މިނިސްޓަރު ޖަވާބުދާރީވާން އަންގާފައި އޮތީ ލިޔުމުން. އެކަމަކު މަޖިލީހުން އެންގުމުން މިނިސްޓަރު ހާޒިރުވެވަޑައިގެން ބައެއް ސުވާލުތަކަށް ޖަވާބު ވެސް ދެއްވި
11 އެޕްރީލް 2022 - 11:45
ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ފަރާތުން ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސުވާލު ފޮނުވާފައި ވަނިކޮށް، "އޮޅުމަކުން" މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށް ބައިގަޑިއެއްހާއިރު ސުވާލު ކުރުން ކުރިއަށް ގެންގޮސްފި އެވެ.
މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ވެސް އޮތީ އައިސްޕްލާންޓެއް ހެދުމުގެ މަޝްރޫއަކާ ގުޅޭ ގޮތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު، ޑރ. ހުސެއިން އާ ސުވާލު ކުރުމެވެ.
ޖަލްސާ ފެށުމަށް ފަހު މިނިސްޓަރާ ސުވާލު ކުރުން ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ވަންދެން ކުރިޔަށް ގެންދިޔަ އެވެ. އަދި އެހެން ބައެއް މެމްބަރުން ވެސް ސުވާލު ކުރަނިކޮށް ނިޒާމީ މައްސަލައެއް ނަންގަވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިނިސްޓަރަށް ސުވާލު ފޮނުވާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން ލިޔުމުން ޖަވާބު ހޯދަން ކަމަށެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ އަމީންއާއްމު ފާތުމަތު ނިއުޝާއާ ވާހަކަ ދެއްކެވުމަށް ފަހު ވިދާޅުވީ ނިޒާމީ ނުކުތާ ބަލައިގަންނަ ކަމަށާއި މިނިސްޓަރަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ދެންނެވުނީ މަޖިލީހުގެ އިދާރާއަށް އޮޅުމަކުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އިއްޒަތްތެރި ވަޒީރު އަރިހުގައި ވަޑައިގަންނަވަން ދެންނެވުނީ ގޯހުން. އިއްޒަތްތެރި ވަޒީރަށް ސުވާލުގެ ޖަވާބު މިތަނަށް ލިޔުމުން ފޮނުވަން ދަންނަވަން ޖެހިފައި އޮންނަން ޖެހޭނީ. މި ކަންތައްތައް މި ހިނގައިދިޔައީ މިކަން ހިނގަންވީ ގޮތަކަށް ނޫން، އިއްޒަތްތެރި ވަޒީރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އަދި ވަރަށް ބޮޑަށް މާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
މިހެން ވިދާޅުވުމަށް ފަހު ނަޝީދު ވަނީ މިނިސްޓަރާ ސުވާލު ކުރުން ވަގުތުން ނިންމާލައްވައިފަ އެވެ.
ފިޝަރީޒް މިނިސްޓަރު "އޮޅުމަކުން" މަޖިލީހަށް ހާޒިރު ކުރިއިރު މި ދުވަސްވަރު މަސްވެރިން ބާނާ މަސް ނުކިރޭތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ އެވެ. އެ މައްސަލާގައި ނަޝީދު ވެސް ވަނީ މަސްވެރިންނަށް ވީ ވައުދު ނުފުއްދޭ ކަމަށާއި 2018 ގައި އެމްޑީޕީ އިން ނެރުނު މެނިފެސްޓޯ އަށް ރުޖޫއަ ވުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ބައެއް މެމްބަރުން މިނިސްޓަރާ ކުރެއްވި ސުވާލުތަކުގައި ވެސް ވަނީ މަސްނުކިރޭ މައްސަލައިގައި ހައްލެއް ނުހޯދޭތީވެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
12 April 2022
މަސްވެރިން ބާނާ ހުރިހާ މަހެއް ނުޖެހޭ ކިރޭކަށް.. މިދެން އަޖައިބެއް ކަހަލަ ބައެއް.. ކިރޭ ވަރަށް ބޭނީމާ ނިމުނީ.. މައްސަލަ ހައްލުވީ.. ދޯންޏަށް ކިތައްމެ ބައިވަރު ޑީސަލެއް އަޅަން ބޭނުންވިޔަސް އެޅޭނީ ތެޔޮ ޓެކްކުގައި ޖާގަ ހުރިވަރަކަށް.. ވަރަށް ސަލާން
ފިނރުޓޭ
12 April 2022
ދިވެހި ބަހުން ބުނާ ރޯދައެއް ހިފާލީ ކަމަށް ބެލެވެނީ!
އަބްޑޫޅް
12 April 2022
ކޮންމެއަކަސް، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް، އޮޅުމަކުން ފާހާނާ އަށް ހާޒިރުކުރުވުމުގެ ގަވައިދެއް އެކުލަވާލެވިދާނެހެން ހާދަ އެބަ ހީވެޔޭ.
ޑޮކްޓާރ. ބަނާނާ
11 April 2022
ޠިއީ މިއަދު މަޖިލިސްގެ ހާލަތު ދެން އެހެން ސަރުކާރުގެ އިދާރާތަކުގައި އޮޅުންބޮޅުން އޮތް މިންވަރު ވިސްނާ....ވަރަށް ސަލާމް
އެޑް1މުންޑޯ
11 April 2022
މިސަރުކާރު އައިފަހުން ހާދަވަރަކަށް އޮޅިގެން ބޮޑެތި ކަންތައްތައް ކުރެޔޭ ،،، އޮޅިގެން ޓްވީޓް ކުރުމާއި އޮޅިގެން ދީނާ ޚިލާފް ނިންމުންތައް ނިންމުމާއި މިހެންގޮސް ކިޔާބނެ ކަމެއްނެތް ، އޮޅިގެން ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭގެ،،،
ވަހީދު
11 April 2022
އޮޅިގެން ވިޔަސް އަދި އެނގިގެން ވިޔަސް ތިގެނައީ މިދުވަސްކޮޅަށް ގެންނަންވީ މީހާ.
އަސްލު.
11 April 2022
މޫނުގެ ކުލަވަރުބަދަލުކޮށްފަ ރުޅިވެރިރާގަކަށް ބައެއްމެމްބަރުން އާއި މުޚާތަބު ކުރައްވަނީ ވެސް އޮޅިވަޑައިގެން ހޫންނަވާތޯ..؟ ޚުދުމުހުތާރު ކަމަކުންނޫތަ؟
ނޫސަންގު
11 April 2022
މަޖިލީހުގައި ދޮގު ހެދުމާ ދޮގު ވާހަކަ ދެއްކުމަކީ މެމްބަރުންނަށްވެސް ހުއްދަ ކަމެއް ނޫން.
މުލޭ
11 April 2022
އިސްތިއުފާ ދިނީ ވެސް އޮޅުމަަކުން. އެކަން އެނގުނީ ވެސްް އެއް ދުވަސް ފަހުން.
އިންސާނުން
11 April 2022
މަޖިލީހުގަ ތިބީވެސް އިންސާނުން. އިންސާނުންކުރާ ކަންތައްތަކުގަ އޮޅުން ބޮޅުންވުން އެއީ މައްސަލައެއްނޫން. ރައީސް ނަޝީދު ކަންކުރެއްވީ ރަނގަޅައް.