ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު: މަދަނީ އިޖްރައާތުގެ ގާނޫނަށް ހޭލުންތެރިކުރުވަން އޭނާ ވަނީ ފޮތެއް ނެރުއްވާފައި -- ފޮޓޯ/ރައީސް އޮފީސް
04 އެޕްރީލް 2022 - 16:31
އަމަލުކުރަން ތައްޔާރުވަމުން އަންނަ މަދަނީ އިޖްރައާތުގެ ގާނޫނާ ބެހޭ ފޮތެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނެރުއްވައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މަދަނީ އިޖްރައާތުގެ ގާނޫނެއް މިދިޔަ އަހަރު ތަސްދީގުކޮށް، އަންނަ ޖޫން މަހު އަމަލުކުރަން ފަށާނެ އެވެ.
"މަދަނީ އިޖްރައާތުގެ ގާނޫނުގެ ދެނެގަތުން" ގެ ނަމުގައި ފަނޑިޔާރު ސުއޫދު ނެރުއްވި ފޮތުގައި އެ ގާނޫނުގެ މައިގަނޑު އަދި މުހިންމު އުސޫލުތައް ޚުލާސާކޮށް، ބަޔާންކޮށްދީފައިވެ އެވެ. އެ ފޮތް "ޖަސްޓިސްސުއޫދު.ކޮމް" ވެބްސައިޓުން މިހާރު ހިލޭ ލިބޭނެ އެވެ.
Husnu Al Suood
Husnu Al Suood is a Justice of the Supreme Court of the Republic of Maldives since 8 December 2019.
ފަނޑިޔާރު ސުއޫދުގެ ވެބްސައިޓް
ފަނޑިޔާރު ސުއޫދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ފޮތް ނެރުއްވުމުގެ ބޭނުމަކީ މަދަނީ އިޖްރައާތުގެ ގާނޫނާ އެކު، މަދަނީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި ދައުވާ ކުރުމަށް އިންގިލާބީ ބަދަލުތަކެއް އަންނާތީ އާންމު ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވުމެވެ.
"މިސާލަކަށް، މައްސަލަ ހިންގަން ހިނގާ ޚަރަދު މައްސަލަ ނާކާމިޔާބުވާ ފަރާތުން ނަގައިދިނުން، މިއީ މި ގާނޫނާއެކު ރާއްޖޭގައި އަލަށްފަށާ ކަމެއް. މިކަންކަން އާންމުންނަށް އެނގެންޖެހޭ." ގާނޫނީ ދާއިރާއާ ބެހޭގޮތުން އެންމެ ގިނަ ފޮތް ލިޔުއްވި އަދި ކުރިން އެޓާނީ ޖެނެރަލްކަން ކުރެއްވި ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ގާނޫނުތައް ދިގުވުމާއި އަދި ތަރުތީބު ހުންނަ ގޮތުން އާންމުންނަށް ގާނޫނު ފަހުމް ނުވުމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެކަމަކު އެ ފޮތުގައި، ގާނޫނުގެ ކޮންމެ މާއްދާއެއް އަކުރުން އަކުރަށް ލިޔުމުގެ ބަދަލުގައި ހިމަނާފައިވަނީ ކޮންމެ މާއްދާއެއްގެ މުހިންމު ބައެވެ. އެއީ ވެސް، އާންމުންނަށް ކިޔަން ފަސޭހަވާނެ ފަދަ ގޮތަކަށް އިބާރާތް ބަދަލު ކުރުމަށްފަހު އެވެ.
އެެގޮތުން، މަދަނީ މައްސަަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ފުރަތަމަ ފަހަރަށް އެ ގާނޫނާ އެކު ކަނޑައެޅިގެން ދާއިރު، އެ މުއްދަތުތައް ފަސޭހައިން ބެލޭނެ ފަދަ ތާވަލެއް އެ ފޮތުގައި ހިމަނާފައިވެ އެވެ. އަދި މައްސަލަތަކުގެ ބާވަތުން މައްސަލަ ހުށަހަޅަން ޖެހޭ ކޯޓުތައް ވެސް އެނގޭނެ ތާވަލެއް ހިމަނާފައިވެ އެވެ.
"އާންމުންނަށް އަޅުގަނޑު މި ފޮތް ފޯކަސް ކޮށްފައި އޮންނާނީ. އެހެން ނަމަވެސް ގާނޫނުގައި ހުރި ކަންކަމާ މެދު އަޅުގަނޑު ދެކޭ ގޮތް ނުވަތަ އޮޕީނިއަނެއް މި ފޮތުގައި ހިމަނާފައެއް ނޯންނާނެ،" ސުއޫދު ވިދާޅުވި އެވެ.
ޖުމްލަ 429 މާއްދާ އަދި 300 އެއްހާ ސޮފްހާ ހިމެނޭ ރާއްޖޭގެ މިހާރުގެ އެންމެ ދިގު ގާނޫނު އެ ފޮތުގައި ގެނެސްދީގައިވަނީ 218 ސޮފްހާއިންނެވެ. އެހެންވެ، މިއީ އެ ގާނޫނު އަކުރުން އަކުރަށް ކިޔުމުގެ ބަދަލުގައި ގާނޫނުގެ މައިގަނޑު އުސޫލުތައް ކިޔާލުމަށް ފަސޭހަ ފޮތެކެވެ.
ރާއްޖޭގެ ގާނޫނީ ނިޒާމާ ބެހޭގޮތުން ސުއޫދު މިހާތަނަށް ވަނީ 15 ފޮތެއް ލިޔުއްވައިފަ އެވެ. މިއީ އޭނާ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ފަހުން ފަހުން ނެރުއްވި ދެވަނަ ފޮތެވެ. އެންމެ ފަހުން ނެރުއްވީ "އިސްލާމީ ޝަރީއަތުގައި ހެއްކާ ބެހޭ އުސޫލުތައް ރާއްޖޭގައި ތަތުބީބު ކުރަމުންދާ ގޮތް" ގެ ނަމުގައި އޭނާ ލިޔުއްވި ފޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަންބާޗޯޅާ
04 April 2022
މިރާއްޖޭގެ ގާނޫނު ސާފު ރީތި ދިވެހި ބަހުން ލިޔަން އެބަޖެހޭ. ބައެއްގާނޫ ލިޔެކިޔާއިރު ނުވަތަ އަޑު އިއްވާއިރު ބޭނުކޮށްފައި ހުންނަ ގިނަ އަރަބިސްތަކާއި ދިވެހިންނަށް ބީރައްޓެހި ބަސްތަކުން މީހުން ބިރުގަންނަވާލާ
ޖާބެ
04 April 2022
މަރުކަމިޝަންނައް ވީ ކިހިނެއްތޯ...
ވާނުވާނޭންގޭމީހާ
04 April 2022
300 ސޮފުހާ 100 އަށްވުރެ ކުރުވާނެ ގޮތެއް ނޯންނާނެތޯ އާއްމުނަށް؟ ދެން އަނެއްކާ ފުށުއެރުންތަކެއް ހުރި ޤާނޫނެއްގެ ބަރިބަރިއަށް އިޞްލާޙުތައް އައުމަށް ފެންމަތިވެފައިވަނިކޮށް ފޮތެއް ލިޔުއްވުމުގެ ބަދަލުގައި އާޓިކަލްތަކެއް ލިޔެދެއްވިނަމަ އަޕްޑޭޓު ކުރަން ފަސޭހަވާނެ ނޫންތޯ؟ އެޤާނޫނު އެއީ ބަޔަކު އަަވަސްއަރުވާލައިގެން ކޯޓުން ދިން ލަފަޔަށްވެސް ނުބަލާ ފާސްކުރި އެއްޗެއް. އެންމެ ރަނގަޅަށް ހިނގާ ޑިސްޕިއުޓްވެސް އުވާލާފަ އެއޮތީ.
ޣަޒީ
04 April 2022
ޝުކުރީއްޔާ އިއްޒަތްތެރި ފަނޑިޔާރު.
އޮނަރަބްލް އަފީފު ދީދީ
04 April 2022
ފަނޑިޔާރުކަމާއި، ދައުލަތުގެ ބަންޑާރަނައިބް ކަމުގެ މަޤާމް އަދާކުރުމުގެ ދިގުދެމިގެންވާ ފަޙުރުވެރި ތާރީޙެއްއޮތް އާއިލާ، އައްޑޫ މީދޫ ހަސަންކާރިގޭ ޑރ ހުސްނު އަލް ސުއޫދަކީ ރާއްޖޭގެ ތާރީޙްގައިވެސް ޤާނޫނީ ބޭފުޅަކު ދިވެހިންނަށް ޤާނޫނީ އިލްމު އުގަންނަވާދެއްވުމަށާއި ޤާނޫނީ ޙައްޤުހޯދާދިނުމަށް އެހެން އެއްވެސްމީހަކު ނުކުރާފަދަ މަސައްކަތް ކޮށްދެއްވެވި ބޭފުޅެއް. # ޝުކުރީއްޔާ އިއްޒަތްތެރި ފަނޑިޔާރު. އަދިވެސް އަހަރުމެން ތިފަދަ އިލްމީ ފޮތްތަކަކަށް އެދެން.