ދުނިޔެ / ސްރީ ލަންކާ

ލަންކާގެ ކާފިއު އުވައިލުމުން ރޭލު ދަތުރުތައް ފަށައިފި

ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

17 މެއި 2022 - 12:12

ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން ފެށި މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން މުޅި ގައުމުގައި ކާފިއު ހިންގުމާ ގުޅިގެން ހުއްޓާލާފައި އޮތް އާންމު ރޭލު ދަތުރުތައް، މިއަދު ހެނދުނު 5:00 ގައި އަލުން ފަށައިފި އެވެ.

އެ ގައުމުގައި ރޭލު ހިދުމަތްދޭ ސަރުކާރުގެ އިދާރާ އިން ބުނި ގޮތުގައި، އާންމު ރޭލު ދަތުރުތައް އަލުން ފެށީ، މިއަދު ފަތިހު 5:00 އިން ފެށިގެން ކާފިއު އުވައިލުމާ ގުޅިގެންނެވެ. ކާފިއު އުވައުލުމާ އެކު، ލަންކާގެ އެކި ކަންކޮޅުތަކުގައި 374 ރޭލެއްގެ ދަތުރުތައް މިއަދު އޮންނާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މިއަދު ފަތިހުން ފެށިގެން ރޭލުތައް ދަތުރު ކުރަމުން ދާނީ، ކާފިއުގެ ކުރިން ވެސް ހަމަޖެހިފައި އޮތް ތާވަލާ އެއްގޮތަށް ކަމަށާއި، ގަޑިތަކަށް ވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ. ރޭލު ދަތުރުތައް މިއަދު ފެށުމާ އެކު، ދުރު ސަރަހައްދުތަކަށް ކުރާ ރޭލު ދަތުރުތައް ވެސް ކަނޑައެޅިފައި އޮންނަ ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ އެވެ.

ނަމަވެސް ޕޯސްޓު ހިފައިގެން ޖެފްނާ އާއި ބަޓިކޮލޯއާ ދެމެދު ދަންވަރު ދަތުރުކުރާ ރޭލުގެ ހިދުމަތް މި ވަގުތު ނޯންނާނެ އެވެ. ޖެފްނާއަކީ ލަންކާގެ އެންމެ އުތުރުން އައްސޭރިފަށުގައި އޮންނަ ސަހަރެކެވެ. ބަޓިކޮލޯއަކީ ލަންކާގެ އިރުމަތީ އައްސޭރީގައި އޮންނަ ސަހަރެކެވެ.

އާންމުންގެ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން، އާ ބޮޑުވަޒީރެއް އައްޔަންކޮށް ކާފިއު އުވާލައި އާ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައި ވިޔަސް، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ފުރަތަމަ ފަހަރަށް އިއްޔެ ގައުމާ މުޚާތަބު ކުރައްވަމުން ވެސް ވިދާޅުވީ ކުރިއަށް އޮތް މަސްތަކަކީ ދަތި އުނދަގޫ ދުވަސްތަކަކަށް ވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް، މިދަތިކަމުގެ ތެރޭގައި ކޮންމެވެސް ގުރުބާނީތަކެއް ވުމަށް ތައްޔާރުވެ، މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އޭނާ އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވީ ގައުމަށް މިހާރު ކުރިމަތިވެފައިވަނީ ވަރަށް ދެރަ ގޮތްތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ކުރު މުއްދަތަކީ، މިހާތަނަށް ރައްޔިތުން ތަޖުރިބާކުރި ދަތިކަމަށް ވުރެ ވެސް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ މާ ދިގު މުއްދަތެއް ނޫން ކަމަށާއި، ބޭރުގެ ރަހްމަތްތެރި ގައުމުތަކުގެ އެހީތެރިކަން ވަރަށް އަވަހަށް ސްރީ ލަންކާ އަށް ލިބޭނެ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުން އަންދާޒާ ކުރި ބަޖެޓްގެ އާމްދަނީ އަކީ 2.3 ޓްރިލިއަން ރުޕީސް އެވެ. އެހެން ނަމަވެސް ލިބޭނެ ކަމަށް އަންދާޒާކުރާ ހަގީގީ އާމްދަނީ އަކީ 1.6 ޓްރިލިއަން ރޕީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މި އަހަރު ހިނގާނެ ކަމަށް ސަރުކާރުން ލަފާކުރި ދައުލަތުގެ ޚަރަދަކީ 3.3 ޓްރިލިއަން ރުޕީސް ކަމަށާއި، ނަމަވެސް އިންޓްރެސްޓް ރޭޓް މަތިވުމާއި، ކުރީ ސަރުކާރުން ކޮށްފައިވާ އިތުރު ޚަރަދުތަކުގެ ސަބަބުން، މި އަހަރުގެ ދައުލަތުގެ ޖުމްލަ ޚަރަދު ހަތަރު ޓްރިލިއަން ރުޕީސް އަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454