ޖަސްޓިސް ބިލްޑިން: ބޮޑުކާށިހުރާ ކުއްޔަށް ދިނުން ހުއްޓުވަން ކޯޓުން އަމުރެއް ނުދޭން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
10 އެޕްރީލް 2022 - 11:42
އދ. ބޮޑުކާށިހުރާ ކުއްޔަށް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
މިލޭނިއަމް ކެޕިޓަލްސް ކުންފުންޏަށް ސަރުކާރުން 2014 ވަނަ އަހަރު 50 އަހަރަށް ކުއްޔަށް ދިން ބޮޑުކާށިހުރާގެ އެއްބަސްވުން ފަހުން ސަރުކާރުން ބާތިލްކޮށް އަދި އެތަން އަތުލި މައްސަލާގައި މިލޭނިއަމް ކުންފުނިން ކުރާ ދައުވާގައި އެ ކުންފުނިން އެދުނީ އެ މައްސަލަ ނިމުމުގެ ކުރިން އެހެން ފަރާތަކަށް ބޮޑުކާށިހުރާ ކުއްޔަށް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ މިލޭނިއަމް ކުންފުންޏަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެއީ އެ މައްސަލަ ނިމޭގޮތަކުން އެ ކުންފުންޏަށް ރަށެއް ނުވަތަ ބަދަލެއް ދޭންޖެހޭ ހާލަތުގައި ދައުލަތުގެ އެ ގާބިލްކަން ހުރުމުން ކަމަށް އެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން ދައުވާ ކުރިއިރު ވެސް އެއްބަސްވުން ބާތިލްކޮށްފައި އޮތުމުން އެ ރަށް އެހެން ބަޔަކަށް ނުދޭން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.
ބޮޑުކާށިހުރާ މިހާރު އޮންނަނީ އދ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy