ބްރިޖް ނިންމަން ކަނޑައެޅި ތާރީހަށް ވުރެން އަވަސްކޮށް މާލެ އާއި ވިލިމާލޭގެ ދަތުރުތައް ޖުލައިގައި ފަށާ ނަމަ އެފްކޮއިން ބުނަނީ އިތުރު ހޭދައެއް ހިނގާނެ ކަމަށް. އެކަމަށް ގޮތެއް ނުނިމޭ ކަމަށް ސަރުކާރުން ބުނޭ.
މާލެ ތިލަފުށި ގުޅުވާލާ ބްރިޖުގެ ކުރެހުމެއް. މި ބްރިޖު ކުރިން ނިންމަން އޮތް ތާރީހަށް ވުރެން އަވަސްކުރަން އަންނަނީ މަސައްކަތް ކުރަމުން.
02 ޖޫން 2022 - 13:37
މާލެ ސަރަހައްދުގައި އަޅާ ބްރިޖުގައި، މާލެ އާއި ވިލިމާލެ ގުޅާލުން އަވަސްކޮށް އަންނަ އަހަރުގެ ޖުލައި މަހު ދަތުރުތައް ފެށޭވަރަށް ނިންމަން އިންޑިއާގެ އެފްކޮންސް އިން އިތުރަށް 26 މިލިއަން ޑޮލަރު (400 މިލިއަން ރުފިޔާ)އަށް އެދިފައިވާ ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
އެކަމަކު މި އަގަށް ސަރުކާރުން އަދި އެ ކުންފުންޏާ އެކު އެއްބަހެއް ނުވެ އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މަސައްކަތުގެ ސްޕީޑު އަވަސްކުރަން މަޝްވަރާތަކެއް ދިޔަ ނަމަވެސް އެއްވެސް އަގެއް ކަނޑައެޅި އެ އަގަކަށް މިހާތަނަށް އެއްބަސްވެވިފައި ނެތް ކަަމަށެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގައި މާލެ އާއި ގުޅާލަނީ ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅެވެ. މި މަޝްރޫއު ނިމޭނެ ކަމަށް ކުރިން އާއްމުކޮށްފައި ވަނީ 2024 އަށެވެ.
އެއީ، ފުރަތަމަ މާލެއިން ގުޅިފަޅަށް ގުޅާލުމެވެ. މަސައްކަތް ފަށާ ތާރީހުން، 27 މަސް ދުވަހުގެ ތެރޭގައި މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ލަފާކޮށްފައިވާ އިރު ދެވަނަ ބައިގައި ހިމެނެނީ ތިލަފުށިން ގުޅީފަޅަށް ގުޅާލުމެވެ. މި މަސައްކަތް ނިންމަން 32 މަސް ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން އޮތީ އާއްމުކޮށްފަ އެވެ.
މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އަގު މިހާތަނަށް ފައިނަލެއް ނުވޭ، މަޝްވަރާތައް ދަނީ ކުރިއަށް. -- ޕްލޭނިން
އެކަމަކު، އެފްކޮން އިން މިދިޔަ ހޯމަދުވަހު އިންޑިއާގައި، ދިވެހި ނޫސްވެރިންނަށް އާއްމުކުރި ތާރީހްތަކުން އެނގޭ ގޮތުގައި، މާލެ އިން ވިލިމާލެއަށް ގުޅާލައި ދަތުރު ފެށުން އޮތީ އަވަސްކޮށްފަ އެވެ. ސަރުކާރުން އެދިގެން ބްރިޖުގެ ތާރީހްތަކަށް ބަދަލު ގެނެސްފައިވާ އިރު، އެނގިފައިވާ ގޮތުގައި، އެ މުއްދަތަށް ނިންމަން އެފްކޮންގެ ހުށަހެޅުމަކީ ޖުމްލަ 26 މިލިއަން ޑޮލަރެވެ.
"މިހާރު"އަށް ކަށަވަރު ވެފައިވާ ގޮތުގައި މި ފައިސާ ދޭން ވާހަކަ ދައްކަމުން އަންނަނީ ފުރަތަމަ 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) އަށެވެ. ބާކީ ބައި ދޭގޮތަށް އޮތީ މާލެ އިން ވިލިމާލެއާ ހަމައަށް ގުޅާލައި ބްރިޖް ބޭނުންކުރެވޭ ވަރަށް ނިންމުމުންނެވެ. ނުނިމިއްޖެ ނަމަ ފައިސާ ދޭން ނުޖެހޭނެ އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޖުލައި 26 އަށް ނިންމަން ކޮންޓްރެކްޓަރާ އެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ކޮސްޓް ކަންތައްތަކުގައި އަދި ޑިސްކަޝަންސްތަކެއް ދަނީ. ކޮސްޓެއް ދާ އަދި ފައިނަލެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
"މިހާރު"އަށް ލިބިފައިވާ އަދަދުތައް ރަނގަޅުތޯ ދެންނެވުމުން ވިދާޅުވީ "އެއްވެސް ގޮތަކަށް އަދި ނުނިމޭ" ކަމަށެވެ.
ބްރިޖް މަޝްރޫއުގެ މަސައްކަތް އެފްކޮން އިން ކުރިއަށް ގެންދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުއްޓާއި މާލެ ގުޅާލާ ބްރިޖް މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.
އެގްޒިމް ބޭންކުގެ ލޯނާ އެކު މި ބްރިޖަށް ދެން ފަންޑުކުރާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ.
- މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ އަހަރުގެ ޖުލައި 23 އަށް ނިމޭނެ.
- މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފެށޭނެ.
- ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލާ ނިމޭނެ.
- މުޅި ޕްރޮޖެކްޓް ނިންމާލެވޭނީ ނޮވެމްބަރު 2024 ގައި.
ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެ އެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
05 June 2022
ކޮންމެހެން އެހާ އަވަސް ކުރާން ޖެހޭ ސަބަބެއް ނެތް.. ބުރިޖު ބުރިޖަކަށްވާނީ ތިލަފުއްޓާ ދެން ހުރި ތަންތަން ވެސް ނިމުނީމާ...
މިރިހި ފަތް
05 June 2022
ހިންދީ ފިލްމުތަކުގައި ކަންހިނގާކަމަށް ދައްކާގޮތާއި ދިވެހި ރާއްޖެގައި ކަންހިނގާގޮތުގެ އެއްވެސްތަފާތެއްނެތް. މައުމޫނު އަބުދުލްގައްޔޫމް ވެރިކަމުގައި ސިޔާސީ މީހުންބުނާގޮތުން ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ވެރިކަން ކުރިއިރު ގައުމު އަމާން. ސުލްހަ މަސްލަސްކަންއޮތް. މީހުންމެރުންފަދަ ކުށްތައްމަދު. ގޭންގުތަށް އުފެދުނަކަ ނުދޭ. ސަރުކާރު ބަރުބޮޑެއްނޫން. ނުދެއްކޭވަރުގެ ލޯނުތަކެއް ނެތް.
ހިންނަވަރު ސޮރު
05 June 2022
ބަރިޖް އަލާ ނިމުމުގެކުރިން ރައްޔިތުން ބަނޑަށް ޖެހޭނެ. ގައުމުވެސް އޮންނާނީ ވިައްކާލާފައި.
ވިސް
04 June 2022
ބޭކާރު ހަރަދު
މަގޯތި އަހްމަޑު
03 June 2022
ކަލޭމެން ލާރިގަޑު ކާލާފަ ރާއްޖެ ދަރުވާލަން ގާތްވީމަ ރައްޔިތުންވީ ހަރަދު ކުޑަކުރަން ވަރަށް ތާހިރު.
ހޫދު
03 June 2022
ކުރެވުނު އެއްކަމެއްވެސް ދެއްކޭނީ ދަރާވިކިގެންވެސް ތިނިންމީމަތާ
ޙޙ2022
03 June 2022
ޢިންޑިއަން ސްޓައިލް... ޕައިސާ. ޕައިސާ.. ބޮއިހަލަކި
ކިހިލިފަތް
03 June 2022
ތިޔަ ބުރިޖު ފީސިބަލްވާނީ ތިޔަކިޔާ ގުޅިފަޅު ޕޯޓު އަޅައިގެން. އެނޫނީ ބޭކާރު ޚަރަދެއް! މާލެޔާ ތިލަފުށްޓާ ގުޅާލެވިއްޖެޔާ އިންޑަސްޓްރިއަލް މަސައްކަތަށް ފަސޭހަވެގެންދާނެ ގުދަންތަކާ މުދާބާލާ ހަދާށާ. ނަމަވެސް އެއީ ކުޑަ ޕަސަންޓެއް، ޕޯޓު ނުހަދަންޏާ. އަނެއްކޮޅުން ވިލިނގިލީގެ ރީތިކަމަށް ގޮންޖެހޭ ކަމެއް
ބޮންތި
03 June 2022
މިނިކާ-ވަގުންތަކެއް..
ސަނީފު
03 June 2022
500.މިލިއަން ޑޮލަރު ދިނީމަ އަންނަ ހަފުތާއަށް ނިންމާލަދޭނެ ދޯ