ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔޫއޭއީ އަށް ފުރާވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
15 މެއި 2022 - 12:52
ޔޫއޭއީގެ ރައީސް ހަލީފާ ބިން ޒައިދު އާލް ނަހްޔާން އަވަހާރަވުމާ ގުޅިގެން، އެ އާއިލާ އަށް ތައުޒިޔާ ދެންނެވުމަށާއި އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅަށް ފަހު، އެ މަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އުމުރުފުޅުން 73 އަހަރުގައި ހަލީފާ އަވަހާރަވީ އާލަަސްކަންފުޅާ އުޅުއްވުމަށް ފަހު މިދިޔަ ހުކުރު ދުވަހު އެވެ. އެ މަނިކުފާނު ވަނީ އިއްޔެ ފަސްދާނުލައިފަ އެވެ.
ހަލީފާ އަވަހާރަވުމުގެ ހިތާމައިގައި މާދަމާގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަލީފާގެ ހަނދާނުގައި ޖެން މޯލްޑިވްސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ވެސް ސޮއިކުރައްވައިފަ އެވެ. އެ ދަފްތަރުގައި އެ މަނިކުފާނު ލިޔުއްވި ގޮތުގައި ހަލީފާއަކީ ޔޫއޭއީގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެކެވެ. އަދި އެ މަނިކުފާނުގެ ހިދުމަތްތަކަކީ ޔޫއޭއީގެ ރައްޔިތުން ހަނދާން އާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
ހަލީފާ ވެރިކަމަށް ވަޑައިގަތީ 2004 ވަނަ އަހަރު އެވެ. އެކަމަކު، 2014 ގައި ސްޓްރޯކެއް ޖެހިވަޑައިގަތުމުން ރައީސް ކަމުގައި ހުންނެވީ ރަމްޒީ ސިފައެއްގަ އެވެ. އޭރުން ފެށިގެން ހަލީފާގެ މަސްއޫލިއްޔަތުތައް އަދާކުރަވަމުން ގެންދެވީ ކޮއްކޯފުޅު ވަލީ އަހުދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ. ހަލީފާ އަވަހާރަވުމާ ގުޅިގެން އިއްޔެ ވަނީ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު ރައީސްކަމުގެ މަގާމަށް އިންތިހާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނަސް1
15 May 2022
ދެން އެކޮޅު މަޑުކޮށްލަންވީނުން. ނެތަސް ގައުމު ހިނގާ ވިއްޔާ
ކާނަލް
15 May 2022
އަދި ކިރިޔާ މިއެގުނީ ، އިބޫ އަކީވެސް ޚަލީފާ ޒިއދު އާއިލާގެ ބޭފުޅެއްކަން.