މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ އަންހެނުން ހެއިލީ ބީބާ.
29 އެޕްރީލް 2022 - 08:43
މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބީބާ އަށް ސްޓްރޯކެއް ޖެހުނީ ހިތުގައި ލޯވަޅެއް އުފެދިގެން ކަމަށް ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ހެއިލީގެ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން، ސާޖަރީއެއް ހަދާފައި ވަނީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. ލޭ ގަނޑުވުމުގެ ސަބަބުން އޭނާ އަށް ސްޓްރޯކެއް ޖެހުނެވެ.
އެކަމާ ގުޅޭގޮތުން، އިތުރު ވާހަކަތައް ދައްކަމުން އިއްޔެ ޕޯސްޓު ކުރި ވީޑިއޯއެއްގައި ހެއިލީ ބުނީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔައިރު، އެެއީ މިހާތަނަށް އޭނާ އަށް ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާ ކަމަށެވެ.
"ސްޓްރޯކް ޖެހުނު ދުވަސް ފެށުނީ ވަރަށް އާދައިގެ ދުވަހެއްގެ ގޮތުގައި. އަހަރެން އިނީ ޖަސްޓިންއާ ވާހަކަދައްކަން. އިންދާ ކުއްލިއަކަށް ހަށިގަނޑަށް ގޮތްތަކެއް ވާން ފެށީ. ގައިން ވާގި ދޫވެ، މުޅި މީހާ އައްސިވާން ފެށީ،" ހެއިލީ ކިޔައިދިނެވެ.
ދެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔުމަށް ބީބާ މަސައްކަތް ކުރި ކަމަށް ހެއިލީ ބުންޏެވެ. ހޮސްޕިޓަލަށް ގެންގޮސް ގިނަ ޓެސްޓުތައް ހެދުމުން އޭނާގެ ހިތުގައި ކުޑަ ލޯވަޅެއް އުފެދިފައިވާކަން އެނގުނެވެ.
އޭނާގެ ހިތުގެ ލޯވަޅެއް އުފެދިފައިވާ ކަން އެނގުމުން، އޮޕަރޭޝަނެއްކޮށް މިހާރު އެތަން ވަނީ ބައްދައިފަ އެވެ.
އޭނާ ބުނީ މިހާރު އޭނާގެ ހާލު ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ. އަދި ކުރީގެ ހާލަތަށް ވަރަށް އަވަހަށް ދެވޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy