ސެވިއްޔާ އަށް ލަނޑު ދިނުމަށް ފަހު ނަސޭރީ (ވ) އުފާފާޅު ކުރަނީ: އެތުލެޓިކޯއާ އެއްވަރުކޮށް ސެވިއްޔާ ވަނީ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފަ --- ފޮޓޯ: އޭއެފްޕީ
16 މެއި 2022 - 09:17
މެޑްރިޑް (އޭޕްރީލް 16) - ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑާ އެއްވަރުކޮށް، ސެވިއްޔާއިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ބާކީ އެއް މެޗު އޮއްވައި ސެވިއްޔާއިން ޗެމްޕިއަންސް ލީގު ޖާގަ ކަށަވަރު ކުރީ ހަތަރުވަނަ ހޯދައިގެންނެވެ. އެޓީމަށް ލިބިފައި ވަނީ 67 ޕޮއިންޓެވެ. ތިންވަނައިގައި އެތުލެޓިކޯ އަށް 68 ޕޮއިންޓެވެ.
މެޑްރިޑްގެ ވަންޑާމެޓްރޯ ޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ އެތުލެޓިކޯގެ ހޯޒޭ ހިމެނޭޒް އެވެ. މެޗުގެ 30 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ޔެނިކް ކަރެސްކޯ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ސެވިއްޔާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔޫސުފް އެން ނެސޭރީ އެވެ.
ފަސްވަނައިގައި އޮތް ރެއާލް ބެޓިސް ރޭ ވަނީ ގްރަނާޑާ އަތުން 2-0 ން މޮޅުވެފަ އެވެ. އެޓީމަށް ގަދަ ހަތަރަކަށް ވަދެވޭކަށް ނެތެވެ. ބާކީ އޮތް މެޗުން އެޓީމު މޮޅުވިޔަސް ލިބޭނީ 67 ޕޮއިންޓެވެ. އެކަމަކު ސެވިއްޔާ އާއި ބެޓިސްގެ ހެޑްޓްހެޑަށް ބަލައިގެން ސެވިއްޔާ އަށް ކުރި ލިބޭތީ އެޓީމު އޮތީ ބެޓިސް އަށް ވުރެ ކުރީގަ އެވެ.
ކާޑިޒް އާއި ރެއާލް ރޭ ކުޅުނު މެޗުގެ ތެރެއިން: މެޗު އެއްވަރުވީ 1-1 ން --- ފޮޓޯ: އޭއެފްޕީ
ލީގު ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެވަނައިގައި އޮތް ބާސެލޯނާ ރޭ ކުޅުނު މެޗުތަކުން ވީ އެއްވަރެވެ. ގެޓާފޭ އާދެކޮޅަށް ބާސާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ. ކާޑިޒް އާ ދެކޮޅަށް ރެއާލް ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ.
މެޗު ފެށިގެން ފަސްވަނަ ވަނަ މިނެޓްގައި މަރިއާނޯ ޑިއަޒް ރެއާލް އަށް ލީޑް ނަގައިދިނެވެ. ކާޑިޒް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސޮބްރިނޯ އެވެ. ދެވަނަ ހާފުގައި ނަތީޖާ ބަދަލުކޮށްލަން ކާޑިޒްގެ އަލްވާރޯ ނެގްރޭޑޯ އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ޕެނަލްޓީ ރެއާލްގެ ކީޕަރު އަންޑްރޭ ލުނިން ދިފާއު ކުރި އެވެ.
ރޭގެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ރެއާލްގެ ފޯވާޑް އެޑެން ހަޒާޑް ކުޅެން ނުކުތެވެ. އެއީ ފެބްރުއަރީގެ ފަހުން ރެއާލްގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުސައު
16 May 2022
މަށަށް ލީގު ތާވަލް ފެންނަގޮތުން 5 ވަނައިގަ އޮތް ރިއާލް ބެޓިސް އަށް ފަހު މެޗްގަ އަދިވެސް 4 ޔަގީން ކުރުމުގެ ފުރުސަތު އެބައޮތް.
ރަދީފްއޮފިޝަލް
16 May 2022
ސެވިއްޔާ ފަހު މެޗުން ބަލިވެ ރެއާލް ބެޓިސް ފަހު މެޗް ކާމިޔާބް ކުރިޔަސް ޕޮއިންޓްގެ ގޮތުން 02 ޓީމް ވާނީ އެއްވަރު.ނަމަވެސް ލަލީގާގަ ޕޮޒިޝަން ކަނޑައެޅުމުގަ ބަލަނީ ހެޑް-ޓު-ހެޑަށް ވީމަ ގޯލް ޑިފަރެންސް އެއީ 03 ވަނަ އަށް ބަލާނެ މިންގަނޑު.ސެވިއްޔާ އަދި ބެޓިސް ލަލީގާގަ ބައްދަލުކުރި 02 މެޗު ވެސް ކާމިޔާބްކުރީ ސެވިއްޔާ.އެހެންވީމަ ލީގްގަ ބަލާ މިންގަނޑުން 4 ވަނަ މަގާމް ސެވިއްޔާ ގެއްލޭނެ އެެއްވެސް ހަމައެއް ނެތް.ވ.ވެދުން #ލަލީގާސަންޓަންޑާ #ސެވިއްޔާ #ބެޓިސް