ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުއޫދު: ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓސްގެ އޮފީހަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތްއަށް ވަނީ ހުށަހަޅާފައި - ފޮޓޯ: މިހާރު
17 މާޗް 2025 - 13:27
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފި އެވެ.
ބައިނަލްއަގްވާމީ އިދާރާތަކަށް އެ މައްސަލަ ހުށަހެޅުއްވީ ފަނޑިޔާރުކަމުން ސަސްޕެންޑް ކުރުމާއެކު ދާދިފަހުން މަގާމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ. އޭނާ އެދިވަޑައިގެންފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި މައްސަލައިގެ ތެރެއަށް ވަދެ، ފަނޑިޔާރުންނާ މެދު އަޅާފައިވާ ޣައިރު ދުސްތޫރީ ފިޔަވަޅު ބާތިލްކުރަން ސަރުކާރަށް ގޮވާލުމަށެވެ.
އެ އިދާރާތަކަށް ސުއޫދު ހުށަހެޅުއްވި މައްސަލާގައި ފަނޑިޔާރުން ސަސްޕެންޑްކުރި ގޮތާއި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ގާނޫނަށް ގެންނަ އުޅުނު ބަދަލާ ގުޅޭ ތަފްސީލްތައް ހިމަނާފައިވެ އެވެ. އަދި ސަރުކާރުން އެ ފިޔަވަޅުތައް އަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ މެދު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލުމަށް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، އެ މައްސަލަގެ ޝަރީއަތް ފެށުނު ފަހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރުން ލާޒިމްވާ ގޮތަށް ބިލެއް ހުށަހަޅައި، އެ ބިލް އަވަސް އަރުވާލައިގެން ފާސްކުރިކަން ސުއޫދު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި މައްސަލައިގެ އަޑުއެހުމަކަށް ކުޑަތަންވެފައި ވަނިކޮށް ބިލް ފާސްކޮށް، އަދި ތިން ފަނޑިޔާރުން ސަސްޕެންޑްކުރި ކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލަ ބަލަން ފަށައި، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގިތާ ކުޑައިރުކޮޅެއް ތެރޭގައި ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ އިތުރުން އެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަން އެ ކޮމިޝަނުން ހާމަކުރި ކަމަށް ވެސް އެ މައްސަލާގައި ސުއޫދު ފާހަގަ ކުރައްވާފައިވެ އެވެ.
ސުއޫދު ހުށަހެޅުއްވި މައްސަލާގައި ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާނެ ކަމުގެ އިންޒާރު އެޖެންޓެއް ފޮނުވައިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވާފައިވެ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޝަރުއީ ދާއިރާއަށް ގިނަ ނުފޫޒުތަކެއް ފޯރުވަމުންދާ ކަމަށާއި އަދި ޖޭއެސްސީއަށް އެމަނިކުފާނުގެ ވަފާތެރިން އައްޔަންކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ސުއޫދު ހުށަހެޅުއްވި މައްސަލާގައިވެ އެވެ.
ސުއޫދާ އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރިކަން ވޯލްޑް ބޭންކް އަދި އައިއެމްއެފްއާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. އަދި މިއަދު މަޖިލީހުގައި ވެސް ބައެއް މެންބަރުން ވަނީ ފަނޑިޔާރުންނާ މެދު އެޅި ފިޔަވަޅުތަކާ ގުޅިގެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖެއަށްދޭ ރޭޓިން ދަށްކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެފަ އެވެ.
ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުގެ މައްސަލަ ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. އެ ދެ ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ވެސް ވަނީ ނަގައިފަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމުގެ ބިލް ރައީސް މުއިއްޒު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި އެ ބިލް ތަސްދީގު ނުކުރައްވައި، އެ ބިލް އަނބުރާ ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައިވާތީ އެވެ.
ބަންޑާރަ ނައިބު ލަފާ ދެއްވާފައިވަނީ އެ ބިލް އޮތްގޮތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ އުސޫލާ ފުށުއަރާ ކަމަށެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވަރަށް އަވަސް އަރުވާލައިގެން ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ. އޭރު މަޖިލީހުގެ ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ އާއި ގާނޫނީ ގިނަ ވަކީލުން ވަނީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާކަން ފާހަގަކޮށް ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ބިލް ފާސްކުރީ އެކަންކަމާ މެދު މަޝްވަރާ ކުރުމެއް ނެތި އެވެ.
އެ ބިލް މަޖިލީހުން އޭރު ފާސްކޮށްފައިވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ނިންމުމާ އެކު އެވެ. އެ ބިލް ފާސްކުރީ އެ މައްސަލައިގެ އަޑުއެހުމެއް ވެސް ބާއްވަން ތާވަލް ކޮށްފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދާ އެ މައްސަލަ އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމާ އެކު މި ވަގުތު އޮތީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަވާފް
18 March 2025
ރައްޔިތުންގެ ބާރު ރައްޔިތުންގެ މައްޗަށް ހިންގަވަންވާނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ތަޢާރުޒް ނުވާގޮތަށް ކަން އެއީ ކޮންމެ ރައްޔިތަކަށް އެނގި ކަށަވަރުވާ ކަމެއް. ކޮންމެ ރައްޔިތަކީ ލޯޔަރަކަށް ނުވިއަސް ޤާނޫނު އަސާސީގައި ބުނާ މިދެންނެވި ވާހަކަތައް ވަރަށްގިނަ ރައްޔިތުންނަށް އެނގެއެވެ.
ތުއްތޮންބެ
18 March 2025
އަޅުގަނޑަށް ފެންނަނީ އެފްރިކަން ޔޫނިއަންވެސް ތިމައްސަލަ ހުށައަޅަން.
އަލީބެ
18 March 2025
ސުއޫދު ދަންނަވަންތޯއެވެ. ދިވެހިންގެ ކަންކަމަށް ބޭރުގެ ފަރާތްތައް ވެއްދުމަކީ އެންމެކުރިންސުރެ ހިނގަމުންއަންނަ ވިޔާނުދާ ކަމެއް. މިހާރުގެ ރައީސް ގޯހެއް ހަދާނަމަ އެކަން ފާހަގަކުރާނީ ދިވެހިރައްޔިތުން. މުއިއްޒުވެސް ދައުރު ހަމަކުރަން ފުރުސަތު ދެއްވަވާ. އޭނާވެސް 5 އަހަރު ހަމަކުރީމާ ރިޕޯޓްދޭނީ ރައްޔިތުން. ދައުރު ހަމަނުވަނީސް ވެރިކަން ވެއްޓީމަ ވާނީ ޕާކިސްތާނަށް. ރައްޔިތުންގެ ކިބާގަ ކެއްތެރިކަންވެސް ހުންނަންވާނެ.
ގަމާރުން
18 March 2025
މި ސުއޫދު .. މިތަނަށް ކޮން ގޮތަކަށް ކަން ދިވެހިން ހަނދާން އެބަހުރި. މިކަހަލަ . އެމްޑީޕީގަ ހުސް މިއުޅެނީ. ސޯލިހް ގެ އެކްޓިވިސްޓް ... ސުއޫދު
ބަލާމީހާ
18 March 2025
ތާޖުއްދީނުގެ ދަރިން ވެސް ކުރީ މިބާވަތުގެ ކަމެކޭ ބުނެވިދާނެ.
ކސބފ
18 March 2025
ޔޫއެން ނޫން ކޮންމެތާކައްދިޔަކަމުގައި ވިއަސް ކަލޭ އިސްތިއުފާނުދޭކަމަކައްނުވާނެ
އޮނަރަބްލް އަފީފު ދީދީ
18 March 2025
މަޖިލިސް ތެރޭގައިތިބި ރައީސަށް އެންމެ ވަފާތެރިކަމަށް ހެދިގެންއުޅުނު ނަމީރާ ނާޒިމް މެންގެސަބަބުން 2028 ޕީއެންސީއަށް ގެއްލުވާލާނެ ވަރުގަދަ ފަހުލަވާނެއް ރައްޔިތުނަށް ދައްކައިފި. ސުޕްރީމްކޯޓްގައި އިންނެވި އެންމެ އިލްމީ ޤާބިލް ފަނށިޔާރު ހުސްނު އަލް ސުޢޫދަކީ "ސިޔާސީ އެކްޓިވިސްޓެއްކަމަށްބުނެ" މަޖިލީހުގެ ތަޅަމާއި ކޮމަޓީތަކުގައި ވާހަކަ ފެތުރުމުގެސަބަބުން މަޤާމުން އިސްތިޢުފާ ދެއްވާފައި މިހާރު ސުޢޫދު އެހުންނެވީ ސިޔާސީ މީހެއްގެގޮތުގައި ކުރިމަތިލާން ނިކުމެފަ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
18 March 2025
ކޮންމެ ގޮތެއް ހަދާގެންވެސް ސަސްޕެންޑް ކުރި ފަނޑިޔާރުންނަށް އިންސާފު ހޯދާދޭންޖެހޭ. ހަމަ ސަރުކާރާ ދެކޮޅަށް ހުކުމެއް އައިސްދާނެހެން ހީވީމަ ފަނޑިޔާރުގެއަށް ސަރުކާރުން އަތްބާނާގެން ބޭނުންހާ ކަމެއް ކުރެވިގެން ނުވާނެ. މިއީ ތިން ބާރު ވަކި ކުރެވިފައިވާ ދައުލަތެއް. ކޮންމެ ބާރަކަށްވެސް މިނިވަންކަމާއެކު އަދާކުރާ މަސްއޫލިއްޔަތު އަދާކުރެވެން ޖެހޭނެ. ހުރިހާ ތާކު ތިބެންޖެހޭނީ ސަރުކާރުގެ ޕަޕެޓުންނެއް ނޫން
އަދިވެސްތ
18 March 2025
އަދިވެސް އަހަރެމެން ދީންވެރިކަން ބަލަނީ ފޭރާމާއި ގައިގެ ހަމަ އިސްތަށިން. އަދުލުއިންސާފާ އިޙުސާންތެރިކަމަކުން ނޫން.
ކުރަކި
18 March 2025
އުޅުނީ ބަޣާވާތެއް ގެންނަން. މި ފަނޑިޔާރު އިދިކޮޅާ ކޮމިއުނިކޭޓް ނުކުރޭތޯ؟ ވެރިމީހާ ގައިގަ ޖެހުނީމަ ފޮޅާލާނެ. ރައްޔިތުން އެމަނިކުފާނު ހޮވީ ވައްޓާލާކަށް ނޫން ފަސްއަހަރު ވެރިކަން ކުރަން. ވިޔަފާރިވެރިން ޑޮލަރުކޮޅެއް މާރުކުރަންޖެހުނީމަ ބަޣާވާތްކުރުން މިއީ ހުތުރު ގޮތެއް.
70007
18 March 2025
ބައެއް މީހުންގެ ކޮމެންޓްތަކަށް ބަލާއިރު ހީވަނީ ސަރުކާރު ނޫނީ ސަރުކާރުގެ ރުހުންނެތް އެއްވެސް މީހެއްގެ އެއްވެސް ހައްގެއް ނޯންނަހެން. ސުއޫދުގެ ހައްގެއް އެއީ އޭނާ ބޭނުންތަނަކަށް މައްސަލަ ނުވަތަ ޝަކުވާ ހުށަހެޅުން. ތިމާއަށް މިއަދު ލިބޭ މަންފާއަކުން އެއީ އަބަދު ލިބޭނެ ކަމެއްކަމަށް ދެކިގެންނުވާނެ. އިމާއަށް ރަގަޅުގޮތާއި އިންސާފު ބޭނުންވާގޮތަށް އެހެންމީހުންނަށްވެސް ބޭނުންވާނެ.
ޕަޕެޓް
17 March 2025
މިއީ ޕަޕެޓު ސަރުކާރެއް. ޕްރޮފެޝަނަލް މީހުންކަމަކު ނުދާނެ. ތަންދޮރު އނގޭމީހަކަށް އަދި މީހާގެ ގޮތެއް ހުރި މީހަކަށް މަގާމުގަދެމި ނުހުރެވޭނެ. ޕަޕެޓު ފޯމުގަ އުޅެންޖެހޭނީ. މަގާމަށްޝަރުތަކީ އަންގާގޮތަށް ކަންކުރުން. އެމީހުންނަށް ލިބޭނެ ކޮންމެ ވަޒީފާއެއްވެސް މިނިސްޓަރު ގެ ފެންވަރުގަ. އަޖައިބުތަކުގެ ތެރެއިން މީވެސް އަޖައިބެއް
ކުރުމަ
18 March 2025
އޭނައަކީ ޕްރޮފެޝަނަލް މީހެއް ނޫން.