ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

މަހްރޭޒުގެ ޕެނަލްޓީ ނާކާމިޔާބުވެ، ސިޓީ އާއި ވެސްޓް ހޭމް އެއްވަރު

މެޗަށް ފަހު ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އާއި ވެސްޓް ހޭމްގެ ޑިފެންޑަރު ކޫފަލް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 15) - ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ ނާކާމިޔާބުވެ، މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކުރި ޕްރިމިއާ ލީގުގެ މެޗު 2-2 އިން އެއްވަރު ވެއްޖެ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ވެސްޓް ހޭމް އިންނެވެ. ސިޓީއަށް ޖެހުނީ ފަހަތުން އަރައި އެއްވަރު ކުރާށެވެ. ފުރަތަމަ ލަނޑު 24 ވަނަ މިނިޓުގައި ޖަރޯޑް ބޯވެން ޖަހައިދިންއިރު ދެވަނަ ލަނޑު އޭނާ ޖަހައިދިނީ 45 ވަނަ މިނިޓުގަ އެވެ.

ދެވަނަ ހާފުގެ ހަތަރުވަނަ މިނިޓުގައި ސިޓީން ފަރަގު ކުޑަ ކުރީ އޮލެކްޒެންޑަ ޒިންޗެންކޯ ހުރަސް ކޮށްލި ބޯޅައެއް ރޮޑްރީ ބޮލުން ޖައްސާލުމުން ޖެކް ގްރީލިޝް އެވެ. އަދި ނަތީޖާ އެއްވަރުވީ 69 ވަނަ މިނިޓުގައި ވެސްޓް ހޭމްގެ ޑިފެންޑަރު ވްލަޑިމިއޭ ކޫފާލް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑު ވަނީ ރިޔާދް މަހްރޭޒް ހުރަސްކޮށްލި ބޯޅައެއް އޭނާ ބޮލުން ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ.

ބޯވެން، ސިޓީގެ ކީޕަރު އެޑަސަން ކައިރިން ނައްޓާފައި ފުރަތަމަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މެޗު ނިމެން ހަ މިނިޓަށްވެފައި ވަނިކޮށް ވެސްޓް ހޭމްގެ ޑިފެންޑަރު ކްރެއިގް ޑޯސަން، ސިޓީގެ ގެބްރިއެލް ޖީސަސް އަށް ފައުލް ކޮށްގެން ސިޓީ އަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ވީއޭއާރު ރިވިއު އަށް ފަހު ދިން މި ޕެނަލްޓީ މަހްރޭޒް ފޮނުވާލުމުން ދިފާއު ކުރީ ގޯލްކީޕަރު ލޫކަސް ފަބިއަންސްކީ އެވެ.

މި މެޗް އެއްވަރު ވުމުން ދެވަނައިގައި އޮތް ލިވަޕޫލަށް، އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސައުތެމްޓަން ބަލިކޮށްގެން އެއްނަވައިގައި އޮތް ސިޓީއާ ޕޮއިންޓަކަށް ކައިރި ކުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. ސިޓީ އެއްވަނައިގައި އޮތީ 90 ޕޮއިންޓް ހަމަ ކޮށްގެންނެވެ. އެއް މެޗު މަދުން ކުޅުނު ލިވަޕޫލަށް ލިބިފައި ވަނީ 86 ޕޮއިންޓެވެ.

އެކަމަކު ވެސް ލީގު ހޯދުމުގެ ފުރިހަމަ ބާރު އަދިވެސް އޮތީ ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އަތުގަ އެވެ. ސައުތެމްޓަން އަތުން ލިވަޕޫލް ބަލިވެއްޖެ ނަމަ ބާކީ އެއް މެޗު އޮއްވައި ސިޓީ އަށް ލީގު ކަށަވަރު ވާނެ އެވެ. އެއްވަރު ވެއްޖެ ނަމަ ޗެމްޕިއަންކަން ހޯދާ ޓީމެއް ޔަގީން ވާނީ ލީގުގެ އެންމެ ފަހު ދުވަހު އެވެ.

މަހްރޭޒް ސިޓީގެ ޕެނަލްޓީ ފޮނުވާލަނީ: ވެސްޓް ހޭމްގެ ކީޕަރު ފަބިއަންސްކީ ވަނީ ޕެނަލްޓީ މަތަކޮށްފައި.-- ފޮޓޯ: އޭއެފްޕީ

އެންމެ ފަހު މެޗުގައި ލިވަޕޫލް ނުކުންނާނީ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށެވެ. އަދި ސިޓީ ނުކުންނާނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށެވެ. ލިވަޕޫލްގެ ކްލަބް ލެޖެންޑް ސްޓީވަން ޖެރާޑުގެ އިރުޝާދުގެ ދަށުން ކުޅޭ އެސްޓަން ވިލާ ވަނީ މިރޭ ރަށޫން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ކުޅުނު މެޗު 1-1 އިން އެއްވަރުވެފަ އެވެ.

ވެސްޓް ހޭމްގެ ފަހަތުން ޓޭބަލްގެ އަށްވަނައިގައި އޮތް ވުލްވްސް ރެލިގޭޓްވެފައި އޮތް ނޯރިޗް ސިޓީއާ މިރޭ ވާދަކޮށް 1-1 އިން އެއްވަރުވުމާ އެކު ވެސްޓް ހޭމް އަށް ވަނީ ލީގުގެ ހަތްވަނަ ޔަގީންވެ، އަންނަ ސީޒަނުގެ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކޮލިފައިން އިން ޖާގަ ޔަގީން ކޮށްފަ އެވެ. ވެސްޓް ހޭމް ވަނީ މި ސީޒަނުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން ބަލިވެފަ އެވެ.

ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުން ބަލިވި ލެސްޓާ ސިޓީ ވަނީ މިރޭ ރަށުން ބޭރުގައި، ރެލިގޭޓް ވެފައި އޮތް ވަޓްފޯޑް 5-1 އިން ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖޭމްސް މެޑިސަން ޖެހިއިރު، ޖެމީ ވާޑީ އާއި ހާވީ ބާންސް ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. ލީގު ނުވަވަނައިގައި އޮތް ލެސްޓާ އަށް ބާކީ ދެ މެޗު އޮތް ނަމަވެސް އަންނަ ސީޒަނުގެ ޔޫރަޕުގެ އެއްވެސް މުބާރާތަކުން ލެސްޓާ ނުފެންނާނެ އެވެ.

އެއް މެޗު އިތުރަށް ކުޅެ ޓޮޓެންހަމް ހަތަރުވަނައިގައި

ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ ބާންލީއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްގެން ވަގުތީ ގޮތުން ޓޭބަލްގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ.

ކޭންގެ ލަނޑަށް ފަހު ޓޮޓެންހަމް ކުޅުންތެރިން އޭނާއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީގުގެ 18 ވަނައިގައި އޮތް ބާންލީއާ ދެކޮޅަށް ޓޮޓެންހަމުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މިއާ އެކު ޓޮޓެންހަމް ހަތަރުވަނައަށް އެރީ އާސެނަލް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 68 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް އަށް ލިބިފައި ވަނީ 66 ޕޮއިންޓެވެ.

އާސެނަލް އަށް ލީގުގައި ބާކީ ދެ މެޗު އޮތްއިރު އެންމެ އަވަހަށް އެޓީމު ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. އޭގެ ފަހުން، ލީގުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. ޓޮޓެންހަމް ފަހު މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ، ފުލުގައި އޮތް ނޯރިޗް ސިޓީއާ ދެކޮޅަށެވެ.

ބާންލީ އަށް ވަނީ މި ނަތީޖާއާ އެކު ރެލިގޭޝަނުން ސަލާމަތް ވާން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ. އެ ޓީމު 18 ވަނައިގައި އޮތީ 36 މެޗު ކުޅެގެން ހޯދި 34 ޕޮއިންޓާ އެކު އެވެ. އެއް މެޗު އިތުރަށް ކުޅެގެން 17 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑް ވަނީ މިރޭ ބްރައިޓަންއާ 1-1 އިން އެއްވަރުކޮށް 35 ޕޮއިންޓް ހަމަކޮށްފަ އެވެ. ބާންލީ އަށް ބާކީ އޮތީ އެސްޓަން ވިލާ އަދި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

4 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިތޯފީ

16 May 2022

އިންސާފުން ދިން ޕެނަލްޓީއަކަށް ނުވާތީ ކާމިޔާބުނުވީވެސް. މަރުޙަބާ ވެސްޓްހޭމް

The name is already taken The name is available. Register?

ހުސަންބޭ

16 May 2022

ސިޓީއަށް ދިނީ ދޭންޖެހޭ ޕެނެލްޓީއެއްނޫނެވެ. އެއީ ފައުލެއްނޫނެވެ. ޖީސެސް ޑައިވް ކުރީކަން ބަލަންތިބީހުންނަށް އެނގޭނެއެވެ. ޖީސެސްއަށް ރީދޫކާޑު ދައްކަންޖެހޭތަނެއްގައި ސިޓީއަށް ޕެނަލްޓީ ދިނީ ހަމަ އަރަބި މަހުޖަނަކު ހިންގާ ކްލަބަކަށްވާތީ ހަމަ ރެފްރީންނަށް ވާގޮތަކީއެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

16 May 2022

އިތުރު ވަގުތަށް ވަގުތު އިތުރުކޮށް ޗިކެންސްއަށް ހައްގު ނޫން ޕެނަލްޓީއެއް ދީގެން މޮޅުކޮއްދޭން ރެފްރީން ތިބީ އަތުކުރި އޮޅާލައިގެން.ކޮންމެ ގޮތެއް ހަދައިގެން ވެސް ޗިކެންސް ޔޫސީއެލްއަށް ފޮނުވަން މިބުނާ ކަޅު ހެދުން ލައިގެން ތިބޭ ގްރޫޕް ބޭނުންވޭ.

The name is already taken The name is available. Register?

ރެފްރީންގެ ޓީމު

16 May 2022

ޓޮޓްހަމް މީ ރެފްރީންގެ ޓީމެއް. ކޮންމެ މެޗެއްގަ ޕެނަލްޓީއެއް ލިބޭ. ދެން ކޮންޓޭ ހީވަނީ ޖަޕާނު މަހެއްހެން ތެޅިފޮޅިބާލާއިރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454