ށ. ކޮމަންޑޫ ކައިރީގައި އޮންނަ މަތިކޮމަންޑޫ: މަތިކޮމަންޑޫ އާއި އެ ރަށް ކައިރީގައި އޮންނަ އިތުރު ފަޅުރަށެއް ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި މިހާރު ވަނީ ހިމަނައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
31 މާޗް 2022 - 22:00
ށ. ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި މަތިކޮމަންޑު އާއި އިތުރު ފަޅުރަށެއް ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ރައީސް ނެރުއްވި ގަރާރެއްގައި ވިދާޅުވީ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސްއާ މަތިކޮށްފައިވީ ހިނދު، ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ މަތިކޮމަންޑު އާއި ކުޑަފަރުފިނޮޅު ހިމަނަން ފެނިވަޑައިގަންނަވާތީ އެގޮތަށް ނިންމަވާފައިވާ ކަމަށެވެ.
ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން މިރޭ "މިހާރު" އަށް ވިދާޅުވީ، ރައީސްގެ ގަރާރު ނެރުއްވީ، މަތިކޮމަންޑޫގެ ބިން ހިއްކުމުން ކުޑަފަރުފިނޮޅު ވެސް އެ ރަށުގެ އިހުތިސާސްގެ ތެރެއަށް ވަންނާނެތީ، ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސާސް އަލުން ކަނޑައަޅައިދޭން ކައުންސިލުން ރައީސްގެ އަރިހުގައި އެދިފައި ވާތީ ކަމަށެވެ.
ސަރުކާރުން އަންނަނީ ބިން ހިއްކައިގެން ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. އެ މަޝްއޫރު ފެށީ، މިދިޔަ ފެބްރުއަރީ މަހުގައި ބޭއްވި ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހޮވުމުގެ ބައި އިލެކްޝަނާ ދިމާކޮށެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި މުހައްމަދު ރާޝީދެވެ.
ށ. ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ހިއްކައިގެން އެ ދެ ރަށް ގުޅާލުމުގެ އަމަލީ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖެނުއަރީ 12 ގަ އެވެ. އެ މަޝްރޫއުގެ ދަށުން މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 249 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ހަރަދުކުރާއިރު، މަސައްކަތް ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަތިކޮމަންޑޫގެ ބިން ހިއްކުމަށް ފަހު، އެ ރަށާ ކޮމަންޑޫ ގުޅާލާނީ ކޮންކްރީޓް ފާލަމަކުންނެވެ.
ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމަކީ މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް މަޝްރޫއެވެ. މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައި ނެތް އެ މަޝްރޫއު، ބައި އިލެކްޝަން ކައިރިވަނިކޮށް އިއުލާންކޮށް، މަސައްކަތް ފެށުމުން އެއީ ސަރުކާރުން އިންތިހާބަށް ނުފޫޒުފޯރުވަން ވެގެން ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި އެވެ.
މަތިކޮމަންޑޫގެ އުތުރު ފަރާތުގައި އޮންނަ ކުޑަފަރުފިނޮޅަކީ ކޮމަންޑޫގެ މީހުންގެ އާންމުކޮށް ޕިކްނިކް ދިއުމަށް ބޭނުންކުރާ ރަށެވެ. ބޮޑު ތުނޑިއެއް ވެސް އޮންނަ އެ ރަށުގައި ހުންނަނީ އެންމެ ހަތް ރުކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 32
02 April 2022
ސިޔާސީ ބޭނުމަށް ތިމާވެށި ހަލާކުކޮއްނުލާ، އާދޭސް ކުރަން. އަހަރެމެންގެ ދަރިން ބޮޑުވާއިރު އެމީހުންނަށް މި ރީތިކަން ދައްކާލަން ބޭނުން، އައިލަންޑް ލައިފް ގެ ބިއުޓީ ދައްކާލަން ބޭނުން. ކަނޑު އަޑީގެ ރީތިކަން ދެމިއޮނަނަން ބޭނުން. ގުދުރަތީ ނިއުމަތްތަށް ހަލާކު ނުކުރޭ! ހެޔޮ ނުވާނެ!
ލުލު
02 April 2022
ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި މާލެ ހިމަނާލާ
ާއުނިމާ
01 April 2022
ހުރިހާ ސަރުކާރަކުންވެސް ރައްޔިތުން މޮޔަހައްދާ، ޚާއްޞަކޮށް ރައްރަށުގެ ރައްޔިތުން، ނަމަވެސް ތިޔަވަރަށް ހެދުނީމާ ދެން ތީ ދެން ބޮޑުވަރު
ގުބޯ ސޮރު
01 April 2022
ކޮމަންޑޫ މީހުނައް ކޮޅުކެހި. ތީ ދަންތުރެއް. ސިޔާސީ ބަޔަކު ފައިދާ ނަގައިފި. ގުބޯ ހެދުމުގަވެސް މިސާލެއް ކޮމަންޑޫމީހުންނަކީ.
ށަވިޔަނި
01 April 2022
ތިފަދަ ކަންކަން ނުކުރަނީ ކޮންސަރުކާރަކުން؟ ކޮން ގައުމެއްގަ؟ ހުޅަނގުގެ ޑިމޮކްރެސީ އެނޫން މީހުން ގެ ތެރެއަށް އައީމަ ގިނަވާނީ ތިފަދަ ތަރައްގީ. ތިއީ އަހަރުމެންގެ ޕާޓީ ސިސްޓަމުގެ ޖާދޫ. ވެރިކަމުގައި ތިބިމީހުން ބަލާނީ ދެމިތިބެވޭނެގޮތް. ދެން ތިބޭ މީހުން މަސައްކަތްކުރާނީ ވެރިކަމަށް އަންނަން. މިދެ ކަން ހާސިލުކުރަން ކުރާމަސައްކަތުގައި ކޮންމެވެސް ފާއިދާއެއް ރައްޔިތުންގެބަޔަކަށް ކޮށްފާނެ. އެއީ ވެރިންގެ ތެދުވެރިކަމެއްނޫން.
އަލިފުޅު1111
01 April 2022
ސަރުކާރުން ހެދި ދޮގުތައް ފޫބެއްދުމަށް ކުރިކަމެއްކަމަށް ފާހަގަވޭ. ރައީސްގެ ދުލުން ކޮމަންޑު ކައިރީގައިވާ ރަށްތައް ރިސޯޓްހަދަން ދޫކުރާނެކަމަށް ވިދާޅުވި. އެކަމަކު އެ ދުލުން އޮތީ މާކުރިން އެތަން އެހެންބަޔަކަށް ހަވާލުކޮށްފަ. ހިއްކާ މަޝްރޫއަށް ވެލިއެޅީ ވޯޓްކުރިން. އޭގެފަހުން އެއޮތީ ހުއްޓިފަ. ދޮގުސަރުކާރު. ނަމަނަމަ ވޯޓޭކިޔަން ނާންނާތި.
އޮރެންޖްބެރީ
01 April 2022
ރާއްޖޭގެ އެހެން ސަރަހައްދެއްގަ އޮންނަ ރަށެއް މާލޭގެ އިހްސޯސް ތެރޭގައި ހިމެނިދާނެތަ؟ ހުޅުދޫ މީދޫ އެއޮތީ ހިތަދޫންހެދި ސިޓީގަ ހިމަނާފަ . ރިއުނިއަން އަކީ ފްރެންޗް ޓެރިޓަރީއެއް. ތައިލެންޑް ކާރި އޮންނަ ނިކަބޯރ/އަންޑަމަން (އަންޒަމާން ކަރަ) އަކީ އިންޑިއާގެ ޓެރިޓަރީއެއް. އެހެންވިއްޔާ މަތިކޮމަންޑޫ ކަހަލަ ރަށެއް ވެސް (މިސާލަކަށް) މާލޭގެ އިހްތިސޯސް އަށް ލެވިދާނެ ތިއޮރެޓިކަލީ. އޭރުން މަތިމާލެ.. މިއީ އިލްމީ ތިއޮރެޓިކަލް ގޮތުން ވިސްނާލުމަށް ލިޔުނު ކޮމެންޓެއް.
މުރާޖާ
31 March 2022
ސަރުކާރުން ކޮންމެ ކަމަކުން ވެސް ކޮންމެވެސް ބާވަތެއްގެ ނުފޫޒެއް ފޯރާނެ.