31 މެއި 2022 - 12:16
ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އެތެރެކުރާ މިންވަރު، މި އަހަރުގެ ނިޔަލަށް 90 ޕަސެންޓް މަދުކޮށްލުމަށް، އުސޫލެއްގެ ގޮތުން ވިލާތުގެ އިއްތިހާދުގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.
ވިލާތުގެ އިއްތިހާދުގެ ވެރިން މިކަމަށް އެއްބަސްވެވަޑައިގަތީ، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާ އަށް ބާރު އެޅުމުގެ ގޮތުންނެވެ. ވިލާތުގެ އިއްތިހާދުން ގަބޫލުކުރާ ގޮތުގައި ވިލާތުގެ ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައިފި ނަމަ، ރަޝިޔާ އިން ހަނގުރާމަ އަށް ކުރާ ޚަރަދުތަކަށް ބުރޫ އަރާނެ އެވެ.
ރަޝިޔާގެ ތެޔޮ މުޅިން މަނާކުރުމަށް ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ކަނޑައަޅައިގެން އެކަމަށް ހުރިހާ ގައުމުތައް އެއްބަސްވޭތޯ މަޝްވަރާ ކުރަމުން އަންނަތާ މިހާރު ހަފުތާތަކެއް ވެއްޖެ އެވެ. އެކަމަށް އެންމެ ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދެވީ ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޮރްބާން އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ތެޔޮ ގަތުން ހަންގޭރީން ހުއްޓާލައިފި ނަމަ، ހަންގޭރީގެ އިގްތިސާދު އިނދަޖެހޭނެ އެވެ.
ބްރަސެލްސްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވިލާތުގެ ވެރިން އެއްބަސްވެވަޑައިގަތީ، ރަޝިޔާ އިން އިރުމަތީ ޔޫރަޕަށް އަޅާފައިވާ ދްރުޒްބާ ތެޔޮހޮޅިން ފޮނުވާ ތެޔޮ ފިޔަވައި، ރަޝިޔާގެ ހުރިހާ ތެލެއް ވިލާތުގެ ގައުމުތަކަށް އެތެރެކުރުން ހުއްޓައިލުމަށެވެ. ދްރުޒްބާ ތެޔޮ ހޮޅިއަކީ ރަޝިޔާ އިން ފެށިގެން، ޔޫކްރޭންގެ ތެރެއިން ބެލާރޫސް އާއި ޕޮލެންޑާއި ހަންގޭރީ، ސްލޮވާކިއާ އާއި ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާގެ ތެރެއިން ގޮސް ޖަރުމަނާ ހަމައަށް އަޅާފައި އޮންނަ ތެޔޮ ހޮޅިއެކެވެ.
"ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓައިލުމަށް ވިލާތުގެ ގައުމުތައް އެއްބަސްވެއްޖެ. މި އެއްބަސްވުމުން، ރަޝިޔާ އިން ވިލާތަށް ފޮނުވާ ތެލުގެ ތިން ބައިކުޅަ ދެބައި، ވިލާތަށް އެތެރެކުރުން ނިމުމަކަށް އަންނާނެ. މިއީ ރަޝިޔާ އިން ހަނގުރާމަ އަށް ހޭދަކުރާ ފައިސާގެ ވަރަށް ބޮޑު މިންވަރެއް،" ވިލާތުގެ ކައުންސިލްގެ ވެރިޔާ ޗާލްސް މިޝޭލް ވިދާޅުވި އެވެ.
Tonight #EUCO agreed a sixth package of sanctions.
— Charles Michel (@eucopresident) May 30, 2022
It will allow a ban on oil imports from #Russia.
The sanctions will immediately impact 75% of Russian oil imports. And by the end of the year, 90% of the Russian oil imported in Europe will be banned. pic.twitter.com/uVoVI519v8
އޭނާ ވިދާޅުވި ގޮތުގައި ވިލާތުގެ އިއްތިހާދުގެ މި ނިންމުމަކީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާ އަށް ކުރިމަތިކުރެވޭ ވަރަށް ބޮޑު ފިއްތުމަކަށް ވާނެ އެވެ.
ވިލާތުގެ އިއްތިހާދުގެ ރައީސް އުރްސުލާ ވޯން ދޭލަޔާން ވިދާޅުވި ގޮތުގައި ވިލާތުގެ އިއްތިހާދުގެ ވެރިން އިއްޔެ އެއްބަސްވެވަޑައިގެންނެވި ނިންމުން ތަންފީޒުކުރަން ފެށުމުން، ވިލާތުގެ ގައުމުތަކަށް އެތެރެކުރާ ރަޝިޔާގެ ތެލުގެ 90 ޕަސެންޓް، މި އަހަރު ނިމޭއިރު، މުޅިން ހުއްޓިގެންދާނެ އެވެ.
ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ފޮނުވާ ތެލުގެ ތިން ބައިކުޅަ ދެ ބައި، ވިލާތުގެ ގައުމުތަކަށް އެތެރެ ކުރަނީ ބޮޑެތި ޓޭންކަރުތަކުގަ އެވެ. އަނެއް ބައި އެތެރެ ކުރަނީ ދްރުޒްބާ ތެޔޮހޮޅި މެދުވެރިކޮށެވެ. ރަޝިޔާގެ ތެޔޮ ހޮޅިން ތެޔޮ ނަގައިގެން އެހެން ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ޖަރުމަން ވިލާތާއި ޕޮލެންޑުން ހުއްޓައިލުމުން، ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ފޮނުވާ ތެލުގެ 90 ޕަސެންޓް ހުއްޓިގެންދާނެ އެވެ.
އަނެއް 10 ޕަސެންޓް މަނާ ނުކޮށް ދޫކޮށްލަނީ، ރަޝިޔާގެ ތެލުގެ ބަދަލުގައި އެހެން ގޮތަކުން ތެޔޮ ހޯދުމުގެ މަގު މިހާތަނަށް ފަހިވެފައި ނެތް ބައެއް ގައުމުތަކަށް، ތެލުގެ ދަތިކަން ކުރިމަތިވިޔަ ނުދިނުމަށެވެ. އެއީ ހަންގޭރީ އާއި ސްލޮވާކިޔާ އަދި ޗެކް ރިޕަބްލިކެވެ.
Russia has chosen to continue its war in Ukraine. Tonight, as Europeans, united and in solidarity with the Ukrainian people, we are taking new decisive sanctions. We have decided to stop importing 90% of Russian oil by the end of 2022.
— Emmanuel Macron (@EmmanuelMacron) May 30, 2022
"ރަޝިޔާ އިޚްތިޔާރު ކުރީ އެ ގައުމުން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދަން. މިރޭ އަހަރެމެން މިތިބީ ޔޫރަޕްގެ ރައްޔިތުންގެ ހައިސިއްޔަތުން، ޔޫކްރޭންގެ ރައްޔިތުންނާ އެކުގައި އެއްބައިވަންތަކާ އެކު. އަހަރެމެން މި އަޅަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް،" ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ވިލާތުގެ އިއްތިހާދުން މިހާތަނަށް ފަސް ބުރެއްގެ މަތިން ވަނީ، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި، ރަޝިޔާ ސަރުކާރުގެ ބޭންކުތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުން ހުއްޓައިލުމާއި، ރަޝިޔާގެ ރޭޑިއޯ އާއި ޓީވީ ޗެނަލްތައް އެ ގައުމުތަކުގައި މަނާކުރުން ހިމެނެ އެވެ.
ނަމަވެސް ރަޝިޔާގެ ތެޔޮ މަނާކުރުމަށް ހުށަހެޅުމުން، ބައެއް ގައުމުތައް ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. ވިލާތުގެ ގިނަ ގައުމުތަކަކީ ހަކަތައިގެ ދާއިރާ އިން، ރަޝިޔާގެ ތެލުގެ ބާވަތްތަކަށާއި ގޭހަށް ބަރޯސާވެފައިވާ ގައުމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
01 June 2022
އެމެރިކާ ބޭނުންވާގޮތަށް ދުނިޔޭގަ ވެރިކަމެއް ނުކުރެވޭނެ. އެއުޅެނީޔޫރަޕް ހައްލާލައިގެން ރަޝިޔާއާިދެކޅަށް ފިޔަވަޅުއަޅުވަން. ގެއްލުންވާނީ ޔޫރަޕްގެ އިޤްތިސާދަށް. ރަޝިޔާ ޗައިނާ ޔަކާ ނުކުޅެވޭނެ. އެމެރިކާ ޢިރާޤަށް އެރިމަ މައސަލަޔަކަށް ނުވެ ރަޝިޔާ ޔޫކްރޭންއަށް އެރީމަ މައްސަލައަކަށްވީ ކީއްވެބާ؟ އެމެރިކާ ބޭނުންވާނެތަ އެމެރިކާ ބޯޑަރު ކައިރީގަ އިދިކޮޅު ސިފައިން ބަރު ހަތިޔާރާއެކު ތިބެން؟ އެހެންވީމަ ރަށިޔާބޭނުން ނުވާނެ އަވަށްޓެރި ޤައުމުތަށް ނޭޓޯ އާގުޅެކަށް.
ބީރުބޮލު ވަޒީރު.
31 May 2022
ވިލާތުގެ ގައުމުތައް އެދަނީ ހަލާކުވަމުން. ރަސިއާގެ ތެލާއި ގޭސް ނުލިބުމުން ހަރަދުތައް ބޮޑުވެ އިންފުލޭޝަން އުފުލުނީ. ސަލީމް އިދުރީސް ބުނާހެން ޔޫރަޕުގެ އިންފުލޭޝަން އުފުލޭއިރު އަހަރުމެންގެ ޓޫރިޒަމްވެސް ފުނޑޭނެ. އެކަމަކު ރަސިއާއަށް މި ހަނގުރާމަކުރަން މަޖުބޫރުކުރުވީ އެމެރިކާ އާއި ޔޫރަޕުން. އެއްވެސް ބަޔަކު ނުތިބޭނެ ގައިގާ ރޯވާތަން ބަލާކަށް. ސަލާމަތްވާން މަސައްކަތް ކުރާނެ. ޕޫޓިންވެސް ގޯހެއް ނޫން.
1206
31 May 2022
ވިލާތު އިއްތިހާދީން ޖެހޭނީ މަހަށް ދާން. ނޫނީ ރަށު ތެރެއިން އެހެން ކަމަކާ އުޅޭ. ރަޝިޔާ އަށް ހީ ނުވާނެ ކަހެރު ވަކެއްގެ ބޭރު ތޮށިގަނޑޭވެސް. ތިޔަ ހުރިހާ ކަމަކީ ދައްކާ ދަޅަ. މޭޒު މަތިން ތެޔޮ އެތެރެ ނުކުރަން ނިންމާ މޭޒު ދަށުން މިހާރު ވެސް ވަގަށް ރަޝިޔާ ތެޔޮ އެތެރެ ކުރޭ. ނުކޮށް ކީއްކުރާނީ. ތެލަކީ އުޑުން ވެހޭ އެއްޗެއް ނަމަތާ. ދުރުން އަގު ހެޔޮކޮށް ތެލާ ގޭސް ލިބޭކަށް ނެތް. ހާމަޔަށް ރަޝިޔާގެ ތެލާ ގޭސް ގަނެވޭކަށް ނެތް. ދެން އެނބުރޭނީ ތިޔަ ކަހަލަ ގޭސްގަނޑެއް.
އަފްރާސިޔާބު
01 June 2022
ތިބުނީ ރަނގަޅަށް. ކްރޯޝިޔާގެ ރައީސް ދެންމެ ވިދާޅުވެއްޖެ ތިމަންނަމެންނަށް ބޭނުންވާ ވަރަށް ތެޔޮލިބޭނޭ ސާބިއާގެ ތެރެއިން. ދެން ތެޔޮ ލިބޭނޭ ހަންގޭރީގެ ޕައިޕުންވެސް. ކަލޭމެން މަނާކޮށްގެން ތިބޭށޭ ތިމަންނަމެންގެ ރައްޔިތުން ހަނާވާކަށް ދުލެއް ނުކުރާނަމޭ. ކަލޭމެންގެ ތި ފިޔަވަޅުން ޕުޓިން އެހެރީ ހެވި ދިލިފައޭ. މީނާ މިބުނި ދެގައުމަށް ބަލާއިރު މިއީ ރަޝިޔާއިން ތެލާއި ގޭސް އެތެރެކުރާނޭ ކަމަށް ފާޅުގައި ބުނި ދެގައުމު. ހުންނާނީ ރާކަނިމަސް ކެވިފައި.
ބީރުބޮލު ވަޒީރު
01 June 2022
1206 ތިބުނީ ވަރަށްބޮޑު ތެދެއް. މިހާރު ތެއު ގެންނަނީ މޭޒު ދަށުން. އެމެރިކާވެސް ކޮންމެ ދުވަހަކު އެއްލައްކަ ފީފާ ސާފުނުކުރާ ތެއު މިހާރުވެސް ރަސިއާއިން ގަނޭ. އެތަން ޔޫރަޕަށް ފެނޭ. ނުފެންނަނީ މިތާއުޅޭ މޮޔަ ލެއްގި ކޮމިޝަނަރާއި ސަލީމް އިދުރީސަށް. އެ ދެމީހުންގެ ސިނކުޑިއަށް ހުރީ އެމެރިކަން ގިރިސް އަޅާފަ..