ޕްރިމިއާ ލީގު މި ސީޒަނުގެ ފަހު ރޭ، ލީގު ޔަގީން ކުރަން މިރޭގެ ނަތީޖާތައް ސިޓީ އާއި ލިވަޕޫލަށް ވެސް މުހިއްމު.
22 މެއި 2022 - 13:38
މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ހަފްތާގެ މެޗުތައް މިރެއަށް ވަނީ ތާވަލުކޮށްފަ އެވެ. ލީގު އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ސިޓީ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 90 ޕޮއިންޓް ހަމަ ކޮށްގެންނެވެ. އެންމެ ފަހު މެޗުގައި ލީގު ދިފާއުކުރަން އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އަދި 89 ޕޮއިންޓާ އެކު ދެވަނައިގައި އޮތް ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.
ސިޓީ އިން ލީގުގައި 28 މެޗުން މޮޅުވި އިރު ބަލި ވެފައި ވަނީ ޓޮޓެންހަމް ހޮޓްސްޕާސް އާދެކޮޅަށް ކުޅުނު ދެ މެޗާއި، އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ކުޅުނު މެޗުގަ އެވެ. އަދި ހަ މެޗު ވަނީ އެއްވަރު ވެގެން ނިމިފަ އެވެ. ލިވަޕޫލުން ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓާ ސިޓީ އަތުން ރަށުން ބޭރުގައި ބަލިވި ނަމަވެސް އެޓީމު ވަނީ އަށް މެޗުން އެއްވަރު ވެފަ އެވެ. މޮޅު ވެފައި ވަނީ 27 މެޗުންނެވެ.
މިއާ އެކު ލިވަޕޫލަށް ލީގު ލިބެން އަންނަނީ ވަރަށް ވެސް ހަނި ފުރުސަތަކުންނެވެ. އެއީ އެސްޓަން ވިލާ އިން ސިޓީ މޮޅުވިޔަ ނުދީ ހިފަހައްޓައި ލިވަޕޫލުން ވުލްވްސް މެޗު ކާމިޔާބު ކުރުމެވެ. ލިވަޕޫލާއި ވުލްވްސް މެޗު އެއްވަރު ވެއްޖެ ނަމަ އެސްޓަން ވިލާ އިން ހަތް ގޯލުގެ ތަފާތުން ސިޓީ ބަލި ކުރަން ޖެހެ އެވެ. ސިޓީ އަތުގައި ފައިދާ 72 ގޯލު އޮތްއިރު ލިވަޕޫލަށް ފައިދާގެ ގޮތުގައި ލިބެނީ 66 ގޯލެވެ.
މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ، އަދި ލިވަޕޫލްގެ ސަޑިއޯ މާނޭ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. މާނޭ ވަނީ ސެނެގާލް ގައުމީ ޓީމާ އެކު އެފްރިކަން ކަޕް ކާމިޔާބުކުރުމުގެ އިތުރުން ލިވަޕޫލާ އެކު އެފްއޭ ކަޕާއި ލީގް ކަޕް ވެސް ކާމިޔާބު ކޮށްފައި އަދި އެ ޓީމު އޮތީ ޗެމްޕިއަންސް ލީގު ފައިނަލުގައި. ޕްރިމިއާ ލީގަކީ ސިޓީ އަށް މި ސީޒަނުގައި ހަމައެކަނި ކާމިޔާބުކުރުމުގެ ފުރުސަތު އޮތް މުބާރާތް.--
ސިޓީ އިން އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނަ އިރު، ވިލާގެ ކޯޗަކަށް ހުރީ ލިވަޕޫލްގެ ކުރީގެ ލެޖެންޑް ސްޓީވަން ޖެރާޑެވެ. އެސްޓަން ވިލާ އިން އިނގިރޭސި ރެކޯޑް ފީ އަކަށް މިސީޒަނުގައި ބަދަލުވި ޖެކް ގްރީލިޝް ކުޅެމުން އަންނަ ޕެޕް ގާޑިއޯލާގެ ސިޓީ އިން ލީގު ޗެމްޕިއަންކަން ހޯދައިފި ނަމަ، ގްރީލިޝްގެ ކޮންޓްރެކްޓުގައި ވާގޮތުގެމަތިން އެސްޓަން ވިލާ އަށް ބޯނަހެއްގެ ގޮތުގައި 15 މިލިއަން ޔޫރޯ ލިބޭނެ އެވެ.
އެސްޓަން ވިލާ ލީގު 14 ވަނައިގައި އޮތްއިރު، ވުލްވްސް އޮތީ ލީގު އަށްވަނައިގަ އެވެ. ދެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އެސްޓަން ވިލާ އަދި ވުލްވްސް އަށް މި ސީޒަނުގެ ލީގުގައި ހޯދޭނެ އިތުރު ކާމިޔާބެއް ނެތެވެ. ނަމަވެސް ސިޓީ އާއި ލިވަޕޫލަށް މިއީ މޮޅުވާން ކޮންމެހެން މަޖުބޫރު މެޗެކެވެ.
ޕްރިމިއާ ލީގު ހަތަރުވަނަ ހޯދައިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅުމުގެ އުންމީދުގައި ތިބީ ލަންޑަނުގެ އުތުރަށް ނިސްބަތްވާ ޓޮޓެންހަމާއި އާސެނަލް އެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެ، އާސެނަލް އިން ގަދަ ހަތަރެއް ހޯދުމުގެ އަމިއްލަ ބާރު ގެއްލުވާލި އިރު އޭގެ ފައިދާ ނެގީ ޓޮޓެންހަމުންނެވެ.
ޗެމްޕިއަންސް ލީގު ޖާގައެއް ހޯދަން މިވަގުތު އެންމެ ފުރުސަތު ބޮޑީ ވެސް ޓޮޓެންހަމަށެވެ. ޓޮޓެންހަމް މިވަގުތު ހަތަރުވަނައިގައި އޮތީ އާސެނަލް އަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެެވެ. އާސެނަލް އަށް 66 ޕޮއިންޓް ލިބިފައި ވާއިރު ޓޮޓެންހަމް ވަނީ 68 ޕޮއިންޓް ހޯދައިފަ އެވެ. އަދި ފައިދާ ގޯލުގެ ތަފާތުން ވެސް ކުރި ލިބެނީ ޓޮޓެންހަމަށެވެ. ޓޮޓެންހަމުން 64 ލަނޑު ޖަހައި ފައިދާ 24 ގޯލު ހޯދާފައި ވެއެވެ. އާސެނަލް 56 ގޯލު ޖަހައިގެން ލިބިފައި ވަނީ ފައިދާ ނުވަ ގޯލެވެ.
މިއާ އެކު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމްއިން ރެލިގޭޓް ވެފައި އޮތް ނޯރިޗް ސިޓީއާ އެއްވަރު ކޮށްލައިގެން ވެސް ހަތަރުވަނަ ޔަގީން ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ޓޮޓެންހަމް އެއްވަރު ވެއްޖެ ނަމަ އާސެނަލް އަށް ޖެހޭނީ އަމިއްލަ ދަނޑުގައި 16 ގޯލުގެ ތަފާތަކުން އެވަޓަން ބަލި ކުރާށެވެ.
ލަމްޕާޑާއި އެވަޓަންގެ ކޯޗިން ޓީމުގައި ހިމެނޭ ޗެމްސީގެ ކުރީގެ ކުޅުންތެރިޔާ އޭޝްލީ ކޯލް (ކ)، އެވަޓަން އެންމެ ފަހުން މޮޅުވި މެޗަށް ފަހު އުފާފާޅުކުރަނީ، އާސެނަލްގެ ކޯޗު މިކެލް އާޓެޓާ (ވ) ގެ ކޯޗުކަމުގައި އާސެނަލް އަދި ޗެމްޕިއަންސް ލީގަށް ކޮލިފައި ވެފައެއް ނުވޭ.--
އެވަޓަންގެ ކޯޗަކީ އާސެނަލްގެ ހަތުރުން ކަމަށްވާ ޗެލްސީގެ ކުރީގެ ލެޖެންޑް ފްރޭންކް ލަމްޕާޑެވެ. ލަމްޕާޑް ވަނީ ފަހު މެޗުގެ ކުރިން ކްރިސްޓަލް ޕެލަސް ބަލިކޮށް ޕްރިމިއާ ލީގުގައި ދެމިއޮތުން ޔަގީން ކޮށް، ރެލިގޭޝަނުގެ ބިރު ފިލުވާލައިފަ އެވެ.
ލީގުގައި ފުރަތަމަ 10 މެޗަށް ފަހު ޓޮޓެންހަމް ވެސް އޮތީ ފަސް މެޗުން ބަލިވެ، އުނދަގޫ ހާލަތެއްގަ އެވެ. ނަމަވެސް ކުރިން ޗެލްސީ އަށް ކޯޗު ކޮށްދިން، އަދި މިދިޔަ ސީޒަނުގައި އިޓަލީގެ އިންޓަ މިލާނަށް ލީގު ހޯދައިދިން ކޯޗު އެންޓޯނިއޯ ކޮންޓޭ މަގާމާ ހަވާލުވެ، އެޓީމު ވަނީ ދެ ސީޒަނަށް ފަހު އަލުން ޗެމްޕިއަންސް ލީގު ކުޅުމުގެ އުންމީދު ހޯދައިފަ އެވެ.
މީގެ ކުރީ ހަތަރު ސީޒަނުގައި ވެސް އާސެނަލް ކުޅުނީ ޔޫރޮޕާ ލީގެވެ. ޓޮޓެނަހަމް މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ކުޅުނު އިރު މި ސީޒަނުގައި ކުޅެނީ އަލަށް ތައާރަފް ކުރި ތިންވަނަ ފަންތީގެ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގެވެ. ކޮވިޑް-19 ގެ ސަބަބުން ޓޮޓެންހަމަށް އެ މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހު މެޗު ނުކުޅެ ދޫކޮށްލަން ޖެހުމުން މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭގޮތެއް ނުވި އެވެ.
ޓޮޓެންހަމްގެ ކޯޗު ކޮންޓޭ، ޖެނުއަރީ ޓްރާންސްފާ ގައި ޔުވެންޓަސް އިން ލޯނަކަށް ގެނައި ޑިޔާން ކުލުސެވްސްކީ އާއެކު، ކުލުސެވްސްކީ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު 17 މެޗުން ތިން ގޯލު ޖަހައި، އަށް ގޯލު އެސިސްޓް ކޮށްދީފައި.--
އާސެނަލް އަށް ހަތަރުވަނަ ލިބިއްޖެ ނަމަ ވެގެންދާނީ ކުރިގެ ކޯޗު އާސެން ވެންގާ ކުލަބް ދޫކޮށްލި ފަހުން ޗެމްޕިއަންސް ލީގު ކުޅޭނެ ފުރަތަމަ ފަހަރަށެވެ. އެންމެ ފަހުން އާސެނަލް ޗެމްޕިއަންސް ލީގުގައި ކުޅުނީ 2016/2017 ސީޒަނުގަ އެވެ.
އާސެނަލްގެ މިހާރުގެ ކޯޗު މިކެލް އާޓެޓާ ވަނީ 2011 އިން 2016 އަށް ކުޅުންތެރިއެއްގެ ގޮތުގައި އެޓީމާއެކު ޗެމްޕިއަންސް ލީގު ކުޅުމަށް ފަހު، ކޮންޓްރެކްޓް ހަމަވުމުން ކުޅުން ހުއްޓާލައި މެންޗެސްޓާ ސިޓީ ގައި ގާޑިއޯލާގެ އެސިސްޓެންޓެއް ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު އާސެނަލްގެ ކޯޗުކަމާ ހަވާލުވިއިރު، މި ސީޒަނަކީ 1995/1996 ސީޒަނަށް ފަހު އެޓީމު ޔޫރަޕުގެ މުބާރާތަކުން ނުފެނުނު ފުރަތަމަ ސީޒަނެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އިޓަލީގެ ޔުވެންޓަސްގައި ނާކާމިޔާބު ސީޒަނަކަށް ފަހު، މެންޗެސްޓާ ޔުނައިޓެޑަށް ގެނެސް ޗެމްޕިއަންސް ލީގުގައި ރަނގަޅު ކާމިޔާބެއް ހޯދަން މަސައްކަތް ކުރި މެންޗެސްޓާ ޔުނައިޓެޑަށް ވެސް މިއީ ކާމިޔާބު ސީޒަނެކޭ ނުބުނެވޭނެ އެވެ.
އަންނަ ސީޒަނުގައި ޔުނައިޓެޑުގެ ދާއިމީ ކޯޗެއްގެ ގޮތުގައި އެޓީމުގެ ބެންޗުން ފެންނާނީ ނެދަލެންޑްސްގެ އެރިކް ޓެން ހަގް އެވެ. ޓެން ހަގް މި ސީޒަނުގައި އެގައުމުގެ އަޔެކްސް އަށް ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު، ޔުނައިޓެޑާއެކު އަންނަ ސީޒަނަށް ތައްޔުވުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށައިފަ އެވެ. ލީގުގައި ޔުނައިޓެޑް އޮތީ ހަވަނައިގައި، ހަތްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވުރެ ދެ ޕޮއިންޓް ކުރީގަ އެވެ.
މެންޗެސްޓާ ޔުނައިތެޑުގެ ކޯޗު ރަންގްނިކް އާއި ރޮނާލްޑޯ، މިއީ ޔުނައިޓެޑުން ހުސް އަތާ ޖެހިޖެހިގެން ނިންމާލާ ފަސްވަނަ ސީޒަން.--
ޔުނައިޓެޑަށް 58 ޕޮއިންޓް ލިބިފައި ވާއިރު ވެސްޓް ހޭމް އަށް ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުން ލީގުގައި ޔުނައިޓެޑުން ބްރައިޓަންއާ ކުޅުނު މެޗު ކާމިޔާބު ކޮށްގެން ހަވަނަ ޔަގީން ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެޓީމު ވަނީ ރަށުން ބޭރުގައި 4-0 އިން ބަލި ވެފަ އެވެ. އަދި ވެސްޓް ހޭމް އިން ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ 2-2 އިން އެއްވަރު ކޮށްގެން ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދުމުގެ ކުޑަ އުންމީދެއް ހޯދައިފަ އެވެ.
ޔުނައިޓެޑުން ފަހު މެޗުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ރަށުން ބޭރުގަ އެވެ. ޔުނައިޓެޑްގެ ވާދަވެރި ކްލަބް، ސިޓީ އަށް މިސީޒަނުގައި ޕެލަސްއާ ދެކޮޅަށް ކުޅުނު އެންމެ މެޗެއްގައި ވެސް މޮޅެއް ނުހޯދުނެވެ. ޕެލަސް އިން އަމިއްލަ ދަނޑުގައި ސިޓީއާ އެއްވަރު ކުރި އެވެ. އަދި އިއްތިހާދު ސްޓޭޑިއަމްގައި ސިޓީ ބަލި ކުރި އެވެ. ނަމަވެސް ސިޓީގެ އިތުރުން އާސެނަލް އާއި ޓޮޓެންހަމް އަދި ވުލްވްސް ވެސް ބަލިކުރި ޕެލަސް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ޔުނައިޓެޑް އަތުން މި ސީޒަނުގައި ބަލިވެފަ އެވެ. އަދި ލީގުގައި އެންމެ ފަހުން އެވަޓަން ރެލިގޭޝަނުން ސަލާމަތް ވީ ވެސް ކްރިސްޓަލް ޕެލަސް ބަލިކޮށްގެންނެވެ.
ޔުނައިޓެޑަށް ކުރިން ކޯޗު ކޮށްދިން، މިހާރު ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮޔެސް އާއި އެ ޓީމުގެ ފޯވާޑް ޖަރޯޑް ބޯވެން. ބޯވެން ވަނީ 35 މެޗުން 12 ލަނޑު ޖަހައި، 10 ލަނޑު އެސިސްޓް ކޮށްދީފައި.--
ރަށުން ބޭރުގައި ވެސްޓް ހޭމް ފަހު މެޗު ކުޅޭނީ ޔުނައިޓެޑަށް ދެރަ ދިން ބްރައިޓަންއާ ދެކޮޅަށެވެ. ބްރައިޓަން އޮތީ ވެސްޓް ހޭމް އަށް ވުރެ އަށް ޕޮއިންޓް ފަހަތުން ލީގުގެ 10 ވަނައިގަ އެވެ.
މީގެ ދެ ސީޒަން ކުރިން 2018/2019 ސީޒަނުގައި ލީގު ހަވަނައިގައި ނިންމުމުން ޖެހުނީ ޔޫރޮޕާ ލީގު ކުޅޭށެވެ. އޭގެ ކުރިން 2013/2014 ގައި ހަތްވަނައިގައި ނިންމުމުން ޖެހިގެން އައި ސީޒަނުގައި އެޓީމަށް ޖެހުނީ 1989/1990 އަށް ފަހު ފުރަތަމަ ފަހަރަށް ހަމައެކަނި ޑޮމެސްޓިކް މުބާރާތްތައް ކުޅޭށެވެ.
ޔުނައިޓެޑުން މި ސީޒަން ފެށީ ވަރުގަދަކޮށެވެ. ނަމަވެސް ގާތްގާތުގައި މެޗުތަކުން ބަލިވެ، ގަދަ ހަތަރެއްގައި ހިފަހައްޓާލުން ވީ އުނދަގޫ ކަމަކަށެވެ. އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ކުރީގެ ކުޅުންތެރިޔާ އޮލޭ ގުނަ ސޯލްޝެއާ މަގާމުން ވަކިކޮށް، ކޯޗަކު ހަމަޖެހެންދެން ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ މައިކަލް ކެރިކް އެވެ. ވާދަވެރި ޗެލްސީއާ އެއްވަރުކޮށް، އާސެނަލް ބަލިކޮށް އޭނާ ޓީމު ދޫކޮށްލީ، ވަގުތީ ކޯޗު ރަލްފް ރަންގްނިކް ހަވާލު ވުމުންނެވެ. ރަންގްނިކާ އެކު ޔުނައިޓެޑުން ކުރިއެރުން ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް މާޗް މަހުން ފެށިގެން އެއް ފެންވަރެއްގައި ހިފަހައްޓައި ނުލެވި އަނެއްކާ ވެސް ހަތަރަކުން ބޭރުވީ އެވެ.
ނޯރިޗް ސިޓީ އާއި ވްޓްފޯޑް ވަނީ އަންނަ ސީޒަނުގައި އީއެފްއެލް ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފަ އެވެ. ޖުމްލަ ތިން ޓީމު ރެލިގޭޓް ވާއިރު، ލީގު 18 ވަނައިގައި ރެލިގޭޓް ވާނީ ބާންލީ ނުވަތަ ލީޑްސް ޔުނައިޓެޑެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 35 ޕޮއިންޓެވެ. ބާންލީ މިވަގުތު 17 ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ކޯޗު ޝޯން ޑައިކް މަގާމުން ވަކިކުރުމަށް ފަހު މިހާރު އެ މަގާމާ ވަގުތީގޮތުން ހަވާލުވެ ހުރީ އެޓީމުގެ ޒުވާން ޓީމުގެ ވެސް ވަގުތީ ކޯޗު މައިކް ޖެކްސަން އެވެ. ބާންލީން އެންމެ ފަހު މެޗުގައި އެސްޓަން ވިލާ އަތުން އެއްވަރު ވިއިރު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އެޓީމު މޮޅެއް ނުވެ އެވެ.
ބާންލީ އާއި ލީޑްސް މި ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ގެޓީ އިމޭޖަސް
ފަހު މެޗުގައި ބާންލީ ނުކުންނާނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ސައުދީ ވެރިންނާ އެކު ފުލުގައި އޮތް ނިއުކާސަލް ވަނީ ސްޓީވް ބްރޫސް މަގާމުން ވަކިކޮށް ބޯންމައުތު ކުރީގެ ކޯޗު އެޑީ ހޯވް އާ ޓީމު ހަވާލު ކޮށްފަ އެވެ. ޖެނުއަރީގައި ރަނގަޅު ޓްރާންސްފާތަކަކާ އެކު އެޓީމު ނަތީޖާ ރަނގަޅުކޮށް އެންމެ ފަހުން މެޗުގައި ވަނީ އާސެނަލް ބަލިކޮށް ޕްރެޝަރަށް ދުއްވާލައިފަ އެވެ. ނިއުކާސަލް އޮތީ ލީގުގެ 12 ވަނައިގަ އެވެ.
ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ލީޑްސް ފަހު މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ރަނގަޅު ފޯމެއްގައި އޮތް ބްރެންޓްފޯޑާ ދެކޮޅަށެވެ. މި ސީޒަނުގައި އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން ސީޒަނުގެ މެދުތެރޭން ނަތީޖާ ގޯސް ވިޔަސް، ޖެނުއަރީ ޓްރާންސްފާގައި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން ގެނެސް ކުރިއެރުން ހޯދައިފަ އެވެ. މާސެލޯ ބިއެލްސާ މަގާމުން ދުރުކޮށް މާޝް އާއެކު ވެސް ލީޑްސް އަށް އެދެވޭ ކުރިއެރުމެއް ނުހޯދުނެވެ.
މިފަހަރުގެ ލީގުގެ ލަނޑު ލިސްޓާއި އެސިސްޓް ރޭންކިން ލިސްޓުގެ ވެސް އެންމެ ކުރީގައި އޮތީ ލިވަޕޫލަށް ކުޅޭ މިސްރުގެ ތަރި މުހައްމަދު ސަލާހެވެ. އޭނާ ވަނީ 34 މެޗު ކުޅެގެން 22 ލަނޑު ޖަހައި، 13 ލަނޑު އެސިސްޓް ކޮށްފަ އެވެ.
ލީގު އިންޑިވިޖުއަލް އެވޯޑްތަކަށް ވާދަކުރާ ކުޅުންތެރިން.--
ސަލާހަށް ވެރެ އެއް ލަނޑު މަދުން ލިސްޓުގެ ދެވަނައިގައި އޮތީ ޓޮޓެންހަމްގެ ދެކުނު ކޮރެއާ މިޑްފީލްޑަރު ކޮން ހެއުން މިން އެވެ. ސަލާހުއާ އެއްވަރަށް 34 މެޗު ކުޅެފައިވާ ސޮން ވަނީ 21 ލަނޑު ޖަހައިފަ އެވެ. ސަލާހުގެ 22 ގޯލުގެ ތެރޭގައި ޕެނަލްޓީއިން ކާމިޔާބުކުރި ފަސް ގޯލު ހިމެނެ އެވެ. ނަމަވެސް ސޮން މިހާތަނަށް ޖެހި ހުރިހާ ލަނޑެް ވެސް ޖެހީ ކުޅުމުގެ ތެރޭންނެވެ.
ޕްލޭމޭކާ އެވޯޑް ލިބޭނީ އެންމެ ގިނަ އެސިސްޓް ކުރާ ކުޅުންތެރިއަކަށެވެ. ސަލާހުގެ ފަހަތުން އެސިސްޓް ރޭންކިން ދެވަނައިގައި އޮތީ އޭނާއާ އެއް ޓީމަކަށް ކުޅޭ ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް އެވެ. އާނޯލްޑް ވަނީ 12 ލަނޑު އެސިސްޓް ކޮށްދީފަ އެވެ. މިހާތަނަށް 31 މެޗު ކުޅެފައިވާ ކަނާތުބެކް ވަނީ ދެ ގޯލު ވެސް ޖަހައިފަ އެވެ.
އެންމެ ގިނަ ކްލީންޝީޓް ހަދައިގެން ގޯލްޑަން ގްލޯވް ރޭހުގެ އެންމެ ކުރީގައި އުޅެނީ ބްރެޒިލްގެ ދެ ގޯލްކީޕަރުން ކަމަށްވާ ލިވަޕޫލްގެ އެލިސަން ބެކާ އާއި މެންޗެސްޓާ ސިޓީގެ އެޑަސަން އެވެ. ދެ ކީޕަރުން ވެސް ވަނީ 20 މެޗުގައި ބައިކޮޅަށް ގޯލެއް ވަނަ ނުދީ މެޗު ފުރިހަމަ ކުރި އެވެ.
އެލިސަން މިހާތަނަށް ވަނީ 35 މެޗު ކުޅެފަ އެވެ، އޭނާ ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ވެސް ކޮށްފަ އެވެ. ސަލާހް ލިވަޕޫލަށް ޖަހައިދިން 150 ވަނަ ލަނޑު، ނޯރިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރުސަތު ތަނަވަސްކޮށް ދިނީ އަލިސަން އެވެ. އޭނާ ވަނީ މިހާތަނަށް 72 ހަމަލާ ދިފާއު ކޮށްފަ އެވެ. ސިޓީގެ ކީޕަރު އެޑަސަން 36 މެޗުން ދިފާއު ކޮށްފައި ވަނީ 60 ހަމަލާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
22 May 2022
ވަރަށް ރަނގަޅު އެނެލިސިސްއެއް.މިފެންވަރުގަ އާޓިކަލްތައް ގިނައިން ގެނެސްދޭނަމަ ކިޔުންތެރިން ތިބޭނީ ހިތްހަމަ ޖެހިގެން.މަރުހަބާ މުހައްމަދު ޒަޔާން ޒާހިރު.