24 އެޕްރީލް 2022 - 12:30
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ރަޝިޔާ އާއި ޔޫކްރޭނަށް ވަޑައިގެން، މިހާރު ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން އެ ދެ ގައުމުގެ ވެރިންނާ މަޝްވަރާ ކުރެއްވުމަށް ނިންމަވައިފި އެވެ.
އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ގުޓަރޭސް ރަޝިޔާ އަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ. މޮސްކޯގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ މަޝްވަރާ ކުރެއްވުމަށް ފަހު، ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ އެކުގައި ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ އެވެ.
އެއަށް ފަހު ގުޓަރޭސްގެ މިދަތުރުގެ ފަހު މަންޒިލެއްގެ ގޮތުން، ބުރާސްފަތި ދުވަހު ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ވަޑައިގަންނަވާނެ އެވެ. ކިޔޭވްގައި އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި ހާރިޖީ ވަޒީރު ޑިމިޓްރީ ކުލޭބާއާ އެކުގައި ވަކިވަކިން ބައްދަލުކުރައްވާނެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ރަޝިޔާ އާއި ޔޫކްރޭނަށް ވަޑައިގަތުމުގެ ދަތުރުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މާދަމާ ތުރުކީ ވިލާތުގެ ވެރިރަށް އަންކަރާ އަށް ވަޑައިގަންނަވަނެ އެވެ. އަންކަރާގައި ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލުކުރައްވައި، ޔޫކްރޭންގެ ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން، ރަޝިޔާގެ މަންދޫބުންނާއި ޔޫކްރޭންގެ މަންދޫބުންނާ ދެމެދު ތުރުކީގައި ބޭއްވި ބައްދަލުވުންތަކުގެ މައުލޫމާތު އޮޅުންފިލުއްވާނެ އެވެ.
ގުޓަރޭސްގެ މިދަތުރުގައި ޔޫކްރޭނަށް ވަޑައިގަތުމުގެ ކުރިން ރަޝިޔާ އަށް ވަޑައިގަންނަވާތީ، ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، ގުޓަރޭސް އަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހިނގަނީ ޔޫކްރޭންގެ ބިމުގައި ކަމަށާއި، މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ފެންނަން ހުރީ މޮސްކޯގެ މަގުތަކުން ނޫން ކަމަށެވެ. އެހެންކަމުން ގުޓަރޭސް ފުރަތަމަ ވަޑައިގަންނަވަން ވާނީ ޔޫކްރޭނަށް ކަމަށާއި، ޔޫކްރޭންގެ ރައްޔިތުން އުޅޭ ހާލަތާއި، ހަނގުރާމައިގެ ސަބަބުން ޔުކްރޭނަށް ވެފައިވާ ގޮތް ރަނގަޅަށް ބެއްލެވުން މާ މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
24 April 2022
ޝާހިދު އުޅެނީ އދ ރައީސްވެގެން މާގަދަ މީހަކަށް ވެގެން.އާއްމު ދިވެހިން ބަލާކަށް ބޭނުމެއްނުވޭ އަސްލު ރައީސްތޯ އެންމެމަތީ ނުވަތަ ސެކެރެޓަރީ ޖެނެރަލް އެންމެމަތީ މީގެ ފައިދާ ޝާހިދަށް ވަރަށް ބޮޑަށް ކޮށްފި.
ހސދގފފދ
24 April 2022
މީކީއްކުރާމީހެއް؟