މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައި އަޅަން ނިންމާފައިވާ ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދުމަށް ޕްލޭނިން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ވަނީ އަންނަ ހޯމަ ދުވަހު މިކަމާ ގުޅިގެން އާންމުންނަށް ހުޅުވާލައިގެން ވާޗުއަލް ބައްދަލުވުމެއް ބާއްވަން ނިންމައި އެކަން އިއުލާން ކޮށްފަ އެވެ. ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ ޒޫމް މެދުވެރިކޮށް، އެ ދުވަހުހެ ހަވީރު ހަތަރެއް ޖަހާއިރު އެވެ. ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްޓަރީވުމަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މާލެ އާއި ތިލަފުށި އަދި ވިލިމާލެ ގުޅިގެންދާ ގޮތަށް ބްރިޖު އެޅުމުގެ ސާވޭގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކަށް 15 މިލިއަން ޑޮލަރަށެވެ. ބްރިޖު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިޔާއާ އެވެ.
މި މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން ކަނޑައަޅާފައިވާ "އެމްއެސް އަރޫޕް" ހޮވާފައި ވަނީ ދިވެހި ސަރުކާރުންނެވެ. އެ ފާމުން ތައްޔާރު ކުރި ތަފުސީލީ ރިޕޯޓަށް ދެ ގައުމުގެ ސަރުކާރުގެ ފަންނީ އިދާރާތަކުން މިހާރު ވަނީ ހުއްދަ ދީފަ އެވެ.
ތިލަ-މާލެ ބްރިޖު ހެދުމުގެ މަޝްރޫއުގެ ބީލަމުގެ ކަންކަން ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެފައި ވެ އެވެ.
ގާތްގަނޑަކަށް ހަތް ކިލޯމީޓަރުގެ ބުރިޖުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ފައިދާއެއް ވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައި ވެއެވެ.