ސުޕްރީމް ކޯޓު: އައްމަޓީ ބަންދުން ދޫކޮށްލި މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވާނެ --- ފޮޓޯ/މިހާރު
21 އެޕްރީލް 2022 - 22:23
ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ އަންނަ އާދިއްތަ ދުވަހު ނިންމަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އައްމަޓީ މިދިޔަ މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އެ މައްސަލަ ނިންމީ ބޭރުކޮށްލުމަށެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް މި ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. އެ މައްސަލަ ނިންމަން ހަމަޖައްސާފައިވަނީ އާދިއްތަ ދުވަހު ހެނދުނެވެ.
ހައި ކޯޓުން އައްމަޓީގެ މައްސަލަ ބޭރުކޮށްލީ އިސްތިއުނާފް މުއްދަތުގެ ގޮތުގައި އެ ބާވަތުގެ މައްސަލަތަކަށް އޮންނަ 48 ގަޑިއިރުގެ މުއްދަތު ހަމަވެފައިވާތީ އެވެ. ދައުލަތުން ބުނާގޮތުން 48 ގަޑިއިރު ގުނަން ޖެހޭނީ ދަށު ކޯޓުން އެ ނިންމުމެއް ނިންމާ ދުވަސް ނުހިމަނަ އެވެ. އެކަމަކު ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ނިންމާ މިނެޓުން ފެށިގެން މުއްދަތު ހިނގަން ފަށާނެ ކަމަށެވެ.
މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަމިއްލަ ބްލޮގާއި ޓްވީޓާގައި ވާހަކަ ދައްކަވާފައިވާތީ އެ މައްސަލަ ނިމެންދެން ދައުލަތުގެ އެއްވެސް ވެރިއަކު އެ މައްސަލައާ ގުޅޭ ވާހަކަ ނުދައްކަން ސުޕްރީމް ކޯޓުން އޮތީ އަމުރެއް ވެސް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
22 April 2022
ތިދެންބަލާ އައްމަޓީ ސަލާމަތް ވީ ކަމަށް. ލިބުނު ގެއްލުމުގެ ބަދަލުވެސް ދައުލަތުން އައްމަޓީއަށް ދޭން ޖެހޭނެ ކަމަށް ޙުކުމް ކުރާނީވެސް. އަލުން ހުޅުމާލެއިން ބިމަކާއި، އިމާރާތް ކުރުމަށް ބޭނުންވާ ފައިސާވެސް ދައުލަތުން ދޭން ޖެހޭގޮތަށް ތިކަން ނިމޭނީ. އަދުލު އިންސާފު އުތުރި އަރާ ގައުމެއް މީ!
އޮނަރަބްލް އަފީފު ދީދީ
22 April 2022
ތައުލީމީ ނަޒާހަތްތެރި އަދި "ނުފޫޒުން އެއްކިބާވުމުގެ ހިތްވަރުހުރި" ފަނޑިޔާރުންގެ ބެންޗެއްއޮތް މިހާރުގެ ސްޕްރީމް ކޯޓާއިމެދު އަހަރުމެން އުއްމީދު ނަގާލައިގެން ނުވާނެ. # މިކަމުގައިވެސް "ވަގުތު ގުނާނެގޮތުގެ ހަރުދަނާނިންމުމެއް ކަޑައެޅުމާއިއެކުގައި" އެތައްސަތޭކަ ރައްޔިތުންގެ ލޭ ބޮއިލާފަހުރި ކުށްވެރިޔާފަދަ އިތުރުފަރާތްތަކަށް އަދި މުސްތަޤުބަލުގައި ދިމާވާ މިފަދަކަންކަން ނިންމަން ލިބޭ ފިލާވަޅަކަށް ފުދޭނެ ނިންމުމެއް ކޯޓުން ކަޑައަޅާނެކަން އަހަރުމެނަށް ޔަޤީން.
މާޝާ އާއި ސާރިދޯޅު
22 April 2022
ބަލައްޗޭ ދުލެއް ނުކުރާނެ. ސުޕްރީމް ގަދަވާނެ
ސޮހޮލު
22 April 2022
އަޅެ ލިޔެފަ އޮންން އެއްޗެއް ފަހުމުވާ ވަރު މީހުން ނެތީބާ؟
ހިބިރިންބެއްޔާގެ ކުޑަސޮރު
21 April 2022
ހިޔެއްނުވޭ އިއްވޭނެހެނެއް. ކޮންމެސްގޮތެއްވާނެ އާމުކޮށް. މޭޒުގާ ޖަހާންއޮންނަ މަރުތެޔޮވެސް ގެއްލިދާނެ.
ގަމާރު8
22 April 2022
ބަލަގަ މިހާރު ސުޕްރީމް ތިހެން ނުވޭ އަދި.
ލަބީދު
21 April 2022
ފަނަސުރު ރަބަރު ނެތިގެން ދޫކުރާނެ.... އ.ހ