިޔާސީ އިންތިހާބަކަށް ދާއިރު ވެސް މުހިއްމު ޕާޓީއަކަށް ވާތީ ކަމަށެވެ. އެ ޕާޓީގެ މުހިއްމުކަން ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިިހާބުގައި ވެސް ފެނިގެން ދިޔަ ކަމަށާއި ސަރުކާރަށް އެ ގޮނޑި ކަށަވަރުވީ އެ ޕާޓީގެ ލީޑަރު ގާސިމް ވެސް ނުކުންނަވައި ކުރެއްވި މަަސައްކަތުން ކަަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.
ކޮމަންޑުއަށް ކުރެއްވި ކެމްޕޭން ދަތުރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އެ އިންތިހާބު ކާމިޔާބުކުރަން، އެއް ފަހަރަށް ވުރެން ގިނައިން ކޮންމެ ބޭފުޅަކު ވެސް ކެމްޕޭނަށް އެ ރަށަށް ވަޑައިގަތް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ހަމައެގޮތަށް، ޖޭޕީން ކުރެންދޫ ކައުންސިލަށް ކެންޑިޑޭޓަކު ނެރުނު ނަމަ ނުވަތަ ސަރުކާރާ އެކު ކެމްޕޭންގައި މަސައްކަތް ކުރި ނަމަ ޕީޕީއެމަށް އެ ގޮނޑި ކަށަވަރު ނުވީހެވެ.
"އެކަން އެނގިވަޑައިގަންނަވާތީ ޔާމީން ކުރެންދޫގައި ޖޭޕީގެ ވާހަކަ ދެއްކެވީ. ޖޭޕީ މުހިއްމު ވާތީ،" އަލީ ސޯލިހް ވދިާޅުވި އެވެ.
އޭނާ ވިދާޅުވީ 2023 އަށް އެ ޕާޓީން އަދި ގޮތެއް ނުނިންމާ ކަަމަށެވެ. ޔާމީންގެ ވެރިކަމުގައި 2018 ކައިރިވި އިރު ގާސިމް ވާދަކުރެއްވިޔަ ނުދޭން ނުހައްގުން ހުކުމް ކުރައްވައި ފުރުސަތު ބަންދުކުރެއްވި ނަމަވެސް މި ވެރިކަމުގައި ގާސިމް ކުރިމަތިލިޔަނުދޭން އެފަދަ ކަމެއް ކުރިމަތިނުކުރާ ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެރިކަމަށް ވާދަކުރައްވަފާނެހެން ހީވި ހުރިހާ ލީޑަރުން ބަންދުކުރި ގޮތަށް އެކަން ހިނގައިފާނެ ކަމުގެ ބިރެއް ވެސް މި ވެރިކަމުގައި ނެތް ކަމަށާއި އެހެންކަމުން ޖޭޕީއަށް ވިސްނުންތެރިކަމާ އެކު ގޮތް ނިންމުމުގެ ފުރުސަތާއި މުއްދަތު އަދި އެބައޮތެވެ.
"ގާސިމަށް ނުފޫޒެއް އަދި އެހެން ލީޑަރަކަށް ވެސް ބިރެއް ނެތް މި ވެރިކަމުގައި އިންތިހާބުގައި ވާދަކުރައްވަން،" އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުތަކުގެ ފުރަތަމަ ބުރުގައި ވަކިން ވާދަކުރައްވަ އެވެ. ދެ ވަނަ ބުރުގައި ކޯލިޝަން ހަދާއިރު، އެ ޕާޓީވެފައި ވަނީ ކޮންމެ ރިޔާސީ އިންތިހާބެއް ވެސް ކާމިޔާބުކުރުމުގައި ހަދާ ކޯލިޝަންގެ މުހިއްމު ހިއްސާއަކަށެވެ.
ޖޭޕީއަށް އެންމެ ގިނަ ދުވަހު ކޯލިޝަނާ އެކު ދެމިތިބެވުނީ މި ވެރިކަމުގަ އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމާއި ޕީޕީއެމްގެ ވެރިކަމުގައި ވެސް ގިނަ ދުވަސްތަކެއް ނުވެ ކޯލިޝަނުން ވަކިވެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި އެވެ. މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވަންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަން އެއްބާރުލުން ދެއްވާނެ ކަމަށް ގާސިމް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
04 April 2022
ގާސިމްބެ މިފަހަރު ހޮވުމުގެ ފުރުސަތު ވަރަށް ބޮޑު. އެމްޑީޕީގެ އެތެރޭގެ ތަޅާފުޅޮމާއި ހެދި އެމްޑީޕީގެ ގިނަމެމްބަރުން ވަނީ ދެވަނަ ވިސްނުމަކަށް ދާން ނިންމާފައި، ވީމާ އެމްޑީޕީގެ ގިނަ މެމްބަރުން ގާސިމުގެ ޕާޓީއާއި ގުޅޭނެ. ޔާމީނަކަށް ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެވޭނެ އަންނަން އޮތް ޖަލު ހުކުމުގެ ސަބަބުން އަދި ޕީޕީއެމުން ނެރޭ ވަހީދު ނުވަތަ ޖަމީލަކީ ސިޔާސީ ބުރަދަނެއް ލިބިގެންވާ ބަޔަކަށް ވާތީވެ ހޮވުމުގެ ފުރުސަތު ވަރަށް ދައްވާނެ.
ކޮބާ.. ކޮބާ
04 April 2022
ޕީޕީ އާއި ޥާހަކަ ދެއްކިޔަސް އެއްބަހެއް ނުވާނެ.. ކާކު، ވައިގުރާ ކައިގެންހުރެ ، މިހުޜީ އެ ކައިގެންނޭ ބުނަނީ؟؟؟
ގުބޯލި
01 April 2022
ޤާސިމު އިބުރާހިމް އަަށް ބަވާނީ ބޮޓުން ސިޔާސީ ބޮޓުން އެމްޑީޕީ ނޫނީ ޕީޕީއެމްގެ ހަރުކަށިފިކުރުގެ މީހުން. ކިތަންމެވަރަކަށް ބެވިޔަސް މިހާތަނަށް ޕީޕީޢެމަށްވެސް އެމްޑީޕީއަށް ވެސް ވެރިކަން ލިބިފައޮތީ ޤާސިމުގެތައްޕާހުން. މަށާ މަގޭ އާއިލާ ވޯޓު ލިބޭނީ ގާސިމަށް ނޫނީ އޭނަ ބުނާ މީހަކަށް
މުހައްމަދު
01 April 2022
ރާއްޖެ ކަހަލަ ގައުމެއްގެ ވެރިއަކަށް ގާސިމާ އާއި ނަޝީދު އާއި ސާލިހު ފަދަ މީހުން ހޮވަން ވޯޓުދޭ މީހުންނަށް ގައުމު ހިންގުމާއި ހަވާލުކުރާ މީހާގެ ކިބައިގައި ހުންނަންވާ ސިފަތައް ނުއެގޭކަން ކަށަވަރު. ތިމާޔަށް ތިމާ ކުރަންއުޅޭ މަސައްކަތައް ބޭނުންވާ މުވައްޒަފު ކިބައިގައި ހުންނަންވާ ތައުލީމާއި ތަޖުރިބާ އާއި ހުނަރު ނުއެގެންޏާ ކަންކަން ރަގަޅަށް ނުދާނެ ކަން ދަނެ ޒިއްމާދާރު ވާންވެއްޖެ. ހޮވާ މީހާ އާއި ހަވާލުކުރަނީ ރައްޔިތުންގެ މުދަލާއި ފައިސާ.
އަލިފުޅު1111
01 April 2022
ޤާސިމް އިބްރާހީމަކީ ކާކުކަން ދިވެހި ރައްޔިތުންނަށް ހާމަވީ ކޮވިޑަށްފަހު. ދެން ދުވަހަކުވެސް ތިޔަޤާސިމަކަށް ވޯޓެއް ނުލާނަން
އިބްރ
31 March 2022
އޮނަރަބަލް ޤާސިމަށް ދަންނަވާލަންއޮތީ އަތުގައިހުރި ރައްޔިތުންގެ ފައިސާކޮޅު ހުސްކޮށްލަން ފުރަތަމަބުރުގައި ވާދަކޮށްލަންޖެހޭނޭ. އަދި އިންތިޚާބާއި ދޭތެރޭގައި މިއޮތް މުއްދަތުގައި ރާއްޖޭގެ ހުރިހައި ރަށަކަށްވެސް ދީލަތި އެހީވެދެއްވާ. އަދި ދެވަނަބުރުގައި މަނިކުފާނު ރ ޔާމީންކޮޅަށް ޖެހިލައްވައި އިންތިޚާބް ކާމިޔާބުކުރާނީއެވެ. ނަމަވެސް ރ ޔާމީނަކަށް މަނިކުފާނު ދައުލަތަށް ދައްކަންޖެހޭ ޓެކްސްފައިސާ މަޢާފެއްނުކުރެވޭނެ. ކޮންމެމީހަކުވެސް ޖެހޭނީ ޓެކްސްދައްކަން.
ސުތަލިންސް
31 March 2022
ގާސިމުވެސް ވަރަށް ރައީސްކަންކޮށްލާހިތްވޭ އެކަމަކު 2 ފަހަރުކުރިމަތި ލައިގެންވެސް މާބޮޑު ކުރިއެރުމެއް ނުލިބުނު އެކަމަކު އަދިވެސް ހަމަ ކުރިމަރިލައިފާނެ
ބަރުލަމާނީ ރިޕަބްލިކް
31 March 2022
ޖޭޕީގެ ބަދަލުގަ އާ ރިޕަބްލިކަން އެއް ބޭނުންވޭ.ވަންމޭބް ޕާރޓީއަކަށް ރިޕަބްލިކް ނުކިޔޭނެ
ސޗޗދަ
31 March 2022
ދައުލަތަށް ދައްކަން ހުރި ލާރި ނަގާ ވާހަކަ ދައްކާލާއިރަށް ކޮޅު ބަދަލުވަނީ. ނޮން ޓެކުހުގެ ބޮޑުބައެއް ވާނެ ގާސިމު ނުދައްކާ ހުރި ލާރިޔަށް. ގާސިމްގެ ޕާޓީ އަކި ވިޔަފާރި ހިމާޔަތް ކުރަން ހަދާފަ އޮތް ޕާޓީ އެއް
ބޮޓޭ
01 April 2022
ކަލެއަށް މާބޮޑަށް އެގެނީ ސިޔާސީ ރޯނު އެދުރެއް ދޮ
ކާލާ މަންނަ
31 March 2022
ކާލާ މަންނަޔާ ނުލާ ސިޔާސީ ގޭމު ކުޅެވޭނެ ގޮތެއް މިގައުމުގަ ހަމަ ނެތީތަ؟ މިގައުމުގަ ސިޔާސީ ބާރުވެރިކަން އޮތްގޮތަކީ އެމްޑީޕީ: ޗިޅިޔާ ބިބީ. ޕީޕީއެމް: ލާލު ބައިސާ. އަދާލަތު: ރުމާލު ގުލާމް. ކާލާ މަންނަ: ޖޭޕީ.