ދިވެހި ޕްރިމއަ ލީގުގައި މިރޭ ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅު ކުރަނީ: މެޗުން މޮޅުވެ އީގަލްސް ވަނީ އެއްވަަނަ މަގާމަށް ޖެހިލައިފަ --- ފޮޓޯ: އެފްއޭއެމް
17 އެޕްރީލް 2022 - 00:02
ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި ޓީސީގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް އީގަލްސްއިން ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.
މާދަމާ ރޭ، ކްލަބް ވެލެންސިއާ އާ ދެކޮޅަށް މާޒިޔާ މޮޅު ވެއްޖެނަމަ، މާޒިޔާ އަލުން އެއްވަނަ އަށް ޖެހިލާނެ އެވެ. މިރޭގެ މެޗުން މޮޅުވެ އީގަލްސް ވަނީ 22 ޕޮއިންޓް ހޯދައިފަ އެވެ. މާޒިޔާ ދެވަނައިގައި އޮތީ 21 ޕޮއިންޓާއެކު އެވެ.
ޓީސީ އާއި އީގަލްސް ފުރަތަމަ ބުރުގައި ކުޅުނު މެޗު، އީގަލްސް ކާމިޔާބު ކުރީ 2-1 ންނެވެ. ދެވަނަ ބުރު ފަށައިގެން އީގަލްސް ފެންނަނީ ރަނގަޅު ރޫހެއްގައި އޮތް ތަނަވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ މާޒިޔާ ވެސް ބަލި ކޮށްފަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސްއިން ވަނީ މެޗުގެ 13 ވަނަ މިނެޓްގައި ލަނޑު ޖަހައިފަ އެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ ޒައިން ޒަފަރު އެވެ. ދެވަނަ ހާފު ފެށިގޮތަށް އަހްމަދު ނޫމާން (ހެލްމެޓް) ވަނީ އީގަލްސްގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. ތިންވަނަ ލަނޑު 67 ވަނަ މިނެޓްގައި ޖެހީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ.
އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު (ކ) ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: ދެވަނަ ލަނޑު ނޫމާން ޖެހީ ޝިފާއު ހުރަސްކޮށްދިން ބޯޅައިން --- ފޮޓޯ: އެފްއޭއެމް
ފުރަތަމަ ލަނޑު ޒައިން ޖެހީ ރާއިފް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން ރާއިފް ބޯޅަ ހުރަސްކޮށްދިނުމުން އެބޯޅަ ފޮނުވާލަން އިމްރާން ނަޝީދަށް ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާ ބޯޅަ ދޫކޮށްލީ ޒައިން އަށެވެ. އޭނާ ވަނީ އެއްފަހަރުންޖަހައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.
ދެވަނަ ލަނޑު ނޫމާން ޖެހީ ހުސައިން ޝިފާއު ޔޫސުފް (ކުރޯ) ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. އީގަލްސް އަށް ލިބުނު ކޯނަރުގައި އެޓީމުގެ އިޓަލީގެ މިޑްފީލްޑަރު ޖިއަކޮމާ ފެވޭރޯ ނަގައިދިނުމުގެ ބަދަލުގައި ޖައްސާލީ ޝިފާއު އަށެވެ. އޭނާ ވަނީ ބޯޅަ ކޮންޓްރޯލް ކޮށްލައި އޭރިއާގެ ތެރެއަށް މަތިމަތިން ހުރަސްކޮށްފަ ނޫމާން ބޮލުން ޖަހައި ބޯޅަ ވައްދާލީ ގޯލްގެ ކަނަށެވެ.
ރާއިފް ލަނޑު ޖެހީ އަހްމަދު ހަސަން (އަންމަޑޭ) ިން ފުރުސަތުގަ އެވެ. ސެންޓަ ސާކަލްގެ ތެރެއިން އީގަލްސްގެ ހާފުގެ ތެރެއިން އަހްމަދު ހަސަން ވަރަށް ބަލާލާފައި ބޯޅަ ދިނީ ރާއިފް ހުސްކޮށް އޮތުމުންނެވެ. އޭނާ ވަނީ ބޯޅަ ހިފައިގެން ގޮސް އޭރިއާ ތެރެއަށް ވަދެ ޓީސީގެ ޑިފެންޑަރު ކައިރިން ފަސޭހަ ކަމާއެކު ނައްޓާލާފައި ގޯލްގެ މެދަށް ބޯޅަ ވައްދައިލައިފަ އެވެ.
މިރޭ އީގަލްސް އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން: ލީގުގެ ފުރަތަމަ ބުރުގައި ވެސް އީގަލްސްއިން ވަނީ ޓީސީ ބަލިކޮށްފަ --- ފޮޓޯ: އެފްއޭއެމް
މެޗުގެ ފަހު ކޮޅުގައި ޓީސީގެ އަހްމަދު ޒައުލް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ހަސަން އަލީފް އިބްރާހިމް ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ޓީސީގެ ނިޝާމް މުހައްމަދު ރަޝީދު ވެސް ފޮނުވާލި އެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ.
މެޗުގެ 89 ވަނަ މިނެޓްގައި ޓީސީގެ އޭރިއާ ބޭރުން އީގަލްސް އަށް ލިބުނު ހިލޭ ޖެހުމެއްގައި، ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކުރޯ) ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަ އެވެ. ޓީސީގެ ކީޕަރު ސުޖަން ޕެރޭރާ އަށް ބޯޅަ ދިފާއުކުރަން އުނދަގޫ ވެސް ވި އެވެ. ސުޖަން ވަނީ ޕަންޗުކޮށް ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފަ އެވެ.
އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ޓީސީގެ ޒަޔާން ނަސީރު (ޒައްޔޫ) ބޯޅައެއް ގޯލަށް ފޮނުވައިލި އެވެ. ޒައުލް އޭރިއާގެ ތެރެއިން ދިން ބޯޅަ ފޮނުވާލިއިރު ޒަޔާން ހުރީ އޮފްސައިޑް ވެފަ އެވެ. މާއަވަހަށް ޒަޔާން ބޯޅަ އަށް އެރުމުން ޒައުލްގެ ފަރާތުން ހިތްހަމަނުޖެހުން ވެސް ފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޕަޓޭ
17 April 2022
އީގަލްސް އެކުޅެނީ ނަން މަޝްހޫރު ކުޅުންތެރިޔެއްނެތި، ޒުވާން ދިވެހި ކީޕަރެއް ލައިގެން. މިފަދަ ވިސްނުމަކާނުލައި ދިވެހި ފުޓުބޯޅަ ކުރިއަށްދެވޭކަށް ނެތް. ދެން މިތިބި ގިނަކްލަބްތަކުން އަދިވެސް އުޅެނީ ނުދެއްކޭވަރަށް ބޮޑެތިމުސާރަ ކިޔައިގެން 30 އަހަރުންމަތީ ކުޅުންތެރިން ސޮއިކޮށްކޮށް.
އަފްނާނު
17 April 2022
ކީޕަރު އަލީފް ފަދަ 14 ވިލޭރޭ ހަނދެއް ގޯލަށް އެރުވީމާ އިގަލްސްއަށް ކަމިޔާބުލިބުނީ.ތިހަނދު ގައުމީ ޖާރޒީގަ ކުޅެ ރާއްޖެ ވޯލްޑުކަޕް ނަގާތަށް ދެކެއްބޭނުން.