މީހުން

ސޯލްޓާއެކު އާދިލްގެ ދަތުރުގައި އެއްކޮށް ލޮނުހެޔޮވަރުކޮށްލައިފި

ސޯލްޓް ކެފޭގެ އާ އެގްޒެކެޓިވް ޝެފް އާދިލް

އޭނާގެ އެންމެ ސަޅި، އެންމެ އުފާވެރި ހަނދާނަކީ ކުޑައިރު އީދު ބަންދަށް މަންމަގެ ރަށަށް ގޮސް ބޮޑުއުނދޯލީގައި މަންމަގެ އަތުން ބަތްކާން އިންނަ ހަނދާނެވެ. ބަތާއި ރިހާކުރާއި ތެލުލި ފަތާއި ލޮނުމިރުހާއި ފިޔަޔާއި މިރުހާއި މަސް މޮޑެލައިގެން ހުރިހާ ކުދިންތައް ގޮވައިގެން ގޮސް ބޭރު އުނދޯލީގައި މަންމަ ފަހަރަކު ކުއްޖެއްގެ އަނގަޔަށް ލައްވަމުން ގެންދާ ވާހަކަ ކިޔައިދިންއިރު މަށަށް ވެސް ހުރެވުނީ ހަމަ ކުޅުދިޔާވެފައެވެ. – އޭގެ އިތުރުން ރޮއްޓާ ގަރުދިޔަ އަށް ލުނބޯ ފެލައި ފިޔާކޮށައި ތެލުލި މިރުސް ޗިސްކޮށްލައިގެން ކާ ކެއުމަކީ ވެސް އޭނާގެ ފެވަރިޓެކެވެ. މިއީ ދެން ރޯދަ މަހެއްގެ ދުވާލު މިގޮތަށް ލިޔެ، ކިޔަން ވެސް ހެޔޮވާވަރުގެ ވާހަކަތަކެއް ނޫނެވެ. އެހެންވީމަ މި ރޯދައެއް މަކްރޫހަވުމުގެ ކުރިން އެހެން ދިމާލަކަށް އަނބުރާލަމާ ހިނގާށެވެ. – އެކަމަކު ވެސް ޝެފް އާދިލްގެ ވާހަކައެވެ.

އުމުރުން 30 އަހަރުގެ މުހައްމަދު އާދިލްގެ ވާހަކަ އެންމެފަހުން އަޅުގަނޑު ގެނެސްދިންއިރު އޭނާ އުޅުނީ ޔުނިވާސަލް އެންޓަޕްރައިޒްގެ ދިގަލި މޯލްޑިވްސްގައި އެގްޒެކެޓިވް ސޫސް ޝެފަކަށެވެ. އޭގެ ހައެއްކަ މަސް ފަހުން މިއަދު އޭނާ އަކީ މާލޭގެ މަޝްހޫރު ސޯލްޓް ރެސްޓޯރެންޓްގެ އެގްޒެކެޓިވް ޝެފެވެ. ވަރަށް ކުރުކޮށް ކިޔައިދޭ ނަމަ އޭނާ އަކީ މިވަގުތު މާލޭގައި މަސައްކަތްކުރާ އެންމެ ކުޅަދާނަ އަދި އެންމެ ޕޮޕިއުލާ ލޯކަލް ޝެފެވެ.

ދިގަލީގައި އުޅުނުއިރު އޭނާ ދިޔައީ 72 މުވައްޒަފުންގެ ޓީމަކާ އެކު އެއްފަހަރާ ރިސޯޓްގެ ފަސް ރެސްޓޯރެންޓް ބަލަހައްޓަމުންނެވެ. ބަދިގޭގެ މި ހަލަބޮލި އޮޕަރޭޝަންސްތަކުގައި ދެ ވަނަ އަށް އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔައިރު ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ފައްސަތޭކައެއްހާ ގެސްޓުންނަށް އާދިލް އާއި އޭނާގެ ޓީމުން ދުވާލެއްގެ މައްޗަށް ސާވްކޮށްދިނެވެ.

އެކަމަކު އާދިލް ބުނަނީ ދުނިޔެ އަށް މަޝްހޫރު އެ ހޮޓެލް ޗެއިންއެއް ދޫކޮށް ސޯލްޓް ކެފޭގައި މިހާރު އޭނާ ދެމުން އަންނަ ހިދުމަތަކީ ހިތާއި މާ ގާތުގައިވީ ހިދުމަތެއް ކަމަށެވެ.

އާދިލް

"މާލެ އަށް އަޅުގަނޑު ބަދަލުވީ އަލަތު ދަރިފުޅު ލިބިގެން އާއިލާއާ އެކުގައި ވެސް ގިނަ ވަގުތު ހޭދަކުރުމުގެ ބޭނުމުގައި. އެގޮތުން މިހާރު އާއިލާއާއެކު އެ ވަގުތު ހޭދަކުރަމުން އަޅުގަނޑުގެ ކަސްޓަމަރުންނާ ސީދާ ބައްދަލުވެ އެމީހުންނަށް އަޅުގަނޑުގެ އަތުން ސާވްކޮށްލަދެވޭތީ މިއީ ވަރަށް ހާއްސަ އައު ފެށުމެއް އަދި ތަޖުރިބާއެއް،" އާދިލް ބުންޏެވެ.

ނަމަވެސް އޭނާގެ މި ބިޒީ ޝެޑިއުލުގައި ކިތަންމެ ބިޒީއެއްވިޔަސް ނުވަތަ އާ އުސްމިނަކަށް އަރައިގެން ދިޔަޔަސް އޭނާގެ ހަނދާނާއި ހިޔާލުން ނުދާނެ ރަހައަކީ އޭނާގެ މި ދަތުރުގެ ފެށުމެވެ. އެއީ މަންމަގެ ސުފުރާމައްޗެވެ.

"ހަމަ އެންމެ ހަނދާންވަނީ އަހަރެންގެ މަންމަގެ ރަށް، މަތިވެރިއަށް ގޮސް އުޅުނު ދުވަސްތައް. ޗުއްޓީގައި އެ ރަށަށް ގޮސް އުޅޭއިރު އަބަދުވެސް ބޮޑެތި ކެއުންތައް ބާއްވާ ހަނދާން ވަނީ. ކާފަމެންނާ އެކު މިސްކިތުން ފައިބައިގެން ގެއަށް ދާއިރު މަންމަމެން އޮންނާނީ އެކި ވައްތަރުތަކުން ސުފުރާމަތި ފުރާލާފައި،" އާދިލް ކިޔައިދިނެވެ.

"މި ދައްކަނީ ވަރަށް ގަދަ އަށް ބޮޑުކޮށް ކައްކާ ވާހަކަ. ދެ ތިން ވައްތަރެއް ތައްޔާރުކުރަނީކީއެއްނުން. ސުފުރާމަތި އޮންނާނީ ފުރާލާފައި އެކި ބާވަތްތަކުން. މީގެ އިތުރުން ހަވީރަށް ބަރާބަރަށް ހެދިކާ ހަދާނެ. ހެނދުނު ބްރޭކްފާސްޓަށް ހުރިހާ ވައްތަރެއް ހުންނާނެ."

"އެއަށް ފަހު ޗުއްޓީ ނިމިގެން އަހަރެން ދާނީ ބައްޕަގެ ރަށް އައްޑޫ އަށް. ދާއިރު އެތަނުން ވެސް ގޮސް މި ވަދެވެނީ ކާއެއްޗެހިތަކުގެ ސުވަރުގެއަކަށް"

"އާއިލާގެ އެންމެނަކީ ވެސް މީރުކޮށް ކައްކާ މީހުން. ކޭކު އަޅާނެ. ބޯކިކާ ފިހާނެ. އެހެންވީމަ އަބަދުވެސް ގެއިން މީރު ކާ އެއްޗެހި ލިބިލިބި އޭރު ހުންނާނީ."

އޭރު އާދިލަށް ވާނީ ގާތްގަނޑަކަށް އަށް އަހަރެވެ. ކެއްކުމުގައި އޭނާ ވެސް މީހަކަށް ދުލެއް ނުކުރެއެވެ.

މިއީ އާދިލް ރާއްޖޭގެ ކަލިނަރީ އިންޑަސްޓްރީގައި މިވަގުތު މަސައްކަތްކުރަމުން އަންނަ އެންމެ ހުނަރުވެރި އަދި އެންމެ އިތުބާރުކުރެވޭ އެއް ޝެފަށް ބަދަލުކޮށްލި ދަތުރަށް މަގުކޮށުނު ގޮތެވެ. އެކަމަކު ޕްރޮފެޝަނަލް ޝެފަކަށް ވުމަކީ އޭނާ އެއްގޮތަކަށް ވެސް ބޭނުންވި ކަމެއް ނޫނެވެ.

"އަހަރެންގެ ޑްރީމް އަކީ ޕައިލެޓަކަށްވުން. އެކަމަކު އެ ފުރުސަތެއް ދުވަހަކުވެސް ނުލިބުނު. މީހުން އަހަރެން ކައިރީ ބުނީ ސައިންސް ސްޓްރީމް ނުކިޔަވާ ގޮސް ޕައިލެޓަކަށް ނުވެވޭނެޔޯ. އަހަރެން ކިޔެވީ ކޮމާސް. ދެން ޕައިލެޓަކަށް ނުވެވުނީމަ އަހަރެން ބޭނުންވީ އާކިޓެކްޓަކަށްވާން."

ކުޑައިރު ނުކިޔެވިޔަސް އޯލެވެލްގައި ފާސްނުވެ ފެއިލްވުމުން ލަންކާ އަށް ގޮސް އެއް އަހަރު ތެރޭގައި 10،9،8 ކަވަރުކޮށް ދެ ވަނަ ފަހަރަށް އޯލެވެލް ހަދައިގެން ރަނގަޅަށް ފާސްވުމުން އެއްވެސް ވަގުތެއް ބޭކާރުކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް އާކިޓެކްޗާ ކިޔަވައިދޭން ފޮނުވާނަމޭ ބުނެގެން ބައްޕަގެ ވިޔަފާރި ބެލެހެއްޓުމުގައި ނުވަ މަސްވީއިރު ވެސް އޭނާ އަކަށް އެ ފުރުސަތެއް ނުލިބުނެވެ.

އާދިލްގެ ބައްޕަ އަކީ އައްޑޫގައި ރީޓެއިލް ވިޔަފާރިވެރިއެކެވެ. ނަމަވެސް އެ ވިޔަފާރީގެ ތެރޭގައި ކިތަންމެ ޔަގީންކަމެއް އޮތަސް އެތަނުގައި ބަންދުވެފައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެ ފޫހިކަމުން ނުކުމެ ކާރުގައި ދަނިކޮށް މަގުމަތިން ދިމާވި ރައްޓެއްސަކާ ޖެހިގެން ގޮސް އާދިލްގެ ދިރިއުޅުން އެއްކޮށް ބަދަލުވީއެވެ. ނުބައި މަގަކުން ދިޔައީކީއެއް ނޫނެވެ.

"އެކުވެރިޔާ އެދުނީ ހިތަދޫގައި އެ ދުވަހު އޮތް ފޯސީޒަންސްގެ އެޕްރެންޓިސް ކޯހުގެ އިންޓަވިއު އަކަށް އޭނާ ގެންގޮސްދިނުމަށް. ދެން އޭނަ ގޮވައިގެން ގޮސް އަހަރެން ހިތަށް އެރީ އަހަރެން ވެސް ބޯދިއްކޮށްލަންވީއޭ ވާގޮތެއް ބަލައިލަން." ހަޔާތް ބަދަލުކޮށްލި ރައިޑުގެ ވާހަކަ އާދިލް ކިޔައިދެމުންދިޔަ އެވެ.

"ބަދިގެއާ ބެހޭ އެއްވެސް ކަމެއް ނޭނގޭތީ އަހަރެން އެޕްލައިކުރީ ހައުސްކީޕިން އާއި ވޯޓާސްޕޯޓްސް އަށް"

"އެކަމަކު އިންޓަވިއުގައި ބައްދަލުވި ޖީއެމް އަހަރެން ކައިރީގައި ބުނީ އަހަރެން ވާނެއޭ ވަރަށް ފައިން ޝެފަކަށް. މާފަހުން އެނގުނީ އޭނަ އަކީ އެގޮތަށް މީހުން ރީޑްކޮށް، ކެރިއާ ގައިޑެންސް ދީ އެތައް ބައެއްގެ ލައިފް ބަދަލުކޮށްލާފައި ހުރި މީހެއްކަން."

"ދެން އޭނަ އަހަރެން ކައިރީގައި ބުނީ ފުރުސަތެއް ދީފި ނަމަ ގަބޫލުކުރާނަން ހެއްޔޭ. އޭރު އަހަރެން މިހުރީ އައްޑޫގައި ފޫހިވެފައި. ދެން މަ ބުނެފިން ވައި ނޮޓް އޭ."

އުމުރުން 19 އަހަރުގެ އާދިލް އެހިސާބުން ފުރައިގެން ގޮސް ފޯސީޒަންސްގެ ލަނޑާ ގިރާވަރުގައި ފުރަތަމަ މަސައްކަތްކުރީ ސްޓްވާޑިންގައެވެ. އޭގެ ތިން މަސް ފަހުން ފެށީ އޭނާގެ ހަޔާތް ބަދަލުކޮށްލި އެޕްރެންޓިސް ޕްރޮގްރާމެވެ. ހަ މަހުގެ ފައުންޑޭޝަން ތަމްރީނުތަކަށް ފަހު ޝެފެއްގެ ގޮތުގައި އާދިލްގެ ދަތުރު ފެށީ ވައްކަރުގައި 2018 ވަނަ އަހަރު އެވެ.

ނަމަވެސް މި އާޓިކަލްގައި އާދިލްގެ މުޅި ދަތުރު ކަވަރު ކުރުމުގެ މަގުސަދެއް ނެތެވެ. އޭނާ މިވަގުތު ނިދައި ކައިބޮއެ ހަދަމުން އެ ދަނީ އޭނާގެ އެންމެ އުފާވެރި ހަޔާތުގައެވެ. އެންމެ ފުރިހަމަ ހުވަފެނުގައެވެ. އެހެންވީމަ އާދިލްގެ އާ މެނޫގައި ހުރީ ކޮން އެއްޗެއްސެއްތޯއެވެ؟

"ސޯލްޓް ކެފޭއާ ގުޅުނު ގޮތަށް އައިސް އަޅުގަނޑުމެން މިތަނުގެ މެނޫ ގާތްގަނޑަކަށް ބަދަލުކޮށް ސްޓާފުން ވެސް އިތުރަށް ތަމްރީނުކޮށް ތަފާތު އެކި ރަހަތައް މި ދަނީ ތަޖުރިބާކުރަމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނާއެކު. އަޅުގަނޑުމެންގެ އެކްސްޕްރެސް ލަންޗު މެނޫ އަކީ މިބަދަލުތަކުގެ ތެރެއިން އެންމެ މަގްބޫލު ޕެކޭޖު،" އާދިލް ބުންޏެވެ.

އެހެންވީމަ ރޯދަ މަހަށް ފަހު ކޮންމެހެން ވެސް މި އެކްސްޕްރެހަކަށް ދާން ޖެހޭނެއެވެ. އެކަމަކު އާދިލް ބުނަނީ ހިތްގައިމީ އެކްސްޕްރެސް ލަންޗު އެކަންޏެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ޕްރައިވެޓް ޑައިނާ އާއި އެނިވާސަރީ އަދި ވެޑިން ގެ އިތުރުން އުފަންދުވަހުގެ ހަފުލާތައް ވެސް ހޯސްޓްކޮށްދެން. އަޅުގަނޑުމެންގެ މި ހިދުމަތުގެ އެންމެ ސަޅި ކަމަކީ ކަސްޓަމަރުންނަށް އެމީހުން ބޭނުންވާ ކޮންމެ ވައްތަރެއްގެ ކެއުންތަކަށް ވެސް މެނޫތައް ކަސްޓަމައިޒްކޮށްލެވޭނެތީ މިހާރު."

އާދިލް ބުނަނީ އޭނާގެ ހުނަރުގައިވީ ހުރިހާ "ރަހައެއް" ކަސްޓަމަރުންނާ ހަމަ އަށް ގެންގޮސްދެވޭވަރުގެ ތަޖުރިބާއެއް މުޅި ކެރިއަރުގައި ވެސް މި ކުރެވެނީ މުޅިން އަލަށް ކަމަށެވެ.

އެހެންވީމަ ދެން ނިންމާލަމާ ހިނގާށެވެ. އެކަމަކު އަދި ބުނެބަލާށެވެ. އާދިލަށް އެންމެ މީރީ ކޯއްޗެއް ހެއްޔެވެ؟ މަންމަގެ ބަތްތަށި ނޫން އެހެން އެއްޗެކެވެ.

"އަހަރެން މިއީ ވަރަށް ފޮނި އެއްޗެހި ކާ ހިތްވާ މީހެއް. އަހަރެން ބޯލަފާނަން ގެރިކިރު ދަޅެއް ހުރި ގޮތަށް ވެސް. ޕޭސްޓްރީގައި އުޅޭއިރު ވެސް އެންމެ ގިނައިން ކެވޭނީ ޗޮކްލެޓް އެގޮތަށް. ފޮނި އެއްޗެއް އަތު ޖެހިއްޖެ ނަމަ އަބަދުވެސް ކަމުން ދާނީ. އަނބަކީ ވެސް ވަރަށް މީރު އެއްޗެއް،" ފޮނި އެއްޗިއްސަށް ދެވިހިފާފައިވާ މިންވަރު ކިޔައިދެމުން އާދިލް ބުންޏެވެ.

އެކަމަކު ހަގީގަތަކީ މިއެވެ. ކިތަންމެ މަތީ ފަންތިއެއްގައި މީހުންނަށް ކާން ތައްޔާރުކުރަމުން ދިޔަ ނަމަވެސް އާދިލްގެ ހިތް އަދިވެސް އޮތީ އޭނާގެ މަންމަ މޮޑެލައިގެން ގެނެސްދިން ރިހާކުރާއި ބަތާއި ތެލުލި ފަތުގެ ތެރޭގައެވެ.

"އަހަރެން އެންމެ ކައްކާ ހިތްވާ އެކައްޗަކީ ޕާސްޓާ. އެކަމަކު ކާން އެއްގޮތަކަށް ވެސް ބޭނުން ނުވަނީ ޕާސްޓާ. އަހަންނަށް އެންމެ މީރީ ރައިސްގެ ޑިޝްތައް. މަންމަ މޮޑެލައިގެން އެ ގެންނަ ތަށި ހަމަ އަދިވެސް އެންމެ ހަނދާނުގައި ހުންނަނީ،" އާދިލް ބުނެލިއެވެ.

2 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 6%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙްމަދު.ޙ.ދީދީ

09 April 2022

އަހަރެންގެ މަންމައާއި އަންހެން ކޮއްކޮއިންނާއި ދައްތަމެން އަދި އަންހެނުން ކައްކާ އެއްޗިހި ހާދަމީރޭ. މާޝާﷲ.. އަހަރެންގެ އަންހެން ކޮއްކޮ އަކީ ހަމަ އައިލެންޑް ޝެފެއް. އަދި އަންހެނުން ކައްކާނީ މުޅިން ތަފާތު ލެވެލެއްގަ. ޓީވީންނާއި އިންޓަރނެޓުން ބަލާނީވެސް ކެއްކުމުގެ ވީޑިއޯ. މޮޅަށް މީރުކޮށް ޢާއިލާއިން ކައްކާތޯ އުފާވޭ. އަންހެނުން ކައްކާ އެއްޗިހިން އަޅުގަނޑަށް އެންމެ މީރީ ބާބެކިއު ޗިކަން ވިތު މޯލްޑިވިއަން ސޯސް. ބުނެލަން ބޭނުންވަނީ ޝުކުރިއްޔާއޭ ފެމިލީއަށް

The name is already taken The name is available. Register?

މަންމަ

08 April 2022

އާދިލް ފަދައިން ވަރަށް ގިނަ ފިރިހެން ކުދިންނަށް މީރުވާނެ މަންމަ ކައްކާ އެއްޗެހި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454