ދުނިޔެ / އިމެނުއަލް މެކޮން

ފްރާންސްގެ ރިޔާސީ އިންތިހާބުގެ ފަހު ބުރު މިއަދު

24 އެޕްރީލް 2022 - 12:28

1 comments

ފަރަންސޭސި ވިލާތުގެ މިހާރުގެ ރައީސް އިމަނުއެލް މެކްރޯން އަށް އިތުރު ރިޔާސީ ދައުރެއް ދޭނީތޯ، ނުވަތަ އޭނާގެ ބަދަލުގައި އިދިކޮޅު ކެންޑިޑޭޓް މަރީން ލު ޕޭން އަށް އެ ގައުމުގެ ރައީސްކަން ދޭނީތޯ ކަނޑައެޅުމަށް، އެ ގައުމުގައި މިއަދު ރިއާސީ އިންތިހާބުގެ ފަހު ބުރުގެ ވޯޓުލުން ބާއްވާނެ އެވެ.

ފަރަންސޭސި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮތީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެ ބުރުގެ ވޯޓުލުމުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް، ވޯޓު ލީ މީހުންގެ 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ލިބިވަޑައިނުގަތުމުން، އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަންޖެހެނީ އެވެ.

ފުރަތަމަ ބުރުގައި ވޯޓު ދިން މީހުންގެ 27.48 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެން އެއްވަނަ ކެންޑިޑޭޓަކަށް ހޮވިފައިވަނީ މިހާރުގެ ރައީސް، ރިޕަބްލިކަން ޕާޓީގެ އިމަނުއެލް މެކްރޯން އެވެ. ވޯޓު ދިން މީހުންގެ 23.15 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެން ދެ ވަނަ ކެންޑިޑޭޓަކަށް ހޮވިފައިވަނީ ރެސެމްބެލްމެންޓް ނޭޝަނަލް ޕާޓީގެ ކެންޑިޑޭޓް މަރީން ލު ޕޭން އެވެ.

މިއަދުގެ ވޯޓުލުން ކާމިޔާބު ކުރެއްވުމަށްޓަކައި، ފުރަތަމަ ބުރުގައި އެހެން ކެންޑިޑޭޓުންނަށް ވޯޓު ދިން ރައްޔިތުންގެ ވޯޓު ހޯދުން، ދެ ބޭފުޅުންނަށް ވެސް ވަރަށް މުހިންމެވެ. އެހެން ނަމަވެސް، މިފަހަރުގެ ރިއާސީ އިންތިހާބާ ހަމައަށް އައިއިރު، އާންމު ރައްޔިތުންގެ މެދުގައި ދެ ބޭފުޅުންގެ މަގުބޫލުކަން ހުރި ގޮތަށް ބަލާއިރު، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ދަށްވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

ރައީސް މެކްރޯން އަށް ފާޑު ކިޔާ މީހުން ބުނާ ގޮތުގައި މެކްރޯންއަކީ ވަރަށް ކިބުރުވެރި ބޮޑާ ބޭފުޅެކެވެ. އަދި އޭނާއަކީ މުއްސަނދިންނާއި މަހުޖަނުންގެ ރައީސެކެވެ. އެއާ ޚިލާފަށް، ލު ޕޭން އަށް ފާޑުކިޔާ މީހުން ދެކޭ ގޮތުގައި ލު ޕޭން އަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އިމަނުއެލް މެކްރޯން 2017 ވަނަ އަހަރު ފަރަންސޭސި ރައީސްގެ މަގާމަށް އިންތިހާބުވީ، ގައުމަށް އިސްލާހީ މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމުގެ ވައުދާ އެކުގަ އެވެ. ނަމަވެސް ގިނަ ރައްޔިތުން ބުނާ ގޮތުގައި އެމީހުން އުންމީދުކުރާ ވަރުގެ ހެޔޮ ބަދަލުތަކެއް އޭނާއަކަށް ނުގެންނެވުނެވެ.

ރައީސް މެކްރޯންގެ ރިއާސީ ފުރަތަމަ ދައުރުގެ ފަސް އަހަރު ހޭދަކުރައްވަން ޖެހިވަޑައިގަތީ، އިދިކޮޅު މުޒާހަރާތަކާއި ކޮވިޑް-19ގެ ބަލިމަޑުކަމުން ކުރިމަތިވި އިގްތިސާދީ އަދި ސިޔާސީ ފިއްތުންތަކުގެ ތެރޭގަ އެވެ. ދެ ވަނަ ދައުރަކާ ކުރިމަތިލެއްވި އިރު، އާންމު ރައްޔިތުންގެ ފަރާތުން ކުރިމަތިވަމުން އަންނަނީ، ދިރިއުޅުމުގެ ހަރަދުތައް މައްޗަށް ދާކަމުގެ ޝަކުވާތަކެވެ.

ފަރަންސޭސި ވެރިކަން ބަދަލުކުރެއްވުމަށް ނުކުންނެވި ލު ޕޭން، ރައީސް ކަމަށް ވާދަކުރައްވާ މިއީ ތިން ވަނަ ފަހަރެވެ. އެހެންކަމުން މިފަހަރު ނާކާމިޔާބުވެވަޑައިގެންފި ނަމަ، މިއީ އޭނާ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާ އެންމެ ފަހު ފަހަރަށް ވާނެ އެވެ.

މިފަހަރު ވެރިކަމަށް ކުރިމަތިލެއްވި އިރު، މިދިޔަ ދެ ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި، އާންމުންގެ ތާއީދު ހޯއްދެވުމަށް އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ބެލެވެ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވެސް ނާކާމިޔާބުވެވަޑައިގަތީ، މިހާރުގެ ރައީސް މެކްރޯންއާ ވާދަކުރައްވައިގެން ކަމަށްވާތީ، މިއަދުގެ އިންތިހާބުގައި އިތުރު ވޯޓު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

މިއަދުގެ ވޯޓުލުމަށް ނުކުންނަ އިރު، ލު ޕޭންގެ އިޖްތިމާއީ ބައެއް ސިޔާސަތުތަކަކީ މިހާރު ވެސް އެ ގައުމުގެ ދާހިލީ ސުލްހައާ ފުށުއެރުންތަކެއް ހުރި ސިޔާސަތުތަކެވެ. އޭގެ ތެރެއިން އެއް ކަމަކީ، މުސްލިމުން ބުރުގާ އެޅުން މަނާކުރުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތާއި، އެހެން ގައުމުތަކުގެ މީހުން ފަރަންސޭސި ވިލާތަށް ހިޖްރަކުރުން ހުއްޓުވުމުގެ ސިޔާސަތެކެވެ. މިއީ ވެސް މުސްލިމުން އެ ގައުމަށް އެތެރެވާ މިންވަރު ދަށް ކުރުމުގެ ސިޔާސަތެކެވެ.

މިއަދުގެ ވޯޓުލުން ކުރިއަށް ދާނީ ފަރަންސޭސި ވިލާތުގެ ގަޑިން މިއަދު ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށެވެ. ވޯޓު ލުމުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ވޯޓު ލުމުގެ ކަންތައް ނިމުމަށް ފަހު، މިރޭގެ ވަގުތެއްގައި، ރައީސް މެކްރޯން ގައުމާ މުޚާތަބު ކުރައްވާނެ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯބުރި ސަރުދާރު

26 April 2022

ނަސީބެއްދޯ މި ކަލޭގެއަށް ކުރިން ފަންސާސް ޕަސެންޓް ނުލިބޭނެ ކަމަށް ހީނުވުން.. އެހެންނޫންނަމަ ގާނޫނު އަސާސީ އިސްލާހު ކުރަންއުޅޭނެ 25 ޕަސެންޓުން އިންތިޚާބު ކާމިޔާބު ވާނެކަމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454