ހާންޖީ ރެސްޓޯރަންޓް ކައިރިން ބަންދު ކޮށްގެން ފުލުހުން ތަހުގީގު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
22 އެޕްރީލް 2022 - 14:47
ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓުގެ ތެރޭގައި މަރާލި ބަންގްލާދޭޝް މީހާގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލައިފި އެވެ.
ފުލުހުން "މިހާރު" އަށް ކަށަވަރުކޮށްދިން ގޮތުގައި ޕާކިސްތާނު ކައްކާގެ ހަމަލާއަކުން މަރުވި އެމްޑީ ޝާހިން، 29، ގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ބަންގްލަދޭޝް އަށް ވަނީ ފޮނުވާލައިފަ އެވެ. އޭނާއަކީ ބަންގްލާދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖްގެ މީހެކެވެ.
އެ މައްސަލާގައި މީގެ ކުރިން ބަންގްލަަދޭޝްގެ ނޫހަކާ ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ޝާހިންގެ ގަޔަށް ވަޅިހެރީ ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ހިނގި ދެބަސްވުމެއްގެ ތެރޭގައި ކަމަށެވެ.
މަރުގެ ތުހުމަތުކުރެވޭ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު، 26، ވަނީ ހަމަލާ ދިނުމަށް ފަހު ފިލައިފަ އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ހިނގި ހާދިސާއަށް ފަހު އޭނާ ފިލައިގެން އުޅެނިކޮށް ފުލުހުން އެރޭ މެންދަމުން އަލިވި ފަހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.
"މިހާރު" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ، ހަމަލާ ދިން ޕާކިސްތާނުގެ ޝެފަކީ އަބަދުވެސް ވަރަށް ރުޅިގަދަ މީހެއް ކަމަށެވެ. އޭނާ މީގެ ކުރިން ވެސް އެ ތަނުގެ މުވައްޒަފުންނާ ޒުވާބުކުރާ ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން ވެސް ރެސްޓޯރެންޓުގައި ކަސްޓަމަރުން ތިއްބާ މުވައްޒަފަކާ އޭނާ މާރަމާރިީ ހިންގި ކަމަށް އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy