11 އެޕްރީލް 2022 - 12:30
ފަރަންސޭސި ވިލާތުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، މިހާރުގެ ރައީސް އިމްނުއެލް މެކްރޯން ކާމިޔާބު ކުރެއްވި ނަމަވެސް، މަގާމު ދިފާއުކުރެއްވުމަށްޓަކައި ދެ ވަނަ ބުރުގައި ވާދަކުރައްވަން ޖެހިވަޑައިގެންފި އެވެ.
ފަރަންސޭސި ވިލާތުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގައި، ރައީސް މެކްރޯނަށް ލިބިވަޑައިގަތީ ވޯޓު ލީ މީހުންގެ 27.35 ޕަސެންޓް ވޯޓެވެ. ޖުމްލަ 12 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިހާބުގައި، ރައީސް މެކްރޯންއާ އެންމެ ގާތުން ވާދަކުރައްވައިގެން ދެ ވަނަ ހޯއްދެވީ، 23.9 ޕަސެންޓްގެ ވޯޓު ހޯއްދެވި މަރިން ލު ޕެން އެވެ.
އެ ގައުމުގެ ރިއާސީ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން، ވޯޓުލުމުގައި ބައިވެރިވި މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަންޖެހޭނެ އެވެ.
ދެ ވަނަ ބުރަށް ހޮވިވަޑައިގެންނެވި މެކްރޯން އާއި ލު ޕެންގެ ތެރެއިން، ކުރިއަށް އޮތް ރިޔާސީ ދައުރުގައި ވެރިކަން ކުރައްވާނެ ބޭފުޅަކު ކަނޑައެޅުމުގެ ވޯޓުލުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. މިފަހަރުގެ ރިއާސީ އިންތިހާބުގައި އާންމުން ދިން ވޯޓުގެ ނަތީޖާ އަށް ބަލާއިރު، އެ ގައުމުގެ ރިޔާސީ އިންތިހާބުގައި އާންމު ގޮތެއްގައި ކުރި ހޯދާ ދެ ޕާޓީ އަށް ރައްޔިތުންގެ މާ ބޮޑު ތާއީދެއް ނެތެވެ.
އެއީ ރިޕަބްލިކަން ޕާޓީ އާއި ސޯޝަލިސްޓް ޕާޓީ އެވެ. އޭގެ ތެރެއިން ސޯޝަލިސްޓް ޕާޓީގެ ކެންޑިޑޭޓް އޭން ހިޑަލްގޯ އަށް އެންމެ ދެ ޕަސެންޓް ވޯޓު ވެސް ނުލިބެ އެވެ. ރިޕަބްލިކަން ކެންޑިޑޭޓް ވެލެރީ އަށް، ވޯޓުގެ ފަސް ޕަސެންޓް ވެސް ނުލިބެ އެވެ.
ފުރަތަމަ ބުރުގައި ކުރި ހޯއްދެވި މިހާރުގެ ރައީސް އިމަނުއެލް މެކްރޯން އަކީ ލިބެރަލް ޕޮލިޓިކަލް ޕާޓީގެ ކެންޑިޑޭޓެވެ. އަދި އޭނާ އަށް ދެވަނަ ރިޔާސީ ދައުރެއް ކަށަވަރުވިޔަ ނުދެއްވުމަށް ހުންނެވީ، ނެޝަނަލް ރެލީ (ނެޝަނަލް ފްރަންޓް)ގެ މަރިން ލު ޕެން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލައިލާ
17 April 2022
"އެ ގައުމުގެ ރިއާސީ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން، ވޯޓުލުމުގައި ބައިވެރިވި މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަންޖެހޭނެ އެވެ." ދޮން މީހުން އުޅެންވާ ގޮތަށް އުޅެންވާނެއޭ ބުނާ ޑިމޮކްރަސީގެ ބައްޕަ އަދިވެސް މިކިޔަނީ 20 ޕަރސެންޓް ލިބިގެންވެސް ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނު ބަދަލުކުރާ ވާހަކަ.
ވިކިލީކުސް
12 April 2022
ލު ޕެން އަކީ ވަރަށް ނުބައި ފިކުރެއްގެ މީހެއް. ނެޝަނަލް ފްރަންޓަކީ މީނަގެ ބއްޕަގެ ޕާޓީ. ނަމަވެސް 2015ގަ ބައްޕަ ޕާޓިން ބޭރުކޮށް ޕާޓީއަށް ވެރިވެގެން އުޅޭ ރޭސިސްޓެއް މިނައަކީ. މިދިޔަ ފަހަރު ފުރަތަމަބުރުގައި 21.3 ޕަސަންޓު މިއަންހެންމީހާ ހޯދި. ދެވަނަ ބުރުގަ 33.9 ޕަސަންޓް ލިބުނީ. އެހެންދީންތަކަށް ހާއްސަކޮށް މުސްލިމު އަންހެނުންނަށް ފުރައްސާރަކުރާ މީހެއް. މީނައުޅެނީ ބުރުގާ ނައްތާލަން. އެހެންވީމަ ލަފާ ކުރެވެނީ މިފަހަރުވެސް ބޮޑުތަނުން މީނަ ބަލިވާނެކަމަށް.