ލަންޑަން (ޑިސެމްބަރު 21) - ނުވަ ކުޅުންތެރިންނާ އެކު މެޗު ނިންމާލަން ޖެހުނު ޓޮޓެންހަމް ހޮޓްސްޕާ 2-1 އިން ބަލިކޮށް ލިވަޕޫލް، ހަތަރުވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފި އެވެ.
ޗެލްސީން މި ސީޒަނަށް ގެންދަން މަސައްކަތް ކުރި ނަމަވެސް ފަހު ވަގުތު ޓޮޓެންހަމަށް ބަދަލުވި ޒަވީ ސިމޯންސް އަށް 33 ވަނަ މިނިޓުގައި ރަތް ކާޑު ދެއްކި އިރު، ލިވަޕޫލް ލީޑު ނެގީ 56 ވަނަ މިނިޓުގައި އެލެކްޒެންޑާ އީސާކް ޖަހައިދިން ގޯލުންނެވެ. އޭގެ 10 މިނިޓު ފަހުން ހޫގޯ އެކިޓީކޭ ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް ޓޮޓެންހަމް ވަނީ 83 ވަނަ މިނިޓުގައި ރިޗާލިސަންގެ ގޯލަކުން ފަރަގު ކުޑަ ކޮށްފަ އެވެ.
އޭގެ ފަހުން ވެސް ރިޗާލިސަން އަށް ވަނީ ނަތީޖާ އެއްވަރު ކުރަން ހުސް ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ. ޓޮޓެންހަމް މި މެޗު ނުވަ ކުޅުންތެރިންނާ އެކު ނިންމާލަން ޖެހުނީ އިތުރު ވަގުތުގައި ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ 17 މެޗުން 29 ޕޮއިންޓް ހޯދައިގެން ފަސްވަނައަށް ޖެހިލައިފަ އެވެ. އަދި 22 ޕޮއިންޓް ލިބިފައި އޮތް ޓޮޓެންހަމް ވަނީ 13 ވަނައަށް ވެއްޓިފަ އެވެ.
ޗެލްސީ ހަތަރުވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ޗެލްސީ ވަނީ ރޭ ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފަ އެވެ.
މީގެ ކުރިން ނިއުކާސަލްގެ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައިވާ ނިއުކާސަލް ވަނީ ވަރުގަދަކޮށް ފަށައިފަ އެވެ. އެގޮތުން ހަތަރުވަނަ މިނިޓުގައި ލީޑު ނެގި އިރު 20 ވަނަ މިނިޓުގައި ލީޑު ފުޅާކޮށްފައިވެ އެވެ. ދެ ލަނޑު ވެސް ޖަހައިދިނީ ޖަރުމަން ލީގުން މި ސީޒަނަށް ގެނައި ޖިކް ވޯލްޓްމޭޑް އެވެ.
ޗެލްސީ ފަރަގު ކުޑަކޮށް އުންމީދެއް ހޯދީ 49 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް ކެޕްޓަން ރީސް ޖޭމްސް ކާމިޔާބު ކުރުމުންނެވެ. ޗެލްސީ ނަތީޖާ އެއްވަރު ކުރީ 66 ވަނަ މިނިޓުގައި ޔާއޯ ޕެޑްރޯ ޖަހައިދިން ގޯލުންނެވެ.
ބްރެންޓްފޯޑް ރޭ ވަނީ ދެ ޕޮއިންޓާ އެކު ފުލުގައި އޮތް ވުލްވްސް 2-0 އިން ބަލިކޮށްފަ އެވެ. ވުލްވްސް އަކީ ޔޫރަޕްގެ ގަދަ ފަސް ލީގުގައި މިހާތަނަށް މޮޅެއް ނުހޯދި އޮތް ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ.
ވުލްވްސްގެ އިތުރުން ދެން މޮޅެއް ހޯދިފައި ނެތީ އިޓާލިއަން ސެރީ އޭ ގައި ކުޅޭ ފިއޮރެންޓީނާ އެވެ.
މެންވެސްޓާ ޔުނައިޓެޑާއި ސްޕެއިންގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގޯލު ބަލަހައްޓަމުން އަންނަ ފޮއޮރެންޓީނާ އަށް މިހާތަނަށް ކުޅެފައިވާ 15 މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ.
އިޓަލީ ލީގުގައި ޕޮއިންޓެއްގެ ތަފާތުން އެއްވަނައި މިވަގިތި އޮތީ އިންޓަ މިލާނެވެ. އިންޓަ އަށް 33 ޕޮއިންޓް ލިބިފައި ވާއިރު ދެވަނައިގައި އޮތް އޭސީ މިލާން ވަނީ 32 ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ 31 ޕޮއިންޓާ އެކު އޮތީ ތިންވަނައިގަ އެވެ.