ތާޖް މަހަލް: އިންޑިއާގައި ވެރިކަން ކުރާ ޕާޓީން އެ ގަނޑުވަރުގެ ކޮޓަރިތައް ހުޅުވަން ޕެޓިޝަނެއް ހުށަހެޅި.
15 މެއި 2022 - 06:58
ތާޖް މަހަލްގައި ދާއިމަށް ބަންދުކޮށްފައިވާ ކޮޓަރިތައް ހުޅުވުމުގެ ހުއްދަ ދިނުމަށް އެދި އިންޑިއާގައި ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ޕެޓިޝަނެއް ބޭރުކޮށްލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭރުކޮށްލި އެ ޕެޓިޝަންގައި ބީޖޭޕީން އެދުނީ އާގަރާގައި ހުންނަ ތާޖް މަހަލްގައި ދާއިމަށް ބަންދުކޮށްފައިވާ 20 އަށް ވުރެ ގިނަ ކޮޓަރިތައް ހުޅުވަން ހުއްދަ ދިނުމަށެވެ. އަދި އެ މީހުން ބޭނުންވަނީ އެ ބިނާގެ "ހަގީގީ ތާރީހު" އެންމެންގެ ސަމާލުކަމަށް ގެންނަން ކަމަށް ވެސް ބުންޏެވެ.
ބީޖޭޕީގެ ފަރާތުން ހައި ކޯޓަށް އެ ޕެޓިޝަން ހުށަހެޅީ އިންޑިއާގެ ސިޓީއެއް ކަމަށްވާ އަޔޮދުޔާގައި ހުންނަ އެ ޕާޓީގެ މީޑިއާ އިންޗާޖު ޑރ. ރަޖުނީޝް ސިންހު އެވެ.
އެ ޕެޓިޝަން ހުށަހަޅަމުން ރަޖުނީޝް ކޯޓުގައި ބުނީ އެ ކޮޓަރިތަކުގައި ވަނީ ހިންދޫންގެ ކަލާނގެއެއް ކަމަށް ދައުވާކުރާ "ޝިވާ"ގެ ފައްޅިތަކެއް ހަދައިފަ އެވެ. އަދި އެއީ ތާރީހު ދިރާސާކުރާ މީހުންނާއި އެ ދީނުގެ މީހުންގެ ވެސް މިހާރު ގަބޫލުކުރާ ކަމެއް ކަމަށް ބުންޏެވެ.
އެކަމަކު، އެ ޕެޓިޝަން އަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ނިންމައި، އިންޑިއާ ހައި ކޯޓުގެ ފަނޑިޔާރުން އެ ޕެޓިޝަން ބަލައި ނުގަންނަން ނިންމި އެވެ.
ރަޖުނީޝް އެ ބުނާ ދާއިމަށް ބަންދުކޮށްފައިވާ ކޮޓަރިތައް ހުންނަނީ ތާޖް މަހަލްގެ ދަށުގައި ހުންނަ ޗެމްބަރުތަކުގަ އެވެ. ކޯރާ ކައިރީގައި، ބިމު އަޑީގައި ހަދާފައިވާ އެ ކޮޓަރިތަކަކީ އާންމުކޮށް ހޫނުގަދަ ދުވަސްވަރު ފިނިކޮށްލަން ބޭނުންކުރި ތަންތަން ކަމަށްވެ އެވެ.
ތާޖް މަހަލް އަށް ޒިޔާރަތްކުރާ މީހުންނަށް 1978 އާ ހަމަ އަށް އޭގެން ބައެއް ކޮޓަރިތައް ބަލައިލަން ވަނުމުގެ ހުއްދަ ދިނެވެ. އެކަމަކު އެ އަހަރު އާގަރާގައި ހިންގި ފެންބޮޑުވުމުގެ ހާދިސާ އަށް ފަހު، އެ ދޮރުތައް ދާއިމަށް ބަންދުކުރި އެވެ. އެ ހާދިސާގައި އެ ބިނާ އަށް ފެންވަދެ، ބިމު އަޑީގައި ހުރި ކޮޓަރިތަކުގައި ވެސް ފެންބޮޑުވެ، ފާރުތަކުގައި ކޮންމެ ވެސް ވަރަކަށް ރެނދުލި އެވެ.
ތާޖް މަހަލަކީ 17 ވަނަ ގަރުނުގައި އިންޑިއާގައި ރަސްކަންކުރެއްވި ޝާހް ޖަހާން، އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން މުމްތާޒް މަހަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ބިނާކުރެއްވި ލޯބީގެ ހަނދާނީ ބިނާއެކެވެ. މިހާރު އެތަނަކީ އިންޑިއާ އަށް ދާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އަދި ގައުމީ ރަމްޒެއްގެ ގޮތުގައި ވެސް ބޭނުންކުރާ ބިނާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާހްޖަހާން
15 May 2022
ރަނގަޅު ގޮތަކީ ޝާހްޖަހާން ގެ އަނބިކަނބަލުން މުމްތާޒު އަވަހާރަ ވުމުން އެކަމަނާ ގެ ހަނދާނުގައި ޝާހްޖަހާން ބިނާކުރެއްވި ތަނެއް.
އިޙްސާސް
15 May 2022
މިވަރުގެ ތަނެއްގައި "ކައި" އުފަންދުވަހުގެ ކޭކުފެޅިއްޔޭ މިކިޔަނީދޯ..
ތުއްތުން
15 May 2022
އެވެސް ދޮގު ހަދައިގެން ދެއްކި ވާހަކައެއް
ށަވިޔަނި
15 May 2022
އިންޑިއާ ސުޕްރޕަވަރުގެ ހުވަފެން ދެކޭއިރު މުސްލިމުންނާ ދެކޮޅަށް ބީޖޭޕީ އިން ހިންގާ ޖަރާތަކުން އިންޑިއާ އިތުރަށް ބައިބައިވެ އިންޑިއާ ފަހަތަށް ޖެހުން ނޫންކަމެއްނުވާނެ.