އެރިކްސެން ލަނޑު ޖެހުމަށް ފަހު ޓީމުގެ ކޯޗާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
02 އެޕްރީލް 2022 - 21:37
ލަންޑަން (އޭޕްރީލް 2) - ބްރެންޓްފޯޑަށް ކުޅޭ ޑެންމާކު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެންގެ ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި، އެ ކްލަބުން މިރޭ ފަހަތުން އަރައި 4-1 އިން ޗެލްސީ ބަލިކޮށްފި އެވެ.
ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މެޗަކީ އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް ފިޔަވަޅު އެޅި ފަހުން ޗެލްސީ މިހާތަނަށް ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ކުޅުނު ހަތަރު މެޗު ވެސް ޗެލްސީ ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި މިއީ ލީގުގައި ޗެލްސީ މި ސީޒަނުގައި ބަލިވި ހަތަރު ވަނަ މެޗެވެ.
މިރޭގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން 48 ވަނަ މިނިޓުގައި ހާފު މެދަކާ ހަމައިން ފޮނުވާލި ބާރު ހަމަލާއަކުން ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ޗެލްސީންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރު އެންޓޮނީ ރުޑިގާ އެވެ.
ރުޑިގާ ހޯދައިދިން ލީޑު ޗެލްސީ އަށް ހިފަހައްޓައިލެވުނީ އެންމެ 100 ވަރަކަށް ސިކުންތަށެވެ. މެޗުގެ 50 ވަނަ މިނިޓުގައި ވިޓަލީ ޔަނެލްޓް ފޮނުވާލި ހަމަލާއަކުން ބްރެންޓްފޯޑް އެއްވަރުކުރި އިރު، އޭގެ ހަތަރު މިނިޓު ފަހުން އެޓީމަށް ލީޑު ނަގައިދިނީ އެރިކްސަން އެވެ. މިއީ އޭނާ ބްރެންޓްފޯޑަށް މިހާތަނަށް ކުޅެދިން ހަތަރު މެޗުން ޖެހި ފުރަތަމަ ލަނޑެވެ.
އެރިކްސެން ޗެލްސީ ކޮޅަށް ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
އެރިކްސެން ވަނީ، މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގައި ހާޓް އެޓޭކެއް ޖެހުނު ފަހުން، މިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި ޑެންމާކް ގައުމީ ޓީމަށް އެނބުރި އައިސް، ނެދަލެންޑްސް ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.
ބްރެންޓްފޯޑުގެ ތިންވަނަ ލަނޑު 60 ވަނަ މިނިޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޔަނެލްޓް އެވެ. މި ލަނޑަށް ފަހު ހިލޭޖެހުމަކުން ލިބުނު ފުރުސަތެއްގައި ޗެލްސީގެ ކައި ހަވާޓްޒް ލަނޑެއް ޖެހި ނަމަވެސް ހަވާޓްޒް ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން އެ ބޯޅަ އޭނާގެ އަތުގައި ޖެހިފައި ވާތީ އެ ލަނޑު ރެެފްރީ ބަލައެއް ނުގަތެވެ. އޭގެ ފަހުން ވެސް ހުސްކޮށް ލިބުނު ބޯޅައެއް ހަވާޓްޒް ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރަށެވެ.
ބްރެންޓްފޯޑްގެ ހަތަރުވަނަ ލަނޑު 87 ވަނަ މިނިޓުގައި ޖެހީ ޔޮއާނޭ ވީސާ އެވެ. ރުޑިގާ ދިފާއުކުރި ބޯޅައެއް ހޯދައި އޭނާ ވަނީ އެއްފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިއީ ތޯމަސް ޓުޗެލްގެ ކޯޗު ކަމުގައި ޗެލްސީ މިހާ ބޮޑު ތަފާތަކުން ބަލިވި ދެވަނަ މެޗެވެ. މިދިޔަ އަހަރު އޭނާ ޗެލްސީއާ ހަވާލުވެ 14 މެޗަށް ފަހު ފުރަތަމަ ފަހަރަށް ބަލިވީ ލީގުން ރެލިގޭޓްވި ވެސްޓް ބްރޮމް އަތުން އަމިއްލަ ދަނޑުގައި 5-2 އިންނެވެ.
މި ނަތީޖާއާ އެކު ޗެލްސީ އަދިވެސް އޮތީ ލީގުގެ ތިންވަނައިގަ އެވެ. ޗެލްސީ ކުޅުނު 29 މެޗުން އެޓީމަށް ލިބިފައި ވަނީ 59 ޕޮއިންޓެވެ. ބްރެންޓްފޯޑް އޮތީ ކުޅުނު 31 މެޗުން ހޯދި 33 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.
ޖޮޓާ ލިވަޕޫލަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް ލިވަޕޫލް ވެސް ވަނީ މިރޭ ލީގުގައި ކުޅުނު މެޗް 2-0 އިން ކާމިޔާބުކޮށް މަގާމު ދަމަހައްޓައިފަ އެވެ.
ލިވަޕޫލުން މިއަދު ހަވީރު އަމިއްލަ ދަނޑުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކުރިއިރު ލަނޑުތައް ޖަހައިދިނީ ޑިއޯގޯ ޖޮޓާ އާއި ފަބީނިއޯ އެވެ. ޖޮޓާ ޖެހި ލަނޑަކީ ފުރަތަމަ ހާފުގައި ޑިފެންޑަރު ޖޯ ގޮމޭޒް ނެގި ހުރަހަކުން ބޮލުން ޖެހި ލަނޑެކެވެ. އަދި ފަބީނިއޯގެ ލަނޑަކީ މެޗު ނިމެނިކޮށް ޖޮޓާ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. މެޗު ކާމިޔާބު ކޮށްގެން ލިވަޕޫލް ލީގުގެ އެއްވަނައަށް ޖެހިލި ނަމަވެސް ފަހުން މެންޗެސްޓާ ސިޓީ ވަނީ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އަލުން އެއްވަނައަށް އަރައިފަ އެވެ.
މެންޗެސްޓާ ސިޓީގެ ޑިބްރޭނާ ބޯޅަ ހިފައިގެން ކުރިޔަށް ދަނީ.-- ފޮޓޯ: އޭއެފްޕީ
ބާންލީގެ ދަނޑުގައި ސިޓީގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ސިޓީގެ ފުރަތަމަ ލަނޑު ފަސްވަނަ މިނިޓުަގއި ކެވިން ޑިބްރޭނާ ޖަހައިދިން އިރު ދެވަނަ ލަނޑު 25 ވަނަ މިނިޓުގައި ޖަހައިދިނީ އިލްކޭ ގުންޑޮގާން އެވެ. މި ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ރަހީމް ސްޓާލިން އެވެ.
ސިޓީގެ މި މޮޅާ އެކު އެޓީމު އެއްވަނައިގައި އޮތީ 30 މެޗު ކުޅެގެން 73 ޕޮއިންޓާ އެކު އެވެ. ހަމަ އެއަދަދަށް މެޗު ކުޅެގެން ލިވަޕޫލް ދެވަނައިގައި އޮތީ 72 ޕޮއިންޓާ އެކު އެވެ.
ލީޑްސް ޔުނައިޓެޑާއި ސައުތެމްޓަން މިރޭ ކުޅުނު މެޗް 1-1 އިން އެއްވަރު ވިއިރު ބްރައިޓަން އާއި ނޯރިޗް ސިޓީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް އެސްޓަން ވިލާ ވަނީ ވުލްވްސްއާ ވާދަކުރި މެޗުން 2-1 އިން ބަލިވެފަ އެވެ. މިއާ އެކު އެސްޓަން ވިލާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy