ރޭޑިއަންޓްގެ ބޯޑު މެންބަރު
24 އެޕްރީލް 2022 - 11:24
"ރޭޑިއަންޓް ސްޕޯޓްސް ކަލްބަށް، ފުރުސަތު ދޭން ހަގީގަތުގައި ވެސް އެފްއޭއެމުން ބޭނުން ނުވަނީ."
މިއީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންގެ ތެރެއިން އުފެދިގެން އައި ރޭޑިއަންޓް ކްލަބަށް އެފްއޭއެމްގެ ހައިސިއްޔަތު ނުދޭން ނިންމުމުން ނިއު ރޭޑިއަންޓްގެ ސަޕޯޓަރުން ބުނަމުންދާ ވާހަކަ އެވެ.
ހަގީގަތުގައި ވެސް އެފްއޭއެމް އަށް ހަޖަމް ނުވަނީ ހެއްޔެވެ؟ އެކަމަކު މިކަހަލަ މައްސަލަތަކުގައި މީގެ ކުރިން ފީފާގެ އެކި ކޮމިޓީތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ފުޓްބޯޅައިން ފުރުސަތު ހޯދުމަށް ރޭޑިއަންޓަށް ގިނަ މަރުހަލާތަކެއް ކަޑަތުކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
ގްރީސްގެ "އާރިޒް އެފްސީ" އަކީ އޭގެ އެއް މައްސަލަ އެވެ. އެގައުމުގެ "އާރިޒް ޓެސަލޮނީކީ އެފްސީ" އަށް ކުޅުނު ބްރެޒިލްގެ ޑިއޯގޯ ސިސްޓޮން އަށް ދޭން ޖެހިފައި ހުރި މުސާރަ، ދައްކަން "އާރިޒް އެފްސީ" އަށް، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނޮވެމްބަރު 2019 ގައި އެންގި އެވެ. ހަގީގަތުގައި ޑިސިޕްލިނަރީ ކޮމިޓީން "އާރިޒް" އަށް އެންގީ، އޭގެ ކުރިން ފީފާގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޗެމްބާ (ފީފާ ޑީއާރްސީ) އިން އެންގި އެންގުމަށް އަމަލު ކުރުމަށެވެ.
މިއީ ގްރީސްގެ ފުޓްބޯޅައިގެ ތާރީހުގައި އެހެން ކްލަބަކުން ކުޅުންތެރިއެއްގެ ހައްގަށް އަރައިގެންފައިވުމުން، އެ ކުޅުންތެރިޔާގެ ހައްގު އަދާކުރުމަށް އަނެއް ކަލަބަކަށް އެންގި ފުރަތަމަ ފަހަރެވެ. އާރިޒް އެފްސީ އަކީ، 2015 ގައި ލިކުއިޑޭޝަނަށް ވެއްޓުނު، އާރިޒް ޓެސަލޮނީކީ އެފްސީގެ "ސްޕޯޓިން ސަކްސެސާ" އެއްކަމަށް ފާހަގަވެފައިވާ ކަމަށް ފީފާ ޑީއާރްސީން ނިންމި އެވެ.
ނިއު ރޭޑިއަންޓްގައި ވެސް އޮތީ ދަރަނީގެ މައްސަލަތަކެކެވެ.
ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު، ބެނާޑޯ ޓަވަރޭޒް އަށް ދޭން ޖެހިފައި ހުރި ފައިސާ ދެއްކުމަށް ހަ ދުވަހުގެ މުއްދަތެއް ފީފާއިން ވަނީ އެ ކްލަބަށް ދީފަ އެވެ. އެ ޓީމަށް ކުޅުނު އަފްގާނިސްތާންގެ ޑިފެންޑަރު ޒޯހިބް އިސްލާމް ހާރޫން އަމީރީ އަށް ދޭން ޖެހިފައިވާ ފައިސާގެ މައްސަލަ ވެސް އޮތީ ފީފާގަ އެވެ. އޮންލައިން ނޫސް "ވަން" އަށް އަމީރީ ހުކުރު ދުވަހު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން އިތުރު ކްލަބެއް ހެދިކަން އެނގުމުން އޭނާގެ ވަކީލުން އެމައްސަލަ ފީފާއާ ހަމައަށް ގެންގޮސްފައިވާ ކަމަށެވެ.
ނިއު ރޭޑިއަންޓަށް ކުޅުނު އަމީރީ: ރޭޑިއަންޓް ކްލަބް އުފެއްދުމުން އޭނާގެ ވަކީލުން މައްސަލަ ފީފާ އަށް ހުށަހަޅައިފައިވާ ކަމަށް އޭނާ ބުނޭ --- ފައިލް ފޮޓޯ: މިހާރު
ފީފާގެ ކޮމިޓީތަކުން، އެވެނި މިވެނި ކްލަބަކީ ސްޕޯޓިން ސަކްސެސާއެއް ކަމަށް ކަނޑައަޅއިފައި ހުރީ ހައްގު އުނިވެ ނުވަތަ ހައްގު ގެއްލިފައިވާ ކުޅުންތެރިޔަކު އެ މައްސަލަ ފީފާ އަށް ހުށަހެޅުމުންނެވެ. ފީފާގެ ކޮމިޓީން ރޭޑިއަންޓާ ބެހޭގޮތުން އެކަހަލަ ނިންމުމެއް ނިންމައިފައެއް ނެތެވެ. އެކަމަކު އެފްއޭއެމުން ބުނަނީ އޭއެފްސީން އެގޮތަށް އަންގާފައިވާ ކަމަށެވެ.
"ނިއު ރޭޑިއަންޓުގެ ދަރަންޏަށް ރޭޑިއަންޓުން ޒިންމާވާނަމަ އެކްލަބަށް އެފްއޭއެމްގެ މެންބަރުކަން ދިނުމާ މެދު އޭއެފްސީ އިއުތިރާޒެއް ނެތްކަމަށް އޭއެފްސީން ވަނީ އަންގާފައި،" މިދިޔަ ބުދަ ދުވަހު އެފްއޭއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު (ޝިބާ) ވިދާޅުވި އެވެ.
މި މައްސަލައިގައި ރޭޑިއަންޓުން ތިބި ސްޓޭންޑަށް ބަލާއިރު އެ ކްލަބުން ތިބީ މިކަމުގައި އެހާ ފަސޭހައިން ދޫކުރާ ގޮތަކަށް ނޫނެވެ. މައްސަލަ ހިފައިގެން އާބިޓްރޭޝަން މަރުހަލާ އަށް ދާނެ ކަމަށް އެކްލަބުން ބުނެ އެވެ.
ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު ކަމަށް ހަމަޖެއްސި ސޮބާހް މުހައްމަދު، އެޓީމުން ދިިޔައީ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވެސް ބައިވެރިވާން ތައްޔާރު ވަމުން
ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާއެއް ކަމަށް އޭއެފްސީއާ ހަވާލާދީ އެފްއޭއެމުން ބުނަނީ ދެ ކުލަބްގެ ނަމާއި ލޯގޯ އާއި ކުލަތައް އެއްވަތަރުވެ، ކުރިން ނިއު ރޭޑިއަންޓުގެ ބޯޑުގައި މަސައްކަތް ކުރި އަހްމަދު ވާސިފް އާއި ޒަހީނުއްދީން ސައީދު އިންނެވުމުންނެވެ. ވާސިފް އާއި ޒަހީން އަކީ ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި ފަހުން އެކަލްބަށް އިންތިހާބުވި ބޯޑުގައި މަގާމުތައް އަދާކުރެއްވި ބޭފުޅުންނެވެ.
އާބިޓްރޭޝަން މަރުހަލާ އަށް ގޮސްގެން ރޭޑިއަންޓަށް ކާމިޔާބުވުން އެއީ ދުރު ކަމެއްގެ ގޮތުގައި، މިކަހަލަ މައްސަލަތަކުގައި ފީފާގެ ކޮމިޓީތަކުން ނިންމާފައިވާ ނިންމުންތަކުން ހާމަވެ އެވެ. ފަހަރެއްގައި އާބިޓްރޭޝަން މަރުހަލާގައި ކާމިޔާބު ވެސް ވެދާނެ އެވެ.
ގަތަރުގެ ކުރީގެ ކްލަބް، އަލް ޖައިޝް އަށް މައްސަލަތައް ކުރިމަތިވެ އެ ކްލަބްގެ ހަރަކާތްތެރިވުން ހުއްޓާލި އެވެ. ފަހުން ގަތަރުގެ އެހެން ކްލަބެއް ކަމަށްވާ އަލް ލެޚްވިޔާ އެފްސީ އާއި އަލް ޖައިޝް އެކުވެ އަލް ދުހައިލްގެ ނަމަށް އަލް ލެޚްވިޔާ ރީބްރޭންޑްކުރި އެވެ.
އަލް ޖައިޝް އިން މުސާރަ ދޭން ޖެހިފައިވާ ކުޅުންތެރިއެއް ކަމަށްވާ ނިލްމާ ޑަ ސިލްވާ މައްސަލަ ފީފާ އަށް ގެންދިޔަ އެވެ. އޭނާގެ ހުށަހެޅުމަކީ އަލް ދުހައިލް އަކީ އަލް ޖައިޝްގެ ސްޕޯޓިން ސަކްސެސާއެއް ކަަމަށެވެ. އެކަމަކު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ އަލް ދުހައިލް އަކީ އަލް ޖައިޝްގެ ސްޕޯޓިން ސަކްސެސާއެއް ކަމަށް ކަނޑައަޅާނެ ހަމައެއް ނެތް ކަމަށެވެ.
ރޭޑިއަންޓުން ތުހުމަތު ކުރަނީ، ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންނާ މެދު އެފްއޭއެމުން ތަފާތުކުރުން ގެންގުޅޭ ކަމަށެވެ. އެކަމަކު އެފްއޭއެމުން އެކަން ދޮގު ކުރެ އެވެ. އޭއެފްސީން ނިންމާފައިވާ ނިންމުމުގެ ކޮޕީއެއް ހޯދަން ރޭޑިއަންޓުން އެދުމުން އެފްއޭއެމުން އެ މަރުހަލާ ވެސް ދިގު ދެންމި ކަމަށް ރޭޑިއަންޓުން ބުނެ އެވެ. ލިޔުން ހިއްސާ ކުރުމުގައި އޭއެފްސީން އިއުތިރާޒެއް ނެތް ކަމަށް ބުނިފަހުން ވެސް ރޭޑިއަންޓަށް ލިޔުން ދީފައި ވަނީ މާފަހުންނެވެ.
ރޭޑިއަންޓް މައްސަލަ އާ ގުޅިގެން މިދިޔަ ބުދަ ދުވަހު އެފްއޭއެމުން ބޭއްވި ޕްރެސްގައި ޖެނަރަލް ސެކްރެޓަރީ ޖަވާޒު (ވ) އާއި ލީގަލް ހެޑް ޖައުޝަން ޝަރީފް: ރޭޑިއަންޓަކީ ނއިު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ ކަމަށް ކަނޑައަޅާނެ ޖާގަ އެބައޮތް ކަމަށް އޭއެފްސް ބުނާ ކަމަށް އެފްއޭއެމުން ބުނޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޭޑިއަންޓަކީ، ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ އެއްކަމަށް އެފްއޭއެމުން ބުނަނީ އޭއެފްސީއާ ހަވާލާ ދިނުމަށް ފަހު އެވެ. އެފްއޭއެމް އަށް ފާޑުކިޔާ ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިޔަކު ބުނި ގޮތުގައި މައްސަލައިގައި އެފްއޭއެމް ފެންނަނީ ޖެހިލުންވެ ފަހަތު ފަޔަށް ބުރަވެފައިވާ ތަނެވެ.
"އޭއެފްސީއާ ހަވާލާ ދެނީ ކީއްކުރަންތޯ. ސީދީ އެފްއޭއެމް އަށް ވެސް ނިންމޭނެ. އެފްއޭ އަކީ ފީފާ އާއި އޭއެފްސީގެ ސްޓޭންޑް ވެސް ދަމަހައްޓަން ޖެހޭ ބައެއް،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެފްއޭއެމް ފެންނަނީ ވަރަށް ބޮޑަށް ޖެހިލުންވެގެން އުޅޭތަން. ކޮންމެހެން އޭއެފްސީން ނުވަތަ ފީފާއިން އަންގަންދެން މަޑުކުރާކަށް ނުޖެހޭ. އެފްއޭއެމުން މިކަން ނިންމޭނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ
26 April 2022
އެއްވެސް އުދަގޫކަމެއް ނޫން. އެފްއޭއެމްން ވެސް ސަރުކާރުން ވެސް އެއްވެސް އަހުމިންޔަތު ކަމެއް ނުދޭތީ އުދަގޫކަމަކަށް ވެގެން މިއުޅެނިިީ.
އިއްޕަޓޭ
24 April 2022
މީގެފަހުން އަހަރެން މީހަކަށް ދަރަނިވެރިވެއްޖެޔާ ނިކުންނާނީ ނަން ބަދަލުކޮށްލައިގެން ތަފާތުގޮތަކަށް ބޯކޮށާލައިގެން.
އަލީ އަލީ
24 April 2022
ތިޔައި ޖަރީމާއެއް! އަނެއްކާވެސް ކުޅުންތެރިންނަށް ބޮޑުލާރި ޑދޭންވީމަ އާކުލަބެއް ހަދާނީ ދެއްތޯ! އެއް ފުޅަށް މަތިން ފުންމާލި ބަކަރި ދެންވެސ ފުންމާލާނެ! އެމީހުންވެސް މަސއްކަތް ކުރަނީ ލާރި ހޮދާސޭ މުސާރަ ނުދީ ތިހެން ތިބޭކަނސް ނުވާނެ! ބަޔަކަށް ހާދަ އަނިޔާ އެކެ ތިޔަ ދެވެނީ!
ެުލައްޓި
24 April 2022
ނިއު އެކަނި ތަ މުސާރަ ނުދެނި. ފުރަތަމަ ޑިވިސަން ގިނަ ކުލަބުތައް މުސާރަނުދީ ކުޅުންވަނި ހުދު ބަންސާމް ގެ ވެލެންސިޔާގެ ހާލު މާ ބޮނޑް. ކީއްވެ ފިޔަވަޅު ނާޅަނި އަހަރަމެން މިވާހަކަތައް ފީފާޔާ ހަމަޔަށް ގެންދާނަށް މިފަހަރު.
ޑަންޑަނާސް
24 April 2022
ވެލެންސިޔާއަކީ ބައްސާމުގެ ކްލަބެއްނޫން. އެއީ އަދީލްޖަލީލް ގެ ކްލަބެއް. އޮޅުވާނުލައްޗޭ.
ސަންމް
24 April 2022
ބަންސާމް ދެން މަގުމަތިން ފެނުނަސް އިސްތިއުފާއަށް ގޮވާނަށް.
ރަދީފްއޮފިޝަލް
25 April 2022
ގުޑް ގުޑް. ކީޕް ޕްރެސިން ބްރޯ.
ސަފޯޓަރ
24 April 2022
އިންސާ ﷲ ރޭޑިިޔަންޓް ގަލޮޅުދަނޑުން ވަރަށް އަވަހަށް ފެންނާނެ.
ޝޯމޭން
24 April 2022
ދަރަނި އަދާކޮށްފަ ތިލަދުން ސަލާމަތްވާން އުޅޭ. އަހަރެންވެސް ނިއުއަށް ސަޕޯޓުކުރަން. އެކަމު ތިއީކީ އަދި މުޅިއަކުން ކަމުދާގޮތެއްނޫން. ދެން އެހެންމީހުން މުސާރަނުދެއޭ ކިޔާފަ އެކަން ދިފާއުއަކަށް ނަހަދާތި. ޓޫ ރޯންގްސް ޑަޒް ނޮޓް މޭކް އަ ރައިޓް. ތި އަޑިގަނޑުން އަރައިގަނެގެން ރަނގަޅުގޮތުގަ ނިކަން ކެރިގެން ނުކުންނަންއުޅޭ. އޭރުން މިހާރު ތިބި ސަޕޯޓަރުންގެ އިތުރަށްވެސް ސަޕޯޓަރުންލިބޭނެ.
އުއްބެ
24 April 2022
އެފްއޭއެމް ރަގަޅުނަމަ ނިއުރޭޑިޔަންޓް ވެސް ވިކުޓްރީވެސް ސަސްފެންޑް ވާކަށް ނުޖެހުނީސް. ރޯމާދުވާލު އެއްމެންގެ ކުރިމަތީ ނިއުސަސްފެންޑް ކޮށް. ވާދަވެރި ކުލަބުތަކާ ގުޅިގެން ސަސްފެންސަން ދެމެހެންޓީ.
އާރީ
24 April 2022
ދިވެހި ފުޓްބޯޅަޔަށް ވެސް އެފްއޭއެމަށް ވެސް އަދި ވާދަވެރި އެހެން ކުލަބުތަކަށް ވެސް އެއްމެ ރަގަޅު ގޮތަކީ ނުލާ ހުދުގެ ޓީމް ގަލޮޅު ދަނޑަށް ނެރެން ދޭށް ޖެހޭ އެއްބާރުލުން ދިނުން.
އަލިބޭބެ
24 April 2022
ކޮން ފުޓުބޯޅައެއް. ދަރަނިން ތިބީ މުޅިން. ކޮންމެ ކަމެއްގަވެސް ވަގު. މިއޮތީވާ ގައުމެއް.