ދުނިޔެ / ޔުކްރެއިން

ހަނގުރާމައިގެ ކުށްވެރިންގެ 600 މީހަކު ފާހަގަވެއްޖެ

01 ޖޫން 2022 - 12:23

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ 600 އަށް ވުރެ ގިނަ މީހަކު ފާހަގަކޮށް ދެނެގަނެވިފައިވާ ކަމަށް ޔޫކްރޭނުން އިއްޔެ ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔޫކްރޭންގެ ޕްރޮސެކިއުޓާ ޖެނެރަލް އިރީނާ ވެނެޑިކްޓޯވާ އިއްޔެ ވިދާޅުވީ ހަނގުރާމައިގެ މުޖުރިމުންގެ ގޮތުގައި ފާހަގަކުރެވިފައި ތިބި މީހުންގެ ތެރެއިން، 80 މީހަކަށް ދައުވާ ކުރުމުގެ މަރުހަލާތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. ހަނގުރާމައިގެ މުޖުރިމުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުންގެ ތެރޭގައި، ރަޝިޔާ ސިފައިންގެ އިސް އޮފިސަރުންނާއި ސިޔާސީ މީހުންގެ އިތުރުން ރަޝިޔާގެ ޕްރޮޕެގެންޑާ ފަތުރައިދޭ މީހުން ވެސް ހިމެނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން މިހާރު ކުރަމުން ދާ ހަނގުރާމައިގެ ތެރޭގައި، ކޮންމެ ދުވަހަކު ވެސް ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި 200-300 މައްސަލަ އަލަށް ފާހަގަކުރެވި ލިސްޓުކުރެވެ އެވެ.

ރަޝިޔާ އިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ޓީމުގައި، އެސްޓޯނިއާ އާއި ލެތުވިއާގެ އިތުރުން ސްލޮވާކިއާ ވެސް ވަރަށް އަވަހަށް ބައިވެރިވާނެ އެވެ. މިދިޔަ މާޗް މަހު އެކުލަވައިލި އެ ޓީމުގައި މިހާރު ހިމެނެނީ، ޔޫކްރޭނާއި ލިތުއޭނިއާ އާއި ޕޮލެންޑްގެ ގާނޫނީ ވަކީލުންނެވެ. އެ ޓީމުގެ މެމްބަރުން ޔޫކްރޭންގައި މަސައްކަތް ކުރަމުން ދަނީ، ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އެކުލަވާލައި ޔޫކްރޭނަށް ފޮނުވާފައިވާ ޚާއްސާ ޓީމާ އެކުގަ އެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ޔޫކްރޭނަށް ފޮނުވާފައިވާ ތަހުގީގު ޓީމުގައި 42 މެމްބަރުން ހިމެނެ އެވެ. އޭގެ ތެރޭގައި ފޮރެންސިކް ދާއިރާގެ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުން ވެސް ހިމެނެ އެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ތަހުގީގު ޓީމުގެ ވެރިޔާ ކަރީމް ޚާން ވިދާޅުވި ގޮތުގައި، ތަހުގީގު ޓީމަށް ފަސޭހަ ކުރުމުގެ ގޮތުން، ޔޫކްރޭންގެ ވެރިރަށް ކިޔޭވްގައި އޮފީހެއް ހުޅުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ރަޝިޔާ ސިފައިން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ފުރިހަމަ އަށް ތަހުގީގު ކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖްތަމައުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ކަރީމް ޚާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ގޮތުން ހޯދާ ހުރިހާ ހެއްކާއި ޝަރީއަތަށް ބޭނުންވާނެ އެހެން ހުރިހާ އެއްޗެއް ވެސް ހޯދައި ރައްކާކުރަންޖެހޭނީ، ކޮންމެ ކޯޓެއްގައި ވެސް އެތަކެތީގެ ބޭނުން ހިފޭ ފަދަ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރަޝިޔާ އިން ބުނާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން، ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރިއަށް ގެންދާ އަސްކަރީ ޚާއްސަ ހަރަކާތްތަކުގައި އާންމުންގެ ބަޔަކަށް ގަސްދުގައި ހަމަލާއެއް ދީފައެއް ނުވާނެ އެވެ. އަދި ރަޝިޔާ ސިފައިން ހަނގުރާމައިގެ ޖަރީމާއެއް ވެސް ނުހިންގާ ކަމަށް ރަޝިޔާ އިން ބުނެ އެވެ.

ކަރީމް ޚާން ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދު ގޮސްފައިވާ އިރު، އެ ސަރަހައްދުގައި ހަނގުރާމައިގެ އެތައް ހާސް ޖަރީމާއެއް ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެ ގޮތުން ޔޫކްރޭންގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް، އެމީހުންގެ ނުރުހުމުގައި ޔޫކްރޭނުން ބޭރުކޮށް، ރަޝިޔާގެ އެކި ސަރަހައްދުތަކަށް ގެންގޮސްފައިވާ އިރު، އެއީ ވެސް ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ގެދޮރު ސުންނާފަތި ކުރުމާއި ތަންތަނުގައި ހުޅު ޖެހުމާއި، މީހުންނަށް ލާއިންސާނީ އަނިޔާކުރުމާއި އާންމުން މެރުމަކީ ވެސް ހަނގުރާމައިގެ ތެރޭގައި ރަޝިޔާ ސިފައިން މިހާރު ހިންގަމުންދާ ޖަރީމާތައް ކަމަށް ކަރީމް ޚާން ވިދާޅުވި އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454