މަސްއޫދު: އޭނާ އަށް ހަމަލަދިން މަންޒަރު ފެންނަ ވީޑިއޯއިން ފެންނަ މީހާ އާއި ސާމްޕަލް ފޮޓޯއިން ފެނުނު މީހާއާ ދިމާވާ ހަތަރު ސިފައެއް ހުރި ކަމަށް ފުލުހުން ޝަރީއަތުގައި ބުނެފައިވޭ.
22 އެޕްރީލް 2022 - 15:14
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް މީހަކު ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވީ ނަމަވެސް އަދި ހެއްކެއްގެ ގޮތުގައި 10 ވަރަކަށް މިނިޓްގެ އެ ވީޑިއޯ ތަހުގީގަށް ހުށަހެޅިޔަސް ހަމަލަދިން ކަމަށް ސާބިތު ނުވާ ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
މަސްއޫދު ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ހަމަލަދިނީ އަނބިކަނބަލުންނާއެކު ފޮނަދޫގެ ބޯޅަދަނޑު ކައިރިން ސައިކަލެއްގައި މިދިޔަ އަހަރުގެ އޮގަސްޓް ތިނަވަނަ ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު ވަޑައިގަންނަވަނިކޮށެވެ.
"އަހަރެންގެ ސައިކަލާ އަރާ ހަމަކޮށްފައި އޭނާގެ އަތުގައި އޮތް ދަގަނޑުބުރިއަކުން ބޮލުގައި ޖަހަން ދިމާކުރިތަނާ ދިފާއުވާން އަތް ނެގީމާ އަހަރެންގެ އަތުގައި ޖެހުނީ،" މަސްއޫދު އޭރު ވިދާޅުވެފައި ވެ އެވެ.
އޭނާގެ އަތަށް ލިބުނު ޒަހަމްތަކަށް އޭނާ ފަރުވާ ވެސް ހޯދި އެވެ.
މަސްއޫދަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑީއޯ އޭރުގައި ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު، ހަމަލަދޭ ވަގުތު މަސްއޫދުގެ އަނބިކަނބަލުން ބިރުން އަޑުގަދަ ކުރައްވާ އަޑު ވެސް އިވެ އެވެ. އަދި ހަމަލަދޭ މީހާ ވެސް އެ ވީޑިއޯ އިން އެނގޭ ވަރުވެ އެވެ.
ނަމަވެސް ލ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް އިއްވެވި ހުކުމުގައި ބުނީ، މަސްއޫދަށް ތޫނު އެއްޗެހިން ހަމަލަދިން މައްސަލައިގެ ދައުވާ ރައްދުވާ ފޮނަދޫ، ދިލްކުސާގޭ އަހުމަދު ޝަމީމް އެ ދައުވާ އަށް އިންކާރު ކޮށްފައިވާ ކަމަށާއި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.
މަސްއޫދަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް
ދައުވާ ސާބިތު ކުރުމަށް 11 ހެއްކަކު ދައުލަތުން ހުށަހެޅިއިރު އޭގެ ތެރޭގައި ބައެއް ފުލުހުންނާއި ޑޮކްޓަރަކު ހިމެނެ އެވެ. ފުލުހުންގެ ނަންތައް ހުށަހެޅީ މަސްއޫދުގެ ގައިގައި ޖަހަން ޝަމީމް ހޫރާލި ދަގަނޑުބުރިން މަސްއޫދުގެ އަތުގައި ޖެހުމުން ޒަހަމްވިކަން ސާބިތު ކޮށްދިނުމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ތައްޔާރުކުރި "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް" އަކީ ސައްހަ އެއްޗެއްކަން ސާބިތު ކުރުމަށް ވެސް ހެއްކެއްގެ ގޮތުގައި ފުލުހެއްގެ ނަން ދައުލަތުން ހުށަހެޅި އެވެ.
ހަމަލަދިން ވަގުތު މަސްއޫދުގެ ސައިކަލްގެ ފަހަތުގައި އިންނެވި އަނބިކަނބަލުން ނެންގެވި ވީޑިއޯ ތަހުލީލުކޮށްފައިވާއިރު، މަސްއޫދަށް ޝަމީމް ހަމަލަދޭ މަންޒަރާއި އެ އަށް ފަހު ޝަމީމް ފިލައިގެން ދާ މަންޒަރު ފުޓޭޖުން ފެންނާތީ ފުލުހުން ތައްޔާރުކުރި މޮބައިލް ފޮރެންސިކް ރިޕޯޓްގެ ސައްހަކަން ކަށަވަރު ކުރަން ވެސް ހެއްކެއްގެ ގޮތުގައި ފުލުހެއްގެ ނަން ޝަރީއަތަށް ހުށަހެޅި އެވެ.
ފޮނަދޫ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް: އޭނާގެ ހުކުމް އައީ މަސްއޫދަށް ދިން ހަމަލާގެ މައްސަލަ ސާބިތުނުވާ ކަމަށް.
ވީޑިއޯ އެނަލައިޒް ކުރި ފުލުސް މީހާ ބުނެފައި ވަނީ އެ ވީޑިއޯގައި ތުހުމަތު ކުރެވޭ މީހާ އާއި ސާމްޕަލް ފޮޓޯ އަޅާކިޔާއިރު އެއްގޮތް ހަތަރު ސިފައެއް ފާހަގަ ކުރެވުނު ކަމަށެވެ.
ނަމަވެސް އިސް މެޖިސްޓްރޭޓް ފާހަގަކުރައްވާފައިވާ ގޮތުން ނަމަ އެ ވީޑިއޯ ނަގާފައިވާ ފޯނު ފުލުހުން ހުޅުވާފައި ވަނީ ކޯޓް އަމުރަކާ ނުލަ އެވެ. ނުވަތަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ (ހ) (ށ) އާ ހިލާފަށް ކަމަށް ވާތީ އެ ހެކި ޝަރީއަތަށް ބަލައެއް ނުގަނެ އެވެ.
ދައުވާ ރައްދުވާ ފަރާތުން ހުށަހެޅި ހެކިން މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ މަސްއޫދަށް ހަމަލަދިން ކަމަށް ބުނާ ރޭގައި އެ ވަގުތު ޝަމީމް އުޅުނީ ގޭގައި ބެޑްރޫމް ސެޓެއް ރޭވުމުގެ ކަންތައްތަކުގައި ކަމަށާއި ގެ އިން ބޭރަށް އޭނާ ނުދާ ކަމަށެވެ. އަދި މަސްއޫދަށް ބަޔަކު ހަމަލަދިން ކަމުގެ އަޑުތައް ރަށުތެރޭގައި ފެތުރުނު އިރު ވެސް ޝަމީމް ހުރީ ގޭގައި ކަމަށް ދިފާއީ ހެކިން ބުނެފައި ވެ އެވެ.
ފޮނަދޫގައި ވިޔަފާރި ކުރައްވަމުން ގެންދަވާ މަސްއޫދުގެ ކާރުގައި ވެސް 2020 ވަނަ އަހަރުގެ ފަހުކޮޅު ރޯކޮށްލާފައި ވެ އެވެ. އެ މައްސަލައިގެ ތުހުމަތު ވެސް މަސްއޫދު ކުރަނީ ހަމަލަދިން ޝަމީމަށް ކަމަށް ވާއިރު، ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްޢޫދު
23 April 2022
ކޮމެންޓް ކުރާ މީހުން ރަނގަޅަށް ހުކުމް ކިޔާލާފަ ކޮމެންޓް ކުރުން ރަނގަޅު.
ޙިނި
23 April 2022
މިކަހަލަ ހުކުން އިއްވާގާޒީން ތައް ވަޒީފާއިން ދުރުނުކުރަނީ ކީއްވެބާ. ރާއްޖޭގައި ބާ އޭޝޯސިއޭޝަން ހަދައިން އެތަނުން ކުރަނީ ކޮން މަސައްކަތެއްތަ؟
ލާމަސީލު
23 April 2022
ހުކުމް ކުރި ގާޒީގެ އާއިލާ މީހަކަށް މިކަހަލަ ކަމެއް މެދުވިރިވީމަ އިހުސާސްވާނެ އަނެކާގެ އިހުސާސްވެސް. ބާރުދެއްވަނީ ﷲ އަދި އެބާރު ގެންދަވަނީވެސް ﷲ. ފުލުހުން އެކުރި ހުރިހާ މަސައްކަތަކާ ވަގުތެއް ބޭކާރުވެގެން އެދިޔައީ އެންމެ މިނެޓެއްގެ ހުކުމަކުން. ފުލުހުން އެކުރާ ބުރަމަސައްކަތް މިކަހަލަ ދެރަވަރު ގޮތަކަށް ނިމިގެން ފެނަށް ދިއުމަކީ ގައުމުތައް ހަލާކުވުމުގެ އަސްލު. ޔާ ﷲ ފުލުހުން އެކުރާ ބުރަ އުނދަގޫ ތަހުގީގުތަކަށް ނަސްރު ދެއްވަވާފާނދޭވެ. އާމަިން.
ދިގު
23 April 2022
ގާޒީންނަށް ފިޔަވަޅު އަޅާ ޖޭއެސްސީ ގެ ގާޒީއެއް އަދި މިއީ ދޯ! ސާބަހޭ ކަލޯ ކަލެއަށް ސީދާ ސުވަރުގެ ޔަގީން ތިވީ.
އަލޮ
23 April 2022
ކޮންމެ މީހެއް ނަމަވެސް އިންސާފް ލިބެން ޖެހޭނެ. ސަރުކާރުން މިކަމައް އަވަސް ފިޔަވަޅު އަޅަން ޖެހޭނެ ނޫނީ ދެން ގެއްލޭ އެއްޗެއް މާ ބޮޑު ވާނެ.
ރާއީ
23 April 2022
ކޯޓުތައް ކުށްވެރި ނުކުރޭ. އަހަންނަކީ މިރަށު މީހެއް. މިރަށުގަ ހިނގާ ކަންތައް ކލޭމެނަށް ނޭނގުނަސް، މަސްއޫދު އެހެރީ މީހުން ލައްވާ ކޯޓުގައި ދޮގު ހެކިބަސް ދީފަ. މަސްއޫދު ރޭވި ހަޑި އޭނައަކަށް ކާމިޔާބެއް ނުވި
ހަހަ
26 April 2022
ދޮގުހެކިދިނަސް ، ވީޑިއޯއިން ފެންނަކަމާއި ދޮގު ހެއްކާއި ގުޅުމެއްނެތް ، ހަމަލާ ނުދޭކަމަަށް ނުވާނެ ވީޑިއޯއަށްބަލާއިރު
ނުނން
23 April 2022
ދައުވާ ލިބޭމީހާ އެރޭ އިނީގޭގައި ސޮލަވާތްފާތިހާ ކިޔަވަން ޢެހެންވީމާ ކިހިނެތް މައްސަލަ ސާބިތުކުރާނީ ؟؟؟
އެކީ
22 April 2022
ތި މައްސަލާގައި ހުރިހާ ނުބައެއް ހަދާފައި އޮއްނާނީ ހަމަލާ ދިން ކުއްވެރިޔާގެ ވަކީލް. އޭނައަށް ހުރިހާ ކަމެއް ސާފްކޮއް އިނގޭނެ. އޭނަ ވެސް ގައިމް މަރުވާނެ.
ސަސް
22 April 2022
ނަސީބެއް ތިމައްސަލައިގައި މަސްއޫދު ކުއްވެރިވާ ކަމަށް ގާޒީ ހުކުމް ނުކުރިކަން. އަންދާ ގާނޫނު.
ފަހުދު
22 April 2022
އެންމެފަހުން ގޮސް ފުރާނައައް ގެއްލުން ދޭއިރުވެސް ހަމަ މިހެން ކޮއްޓާލަ ކޮއްޓާލަ ތިބޭނެ. ސަދޫމު ބާގައިގެ އަދުލު އިންސާފު ނޫން އެއްޗެއް މިގައުމަކައް ނެތީބާ